ކޮޅުކޮޅަށް ދެ ޖިންސުގެ ޒުވާނުން ހިނގާ ބިނގާވެ އުޅުނު ރެސްޓޯރެންޓެއްގެ ބޭރުގައި އަތުރާފައިވާ މޭޒެއްގައި އަހަރެން ރަހްމަތްތެރިންނާއި އެކު އިށީނީމެވެ.
އެއީ ދެ ބުރިއަށް ހަދާފައި ހުރިތަކެއް ކަމުން އަހަރެމެން ތިބި ދިމާއިން މޫދާއި ވަށައިގެންވާ މާހައުލު ވަރަށް ރީތިކޮށް ފެނެއެވެ.
މިއީ އަހަރެން އެހާ އަންނަހިތްވާ ރެސްޓޯރެންޓެއް ނޫނެވެ. ސަބަބަކީ މިތަނުގައި އަންހެން ކުދިންނާއި ފިރިހެން ކުދިން މާ ގައިގޯޅިކޮށް އުޅޭތީއެވެ. ހީވަނީ މިއީ އެފަދަ މީހުންނަށް ޚާއްސަކޮށްފައިވާ ތަނެއްހެންނެވެ.
ރޭގަނޑު ނުވައެއް ޖެހީ އަހަރެމެން އެތާތިއްބައެވެ. ކުއްލިއަކަށް ބަޔަކު ހަޅޭއްލައިގަތް އަޑާއިއެކު މިޔުޒިކްގެ ބާރު އަޑު މުޅި ހިސާބަށް ގުގުމާލިއެވެ. އަހަރެން ފުރަތަމަ ދިޔައީ ސިއްސައިގެންނެވެ. ވެގެން އުޅޭގޮތް ނޭންގޭތީއެވެ.
އަހަރެމެންނަށް ތިބެވުނީ ބޭރުގައިކަމުން އެތެރޭގައިވާ އެއްވެސް ކަމެއް ސާފެއް ނުވެއެވެ. ނަމަވެސް އެކި ކުލަކުލައިގެ ބޮކިތައް ނިވި ދިއްލޭ އިރު އެތަނުގައި އަންހެން ކުދިންނާއި ފިރިހެން ކުދިން މަސްހުނި ވެގެން ނަށާތަން ފެންނަމުންދިޔައެވެ. އަހަރެންގެ ހިތައް ބިރުވެރިކަން ވެރިވިއެވެ.މިއީ ކޮންފަދަ ކަމެއް ހެއްޔޭ ހިތައް އެރިއެވެ.
އެވަގުތު އަހަންނަށް ބޭއިޚްތިޔާރުގައި ސުބުޙާނައްﷲ އޭ ބުނެލެވުނެވެ. އަހަރެމެން ކުޑައިރު ލިބިފައިވަ ތަރުބިއްޔަތާއި މިހާރު މާލޭގައި މިއުޅޭ މީހުންނަށް ލިބިފައިވާ ތަރުބިއްޔަތާއި އަޅާކިޔާލެވުނެވެ.ހަމައެއާއި އެކު ކުޑައިރު ކުރެވިފައިވާ އެކިކަންތައްތައް ފޮޓޯތަކެއް ފަދައިން ސިނކުޑިއަށް އަންނަންފެށިއެވެ.
ދަރިފުޅާއެވެ. ޝަހާދަތް ކިޔައިގެން ނިދާށެވެ. އެހެން ނޫނީ ބިރުވެރި ހުވަފެން ފެންނާނެއެވެ.މަންމަ ކޮންމެ ރެއަކު ބުނެލާ މި ބަސް އަބަދުވެސް ހިތުގައި އޮވެއެވެ. މަންމަ ބުނާގޮތުންނަމަ ޝަހާދަތްކިޔާ، އިޚްލާސް ފަލަގި ނާސި ތިން ސޫރަތް ކިޔަވުމަށްފަހު ވާހަކަދައްކާކަށް ނުވާނެއެވެ. އެހެންވަންޏާ ޘަވާބެއް ނުލިބޭނެއެވެ. އެހެންކަމުން ކޮންމެ ރެއަކުވެސް ނިދަނީ ހުރިހާ ހެޔޮ އެއްޗެއް ކިޔަވައިގެން އަންގައިން ބަހެއްވެސް ނުބުނެއެވެ. މަންމަ ޝަހާދަތް ކިޔައިދޭ އިރު ވީހާވެސް ގިނައިން ކިޔޭތޯ ބަލަމެވެ. އެހެންކަމުން ފުރާވަރަށް އަރައިގެން އައި އިރު ނިދާއިރުވެސް މަންމަ ކިޔާދިން ވަރަށް ވުރެ ގިނައިން ޝަހާދަތް ކިޔޭތޯ ބަލަމެވެ. ވަކި އަދަދެއް ކަނޑައެޅީމެވެ. ދުއިސައްތަ ފަހަރު ޝަހާދަތް ކިޔުމަށްފަހު އިޚްލާސް ފަލަގި ނާސި ތިން ސޫރަތް ކިޔެވުމަށްފަހު ކުރުސި ކިޔަވައިގެން ނިދަނީއެވެ. ނަމާދުގައި ކިޔާ ހުރިހާ އެއްޗެއްވެސް އޭރު ދަސްކޮށްދިނުމުގެ މަސައްކަތް މަންމަކޮށްދިނެވެ. ޢަންމާ ފޮތް ދަސްކޮށް ނިންމާ، ޤުރުއާން ޚަތިމްކުރުމުގެ މަސައްކަތް ފެށީމެވެ.
ނަމާދަށް ދަނީވެސް މިސްކިތަށެވެ. އެހެންނަމަވެސް އެއްދުވަހަކު ނަމާދުކޮށް ނިމުނުތަނާ މީހަކު ބުނި އެއްޗަކުން އަހަރެން ހިތްހަމަ ނުޖެހުނީއެވެ. އެހިސާބުން މިސްކިތަށް ދިޔުން ހުއްޓާލީމެވެ. މިހާރުވިސްނާލާއިރު އެމީހާ ބުނީތެދެކެވެ. އަހަރެންނަށް ނަމާދު ކުރެވުނީ އެދުވަހު ނުބައިކޮށްނެވެ. ނަމަވެސް ބޯހަރުކަމާއި ގޮތް ދޫނުކުރުގެ ''މާތް'' ސިފަ އަހަރެންގެ ކިބައިގަ ހުރުމުގެ ސަބަބުން މަންމައަށްވެސް އޮޅުވާލައިގެން އަހަރެން ނަމާދަށްވެސް ދިޔުން ހުއްޓާލީމެވެ. އޭގެ ފަހުން ގޭގައި ނަމާދުކުރާތޯ ބަލާނެ މީހެއް ނުހުރެއެވެ. މަންމަ މާބޮޑަށް ބަލިވުމާއި ގުޅިގެން މާލެ ދާން ޖެހުނީމައެވެ.
ނަމާދު ނުކޮށް ހުރި ދުވަސްވަރު، ޤުރުއާން ކްލާހަށް ދިޔުންވެސް ހުއްޓާލީމެވެ. އެއީ އެމީހުން އަހަންނަށް އެހާ އަޅާނުލަނީކަމަށްބުނެ، ބަހަނާއެއް ދައްކައިގެންނެވެ. މަންމަ ރަށުގައި ނޫޅޭ ދުވަސްވަރުގޭގައި ހުންނަނީ ދައްތައާއި އަހަރެން އެކަންޏެވެ. އެހެންކަމުން ދައްތަ ކިތަންމެ ވަރަކަށް ބުންޏަސް އަހަރެން ދައްތަ ބުނާގޮތަކަށް ނަހަދަމެވެ.
އެހެންނަމަވެސް ދައްތަ ފިލާ ލިޔެ ދިނުމުން ކޮންމެ ދުވަހަކުވެސް އަހަރެން އެ ދުވަހެއްގެ ބައި ''ނުބަލާ''ކިޔުމަށްފަހު، ހިތުދަސްވެފައިވާކަން ދައްތައަށް ކަށަވަރުކޮށްދެމެވެ.
މަންމަ މާލެއިން އައި އިރު ކީރިތި ޤުރުއާނުގެ ގިނަ ސޫރަތްތައް ވަނީ ނުބަލާ ކިޔޭވަރަށް ''ހިތުން'' ދަސްކޮށްފައެވެ.
ނަމަވެސް ހަޤީޤަތަކީ އަހަރެން ''ނުބަލާ ހިތުދަސް''ކުރާކަމަށް ހެދިގެން ކިޔާދެނީ ފިލާގެ އަނެއް ފުށުގައި އެބައިތައް ލިޔެގެންނެވެ. ދައްތަ އެހާވަރަށް އަޅާނުލަނީ އަހަރެންނަކީ ދޮގުހަދާ ކުއްޖަކަށް އޭރު ނުވާނެކަން އެމީހުން ޤަބޫލުކުރާތީއެވެ.
އޭރު އަހަރެން އުޅުނީ ގްރޭޑް ތިނެއްގައެވެ. ކުޅުމާއި، މަޖާކުރުމާއި ފިލާވަޅު ހެދުން ފިޔަވައި ދިރިއުޅުމުގައި ކުރަންޖެހޭ އެހެންކަމެއް އަހަރެންގެ ޅަ ސިކުނޑިއަކަށް ނޭންގެއެވެ.
ދުވަސްތައް ފާއިރުވަމުން ދިޔައިރު، މަންމަ އާއި އެކު ވަގުތު ހޭދަކުރަން ލިބެނީ ވަރަށް މަދު ވަގުތުކޮޅެކެވެ. މަންމަ ބަލިކަމުން ދޭތެރެ ދޭތެރެއިން މާލެ ދަންޖެހޭތީއެވެ.
ގްރޭޑް ހަތަކަށް ބަދަލުވި އަހަރު ނަމާދުކުރުމާއި ދީނީ ކަންތައްތައް ކުދިންގެ ހިތުގައި އަށަގެންނެވުމަށް، ސްކޫލުން ޚާއްސަ ޕްރޮގްރާމެއް ފެށިއެވެ. މި ޕްރޮގްރާމްގެ ދަށުން ކޮންމެ ކުއްޖަކަށް ފަސް ނަމާދު ކުރާ ވަގުތާއި އެ ދުވަހު ނަމާދުކޮށްފި ނަމަ އެކަން އެންގޭނެހެން ލިޔަން ޝީޓެއް ދިނެވެ.
މި ޝީޓްގައި ގޭގައި ނަމާދުކުރިކަން އެންގޭހެން ބެލެނެވެރިއެއްގެ ސޮއި އޮންނަން ޖެހެއެވެ. އަހަރެން ވަރަށް ކަންބޮޑުވިއެވެ. އޭރު ދައްތަވެސް ބަލިވެ އުޅުމާއި ގުޅިގެން އަހަރެންނަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. އަހަރެން އެ ޝީޓެއް އެއްވެސް މީހަކަށް ނުދައްކަމެވެ. މަންމަ ގެންގުޅޭ ލިޔެކިޔުންތައް ހާވަން ފެށީމެވެ. އޭގައި މަންމަގެ ސޮއި އިންނަގޮތް ޗެކްކުރަންވެގެންނެވެ. މަންމަ ސޮއިކޮށްފައިވާ ލިޔުމެއް ފެނުމާއި އެކު އެ ސޮއި ނަކަލުކުރީމެވެ.
އޭގެ ފަހުގައި ކޮންމެ ހަފްތާއަކު ސްކޫލަށް ދަނީ މަންމަގެ ނަމުގައި ''ފޭކް''ސޮއެއް ކޮށްގެންނެވެ. މިއަދު އަހަރެން ވިސްނާލިއިރު، ކޮންމެ ހަފްތާއަކު އަހަންނަށް ތިރީސް ފަސް ދޮގު ހެދިފައި އެބަހުއްޓެވެ.
އެ ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ކިތައް މަހަށް ކަމެއް ހަނދާނެއް ނެތެވެ. އެގޭހާވެސް އެއްޗަކީ އެ ޝީޓްގައި ނަމާދުކޮށްފައި ސޮއިކުރާކަމަށް އަހަރެން ހަދާފައިވަނީ ހުސް ދޮގުކަމެވެ.
އޭރު ނިދާއިރު ކިޔަންޖެހޭ ހުރިހާ ދުޢާތަކާއި ސޫރަތްތައް ކިޔުންވެސް މަދުވެފައިވާކަން ފަހުން ވިސްނާލެވުނެވެ. ހަފްތާއަކު އަދަދެއް ކަނޑައަޅަމުންގޮސް އެންމެ ފަހުން އަހަރެން ޝަހާދަތް ކިޔާ އަދަދު ފަންސާހުން ވިއްސަށް ބަދަލުކުރި ހަނދާންވެސް ބަލި ހަނދާނެއްގެ ގޮތުގައި ވެއެވެ.
ގްރޭޑް އަށަކަށް ބަދަލުވުމަށްފަހު ނަމާދާއި މެދު ވިސްނަންފެށުނެވެ.
އޭރު ނަމާދުގައި ކިޔާ އެއްވެސް އެއްޗެއް ހަނދާންނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މަދު އެއްޗެއް ފިޔަވައެވެ.
އެހާ ހިސާބުން ނަމާދުގައި ކިޔާތަކެތި ދަސްކޮށްގެން ނަމާދުކުރަން ފެށީމެވެ.ޤުރުއާންވެސް ކިޔަވަމެވެ. ފަސް ވަގުތު ފަސް ނަމާދުކުރަމުން ދިޔައީ ކުރިއަށް އޮތް ތަނުގައި، ކުޑައިރު އެޅުނު ފަދަ ޅައެއްޗެއް ނޭޅުމުގެ ނިޔަތުގައެވެ.
ގްރޭޑް ދިހައެއް ނިންމާ، ވަޒީފާއަކަށް ދިޔައިރުވެސް އަހަންނަކީ ދީނަށް ލޯބި ކުރާ، އަދި ދީނުގައި ކުރުން މަނާކަންތައް ނުކޮށްވޭތޯ މަސައްކަތްކުރަމުން އައި ކުއްޖަކީމެވެ.
އިތުރަށް ކިޔެވުމަށް މާލެ އައީ ޖެހިގެން އައި އަހަރުއެވެ. މާލެ އަހަންނަށް ސިފަ ކުރެވުނީ ކާރޫ ބާރޫ ބޮޑު، އުޅެން އުނދަގޫ، ނޭވާ ހާސްވާފަދަ ތަނެއްގެ ގޮތުގައެވެ. އަހަރެން ހުރީ ބޮޑުބޭބެއެއްގެ ގޭގައިކަމަށްވިޔަސް، ތަންކޮޅު ކުޑަވުމާއި، އެހާކުޑަ ތަންކޮޅެއްގައި ގިނަ ބަޔަކު ދިރިއުޅުން މިއީ އަހަންނަށް ވަރަށް އުނދަގޫ އިހުސާސްތަކެއް ކުރުވި ކަންތައްތަކެވެ. ނަމަވެސް ކިޔެވުމާއިގެން ކުރިއަށްދިޔައީ ރަގަޅު ނަތީޖާއެއް ހޯދައިގެން އަވަހަށް ރަށަށް ދިޔުމަށެވެ.
ރަށުގައި ކިޔެވިއިރުވެސް އަހަންނަކީ ވަރަށް ފޮތް ކިޔާ ހިތްވާ ކުއްޖެކެވެ. އަބަދުވެސް ކޮންމެސް ފޮތެއް ކިޔުމަކީ އާދައަކަށްވެފައިވާ ކަމަކަށްވާތީ، ވަރަށް ގިނަ ތަފާތު މަޢުލޫމާތުތައް ލިބިފައިއެވެ. ފޮތް ކިޔާއިރުވެސް ފިލްމީ ފަންނާނުންނާއި ގުޅޭ މަޢުލޫމާތާއި، އަލަށް ދިމާވާ ކަންތައްތަކާއި، މިފަދަ މަޢުލޫމާތުތަކަކީ މާ ވަރަކަށް ކިޔާ ހިތްވާ ލިޔުންތަކަށް ވެފައިއެވެ. މީގެ ތެރެއިން އެއްދުވަހަކު ބަލާލެވުނު ނޫހެއްގައި، އެއިޑްސް ބަލީގެ އަސްލު އައީ ރާމާމަކުނަކާއި އިންސާނަކާއި ދެމެދު ހިނގި ނޭދެވޭ ގުޅުމެއްގެ ސަބަބުންކަމަށް ލިޔެފައި އޮތްތަން ދެކުނީމެވެ. އެހާ ހިސާބުން އެއިޑްސް ބައްޔާއި ބެހޭ ގޮތުން މަޢުލޫމާތު އެއްކުރެވޭތޯ މަސައްކަތްފެށީމެވެ.
ރާއްޖޭގައިވެސް މިބަލި ޖެހިފައިވާ ދެތިން މީހަކު މި ކުޑަ އާބާދީގައި ވާކަން އެނގުމުން ވަރަށް ހިތްދަތި ވިއެވެ. މިކަމާއި މެދު ވިސްނާލިއިރު ރާއްޖޭގައި މިބަލި ޖެހުމަށް ފުރުސަތު ބޮޑު ގޮތްތައް އެކި ޚަބަރުތަކުންނާއި، ފޮތްތަކުން އެންގެންފެށިއެވެ. ރާއްޖޭގައި މަސްތުވާތަކެއްޗާއި، ބަދުއަޚްލާޤީ އަމަލުތަކުގެ ސަބަބުން މި ބަލި ފެތުރިދާނެކަމުގެ ބިރު ޑޮކްޓަރުން ފާޅުކުރަމުން ދިޔައިރު މާލެއާއި ރާއްޖެ ތެރެއާއި ހުރި ތަފާތު ދެނެގަނެވުނެވެ.
ރަށްރަށުގައި މިކަންތައް ނުދާހާ ކުރިއަށް މާލޭގައި، ހަމަ ހާމައަށްދާކަމީ އެދުވަސްވަރު އެންމެ ގިނައިން ހުކުރު ޚުތުބާތަކުންނާއި، ދީނީ ނަސޭހަތްދޭ ފަރާތްތަކާއި، އާންމުންގެ މެދުގައި އެވާހަކައެއް ތަކުރާރުވެގެންދިޔަ ކަމެއްކަންފާހަގަކުރެވުނެވެ.
މިހިސާބުން ނިމުނީއެއްނޫނެވެ. މަގުމަތީގައި ހިނގާބިގާވެ އުޅެންވެސް ދަތިވިއެވެ. މަގުމަތިން ފޭރުމާއި ވައްކަންކުރުމާއި، މާރާމާރީތަކާއި، ފޮށުމާއި މިއީ ހަމަ ކޮންމެ ދުވަހަކު އާދަވެ ހިނގާ އާންމުކަންތަކަށްވެ ނިމިއްޖެއެވެ.
ޑީޖޭއަކީ ކޯއްޗެއްކަން ނޭންގިހުއްޓާ އެވެސް އެނގުނީއެވެ. އަންހެންނުންނާއި ފިރިހެނުން މަސްހުނި ވެގެން އެއްތަނަކަށް އެއްވެ ނެށުމާއި މިފަދަ ނުބައިވެގެންވާ ފާހިޝް ކަންތައްތައް ކުރުން އިތުރުވެގެންދިޔައީ މިއިން ކޮންމެ ތަނެއްގައި ފޯރިމަރަން ފުލުހަކު ބެހެއްޓިނަމަވެސް މިއީ ނުވެ ނުދާނެކަންތައްތަކެއްކަން އެންގޭހާވެސް ފާޅުކަންބޮޑުކޮށެވެ.
އިލްމުވެރިން ބުނާތީ އަޑު އިވެއެވެ. ޒިނޭއާއި، ވައްކަމާއި، މާރާމާރީތަކާއި، މިފަދަ ހުރިހާ ނުބައިކަމެއް އާންމުވެއްޖެ ތަނަކަށް ކޯފާއައުން ގާތެވެ.
ވިސްނާލެވުނީ ހަމައެކަނި އެހާވަރަށެވެ. ކުއްލިއަކަށް އެރި ބިޔަ ސުނާމީގެ ބޮޑު ރާޅު ބިންދާލީ އަހަރެމެންގެ ބޮލަށެވެ.
މުޅި ރެސްޓޯރެންޓާއި ހިސާބުގަނޑު ބިމާހަމައަށް ތިރިވަމުން ދިޔައިރު އެތާކައިރީގައިވާ ކަރަންޓްކޭބަލް ފެންގަނޑަށް ވެއްޓިއްޖެއެވެ. ބާރުމިނުގައި ދެމެމުންދިޔަ ފެންގަނޑަށް ވެއްޓެމުންދިޔަ އެކި ޒުވާނުންގެ ހަށިގަނޑުން ކަރަންޓްގެ އަސަރު ފެންނަންފެށިއެވެ. ތުރުތުރުލުމަކާއި އެކު އެމީހުން ފެންގަނޑާއި އެކު ދެމެމުންދިޔައިރު ވަށައިގެން ހަޅޭކުގެ އަޑު އިވެމުންދިޔައެވެ.
އަހަރެން އޮތީ މޭޒުގެ މަތީގައެވެ. އަހަރެންގެ ވަށައިގެން ތިބި ރަހްމަތްތެރިންނަށް ވީނުވީއެއް ނޭންގެއެވެ.
އެ ބާރު އޮޔާއިއެކު ފެންގަނޑު ދެމެމުންދިޔައީ ކޮން ހިސާބަކަށް ކަމެއް އަހަންނަކަށް ނޭންގެއެވެ. އެގޭހާވެސް އެއްޗަކީ އެ މޭޒުއެއްތަނެއްގައި ޖެހިފައި އަނެއްތަނެއްގައި ޖެހިފައި ދިޔައިރުވެސް އަހަންނަށް އެއްވެސްކަމެއް ނުވާކަމެވެ.
އޭރު އެ ބޮޑު ރާޅުބާނި ވަނީ އިސްލާމީ މަރުކަޒާއި ހަމައަށްއަހަރެން ގޮސްފައެވެ. ކިތަންމެ މީހަކު އަހަރެން އޮތް މޭޒުގައި ހިފާ ސަލާމަތަށް އެދެއެވެ. އަހަންނަށް އެއިން އެއްވެސް މީހެއްގެ އަތުގައި ކުޑަމިނުން ހިފާ ިވެސް ނުލެވެއެވެ.
އަނެއްކާވެސް ބާރު އަޑެއް އިވުނެވެ. ހީވަނީ މިސްކިތުން ބަންގި ގޮވަނީ ހެންނެވެ. ނަމަވެސް އެއީ ބަންގި ގޮވާނެ ގަޑިއެއް ނޫންކަން އަހަންނަށް އެގެއެވެ. ޔަޤީންކޮށްލުމަށް އިތުރަށް އެ އަޑަށް ވިސްނީމެވެ.
އާނކެއެވެ. އެއީ ފަތިސްނަމާދަށް ބަންގި ގޮވާއަޑެއެވެ.
އަހަރެން މެރިފައިވާ ދެލޯ ވީހާވެސް ބޮޑަކަށް ހުޅުވާލީމެވެ. އާނއެކެވެ. ފަތިސް ނަމާދަށް ބަންގި ގޮވަނީއެވެ.
ފުއްމައިގެން އެނދުމެދަށް ކޮޅަށް ތެދުވެވުނެވެ. މުޅިމީހާ ހުރީ ދާހިތްލާ ފޯވެފައެވެ.
ފަތިސްނަމާދުކުރީމެވެ. އަހަރެންނަށް ކުރެވިފައިވާ ފާފަތަކަށް ތައުބާ ވީމެވެ. އަދި އެއީ ހުވަފެނަކަށް ވީތީ މާތް ﷲ އަށް ޝުކުރުގެ ސަޖިދައެއް ކުރީމެވެ.
ނިމުނީ















މާޝާ ﷲ! ވަރަށް އިބްރަތްތެރި ވާހަކައެއް.
ވަރަށް ސަޅި!ވާއު!
އަޅުގަނޑު އެދެނީ ހުރިހާ ދިވެހިން މިކަމަށް ސަމާލުވާނެކަމަށެވެ!އިންޝާﷲ.މާޝާ ﷲ! ވަރަށް އިބްރަތްތެރި ވާހަކައެއް.
އައި ލައިކް ދިސް!ކޫލް
ސަޅި
ވަރަށް އިބްރަތްތެރި ވާހަކައެއް..
ވަރަށް އިބްރަތްތެރި ވާހަކައެއް