ހޮޓަލަށް އައުމަށްފަހު
އެއަރޕޯޓުން ނިމިގެން ބަހުގައި ހޮޓަލާއި ހަމައަށް އައުމަކީވެސް ގިނަފަހަރަށް ވަރަށް ބޮޑު ތަކްލީފެކެވެ. އެއަރޕޯޓްގަވެސް ނުވަތަ ބަހުގަވެސް ވަރަށް ގިނަވަގުތު ހޭދަކުރަންޖެހިދާނެއެވެ. އަޅުގަނޑުމެންނަށްވެސް މަތިންދާބޯޓުން ފޭބުމަށްފަހު ހޮޓަލާއި ހަމައަށް އާދެވުނީ 10ގަޑިއިރުވީފަހުންނެވެ. އެހެންކަމަށްވުމާއެކު ހޮޓަލާއި ހަމައަށް އާދެވޭއިރު ތިބޭނީ ވަރަށްބޮޑަށް ލޮޑުވެ ވަރުބަލިވެފައެވެ. ނިންޖަށް ބަލިވެފަތިބުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެހެންކަމަށްވާނަމަ އަވަސްއަރުވާލާފައި ޢުމްރާވާން ޙަރަމާއި ދިމާލަށް މިޞްރާބުޖެހުމަކީ ބުއްދިވެރިކަމަކަށްނުވާނެއެވެ. އެއީ ޢުމްރާގެ އަޅުކަމަކީވެސް ލުއި އަޅުކަމެއްނޫނެވެ. އެތަނަށްދާއިރު ހަމަޖެހި، ގައިގައި ވަރުޖައްސާ، ތާޒާވެލައިގެން ދިއުން މުހިއްމެވެ. ވީއިރު ނިދަންބޭނުންނަމަ ނިދާލާ، ފެންވަރާ އަދި ކައި ތާޒާވެލައިގެން ދިއުންބުއްދިވެރިއެވެ. ޢުމްރާގެ ކަންތައްތައް އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށްޓަކައެވެ.
ހޮޓަލުގައި ތިބޭއިރު
ހޮޓަލުގައި ތިބޭއިރު ޢާއްމު ސަލާމަތްތެރިކަމާއި އަދި ކުއްލި ޙާލަތެއްގައި ޢަމަލުކުރަންޖެހޭނޭ ގޮތާއި ބެހޭގޮތުން މަޢުލޫމާތު ޙައްޖާޖީންނަށް ލިބިނުދެވޭކަން ފާހަގަކުރެވެއެވެ. ތަނެއްގައި ކަމެއް ދިމާވަނީ ބުނެފައެއްނޫނެވެ. އެހެންކަމަށް ވުމާއެކު ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ޗާންސެއްނެތޭ ނުވަތަ އެފުރުޞަތު ވަރަށް ކުޑައޭ ބުނެ އެކަންކަމަށް ޙައްޖާޖީން ހޭލުންތެރި ނުކުރުވުމަކީ ފަހަރެއްގައި އޭގެ ގެއްލުން މުޅި އުމުރަށް ތަހައްމަލްކުރަންޖެހޭފަދަކަމަކަށްވެދާނެއެވެ. މީގެކުރިންވެސް ނުރައްކާތެރި ހާދިސާތައް މިފަދަހޮޓާތަކުގައި ހިނގާފައިވުމަކީ ދެބަސްވެވެންނެތް ޙަޤީޤަތެއްމެއެވެ. މީގެއިތުރުން ހޮޓަލުގައި ހުންނަ ބައެއްއާލަތްތައް ބޭނުންކުރަންވާގޮތްނޭނގުމާއި އެކަމާގުޅޭ އެއްވެސް މަޢުލޫމާތެއްނުލިބުންވެސް އެއީމައްސަލައެކެވެ. މީގެތެރޭގައި ފާޚާނާގެ ފެންވަރާމާގަޑުން ފެންގެންނާނެގޮތްނޭނގި އިސްކުރުބުޑުގައި އިށީދެއިނދެގެން ފެންވެރުން ހިމެނެއެވެ. ފާޚާނާގައި ހޫނުފެން ލިބެންހުންނައިރު އެއާބެހޭ ފުރިހަމަ މަޢުލޫމާތު ނެތުމުގެ ސަބަބުން ގަޔަށް ހޫނުފެން އެޅިގެން އަނިޔާވުމަކީވެސް ދިމާވާ ކަންކަމެވެ. އަދި ލިފުޓު ބޭނުންކުރަންނޭނގުމަކީވެސް މައްސަލައެކެވެ. އެއްބައިފަހަރަށް ލިފުޓްގެ ދޮރުލެއްޕުނީމާ އައިސް ޓަކިޖަހާ ތަޅާ ހުޅުވާށޭ ގޮވާ ހަދައެވެ. އަދި ލިފުޓުގެ ދޮރު ލެއްޕުނަ ނުދީ ކޮޓަރީގައި އުޅޭ އަނެކަކު އަންނަންދެން ތިން ހަތަރު މިނިޓްވަންދެންވެސް ހިފަހައްޓާ ހަދާތީފެނެއެވެ. އެކަމުގެސަބަބުން އެހެންމީހުންނަށް ދަތިވާނެކަން ޚިޔާލަށް ނާންނާތީ ކުރެވޭކަމަކަށް ވެސް ވެދާނެއެވެ. ބައެއްފަހަރަށް ލިފުޓަށްވަދެ ތިމާދާންބޭނުންވާ ހިސާބަކަށް ދިއުމަށް ބަޓަނަށް އޮބާލުމަށްފަހު އެހިސާބަކަށް ނުދެވެނީސް ލިފުޓްހުއްޓި އެއަށް އިތުރު މީހަކު ވަދެއްޖެނަމަ އެމީހަކާއި ދިމާލަށް ރުޅިވެރި ބަހުރުވައިން މުޚާޠަބު ކުރާތަންވެސް ފެނެއެވެ. އަދި ބައެއް ޙާލަތްތަކުގައި ދާންބޭނުންވާ ހިސާބަކަށް ނުދެވި ލިފުޓުތެރޭގައި މައްޗަށާއި ތިރިއަށް ގޮސްގޮސް އެތަކެއް އިރެއް ހޭދަކޮށްފައިވެސް އެބަހުއްޓެވެ. ކޮންމެއަކަސް އެތަކެއްޗާއި ބެހޭގޮތުން އެކަށީގެންވާ މަޢުލޫމާތު ޙާޖީންނަށް ދެވިފައިވާނަމަ މިފަދަހާދިސާތައް ހިނގުން ވަރަށް ބޮޑަށް މަދުކުރެވޭނޭ ކަމަށް ފެނެއެވެ. ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ކިތަންމެ ބޮޑަށް މަޢުލޫމާތު ދެވުނުކަމުގައިވިޔަސް އުމުރުން ވަރަށްދުވަސްވީ ޙާޖީން ގިނަނަމަ މިފަދަ ހާދިސާތައް ހިނގުމުގެފުރުޞަތު ކޮންމެވެސް ވަރަކަށް އަބަދުވެސް އޮންނާނެކަމެވެ. އެހެންނަމަވެސް މިފަދަކަންތައްތައް މަދުކުރުމަށް ކުރެވިދާނެ ކަންތައްތައް އެބަހުއްޓެވެ. އަދި އެކަންތައްތައް ކުރުމަށް ގުރޫޕުތަކުން ސަމާލުކަން ދޭންޖެހޭނެއެވެ.
ފުރަތަމަފަހަރަށް ހަރަމަށްދިއުން
ޝައްކެއްނެތްގޮތުގައި ފުރަތަމަފަހަރަށް ޙަރަމަށް ދިޔުމުގެވަގުތަކީ މުސްލިމެއްގެ ހަޔާތުގައި ވަރަށް މުހިއްމު ހިނދުކޮޅެކެވެ. އެހެންކަމަށްވުމާއެކު ކުރިންވެސް ދެންނެވުނުފަދައިން އެވަގުތު މީހާ ހުންނަންވާނީ ވަރަށް ހަމަޖެހި އަދި ތާޒާކޮށެވެ. ފުރަތަމަފަހަރު ދާއިރު އާރުކާޓީ އެއްގެ ފަހަތުގައި ދިއުން ވަރަށް މުހިއްމެވެ. އަދި ދެވޭ އިރުޝާދުތައް ރަނގަޅަށް ކަނުލައި އަޑުއެހުން ވެސް ބޭނުމެވެ. މަގުމަތީގައި ހިނގާބިނގާވާއިރު ދުއްވާ އެއްޗެއްސަށް ބެލުން ވަރަށް މުހިއްމެވެ. ބައެއްޙައްޖާޖީންގެ ފަރާތުން ފާހަގަކުރެވުނު އެއްކަމަކީ އެމީހުން މަގުހުރަސްކުރާއިރު ބަލަނީ ކުރީގައި ހުންނަމީހަކު ހަދާގޮތެވެ. އެމީހަކު ހުރަސްކޮށްފިނަމަނުވަތަ ހުރަސްކުރާތަން ފެނިއްޖެނަމަ މަގުހުރަސްކުރާން އަވަސްވެ ގަނެއެވެ. އެއްގޮތަކަށްވެސް ދުއްވާ އެއްޗެއްސަށް ސަމާލުކަމެއްނުދެއެވެ. "އޭނާއަށް ހުރަސްކުރެވެންޏާ މަށަށްވެސް ވާނެ" އޭ ކިޔާ ހުރަސްކުރަން އުޅެނީ ކަންނޭނގެއެވެ. ހަނދާންނުހުންނަކަމަކީ ކުރިން ހުރަސްކުރަންފެށިމީހާހުރަސްކުރަންފެށިއިރުމަގުމަތި އޮތް ޙާލަތާއި ތިމާ ހުރަސްކުރަންއުޅޭއިރު މަގުމަތި އޮންނަޙާލަތާއި އުޑާއި ބިމާހާ ތަފާތުވެދާނެކަމެވެ.
މަގުމަތީގައި ހިނގާބިނގާވެ އުޅުމުގަޔާއި ޙަރަމްތެރޭގައި އުޅުމުގައި އެހީތެރިކަން ހޯދިދާނެ ވަރަށް މުހިއްމު ބޭނުންތެރި އެއްޗެއްގެ ގޮތުގައި މަގުއަންގައިދޭޗާޓް ވާނެކަން ޔަޤީނެވެ. ޚާއްޞަކޮށް އެތަކެތީގައި ދިވެހިބަހުން ލޭބަލްކުރެވިފައިވާނަމަ އެތަކެތި ބޭނުންކޮށްގެން މަގުހޯދަން ވަރަށް ފަސޭހަވާނެހެން ހީވެއެވެ. ޙައްޖާޖީންގެތެރޭގައި ޒުވާންބޭފުޅުންވެސް މިހާރު ގިނައަދަދަކަށް ހިމެނޭއިރު މިފަދަޗާޓްތަކަކީ އެފަދަބޭފުޅުންނަށް ވަރަށްބޭނުންތެރި މުހިއްމުއެއްޗަކަށް (ޚާއްޞަކޮށް ދަތުރުގެ ކުރީކޮޅު) ވާނެކަމީ ޝައްކެއްއޮތްކަމެއްނޫނެވެ. އެހެންކަމުން ޙައްޖާޖީންނަށް އެހީތެރިވާ ގުރޫޕުތަކުން މިފަދަޗާޓްތަކުގެ އެހީ ހޯއްދެވުމަކީ ވަރަށް މުހިއްމުކަމެއްކަމުގައި ފެނެއެވެ. ހަމައެއާއެކު ޖީޕީއެސް ބޭނުންކުރެވޭ ފޯނު ގެންގުޅުއްވާ ބޭފުޅުންނަށްޙައްޖުގެ ހުރިހާ ކަމެއްގައިވެސް އޭގެ އެހީ ބޭނުންކުރައްވައިގެން މަގުހޯއްދެވުމަކީ ވަރަށް ފަސޭހަކަމަކަށް ކަމަކަށް ވާނެކަން ޔަޤީނެވެ.
ކޮންމެއަކަސް ޙައްޖާޖީންގެދަތުރުގައި މީޤާތުން އިޙުރާމްބަނީއްސުރެ މައްކާގެ ޙަރަމަށްގޮސް އެމީހުންގެ ލޮލަށް ކައުބަތުﷲ ގެފުޅު ފެންނަންދެން ކުރަންޖެހޭ އެއްކަމަކީ ތަލްބިޔާ ކިޔުމެވެ. އެހެންނަމަވެސް މިއީ އަޅުގަނޑަށް އެހާފުރިހަމަގޮތެއްގައި ފެނުނު މަންޒަރެއްނޫނެވެ. ބޯޓްގައިވެސް އަދި ޖިއްދާ އެއަރޕޯޓްގައިވެސް އަދި މައްކާއަށް ކުރި ބަސްދަތުރުގައިވެސް ތަލްބިޔާ އަޑުހަރުކޮށް ކިޔާ އަޑު އިވެންވާ އެންމެރަނގަޅުގޮތަކަށް ނީވެއެވެ. އެއްފަހަރަކު ގުރޫޕުގެ ބޭފުޅަކު އަޅުގަނޑުމެންގެ ގާތަށް ދުރުވެ ތަލްބިޔާ އަޑުހަރުކޮށް ކިޔުމަށް ނަސޭހަތްތެރިވިއެވެ. އެހެންނަމަވެސް ޙައިރާންވާންޖެހުނު ކަމަކީ އިޙުރާމްބަންނަވައިގެން ހުންނެވި މިބޭފުޅާވެސް އެހެންބުނުއްވުމުގެ ކުރިންވެސް އަދި ފަހުންވެސް ތަލްބިޔާ އަޑުހަރުކޮށް ކިޔުއްވާ އަޑު އަޅުގަނޑުމެންނަށް ނީވުނުކަމެވެ. ކޮންމެއަކަސް އަޑުހަރުކޮށް ތަލްބިޔާކިޔުމުގެ ސުންނަތް ރަނގަޅަށްއަދާކުރެވެމުން ދިޔަތަނެއްނުފެނެއެވެ.
ތަލްބިޔާގެ އަޑު އެންމެ ގަދަވީ ޙަރަމާއި ދިމާއަށް ހިނގާފައި ދިޔަވަގުތުއެވެ. ޢުމްރާގެ އަޅުކަން އަދާކުރަންވާގޮތް ފުރިހަމައަށް އޮޅުންފިލާފައިވާނަމަ ޙަރަމަށް ދިއުމަށްފަހު އެއަޅުކަން އަދާކުރުމަކީ އެހާއުނދަގޫކަމެއްނޫނެވެ. ޙައްޖުދުވަހުގެ ދެތިންހަފުތާ ކުރިން ކުރާނަމަ މިއީ އެހާބުރަކަމަކަށްނުވާނެއެވެ. ސަބަބަކީ އެތަނުގައި ތަންކޮޅެއްމީހުން މަދުވާނެތީއެވެ.
ނުނިމޭ
ކޮމެންޓް (0)
ލޯޑް ކުރަމުން...