ވާހަކަ ތުއްތުދަރިފުޅުގެ ޅަޢުމުރުގެ އުފާވެރި ދުވަސްތައް މަރާނުލާށެވެ. – ފުރަތަމަ ބައި -

ތުއްތުދަރިފުޅުގެ ޅަޢުމުރުގެ އުފާވެރި ދުވަސްތައް މަރާނުލާށެވެ. – ފުރަތަމަ ބައި -

ތުއްތުދަރިފުޅުގެ ޅަޢުމުރުގެ އުފާވެރި ދުވަސްތައް މަރާނުލާށެވެ. – ފުރަތަމަ ބައި -

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުއްވީ: ފަޟީލަތުއް ދުކްތޫރް އައްޝައިޚް ޢާއިޟް އަލް ޤަރްނީ
ތަރުޖަމާ : ޢައުފް ޢަބްދުއްސައްތާރު

ހިނިތުންވުމާއި މަޖާކުރުމާއި ކުޅެއުޅުމަކީ ތުއްތުކުއްޖާއަށް ލިބިގެންވާ ޙައްޤެކެވެ. ބުއްދިހުރި ކޮންމެ މީހަކު މުކަމަށް އެއްބަސްވާނެއެވެ. އިސްލާމީ ޝަރީޢަތްވެސް މިކަމަށް ބާރުއަޅައެވެ. ޙަދީޘެއްގައި އައިސްފައި ވެއެވެ. "مروا أولادكم بالصلاة لسبع" މމާނައީ :"ހަތްއަހަރުވުމުން ކުއްޖާ ނަމާދަށް އަހުލުވެރިކުރުވާށެވެ." ހަތްއަހަރުވުމުން ކުއްޖާއަށް އުނގަންނައިދެން ފައްޓާށެވެ. ކުރަންވީ ކަންތައްތަކާއި ނުކުރަންވީ ކަންތައްތައް ބަޔާންކޮށްދޭށެވެ. ސުފިޔާނުއްޘައުރީ(ރަޙިމަހުﷲ) ވިދާޅުވެފައިވެއެވެ. "ހަތްއަހަރުވަންދެން ތިބާ ދަރިފުޅާއެކުގައި ކުޅެއުޅޭށެވެ. އަދި ހަތް އަހަރުވަންދެން އޭނާ އަދަބުވެރިކުރުވާށެެވެ. އަދި ހަތްއަހަރުވަންދެން އޭނާއާއި އެކުގައި ހޭދަ ކުރާށެވެ. އެއަށްފަހުގައި އޭނާ ތަޖުރިބާކުރުމަށް ދޫކޮށްލާށެވެ. " އެހެންކަމުން އަޅުގަނޑުމެންގެ ދަރިން އެކުދިންގެ ޅަފަތުގެދުވަސްވަރު ކުޅެމަޖާކޮށްލުމުގެ ފުރުޞަތެއް ދޭންވާނެއެވެ. ކީރިތި ޤުރުއާނުގައި ޔަޢުޤޫބު ޢަލައިހިއްސަލާމްގެ ދަރިން އެކަލޭގެފާނަށް ދެންނެވި ވާހަކަ އައިސްފައި ވެއެވެެ."أَرْسِلْهُ مَعَنَا غَدًا يَرْتَعْ وَيَلْعَبْ" މާނައީ : މާދަމާ އެކަލޭގެފާނު(އެބަހީ ޔޫސުފު ޢަލައިހިއްސަލާމް) ތިމަން މެންނާއި އެކުގައި ކުޅެމަޖާކޮށްލާ ހެދުމަށް ފޮނުވައިދެއްވާށެވެ." އަދިވެސް އެބައިމީހުން ބުނިކަމަށް ޤުރުއާނުގައި އައިސްފައި ވެއެވެ."إِنَّا ذَهَبْنَا نَسْتَبِقُ"މާނައީ:"ތިމަންނާމެން ވާދަކުރުމަށް (އެބަހީ ވާދަޔަށް ދުވުމަށް) ދިޔައީމުއެވެ." ތިބާގެކިބައިން ތިބާގެ ދަރިފުޅު މަޖާކޮށްލާ ކުޅެލާ ހީލާ ފެންފޯދޫންޔެއްފަދައިން އުޅެލާނެ ފުރުޞަތެއް ދިނުމަށް އެދެމެވެ. އެދަރިފުޅަށް މަތުނުތަށް ހިތުދަސްކުރުމުންނާއި ބޮޑެތި ފޮތްތައް ދަސްކުރަން ޙަވާލުކުރުމުން ބުރަނުކުރާށެވެ. ބައެއް މައިންބަފައިން އެމީހުންގެ ދަރިން ތިން އަހަރު އަދި ހަތަރު އަހަރުގައި މަތުނުތައް ކުއްޖާލައްވާ ދަސްކުރުވަން ފަށައެވެ. ނަތީޖާއެއްގެ ގޮތުން ކުއްޖާގެ އުފާވެރިކަންގެއްލި މޮޅިވެރިކަމުގެ ދުވަސްތަކެއް އޭނާ ވަށާލައެވެ. ބައެއް ބައްޕައިން އޭނާގެ ދަރިފުޅު ހީލައިފިނަމަ އޭނައާއި ދިމާއަށް ހަޅޭއްލަވައިގަނެއެވެ. އަދި ބުނެއެވެ."ވިސްނައިގެން އުޅޭށެވެ" އެދަރިފުޅު ހިނިތުންވެލައިފިނަމަ ތިޔައީ ކޮންކަމެއްހޭ ބުނެ އެކަންތައް މަނާކުރެއެވެ. އޭނާ ކުޅެލައިފިނަމަ ﷲތަޢާލާގެ އާޔަތްތައް ހަނދާންނެތުނީހޭ ކިޔައި "أَفَحَسِبْتُمْ أَنَّمَا خَلَقْنَاكُمْ عَبَثًا"މާނައީ:"ތިމަން ﷲ ތިޔަބައިމީހުން ހެއްދެވީ ބޭކާރުގޮތުގައި ކުޅިވަރަކަށް ކަމަށް ތިޔަބައިމީހުން ހީކުރަނީހެއްޔެވެ؟" މިފަދަ އާޔަތްތައް އެތުއްތު ދަރިފުޅާދިމާއަށް ކިޔައެވެ.ބައްޕަ ގާތުގައި އެއްޗެއް ގަނެދިނުމަށް އެދެފިކަމުގައިވަނީނަމަ
وينشأ ناشئ الفتيان منا على ما كان عوده أبوه

މާނައީ : ތިމަންނާމެންގެ ތެރޭގައި އުޅޭކުޑަކުދިން ބޮޑުވަމުން އަންނަނީ އޭނާގެ ބައްޕަ އޭނާ އާދަކުރުވާ ގޮތެއްގެ މައްޗަށެވެ.
މިފަދަ ބައިތުތައް ބުނެ ދަރިފުޅު އެކަމުން މަނާކުރެެއެވެ.

އަދި އޭނާ އެކުވެރި ކުދިންނާއެކީ ކުޅެލަން ދާން އިޒުނައަށް އެދެފިކަމުގައި ވަނީނަމަ ބަލަ ދަރިފުޅު ޅެންވެރިޔާ ވިދާޅުވާ އަޑު ނާހަމުހޭބުނެ
إذا بلغ الفطام لنا وليد تخر له الجبابرساجدينا
މާނައީ:"ވިހާދަރިފުޅު ކިރުތުނބުން ވީއްލޭއިރަށް އޭނާގެ އެދުންތަކަށް އެހެންމީހުން ސަޖިދަކުރަންޖެހެއެވެ.
އޭނާ އެކަމުން މަނާކުރުވައެވެ.

ކުއްޖާއަށް ބައެއް ބައްޕައިން ވެފައި މިވަނީ ﷲ ތަޢާލާގެ ހަޟުރަތުން އަންނަ ކޯފާއެއްކަހަލަ ކަމަކަށެވެ. އެކުދިން މަޖާކުރަން ތިބެފައިވެސް ބައްޕަ ގެއަށް އަތުވެއްޖެކަމުގައި ވަނީނަމަ ބައްޕަ އަތުވެއްޖެއޭ ބައްޕަ އަތުވެއްޖެއޭ ބުނެ މައިތިރިވެއެވެ. ހީވަނީ މަރު އެކުއްޖާގެ ގާތަށް ޙާޟިރުވީހެންނެވެ. ﷲތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވާ ފަދައިންނެވެ.قُلْ إِنَّ الْمَوْتَ الَّذِي تَفِرُّونَ مِنْهُ فَإِنَّهُ مُلَاقِيكُمْ މާނައީ : "ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން ފިލަން ތިޔަދުވާ މަރު ތިޔަބައިމީހުންނާއި އައިސް ބައްދަލުކުރާނެއެވެ." ތިބާގެ ތުއްތު ދަރިފުޅުގެ ތުންފަތަށް ވެރިވާ ހިނިތުންވުން ކަތިލައިނުލާށެވެ.

- ނުނިމޭ –

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.