އެހެންބައެއްގެ ތެރޭގައި ކަންކަން އޮންނަގޮތް އެނގިގެންނޫނީ އަހަރެމެންނަށް ލިބިފައިވާ ނިޢުމަތްތަކުގެމަތިން ހަނދާންކޮށް ޝުކުރުކުރުމަށް އުނދަގޫވެދާނެއެވެ. އަހަރެމެންގެ މަތިވެރި އިސްލާމްދީނުގައި އިންސާނީ ކަރާމަތަށާއި، އިންސާނީ ހަމަހަމަކަމަށް ދީފައިވާ މަތިވެރި ދަރަޖަ ވިސްނި އިޙްސާސްކުރަން ފަސޭހަވާނީ އެހެން ފިކުރުތަކުގައި ކަންކަން އޮންނަގޮތް އެނގިގެންނެވެ. އަޅުގަނޑުމެންގެ މުޖުތަމަޢުގައި މީސްތަކުންނަށް ދެވިފައިވާ މިނިވަންކަމާއި، ހަމަހަމަކަމާ އަދި ލިބިފައިވާ އިންސާނީ ޙައްޤުތައް ދެނެގަނެވޭނީ އެހެން މުޖުތަމަޢުތަކުގައި ދިރިއުޅެމުންދާ މީސްތަކުންގެ ކަންކަން ބަލާ ވިސްނާ ފިކުރުކޮށްގެންނެވެ.
އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމެއްކަމަށްވާ އިންޑިޔާގެ މުޖުތަމަޢުގައި އަށަގެންފައިވާ އެންމެ ނުބައި އެއް ކަމަކީ ކާސްޓުސިސްޓަމެވެ. މިއީ ގާތްގަނޑަކަށް މީގެ ދެ ހާސް އަހަރު ކުރިންސުރެ ފެށިގެން އެ މުޖުތަމަޢުގައި ވަކިހިތްޕާލާފައިވާ ނުބައިކަންބޮޑު ނިޒާމެކެވެ. މިއަދު މުޅި އިންޑިޔާގެ ހުރިހާ މުޖުތަމަޢުއެއްގައި މި ނިޒާމު ފެންނަންއޮތަސް، ހަޤީޤަތުގައި މި ނިޒާމަކީ ހިންދޫ ދީނުގެ ބާތިލް އަޤީދާގެ ތެރެއިން ފެށިގެންއައި ނިޒާމެކެވެ.
ހިންދޫން އެބައިމީހުންގެ މި ބާތިލް ދީނުގައި އެ ދީނަށް ތަބާވާ މީހުން ބަހާފައިވަނީ ހަތަރު ބަޔަކަށެވެ. މި ނިޒާމަށް އިނގިރޭސި ބަހުން “ކާސްޓު ސިސްޓަމް” [caste system]މިހެން ކިޔާއުޅެއެވެ. އަދި ހިންދީ ބަހުން ކިޔަނީ “ވަރުނާ-އާޝްރަމް” [varna ashram] އެވެ. ހިންދޫން އެބައިމީހުންގެ މި ބާތިލް އަޤީދާގައި ބުނާގޮތުން މީސްތަކުން ގިންތި ކުރެވި މަތިވެރިވެގެން އަންނަނީ އެމީހަކު އުފަންވާ ވަރުނާއަކަށް ނިސްބަތްވާ ގޮތެއްގެމަތިންނެވެ.
ހިންދޫ މުޖުތަމަޢުގައި އެންމެ މަތީ ދަރަޖަ ލިބިގެންވާ ބަޔަކީ “ބުރަހްމިން” [Brahmin]އެވެ. މި ބައިމީހުންނަކީ ހަމައެކަނި ކަލާންގެއަށް އަޅުކަންކުރުމާއި ދުޢާކުރުމުގައި ހާއްޞަވެގެންވާ ބައެކެވެ. މުޖުތަމަޢުގައި އެންމެ ބާރުގަދަވެފައި ނުފޫޒުގަދަ ބަޔަކީވެސް މިބައިމީހުންނެވެ. ފާދިރީންނާއި ޢިލްމުވެރިންނާއި ޙާކިމުން ހިމެނެނީ މި ދެންނެވި ދަރަޖާގައެވެ. މުޖުތަމަޢުގައި ދެވަނަ ދަރަޖާގެ މީހުންނަކީ “ޝަތުރިޔާ”[Kshatriya] އިންނެވެ. މިބައިމީހުންގެ ތެރޭގައި ހިމެނެނީ ރަސްރަސްކަލުންނާއި، އަސްކަރީންނާ އަދި ރަސްކަމުގެ ކޮއިލުތެރޭގެ ބޭފުޅުންނެވެ. މުޖުތަމަޢުގައި ތިންވަނަ ދަރަޖަލިބިގެންވާ މީހުންނަކީ “ވައިޝިޔާ” [Vaishya]އެވެ. މިބައިމީހުންނަކީ ދަނޑުވެރިންނާއި، ވިޔަފާރިވެރިންނާ އަދި އަތްކަތްކޮށް އުޅޭމީހުންނެވެ. ކާސްޓު ސިސްޓަމުގައި ހަތަރުވަނަ ދަރަޖާގައި އަންނަނީ “ސޫދުރާ” [Shudra]އިންނެވެ. މިބައިމީހުންނަކީ ދަނޑުފަގުތަކުގައި މަސައްކަތްކުރާ މީހުންނާއި، މަސައްކަތްތެރިންނާ އަދި ޚާދިމުންނެވެ.
މިތާގައި ފާހަގަކޮށްލުން މުޙިންމު ކަމަކީ ވަކި ކާސްޓަކަށް ނުވަތަ ވަރުނާއަކަށް [Varna]މީހަކު ނިސްބަތްވެގެން އަންނަނީ ހަމަ އެކަނި އެ ވަރުނާއަކަށް އުފަންވުމުންނެވެ. މިސާލަކަށް ބުރަހްމީއަކަށް ލިބޭ ދަރިން ވެގެންދާނީ ބުރަހްމީއަކަށެވެ. ހަމަ މިގޮތަށް ސުދުރާއަކަށް ލިބޭ ދަރިން ވެގެންދާނީ ސުދުރާއަކަށެވެ. އެއްވެސް މީހަކަށް ދުވަހަކުވެސް އެއް ވަރުމާ އަކުން އަނެއް ވަރުމާ އަކަށް ބަދަލެއްނުވެވޭނެއެވެ.
ކާސްޓު ސިސްޓަމުގައި މުޖުތަމަޢުން މުޅިން އެކަހެރި ކުރެވިގެންވާ މީހުންތަކެއްވެއެވެ. އެބައިމީހުންނަކީ ކުރިން ދެންނެވި ހަތަރު ވަރުނާއިން ކުރެ އެއްވެސް ވަރުނާއެއްގައި ނުހިމެނޭ މީހުންނެވެ. އިގިރޭސިބަހުން ނަމަ “އައުޓް-ކާސްޓު” [out-cast]އެވެ. ހިންދީން މިބައިމީހުންނަށް ކިޔަނީ “ދަލިޓް” [Dalit]މިހެންނެވެ. މިއީ ފަސްވަނަ ކާސްޓުކަމުގައިވެސް ބައެއް ފޮތްތަކުގައި ލިޔެފައިހުރެއެވެ. ނުވަތަ މިއީ ހަތަރުވަނަ ކާސްޓު ކަމުގައިވާ ސުދުރާއިންގެ ތެރެއިންވާ އެންމެ ދަށު ދަރަޖާގައި ހިމެނޭ މީހުންކަމަށްވެސް ބުނެވެއެވެ. އިނގިރޭސި ބަހުން ދަންނަވާނަމަ “އަންޓަޗަބަލްސް” [untouchables]އެވެ.
މިބައިމީހުންނަކީ މުޖުތަމަޢުގައި ހުންނަ އެންމެ މުޑުދާރު މަސައްކަތްތަށް ކުރަންޖެހޭމީހުންނެވެ. މިގޮތުން މަގުމައްޗާއި، ތަންތަން ސާފުކޮށް، ޖަނަވާރުތަކުގެ ނަޖިސް ނަގާ ސާފުކުރުމާއި، ފާހާނާތަށް ސާފުކުރުމާއި، ނަޖިސްވަޅުތަށް ސާފުކުރުމާ އަދި މީގެ އިތުރުން އިސްނާނުންގެ ނަޖިސް ނަގާ ސާފުކުރުމަކީވެސް މިބައިމީހުން ކުރަންޖެހިފައިވާ މަސައްކަތެވެ.
ހިންދޫންގެ އަނެއް ހަތަރު ވަރުނާގެ ނުވަތަ ކާސްޓުގެ މީހުން ދެކޭގޮތުގައި މިބައިމީހުންނަކީ ނަޖިސް ބައެކެވެ. އަދި މިއިން މީހަކުގެ ގައިގައި ބީހިއްޖެނަމަ އެމީހަކު ނަޖިސްވާނެއެވެ. އެންމެ ކުޑަމިނުން މިއިން މީހެއްގެ ހިޔަނި އެމީހެއްގެ ގަޔަަށް އެޅުނަސް އެމީހަކު ނަޖިސްވާނެއެވެ. ވީމާ މަގެއްގެ މަތިން ބުރަހްމީއަކު ހިނގާފައި އަންނަތަން މިއިން މީހަކަށް ފެނިއްޖެނަމަ އެމީހަކު އަވަހަށް މަގުމަތީގައި އޮށޯންނަށް ޖެހެއެވެ. އެއީ އޭނާގެ ހިޔަނި ބުރަހްމީ މީހާގެ ގަޔަށް އެޅި އޭނާ ނަޖިސްވެދާނެކަމުގެ ބިރަށްޓަކައެވެ. އެހެންކަމުން މިބައިމީހުން ދިރިއުޅުމަށް ދީފައިވަނީ އަވަށާއި ދުރު ހިސާބަކުން ވަކި ހާއްޞަ ސަރަހައްދެކެވެ. އެބައިމިހުންނަށް މުޖުތަމަޢުގައި އެހެން މީހުންގެ ތެރެއަށް ނިކުމެ އެކުވެ އުޅުން މުޅިންމަނާވާނެއެވެ. ހާއްޞަކޮށް ކުރިން ދެންނެވި ހަތަރު ކާސްޓުންކުރެ ކާސްޓަކަށް ނިސްބަތްވާ މީހުންގެ ގެއަށް ވަނުމަކީ މުޅިން މަނާ އަދި ކޮށްގެން ނުވާނެކަމެކެވެ. އަޅުކަންކުރާ ފައްޅިތަކަށް މިބައިމީހުން ވަނުމަކީ ކަނޑައެޅިގެން މަނާކަމެކެވެ. އާންމުން ފެންނަގާ ވަޅުވަޅުން ފެން ނަގައިބޭނުންކުރުމަކީވެސް ނުވަތަ އެއިން ވަޅަކާ ގާތްވުމަކީވެސް މުޅިންމަނާކަމެވެ. މިއިންމީހަކު އެފަދަ ވަޅަކުން ފެންނަގާފިނަމަ އެވަޅެއްގެ ފެން ނަޖިސްވީއެވެ. މިއިންކަމެއް އެބައިމީހުންކުރެ މީހަކު ކޮށްފިނަމަ ބޮޑެތިވެގެންވާ އަދަބު އެމީހަކަށްދެވޭނެއެވެ. ބައެއްފަހަރުގައި އެމީހަކު މަރާވެސްލެވިފައިއެބަހުއްޓެވެ. އަމުދުން ހިންދޫ ދީނުގެ ފަތްފުށްތައް ކިޔެވުން މިބައިމީހުންނަށް މަނާކޮށްފައި ވުމުގެ އިތުރުން އަޑުއެހުމަކީވެސް ހުއްދަކަމެއްނޫނެވެ. އަޑުއަހާފިނަމަ އެމީހެއްގެ ކަންފަތަށް ރީއަޅާ ބީރުކޮށްލާކަމުގައިވެއެވެ. ނަމަވެސް އަދަދުގެ ގޮތުން މުޖުތަމަޢުގައި އެންމެ ގިނައީ ސޫދުރާއިންގެއިތުރުން މިބައިމީހުންނެވެ.
މިދެންނެވި ވަރުމާތަކަށް ނުވަތަ ކާސްޓުތަކަށް ބަލާލާއިރު ބުރަހްމީންނަކީ މުޖުތަމަޢުގެ އެންމެ މަތިވެރިވެގެންވާ މީހުންނެވެ. ދީނީ އެކިއެކި ކިޔެވެލިތަކާއި އަޅުކަންތަށް އަދި ކައިވެނިކޮށްދިނުމާއި ގުރުބާންކުރުމާއި މިފަދަ އެތައްކަމެއް ކުރެވޭނީ ހަމައެކަނި ބުރަހްމީންނަށެވެ. ހިންދޫ ދީނުގެ މުގައްދަސް ފަތްފުއްތަށްވެސް ހަމަ އެކަނި ކިޔެވޭނީ މިބައިމީހުންނަށެވެ. ބުރަހްމީން ނޫން އެހެން ބަޔަކު ޢިލްމުއުގެނިގަތުމަކީ މުޅިން މަނާކަމެކެވެ. އަދި މިބައިމީހުންނަކީ އެއްވެސް ޖަނަވާރެއްގެ މަސްކައިއުޅޭ ބައެއްނޫނެވެ. މިކަމުގައި ފޮރުވިފައިވާ ހަޤީޤަތަކީ ދީނީގޮތުން އެބައިމީހުން ޤަބޫލުކުރާ ބާތިލު އަޤިދާއެކެވެ. މިތާގައި އެވާހަކަ ގެނައުން މުނާސަބަކަމަކަށްނުވާނެތީ ދޫކޮށްލީމެވެ.
ކޮންމެއަކަސް އަޅުގަނޑު މި ބަޔާންކޮށްދިން ކާސްޓު ސިސްޓަމަކީ ނުވަތަ ވަރުނާ-އާޝްރާ އަކީ ހިންދޫ ބާތިލް ދީނުގެ ވަރަށް ވަރުގަދަ އަސާސެކެވެ. އިންޑިޔާގެ އާބާދީގެ އެންމެ ބޮޑުބަޔަކީ ހިންދޫންކަމަށް ވުމުން މިބައިމީހުންގެ މި ނުބައި ނިޒާމުވަނީ ހިންދޫ ނޫން މުޖުތަމަޢުތަކުގައިވެސް ވަރަށް ވަރުގަދައަށް އަށަގަނެފައެވެ. މުޖުތަމަޢުގައި އިންސާނުން މިފަދަ ނުބައިވެގެންވާ ލާއިންނާސީ ގޮތަކަށް، ހަމަ އެކަނި އެމީހެއްގެ ނަސްލަށާއި އުފަންވި އާއިލާއަށް ނިސްބަތްކޮށް ދަރަޖަކޮށް އެތަށް އެތަށް އިންސާނީ ޙައްޤުތަކަކުން މަޙްރޫމުކޮށްފައިވުމަކީ ދުނިޔެދެކެމުންދާ ޙަޤީޤަތެކެވެ. މިހާ ކުރިއަރާ ތަހުޒީބުވެފައިވާ މި ޒަމާނުގައިވެސް މި ކަން އޮތީ ހަމަ މިހެންނެވެ. އިންޑިޔާގެ ޤާނޫނު އަސާސީގައި ވަރަށް ވަރުގަދަޔަށް ކާސްޓު ސިސްޓަމް މަނާކޮށްފައި އޮތެއްކަމަކު މިއަދުވެސް އިންޑިޔާގެ މުޖުތަމަޢުތަކުގައި އަންނަނީ މި ނުބައިވެގެންވާ ނިޒާމު ޕުރެކްޓިސްކުރެވެމުންނެވެ. މިއީ ހިންދޫންގެ ބާތިލް އަޤީދާއާއި ގުޅިފައިވާކަމެއްކަމުން މިކަމަކީ ޤާނޫނު އަސާސީގައި މަނާކޮށްފައިވާކަމަކަށްވިޔަސް މިކަން އެއްކޮށް މުޖުތަމަޢުތަކުން ފުހެލުމަކީ ވަރަށް އުނދަގޫކަމެކެވެ.
ދުނިޔޭގެ އެހެން ކަންކޮޅުތަކަށް ނަޒަރު ހިންގާލާއިރު މިފަދަ ތަފާތުކުރުންތަށް މީސްތަކުންގެ މެދުގައި ގެންގުޅެފައިވެއެވެ. މިސާލަކަށް ހުޅަގުގެ ޤައުމުތަކުގައި، ވަކިން ޙާއްޞަކޮށް އިނގިރޭސި ވިލާތުގައި މީސްތަކުން ވަނީ ދެ ދަރަޖައަކަށް ބައިކުރެވިފައެވެ. އެއީ ކެޕިޓަލިސްޓުންނާއި އަދި ލޭބަރުންނެވެ. މިގޮތަށް މަސައްކަތުގެ ގޮތުން މީސްތަކުން ބައިކުރެވިފައިވާ ބައިކުރުމަށް ކިޔަނީ ކުލާސް ސިސްޓަމެވެ. ޙަޤީޤަތުގައި އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ޒަމާނުންސުރެ މިވަނީ އެމީހަކު އުފަންވާ ރަށަކަށް ނުވަތަ އާއިލާއަކަށް ބަލާފައި މީސްތަކުން ދެ ދަރަޖައަކަށް ބައިކުރެވިފައެވެ. އެއީ މާލޭ މީހުންނާއި ރާއްޖެތެރޭ މީހުންނެވެ.

















ރަގަޅު ލިއުމެއް. އިންފޮމޭޝަން މުއްސަދި ކުރުވާނެ ލިއުމެއް!
އެކަމަކުވެސް ކީއްކުރާނީ ދޯ. ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީއަކީ އިންޑިޔާއޯ. މިނިވަންކަމާއި ހަމަހަމަކަމާއި އިންސާނީ ޙައްޤުތަކުގެ ޑިމޮކްރަސީޔޯ. އަހަރެމެންގެ ތެރެއިން ގިނަމީހުން ނަމޫނާއަކަށް ބަލާ އިންޑިއާ
ދިވެހި ރާއްޖެ އިސްތިޢުމާރުކުރަން ނުއުޅެ އަމިއްލަ ޤައުމު އިސްލާހުކުރިއްޔާ ކީއްތަ ވާނީ؟؟؟؟