ތަޢުލީމީ ދާއިރާގައި ހުރި ބޮޑެތި މައްސަލަތަކާއި ބެހޭގޮތުން މިނިސްޓަރ އޮފް އިސްލާމިކް އެފެއަޒް ޑރ. އަބުދުލް މަޖީދު އަބުދުލް ބާރީ ސޮއި ކުރައްވާ ރައިސްލްޖުމުހޫރިއްޔާ މުޙައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއް މީޑިޔަގައި ޢާއްމުވެއްޖެއެވެ.
މިމަހު 6 ވަނަ ދުވަހު ފޮނުއްވާފައިވާ ސިޓީ ރައިސްލުޖުމުހޫރިއްޔާއަށް ފޮނުވަންޖެހުނު ސަބަބެއްކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވެފައިވަނީ "ދިވެހިރާއްޖޭގެ ވަރަށް ގިނަ ފަރާތްތަކަކުން، ތަޢުލީމީ ދާއިރާގެ ތެރެއިން އިސްލާމްދީނާއި ގުޅުން ހުރި ބައެއް ކަންތައްތަކާމެދު ކަންބޮޑުވުންތަކެއް އެކިސިފަ ސިފައިގައި އިސްލާމިކް މިނިސްޓަރާއި ހަމަޔަށް ހަމައަށް ފޯރުކުރަމުން ގެންދާތީވެ، އަދި މަނިކުފާނަކީ މިވަގުތު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވުމުންނާއި، އަޅުގަނޑުގެ ހިތުގައި މަނިކުފާނަށާއި ސަރުކާރަށް އޮތް ހެޔޮ ޝުޢޫރެއްގެ ސަބަބުންނާ ވެސް އެކުގައެވެ. އަދި، މިނިސްޓްރީ އޮފް އިސްލާމީކް އެފެއާޒްގެ މެންޑޭޓްގެ ތެރޭގައި ތައުލީމީ ކަންކަމުގައި ސަރުކާރަށް ލަފާދިނުން ވެސް ހިމެނޭތީވެ ދެތިން ކަމަކާމެދު އެއްޗެއް ދަންނަވާލުމުގެ ގޮތުން ކަމަށް." އެސިޓީގައި ފާހަގަކުރައްވާފައިވެއެވެ.
ތަޢުލީމީ ސިޔާސަތުގައި ހުރި ނޭދެވޭ ކަންތައްތައް ފާހަނގަކުރައްވަމުން، މަތީ ޘާނަވީގައި އިސްލާމް، ދިވެހި މިދެމާއްދާ އޮޕްޝަނަލް ކުރުމުގެ މައްސަލައިގައި، ޑރ. މަޖީދު ވިދާޅުވެފައިވަނީ ޤާނޫނު އަސާސީގެ ދެވަނަ ބާބު ކަމުގައިވާ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގެ 36 ވަނަ މާއްދާގެ (ނ) ގައި ބަޔާން ވެގެންވަނީ އަންނަނިވި ގޮތަށެވެ. " ތައުލީމީ ނިޒާމުގެ ތެރެއިން އިސްލާމްދީނަށް ބޯލަނބައި ކިޔަމަންގަތުމަށް ބާރު އެޅުމަށާއި، އިސްލާމްދީނަށް ލޯބި ޖެއްސުމަށާއި، އިންސާނީ ހައްގުތަކަށް އިޚްތިރާމް ކުރުމަށާއި، އާއްމުކޮށް އެންމެންގެ މެދުގައި ސުލްހަމަސަލަސްކަމާއި ރަހުމަތްތެރިކަން ބާއްވައިގެން އުޅުމުގެ މުހިންމުކަން އުނގަނައިދީ، މިކަންކަން ކުރިއެރުވުމަށް ބާރުއަޅާންވާނެ" ކަމަށް ކަމުގައިވާއިރު ބަޔާންވެ އެދިޔައީ ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމު އެއަސާންތަކެއްގެ މަތީގައި ގާއިމް ކުރެވެންޖެހޭ މަތިވެރި ދަސްތޫރީ އަސާސްތައް ކަމަށެވެ. ތައުލީމީ ނިޒާމުގެ ތެރެއިން މިހަމަތަކަށް ތަނަވަސް ގޮތެއްގައި ޖާގަ ދެވެންވާނެ ކަމަށް ޑރ. މަޖީދު ވިދާޅުވެފައިވެއެވެ.
އަލްމަދްރަސަތުލްޢަރަބިއްޔަތުލް އިސްލާމިއްޔާގެ މައްސަލަ ރައިސްލުޖުމުހޫރިއްޔާގެ ސަމާލުކަމަށް ގެންނަވަމުން ޑރ. މަޖީދު ވިދާޅުވެފައިވަނީ "އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ އަކީ ދިވެހިރާއްޖޭގައި ޢަރަބި، އިނގިރޭސި، ދިވެހި، މިތިންބަހުން ކިޔަވައިދޭ ހަމައެކަނި މަދްރަސާކަމަށާއި، އެތަނުން ނިކުންނަ ދަރިވަރުންނަކީ މި ތިން ބަހަށް އެހާމެ މޮޅު ދަރިވަރުންނެވެ. އެއީ ހަމަ އެކަނި އަރަބި ކިޔަވައިދޭ ތަނެއްނޫނެވެ. އެއީ ޢަރަބިބަހުން ބޮޑު ބައެއް ކިޔަވާ ދިނަސް، އިނގިރޭސި ބަސް ވެސް ކިޔަވާދޭ މަދްރަސާއެކެވެ. އެތަނުން ނިކުތް ދަރިވަރުންނަކީ ޤައުމަށް ނުހަނު ފައިދާކޮށްދީފައިވާ ބައެކެވެ. އޭގެ ތެރެއިން ޑޮކްޓަރުންނާއި ލޯޔަރުންނާއި ، ޢިލްމުވެރިން ފެނިފައިވެއެވެ. މަސްތުވާ ތަކެއްޗާއި ޖަރީމާއެއްގައި އެތަނުގެ އެއްވެސް ދަރިވަރަކު ބައިވެރިވެފައިވާ ކަން މިހާތަނަށް އެނގިފައިނުވެއެވެ. އަދި ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ ޢަމަލު ހިންގާ ގްރޫޕްތަކުން މިމަދްރަސާއިންތަޢުލީމު ފުރިހަމަ ކޮށްފައިވާ ކުއްޖަކު ވާކަން މިއަދާ ހަމައަށް އެނގިފައިނެތެވެ. އެތަނަށް" މަދްރަސާ" މިނަން ކިޔާތީ ބޭރުގެ ބައެއް މީހުން ބިރުގަނެއެވެ. އެއީ ބައެއް ޤައުމުތަކުގައި ހުންނަ ފަދަ ޓެރަރިސްޓުން އުފައްދާ މަރުކަޒުތަކަށް ވެސް އެހެން ކިޔާތީކަމަށް ވެދާނެއެވެ. މިމައްސަލައިގައި މަޖީދު އިތުރަށް ވިދާޅުވެފައިވަނީ އަލްމަދަރަސަތުލް ޢަރަބިއްޔަތުއްލް އިސްލާމިއްޔާއަކީ، ޓެރަރިސްޓް ހާއްޔެއް ނޫންކަމަށެވެ."
މިސީޓިގެ އެންމެ ފަހުކަމަކަށް، ޑރ. މަޖީދު ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގެ ގިނަ ސްކޫލްތަކުގައި ދެޖިންސު އެއްކޮށް ކިޔަވާ ދިނަސް ، އެ ނިޒާމަކީ ހުޅަނގުގެ ފަހުގެ ދިރާސާތަކުން އެނގިފައިވާ ގޮތުގައި ކާމިޔާބު ނިޒާމެއްނޫންކަމަށާށާއި، ހުޅަނގުގައި ވެސް ވަކިން ތަޢުލީމު ދިނުމުގެ ނިޒާމު ތަޢާރަފްކުރުމަށް ބައެއް މުއައްސަސާތަކުންދަނީ ބާރުއަޅަމުންނެވެ. މިކަމުގެ ކުރެވިފައިވާ ބައެއް ދިރާސާތައް އަޅުގަނޑުވެސް ދުށީމެވެ. ހުޅަނގުގެ ބައެއް ފިލޯސަފަރުންނާއި ތަޖުރިބާކާރު ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުން ވަކި ވަކިން ކިޔަވާ ދިނުމަކީ އެންމެ ކާބިޔާބު ގޮތެވެ. މިހެންކަމުން ދިވެހިރާއްޖޭ އެންމެހާ ސްކޫލްތައް އެނިޒާމަށް އަނބުރާލުމުގައި ވަރަށް ބޮޑަށް ވިސްނާވަޑައިގަތުން މުހިންމު ކަމުގައި ދެކޭކަމަށެވެ. އަދި އަޚްލާޤީ ގޮތުން ދިވެހި ޒުވާނުންގެ ކަންތައްތައް ހުރި ހިސާބު ވަރަށް ރަނގަޅަށް ދިރާސާކުރެވެން ވާނެއެވެ. މިހެން މިދަންނަވަނީ މިހާރުވެސް ގިނަ ސްކޫލްތަކުގައި އެއްކޮށް އޮތުމުގެ ސަބަބުން ނުކުމެފައިވާ ނޭދެވެ ނަތީޖާއަށް ބަލާފައިކަމަށާއި، އަޚްލާޤީ ގޮތުން މިކަމުގައި ދެޖިސްގެ ދަރިވަރިންނަށް ވަރަށް ބޮޑެތި މައްސަލަތައް ކުރިމަތިވެފައިވާ ކަމަށް ތަޖުރިބާކަރުން ދެކެޭކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަބުދުލް މަޖީދު އަބުދުލް ބާރީ ރައިސްލުޖުމުހޫރިއްޔާއަށް ފޮނުއްވެވިސިޓީގައި އަލިއަޅުވާލާފައިވެއެވެ.
މިސިޓީ ޢާއްމުވުމާއި ބެހޭގޮތުން، ދިސއިސްލާމަށް މަޢުލޫމާތު ދެއްވަމުން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ފަރާތުން، އައްޝައިޚް ޢަލީ ޒާހިރު އަބުދުލް މަންނާން ވިދާޅުވީ، މިިސިޓީ މީޑިޔާގައި ޢާއްމުވި މައްސަލައިގައި ހިތާމަކުރައްވާ ކަމަށާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން، ކަންތައްތަކުގައި މީގެ ކުރިންވެސް ވާނީ ރައިސްލުޖުމުހޫރިއްޔާއަށް ދަންނަވާފައިކަމަށް ވިދާޅުވިއެވެ. އަދި މިކަމާ ހައިރާންވެ ވަޑައިގަންނަވާކަމަށެވެ.
މިކަމާއި ބެހޭގޮތުން ރައިސްލުޖުމުހޫރިއްޔާ އޮފީހުގެ ބަހެއް ހޯދުމަށް ޕުރެސްސެކެޓްރީ މުޙައްމަދު ޒުހެއިރު ބައްދަލުވުމެއްގައި، އެވަގުތު ހުންނެވުމްއެކު އެވަގުތުވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.
ދިއިސްލާމަށް ވަރަށް މުޢުތަބަރުކޮށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިސިޓީ މީޑިޔާގައި ލީކުކޮށްލާފައިވަނީ ރައިސް އޮފީހުންނެެވެ. އަދި ރައިސްލުޖުމުޙުރިއްޔާވަނީ އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި މިވާހަކަ ވިދާޅުވެފައިވާކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...