ރިޕޯޓް ޙައްޖުދަތުރުގެ ތަޖުރިބާ (3)

ޙައްޖުދަތުރުގެ ތަޖުރިބާ (3)

ޙައްޖުދަތުރުގެ ތަޖުރިބާ (3)

ކިޔާލަން ހޭދަވާނީ 5 މިނިޓް

ފޮންޓް ސައިޒް

ފުރަތަމަޢުމްރާ

ބޮޑެތި ޚަރަދުތަކެއްކޮށްގެން އަދި އެހާމެ އުނދަގޫ އުފުލައިގެން ޙައްޖަށް ދިޔުމަށްފަހު އެ އަޅުކަން އަދާކުރަންވީ އެންމެ ރަނގަޅުގޮތުގައި އަދާނުކުރެވުމަކީ ވަރަށްބޮޑު މައްސަލައެކެވެ. ވަރަށް ހިތާމަހުރިކަމެއްމެއެވެ. މިއީއަކީ ގިނަގިނައިން ކުރެވޭފަދަ އަޅުކަމެއްނޫނެވެ. އެހެންކަމަށްވުމާއެކު ޙައްޖާއާއި ޢުމުރާގެ އަޅުކަން އެންމެ ފުރިހަމައަށް އަދާކުރުމަށް ދަސްކޮށްގެން މައްކާއަށްގޮސް އެދަސްކުރިގޮތަށް އެއަޅުކަން އަދާކުރުމަކީ އެންމެ މުހިއްމުކަންތަކެވެ. އެންމެ ފުރިހަމައަށް އެކަންކުރުމުގެ މާނައަކީ ރަސޫލު(ޞ) އެކަންކުރެއްވެވިގޮތަށް އަދި އެކަލޭގެފާނު އެންގެވިގޮތަށް އެއަޅުކަން އަދާކުރުމެވެ. ޢުމްރާގެ އަޅުކަން އަދާކުރުމުގައި ބައެއް ޙައްޖާޖީން އެކަންކުރަންވާގޮތްނޫން ގޮތްގޮތަށް ކުރިކަން ފާހަގަކުރެވުނެވެ. އެގޮތުން ބައެއް ޢުމުރާވެރިން ޠަވާފުކޮށްގެން ސަޢުޔުނުކޮށް ބޯބޭލުން ނުވަތަ ބޯކޮށުން ފަދަކަންތައް ކުރައްވާފައި އެބަހުއްޓެވެ.

ފާހަގަކުރެވިގެން ދިޔަ އަނެއްކަމަކީ ސުންނަތާއި ޚިލާފު ބިދުޢަތައް އާދަޔާ ޚިލާފަށް ގިނަކަމެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުން ޙައްޖަށް އަންނަ އެތައްލައްކަބަޔަކުގެ ފަރާތުން މިބިދުޢަތައް ފެންނަމުން ދެއެވެ. އަދުގެ އިސްލާމުންގެ ނިކަމެތިކަމާއި ބަލިކަށިކަންފެނުމުން އެކަން އެހެންއެވަނީ ކީއްވެބާވައޭ ބުނެ ސުވާލުކުރާމީހަކަށް ޙައްޖުގެ މައިދާނުން ވަރަށް ފުރިހަމަޖަވާބެއްލިބިގެންދާނެކަމީ ޝައްކެއް އޮތްކަމެއްނޫނެވެ. ހަމަގައިމުވެސް އަޅުގަނޑަށް ވަރަށް އެކަށޭނަ ޖަވާބެއް އެމައިދާނުން ލިބިގެންދިޔައެވެ. އާނއެކެވެ. މުސްލިމުންގެ ބޮޑުބައި މިއަދުވަނީ ރަސޫލު z ދެއްކެވިމަގު އެއްފަރާތްކޮށް ބިދުޢަވެރިންގެ މަގުތައް ޚިޔާރުކޮށްފައެވެ. މިކަމުގައި ޢަރަބީންނެއް ޢަޖަމީންނެއް ތަފާތުވެ ފާހަގަވާތީއެއްނުފެނެއެވެ. އަޅުގަނޑު ހީކޮށްގެންހުރީ ދީނުގެ ކަންކަމުގައި ޢަރަބީންގެ ރޯފިލުން ދެންތިބިމީހުންނަށްވުރެ ބޮޑުވާނޭކަމަށެވެ. އެކަމަކު އެކަންވީ ކުށްހީއަކަށެވެ.

ޢުމްރާގެ ޠަވާފު: ޙައްޖުގެ ޠަވާފާއި އެހެނިހެން ސުންނަތް ޠަވާފުތަކާއި ޚިލާފަށް ޢުމްރާގެ ޠަވާފުގައި ޠަވާފުކުރަންފަށަމުން ކޮނޑުހާމަކުރަންޖެހެއެވެ. މިއީ ފިރިހެނުންގެ ކަނާތުކޮނޑު ފެންނާނެގޮތަށް އިޙުރާމްފޮށާ ގައިގައިލުމެވެ. މިކަމުގައިވެސް ކަންއޮންނަގޮތް ނޫން ގޮތަށްކުރާމީހުން ބައިވަރެވެ. ފުރަތަމަކަމަކަށް ކޮނޑު ހާމަކުރަންޖެހެނީ ޠަވާފު ފަށަމުންނެވެ. އަދި ޠަވާފުނިންމާފައި ކުރާ ދެރަކުޢަތް ކުރަންފެށުމުގެކުރިން ހާމަކުރިކޮނޑު އިޙުރާމުން ނިވައިކުރަންޖެހޭނެއެވެ. އެކަމަކު ބައެއްފަހަރަށް ޙައްޖާޖީން އެމީހުންގެ ޤައުމުންފުރާއިރުވެސް ތިބެނީ ކޮނޑުހާމަކޮށްގެންނެވެ. ބައެއްޙައްޖާޖީން ޢުމުރާގެ ހުރިހާކަމެއް ކޮށްނިމެންދެން އެގޮތުގައި ތިބެއެވެ. ކުޅަދާނަވެގެންވާމީހާ ނަމާދުކުރާއިރު ދެކޮނޑު ނިވާކުރުމަކީ ނަމާދުގެ ޢާއްމު އުޞޫލުތަކުގެތެރޭގައި ހިމެނިފައިވާކަމެކެވެ. އެކަމަކު އެމީހުން ޠަވާފުގެދެރަކުޢަތްކުރަނީވެސް ކޮނޑު ހާމަކޮށްގެންނެވެ. އަދި އެގޮތުގައި ތިބެ ސަޢުޔުވެސްކުރެތެވެ. ދެންއޮތީ ޠަވާފުގައި ކިޔަންޖެހޭ ދުޢާތަކާއި ޛިކުރުތަކެވެ.  ރަސޫލު z ސުންނަތަށްބަލައިފިނަމަ އިނގެނީ ޠަވާފުކުރުމާއިސަޢުޔުކުރުމަކީ ސުންނަތާއި އެއްގޮތަށް ކުރާނަމަ ސިކުނޑިއަށް އެހާ ބުރަބޮޑުވާނޭކަމެއްނޫންކަމެވެ. މާނައަކީ ދަސްކުރަންޖެހޭ މާގިނަކިޔެވުންތަކެއްއޮންނަކަންކަމެއްނޫނެވެ.

ޙަޤީޤަތުގައި ޙައްޖުގެ ހުރިހާ ކަމަކަށްބަލާއިރު އެއަޅުކަމަށް ޚާއްޞަކޮށްގެން ދަސްކުރަންޖެހޭ އޮންނަނީ ވަރަށްމަދު މިންވަރެކެވެ. މިސާލަކަށް ދަތުރަށް އަރާއިރު ކިޔާދުޢާ މިއީ އަޅުގަނޑުމެންނަށް އަބަދުވެސް އެނގެންޖެހޭނެ ދުޢާއެކެވެ. ހަމައެގޮތަށް ޙަރަމަށްވަންނައިރުއާއި ނިކުންނައިރު ކިޔާ ދުޢާތަކަކީ ޢާއްމުކޮށް މިސްކިތަށްވަދެއުޅޭއިރުއާއި ނިކުމެއުޅޭއިރު ކިޔާދުޢާތައްކަމުން މީވެސް އަޅުގަނޑުމެންނަށް އަބަދުވެސް އެނގެންޖެހޭނެ ތަކެއްޗެވެ. އެހެންނަމަވެސް ޙައްޖާއި ޢުމްރާ އާއި ގުޅުވައިގެން ލިޔެފައި ހުންނަފޮތްފޮތުގައި ޙައްޖުގެ އެކިކަންކަމަށް ޚާއްޞަވެފައިވާ ދިގުދުޢާތައް ލިޔެފައި ހުންނާތީ ފެނެއެވެ. މިގޮތުން ޠަވާފުގައި ކިޔާނޭ ދުޢާތައްވެސް ބައިވަރެވެ. ޠަވާފުގައި ގެފުޅުވަށާ ހަތްބުރުޖަހާއިރު އެއިން ކޮންމެ ބުރަކަށްވެސް  ވަކި ޚާއްޞަދުޢާއެއް ފޮތްފޮތުގައި ލިޔެވިފައި ހުރެއެވެ. މިއިން ކޮންމެ ދުޢާއަކީ އާދައިގެ ފޮތެއްގެ އެއްޞަފުޙާއަށްވުރެ ކުރުނޫން ދުޢާތަކެކެވެ. މިފަދަދުޢާތަކަކީ ރަސޫލު(ޞ) ގެ ސުންނަތުން ސާބިތުވާ ދުޢާތަކެއްނޫންކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. ކޮންމެއަކަސް އަޅުގަނޑަށް ފެނިގެންދިޔައީ ﷲ ލުއިކޮށްދެއްވާފައިވާ ކިތަންމެ ކަމެއް އަމިއްލަނަފުސަށްބުރަކޮށްގެން މީސްތަކުން އުޅެމުން ދިޔަމަންޒަރެވެ. ޠަވާފުފަށަމުން ކިޔަންޖެހޭ ކަލިމަތަކަށްވެސް ކަލިމަތައްއިތުރުކޮށްގެން ކޮންމެ ބުރަކުވެސް ކިޔާތީފެނެއެވެ. އަދި ޙަޖަރުލް އަސްވަދުގައި އަތްނުލެވޭ ހިސާބުން ދާނަމަ ހަމައެކަނި ކަނާތް ހިއްލާ އެއަށް އިޝާރާތްކުރުމުގެ ބަދަލުގައި ދެއަތްހިއްލާ އިޝާރާތްކޮށް އޭގަފަހުގައި ދެއަތުގައި ބޮސްދީ އެތައްފަހަރަކު މިކަން ތަކުރާރުކުރާތީ ފެނުނެވެ. ޔަމާނިއްޔަރުކުނުގައި އަތްނުލެވޭ ހިސާބުންދާނަމަ އެއަށް އިޝާރާތެއްކުރުން ނޯންނައިރުވެސް އެދިމާއަށް އިޝާރާތްނުކުރާމީހަކު ފެންނަމުން ދިޔައީ ވަރަށްމަދުންނެވެ. އަދި އޭގެއިތުރުން ކަޢުބާގެ ދެންހުރި ދެކަނާއަރާހަމަވެފަވެސް އިޝާރާތްކޮށް ހަދާމީހުން އެޅެތެވެ. ޙަޖަރުލް އަސްވަދު އިންނަ ކަން ފާހަގަކުރާން މަސްޖިދުލްޙަރާމްގެ ފާރުގައި ހަރުކޮށްފައި ހުންނަ ފެހިލައިޓަށް ވެސް އިޝާރާތްކޮށް ހަދާތަން އަޅުގަނޑުދުށީމެވެ. އަދިމީގެ އިތުރުން މަޠާފަށް ނުފައިބާ މިސްކިތުގެ ތެރެއިން ޠަވާފުކުރާއިރު މިސްކިތުގެ ތަނބުތަކުގަޔާއި މުޞްޙަފުތަކުގައި އަތްހޭކެމުށްފަހު މޫނުގައި ހާކަމުން ހިނގާމީހުންވެސް މަދެއްނޫނެވެ.

ދެންއޮތީ ދުޢާތަކާއި ޒިކުރުތަކެވެ. އެކިބުރުތަކަށް އެކިދުޢާ ހަދައިގެން ކިޔާއިރު ދުޢާނުނިމިގެން ބުރުނުނިންމާ މަޑުކޮށްގެން ތިބޭތީ ބައެއްފަހަރު ފެނެއެވެ. ބައިބޯ ވަގުތުތަކުގައި އެގޮތަށް މަޑުޖެހިތިބުމަކީ އެހެންމީހުންނަށް އޭގެ އުދަނގޫ ވަރަށްބޮޑަށްފޯރާކަމެކެވެ. އަދި ކުރިނުބަލާ އިސްޖަހައިގެންހުރެ ލިޔެފައިވާ އެއްޗަކަށްބަލައިގެން  ދުޢާކިޔަމުންދާއިރު ދެވޭނުދެވޭ ދިމާލެއްނޭނގި އެހެންމީހުންނާއި މުޑިއަރާ އެހެންމީހުންނަށް ބޮޑެތިއުނދަގުލާ ކުރިމަތިލާންޖެހޭތަން އާދެއެވެ.

ދެންކުރިމަތިވި މައްސަލައަކީ އަޑުހަރުކޮށް ދުޢާކުރުމުގެ މައްސަލައެވެ. ޚާއްޞަކޮށް ގުރޫޕުހަދައިގެން އެކެއްގެ އަޑުދަށުން ދެންތިބި އެންމެން ބާރުބާރަށް ދުޢާތަކާއި ޒިކުރުތައް ކިޔުންވީ ދެންތިބި ބަޔަކަށް ވަރަށްބޮޑު އުނދަގުލަކަށެވެ. އެކަމުގެ ސަބަބުން އެތައްބައެއްގެ ޠަވާފަށް ނޭދެވޭ އަސަރުކުރިއެވެ. މިކަން އެންމެ ގިނައިން ކުރާބައެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަކުރެވުނީ މެލޭޝިޔާ އިންޑޮނޭޝިޔާ ހިސާބުގެ މީހުންނާއި ތުރުކީ މީހުންނެވެ. އަދި މިނޫންވެސް ވަރަށްގިނަ އުނދަގޫ، ގިނަބައެއްގެ ޖާހިލުކަމުގަ ސަބަބުން ދެންތިބި ބަޔަކަށް އުފުލަން ޖެހުނެވެ. އެކަމުގެ ތަފުޞީލުތައް ތަންކޮޅެއްފަހުން އަޅުގަނޑު ހާމަކުރާނެމެވެ ( އިންޝާﷲ).

ޠަވާފަށްފަހު ކުރަންޖެހޭ ދެރަކުޢަތްކުރަން މިއޮންނަނީ މަޤާމު އިބުރާހީމްގެ ފަހަތުގައެވެ. ވަރަށްގިނަބަޔަކު މިދެރަކުޢަތް މަޤާމު އިބުރާހީމްގެ ފަހަތުން އެތަނާ ވީހާވެސް ގާތުގައި ކުރަން ބޭނުންވެއެވެ. އެހެންނަމަވެސް މީހުން ގިނަވަގުތެއްގައި ނަމަ މިއީ ކުރެވިދާނެކަމެއްނޫނެވެ. (ޙައްޖުތެރޭގައި މިނޫންވަގުތެއްއައުމަކީވެސް އެކަށީގެންވާކަމެއްނޫނެވެ.) އެކަމަކުވެސް ގަދަފައިވިއްދާފައި ވަށައިގެން ހަށިފާރަވެރިން ލައިގެންވެސް މިދެރަކުޢަތް ހަމައެތަނުގައި ކުރުމަށް އުޅޭ މީހުންމަދެއްނޫނެވެ. މިކަމުގެ ސަބަބުން ހުރިހާ އުނދަގުލެއް ތަޙައްމަލް ކުރަން ޖެހެނީ ޠަވާފުކުރާމީހުންނަށެވެ.

އެދެރަކުޢަތްކުރުމަށްފަހު ޒަމްޒަމްފެން ބޮއެގެން ދެން ދާން ޖެހެނީ ސަޢުޔުކުރުމަށެވެ. ސަޢުޔުކުރުމުގައިވެސް ޠަވާފެކޭ އެއްގޮތަށް ބޮޑު ކަމަކަށް އޮންނަނީ ހިނގުމެވެ. ހިތުންދަސްކޮށްގެން ނުވަތަ އެއްޗެއްބަލައިގެންވެސް ކިޔަން ޖެހޭ މާގިނަ ކިޔުންތަކެއްނޯވެއެވެ. ސޫރަތުލް ބަޤަރާއިން ކިޔަން ޚާއްޞަވެފައި އޮންނަ އާޔަތް އެނގި އަދިވެސް ކުރުކުރު ދެތިން ދުޢާއެއް އެނގެނިކޮށް ނިމުނީއެވެ. ދެން އިތުރަށް ދުޢާކުރާނަމަ ބޭނުން ބަހަކުން ބޭނުން ދުޢާއެއްކުރަންވީއެވެ. ޠަވާފުގައި ފާހަގަކުރެވުނުފަދަ ބައެއް ކަންތައްތައް ސަޢުޔުކުރުމުގައި (ޞަފާމަރުވާދެމެދު ހިނގުމުގައި) ވެސް ފާހަގަކުރެވުނެވެ. އެގޮތުން ގުރޫޕު ހަދައިގެން އެކެއްގެ އަޑުދަށުން އެންމެން ބާރުބާރަށް ދުޢާތައް ކިޔުން ހިމެނެއެވެ. މިކަން ވެގެން ދިޔައީ އަޅުގަނޑަށް ހަމަގައިމުވެސް ވަރަށްބޮޑު ބޮލުގަ ރިހުމަކަށެވެ. މީގެއިތުރުން ޠަވާފުގައި ހާމަކުރި ކޮނޑު ހަމައެގޮތަށްބަހައްޓައިގެން ސަޢުޔުކުރާއެތައްބަޔަކު އުޅެތެވެ. އެއްފަހަރަކުމީހަކު އެގޮތަށް ކޮނޑުހާމަކޮށްފައި ހުރިމީހެއްގާތު ކޮނޑުނިވާކުރުމަށް އިޝާރާތުން ބުންޏެވެ. ދެން އެމީހާ އެކަމަށްއިޖާބަނުދީ އޭނާގެ އެކުވެރިޔާގާތު ކޮނޑުނިވާކުރުމަށް އިރުޝާދުދިން މީހާއަށް އިޝާރާތްކޮށްފައި ކޮންމެވެސް ވާހަކަތަކެއް ހީނހީނފައި ދެއްކިތަން އަޅުގަނޑުދުށީމެވެ. މިބުނާ އެކުވެރިޔާވެސް ހުރީ ކޮނޑު ހާމަކޮށްގެންނެވެ. އެމީހުންގެ އެޢަމަލުތަކުން ޢުމްރާގެ ސަޢުޔުގައި ކޮނޑު ހާމަކޮށްފައިބެހެއްޓުމަކީ ކޮންމެހެން ކުރަން ޖެހޭނެކަމެއްކަމުގައި އެމީހުން ދެކޭކަމަށް ޤަބޫލުކުރެވެއެވެ.

ޞަފާފަރުބަދަމަތީ ދުޢާކުރުމަށްފަހު ޞަފާއިން މަރުވާއަށް ދިއުމަށްފަހު އެފަރުބަދަމަތީގައިވެސް ޤިބުލައަށް ކުރިމަތިލައިގެން ހުރެ ދުޢާކުރަން ޖެހެއެވެ. މިކަމުގައިވެސް އެކިމީހުންގެ ތަފާތު ޢަމަލުތަކުގެ ސަބަބުން އެކިއެކި އުނދަގޫ އުފުލަން ޖެހުނުވެ. އޭގެން އެއްބަޔަކީ އެތަނުގައި ނަމާދެއްކުރުމަކީ ކޮންމެހެން ކުރަންޖެހޭނެކަމެއްކަމަށްދެކި އެތާ ނަމާދުކުރާމީހުންނެވެ. އަނެއްބަޔަކީ އެތާގައި އިށީދެ ވާހަކަދައްކަން ތިބޭ މީހުންނެވެ. ޠަވާފުގައިވެސް އަދި ސަޢުޔުގައިވެސް ޖެހޭ ބުރުގެ ޢަދަދު ގުނާނެ ތަސްބީޙަފައްޗެއްފަދަ އެއްޗެއް ވަރަށްމުހިއްމެވެ. އެންމެ ހަތްބުރުކަމުގައިވިޔަސް ކޮންމެ ބުރަކަށްވެސް ގިނަވަގުތުތަކެއް ނަގާތީ އަޅުކަމުގެ ފަހުކޮޅު ބުރުގެ ޢަދަދު ހަނދާން ނެތުމަކީ ވަރަށް ފަސޭހައިން ދިމާވެދާނެ ކަމެކެވެ.

ސަޢުޔުކޮށް ނިމުމުން ދެން އޮންނާނީ ބޯކޮށުމެވެ. ނުވަތަ ބޯބޭލުމެވެ. ފިރިހެނުންނަށް އެންމެ ރަނގަޅުގޮތަކީ ބޯބޭލުން ކަމަށްވާއިރު ބޯކޮށުން އިޚުތިޔާރުކުރާމީހުންނާމެދު ޙައިރާން ވާންޖެހެއެވެ. އެހާބޮޑުޚަރަދުކޮށްގެން ބުރައުފުލައިގެން މައްކާއަށް އައުމަށްފަހު އެންމެ މޮޅުގޮތް ޚިޔާރުނުކުރުމަކީ މީހާގެ ހުރި މޮޔަކަމެވެ. އޭގެތެރެއިން އެއްބަޔެއްގެ ޢުޛުރަކީ ލަދެވެ. އަނެއްބައެއްގެ ވާހަކައަކީ އެމީހުން ބޮލުގެ އިސްތަށިކޮޅު ބަހައްޓަނީ ޢީދުދުވަހު ހިލައުކުމަށްފަހު ބޭލުމަށެވެ. އެކަމަކު ޔަޤީންވާ ކަމަކީ އެއްދުވަހު ބޭލުމަށްފަހު ދެން ޖެހިގެން އަންނަ ދުވަހު ވެސް ރޭޒަރުބޮލުގައި ހާކައިފިނަމަ ތިލައިގައި އިސްތަށީގެ އަސަރުހުންނާނޭކަމެވެ. ދަންނަވަން މިއުޅެނީ ޢުމުރާގައި ބޯބޭލުމަކީ ޙައްޖުތެރޭގައި ބޯބޭލުމަށް އެއްވެސް ގޮތަކުން ހުރަސްއެޅޭނޭ ކަމެއްނޫނެވެ. އެހެންވީމާ ބޯބޭލުން ޚިޔާރުކުރުމަކީ އެންމެ ބުއްދިވެރި ގޮތްކަމުގައި ދެކި އެގޮތަށް އަމަލުކުރުން މުހިއްމެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.