އެމެރިކާދުނިޔެ

ބެޓްމޭން ފިލްމްގެ ޕްރިމިއަރގައި ދިން ބަޑީގެ ހަމަލާތަކެއްގައި 12 މީހުން މަރުވެ 50 މީހުން ޒަޚަމްވެއްޖެ

އެމެރިކާގައި އޮތް ބެޓްމޭން ފިލްމްގެ އެންމެ ފަހުގެ ފިލްމް ދަ ޑާރކް ނައިޓް ރައިޒަސް ގެ ޕްރިމިއަރގައި މާސްކް އަޅައިގެން ހުރި 24 އަހަރުގެ މީހަކު ދިން ބަޑީގެ ހަމަލާތަކެއްގައި 12 މީހުން މަރުވެ، 50 އަށްވުރެ ގިނަ މީހުން ޒަޙަމްވެފައިވާކަމަށް ފުލުހުން މަޢްލޫމާތު ދީފިއެވެ.

މާސްކް އަޅައިގެން ހުރިމީހާ ސިނަމާއަށް ވަދެ ދިން ހަމަލާގައި ކުޑަ ކުއްޖެއްގެ ގަޔަށްވެސް ވަޒަން އަރާފައިވާކަމަށާއި އަދި މިހަމަލާތަކުގެ އަމާޒަކަށް ގިނަ ޢަދަދެއްގެ ކުޑަ ކުދިން އަރާފައިވާކަމަށް މަންޒަރު ދުށް މީހުން ހާމަކުރެއެވެ.

ހަމަލާދިންތާ މާގިނަ އިރުތަކެއް ނުވަނީސް ހައްޔަރުކޮށްފައިވާ މިމީހާ ހުރީ ބުލެޓް ޕްރޫފް ހެދުމެއް ލައިގެންކަމަށާއި އަދި މޫނުގައި ގޭސް މާސްކެއް އަޅައިގެންކަމަށް ފުލުހުން ޚަބަރުދީފައިވެއެވެ. އަދި އޭނާ ސިނަމާއަށް ވަދެ ހަމަލާދިނުމުގެ ކުރިން ކަރުނަ ގޭސް ބޭނުންކޮށްފައިވާކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މިހާދިސާ ހިނގާފައިވަނީ އެމެރިކާގެ ކޮލަރާޑޯގެ، ޑެންވާރގެ އޮރޯރާ ސަރަހައްދުގެ މޯލްއެއްގައި ހުންނަ ސެންޗަރީ އޮރޯރާ 16 މޫވީ ތީއޭޓާގައެވެ.

"އެމީހާ ކަރުނަ  ގޭސް ޖެހީމަ އެއީ ބޮމެއް ކަމަށް ހީކޮށް އެންމެން ދުއްވައިގަތީ ބޭރަށް ނިކުންނަންވެގެން. ދެން އެހިސާބުން އޭނާ ބެލުމެއް ނެތި މީހުންތަކާ ދިމާލަށް ބަޑި ޖަހަންފެށީ. ފުލުހުން ބުނާގޮތުގައި މަރުވި މީހުންގެ ތެރޭގައި ކުޑަކުދިންނާއި، ޓީނޭޖް އުމުރުގެ ކުދިންވެސް ހިމެނޭ،" މަންޒަރުދުށް މީހަކު ޓެލެގްރާފް ނޫހަށް ކިޔައިދިނެވެ.

މިހާދިސާއާއި ގުޅިގެން އެމެރިކާގެ ރައީސް ބަރަކް އޮބާމާވަނީ މަރުވި މީހުންގެ އާއިލާތަކަށް ތައުޒީޔާ ވިދާޅުވެ ބަޔާނެއް ނެރުއްވާފައެވެ.

ގުޅުންހުރި

1 ޚިޔާލު

  1. މި ޓެރަރިސްޓު ހަމަލާ ހަރުކަށި އިބާރާތުން ކުއްވެރި ކުރަން.. ދެރަ ކަމަކީ އެމެރިކާނުންނަށް ތާއީދު ކުރާ ނޫސްތަކުގެ ފަލަ ސުރުޙީއަށް މި ވާހަކަ ނާރާތީ.. މީ މުސްލިމަކު ކުރި ކަމެއް ނަމަ މުޅި އިސްލާމް ދީނަށް މިބައި މީހުން ފުރައްސާރަ ކުރީސް.

Your email address will not be published. Required fields are marked *