ދީންސުވާލާއި ޖަވާބު

ބައެއްމީހުން ނަމާދަށް ހުންނައިރު ލޯމަރައިގެން ހުރެއެވެ. އެއީ ކީއްވެގެންތޯއެވެ؟

ސުވާލު:
ބައެއްމީހުން ނަމާދަށް ހުންނައިރު ލޯމަރައިގެން ހުރެއެވެ. އެއީ ކީއްވެގެންތޯއެވެ؟ އަދި އެކަމުގެ ސަބަބުން ނަމާދުގެ ޚުޝޫއަތް ތެރިކަމަށް އެއްވެސް އަސަރެއް ކުރާނެތޯއެވެ.

ޖަވާބު:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد:

ގިނަ ފިޤުހު ޢިލްމުވެރިން (ޙަނަފީ، މާލިކީ، ޙަންބަލީ އަދި ބައެއް ޝާފިޢީ ޢިލްމުވެރިން) ވިދާޅުވަނީ ނަމާދުގައި ލޯމެރުމަކީ މަކްރޫހަ ކަމެއް ކަމުގައެވެ. އެބޭކަލުން ވިދާޅުވަނީ އެއީ ނަމާދުގައި ނިދުމަށް މެދުވެރިވާ ސަބަބެއް ނުވަތަ އެއީ ނިދުމުގެ ވައްތަރެއް ކަމުގައެވެ. ނަމާދުގައި ސުންނަތް ވެގެންވަނީ ސަޖިދަ ޖަހާތަނާ ދިމާއަށް ބަލަހައްޓައިގެން ހުރުމެވެ. އެހެންކަމުން ލޯމެރުމުގައި މިސުންނަތް ދޫވުން ހިމެނެއެވެ. ނަމަވެސް ބައެއް ފިޤުހު ޢިލްމުވެރިން ޢަސްލުގައި އެއްވެސް ގޮތަކަށް ލޯމެރުމަކީ މަކުރޫހަ ކަމެއް ކަމުގައި ވިދާޅެއް ނުވެއެވެ.

ނަމާދުގައި ލޯމަރައިގެން ހުރުމުން ނަމާދުގެ ޚުޝޫޢަތްތެރިކަމަށް ފުރިހަމަކަމެއް ގެނެސްދޭ ކަމުގައިވާނަމަ، ލޯމަރާލައިގެން ހުރުން، މަކްރޫހަކަމަށް ދެކިލައްވާ ޢިލްމުވެރިން އިސްތިސްނާ ކުރައްވައެވެ. މިސާލަކަށް އެއްޗަކަށް ބެލުމުގެ ސަބަބުން އެއެއްޗެއް ނަމާދު ކުރާމީހާގެ ހިޔާލާއި ފިކުރާއި ކުޅޭތީވެ، އެކަމުން ސަލާމަތްވުމަށް ލޯމަރާލައިގެން ހުރުމަކީ މަކުރޫހަ ކަމެއް ނޫންކަމަށް އެ ޢިލްމުވެރިން ވިދާޅުވެއެވެ. އަދި ބައެއް ޢިލްމުވެރިން ވިދާޅުވަނީ އެފަދަ ހާލަތުގައި ލޯމެރުން އެއީ އައުލާވެގެންވާ ގޮތްކަމަށެވެ.

ނަމާދުގައި ލޯމެރުން ވާޖިބުވެގެންވާ ޙާލަތަކީ ލޯމެރުމާއި ނުލައި ހުރުމުގެ ސަބަބުން ޙަރާމްވާކަހަލަ ކަމަކާއި ދިމާވުމެވެ. (މިސާލަކަށް އައުރަނިވާނުކޮށް ހުރި އަންހެނަކު ފެނި، ލޯމެރުމުން މެނުވީ އެކަމުން ރައްކާތެރިކަމެއް ނެތުމެވެ.)

ނަމާދުގައި ލޯމެރުމީ ރަސޫލާ ﷲ ޢަލަހިވަސައްލަމްގެ ނަމާދުގެ ހަދުޔުގެ ތެރެއިންވާ ކަމެއް ނޫނެވެ. އެކަލޭގެފާނުގެ ސުންނަތަށް ތަބާވުމުގެ ގޮތުން ލޯނުމަރައި ހުރުމަކީ އެންމެ ފުރިހަމަގޮތެވެ. އެގޮތުން ޚުޝޫޢަތްތެރިކަން ނުގެއްލޭފަދަ ކަމެއް ދިމާނުވާހާ ހިނދަކު ލޯނުމަރައި ހުރުން އައުލާވެގެންވެއެވެ. والله أعلم.

 

 

 

ގުޅުންހުރި

1 ޚިޔާލު

  1. ފުރަތަމަ އައްތަހިއްޔާތުގައި އިގިލި ތެޅުވުމަކީ ކޮނޮކަހަލަ ކަމެއް؟

Your email address will not be published. Required fields are marked *

More in ދީން