އިސްލާމިކް މިނިސްޓްރީން ކޮންމެ މަހަކު 45.000ރ ދައްކާ ގޮތަށް "ހިދާޔަތުގެ އަލި" މަޖައްލާ ނެރެން "ދި އިސްލާމް" އޮންލައިން ސައިޓް ހިންގަމުންދާ ޓީމާ އިއްޔެ ހަވާލުކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިޔާތުގައި އެ އެބަސްވުމުގައި ދި އިސްލާމް ފަރާތުން ސޮއިކުރެއްވީ "ދި އިސްލާމް" އޮންލައިންގެ އެގްޒެގެޓިވް އެޑިޓަރު އަލީ އަހްޝަންނެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކެރަޓަރީ މުހައްމަދު ދީދީ އެވެ. މި ރަސްމިޔާތުގައި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވާހަކަ ދައްކަވަމުން ވިދާޅުވީ "އިސްލާމިކް މިނިސްޓްރީ ނެރުމަށް ހަމަޖައްސާފައިވާ ދީނީ މަޖައްލާ ނެރެދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނަށް ފަހު "ދި އިސްލާމް" ޓީމާއި ހަވާލުކުރީ މިކަން ކުރެވޭނެ އެންމެ ރަނގަޅު ފަރާތްކަމުގެ އުންމީދު އޮތުމުން" ކަމުގައެވެ.
ހިދާޔަތުގެ އަލި މަޖައްލާގައި އިލްމީ އަދި އިޖްތިމާއީ ލިޔުންތަކުގެ އިތުރުން ޒަކާތުގެ މައުލޫމާތު ލިޔެފައިވާ ލިޔުންތައް ހިމަނާފައިވާނެ ކަމަށާއި އޭގެ އިތުރުން ސުވާލާއި ޖަވާބުގެ ސަފްހާއެއް ހިމެނޭނެ ކަމަށާއި އަދި ފަލަސްތީނާ ބެހޭ ހަބަރާއި އިސްލާމީ ދުނިޔޭގެ ހަބަރުތައް ހިމެނޭނެ ކަމަށާއި އަދި ކޮންމެ މަޖައްލާއެއްގައި މަދުވެގެން ދިހަ މަޒުމޫނު އޮންނާނެ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
ސާޅީސް ހަތަރު ސަފްހާގެ "ހިދާޔަތުގެ އަލި" މަޖައްލާގެ 1000 ކޮޕީ ކޮންމެ މަހަކު ނެރޭނެ ކަމަށާއި މަޖައްލާގެ ބޭރުގަނޑުގެ އިތުރުން އެތެރޭގެ އަށް ސަފްހާ ކުލަކޮން ޗާޕްކޮށް ލިޔުންތައް ލިޔެ ނިއްމުމަށް ފަހު އިސްލާމިކް މިނިސްޓްރީ ހަވާލު ކުރުމަކީ"ދި އިސްލާމް"ޓީމުން މަސްޢޫލިއަތެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. މަޖައްލާ ޕްރިންޓް ކުރުމުގެ ހަތަރު ދުވަސް ކުރިން އެ މަޖައްލާ ބައްލަވާނެ ކަމަށާއި މަޖައްލާގައި ލިޔުއްވާ ބޭފުޅުންގެ ޝަރުތަކާއި ލިޔުންތައް ހުންނަން ޖެހޭނެ މިންގަނޑުތައް މިނިސްޓަރީން ވަނީ ނިއްމާ ދިއިސްލާމަށް އަންގާފަކަމަށް ވެސް ވިދާޅުވިއެވެ.
އަންނަ މަހު ނެރެން ހަމަ ޖެހިފައި ވާ މިމަޖައްލާ އަކީ ހިލޭ އާންމުންނަށް ބެހުމަށް ހަމަޖައްސާފައިވާ މަޖައްލާއެކެވެ. އަދި ބަހާނީ ބާޒާރުމަތީ އެކި ހިސާބުތަކުގަ އާއި އާންމުން އެއްވާ ހިސާބުތަކުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން މަޖައްލާގައި އެއްވެސް ސިޔާސީ ކުލައެއް ނުޖެއްސުމަށާއި އަދި އެއްވެސް މީހެއްގެ ފޮޓޯއެއް ވެސް ނުޖެހުމަށް ދި އިސްލާމަށް ޝަރުތުކޮށްފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ހިދާޔަތުގެ އަލި މަމަޖައްލާ ނެރުމަށް ނޮވެލްޓީ ޕްރިންޓާރސް އަދި އެމް ސެވަން ޕްރިންޓާރސް އިން ވަނީ ކުރިމަތިލާފައެވެ. އެހެންނަމަވެސް އެންމެ އަގުހެޔޮކޮށް ބިޑް ހުށައަޅައިގެން ކާމިޔާބުކޮށްފައިވަނީ ދިއިސްލާމް އިންނެވެ.

















advertisment
ދެން ދިއިސްލާމް މަޖައްލާއަށް ވާނީީ ކިހިނެތްބާ؟… އަދި މިމަހުގެ ދިއިސްލާމް މަޖައްލާ ނުނެރޭ.. އެންމެ ފަހުގެ އަދަދުވެސް ނިކުތީ ވަރަށް އިންތިޒާރު ކުރިފަހުން.. ދިއިސްލާމް މަޖައްލާ ކުރިޔަށްގެންދިއުން ވަރަށް އެދެން..