ޣައްޒާ އަށް ދަތުރުކުރި އެހީދޭ ބޯޓު އިސްރާއީލުން ހިފެހެއްޓި މައްސަލަ ތަޙުޤީޤުކުރުމަށް އެކުލަވާލި އދގެ ފެކްޓް ފައިންޑިންގް މިޝަންގެ މަސައްކަތަށް އިސްރާއީލުން އެއްބާރުލުން ނުދޭތީ، ރާއްޖޭން އެކަމާ ކަންބޮޑުވާކަމަށް އދގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހާމަކޮށްފިއެވެ.
ރާއްޖެއިން އދގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިރުތިޝާމް އާދަމް ހާމަކޮށްފައިވާގޮތުގައި "ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަންނަ މަންޒަރު ފެނުމުން، އދގެ ޗާޓަރ އާ މެދު ދިވެހިންގެ ހިތް މަރުވާކަމަށާއި ޣައްޒާ އަށް ދަތުރުކުރި އެހީދޭ ބޯޓު އިސްރާއީލުން ހިފެހެއްޓި މައްސަލަ ތަޙުޤީޤުކުރުމަށް އެކުލަވާލި، އދގެ ފެކްޓް ފައިންޑިންގް މިޝަނުން، އދގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލަށް ހުށަހެޅި ރިޕޯޓަށް ރާއްޖެއިން ތާއީދުކުރައްވާ" ކަމަށެވެ. އަދި އިރުތިޝާމް ހާމަކުރެއްވިގޮތުގައި "މެދު އިރުމަތީގެ ސުލްޙައަށް އެއްވެސް އުއްމީދެއް އޮންނާނީ، މި މައްސަލައިގައި ޒިންމާ ވާ މީހުން ޤާނޫނުގެ ކުރިމައްޗަށް ގެނެވިގެންކަމަށާއި އދގެ ފެކްޓް ފައިންޑިންގް މިޝަނުން ހުށަހެޅި ރިޕޯޓުގައިވަނީ، އިސްރާއީލުގެ އަސްކަރިއްޔާއިން މި ބޯޓު ހިފެހެއްޓި ހިފެހެއްޓުމުގައި، ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ޤާނޫނުތަކަށް އަރައިގެންފައިވާކަމަށް ބެލެވުނު ނަމަވެސް އަދި ކިތަންމެ ރިޕޯރޓެއް ލިޔެވުނު ނަމަވެސް އެމެރިކާގެ ނުފޫޒުގައި މިކަންކަން ވަނީ ހިމާޔަތްކުރެވިފައި." ކަމަށެވެ.
މިއީ ރާއްޖޭގެ ފަރާތުން އިޒްރޭލާ ދެކޮޅަށް އަދި ފަލަސްތީނާއި އެއްކޮޅަށް މިފަދަ ފާޅުކަންބޮޑު ގޮތެއްގައި ވާހަކަ ދެއްވި ފުރަތަމަ ފަހަރެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...