އެމެރިކާއަކީ ޕާކިސްތާނުގެ ދުޝްމަނެއްގެ ގޮތުގައި އެޤައުމުގެ ކޮންމެ ހަތަރު މީހަކުން ތިން މީހަކު ދެކޭކަމަށް ދާދިފަހުން ކުރި ދިރާސާއަކުން ހާމަވެއްޖެއެވެ.
އެމެރިކާގެ ވޮޝިންޓަންގައި މަރުކަޒު ހުންނަ ތިންކްޓޭންކެއް ކަމުގައިވާ ޕިއު ގްލޯބަލް އެޓިޓިޔުޑްސް ޕްރޮޖެކްޓްގެ ފަރާތުން ކުރި ދިރާސާއިން ހާމަވިގޮތުގައި ފާއިތުވި 2011 ވަނަ އަހަރު ޕާކިސްތާނުގައި އެމެރިކާއަށް ނަފްރަތުކުރާ މީހުންގެ ނިސްބަތް 69 ޕަސެންޓް ގައި ހުރިނަމަވެސް މިހިނގާ 2012 ވަނަ އަހަރު މިނިސްބަތް ވަނީ 74 ޕަސެންޓަށް މައްޗަށް އުފުލިފައެވެ.
މި ދިރާސާ އިން އިތުރަށް ހާމަވި ގޮތުގައި އެމެރިކާގެ މިހާރުގެ ރައީސް ބަރަކް އޮބާމާގެ މަގުބޫލުކަންވެސް ޕާކިސްތާނު މީހުންގެ ކުރިމަތީގައި ވަނީ ވަރަށްބޮޑަށް ދަށަށް ގޮސްފައެވެ. އެމީހުން ދެކޭގޮތުގައި އޮބާމާ އަކީ ވެސް އޭނާގެ ކުރިން ހުރި ޖޯޖް ޑަބްލިއު ބުޝް ފަދަ ކަމުނުދާ މީހެކެވެ.
އެމެރިކާ އާ ޕާކިސްތާނުުގެ ގުޅުން އެންމެ ބޮޑަށް ގޯސްވެފައި ވަނީ އެމެރިކާގެ ޑްރޯން ޙަމަލާތަކުގައި ޕާކިސްތާނުގެ ކުށެއްނެތް އެތައްސަތޭކަ ރައްޔިތުންތަކެއް މަރުވަމުން ދިޔުމާ ގުޅިގެންނެވެ. އެމެރިކާގެ ޑްރޯން ހަމަލާއެއްގައި މިދިޔަ ނޮވެމްބަރު މަހު ޕާކިސްތާނުގެ 24 ސިފައިން މަރުވުމާ ގުޅިގެން އެޤައުމުގެ ރައްޔަތުން މަގުމައްޗަށް ނުކުމެ ނުރުހުން ފާޅުކުރަން ފެށުމުން ޕާކިސްތާނުގެ ސަރުކާރުން ވަނީ އަފްޣާނިސްތާނު އިސްތިޢުމާރު ކޮށްގެން ތިބި ނޭޓޯގެ ސިފައިންނަށް ސާމާނު ގެންދާ މަގު ބަަންދުކޮށްފައެވެ.
މި ސާރވޭން އިތުރަށް ހާމަވިގޮތުގައި ޕާކިސްތާނުގެ ރައްޔަތުންގެ މެދުގައި މިހާރު އެންމެ މަޤްބޫލު ސިޔާސަތުދާނަކީ އެޤައުމުގެ ކުރީގެ ކްރިކެޓް ތަރި އިމްރާން ޚާނެވެ. 70 އިންސައްތައަށް ވުރެ ގިނަ ބަޔަކު ވަނީ އިމްރާން ޚާން އަށް ތާއީދުކުރާކަމަށް ބުނެފައެވެ.
ޚާން އަކީ ސީއައިއޭން ކުރިޔަށް ގެންދާ ޑްރޯން ހަމަލާތާކާއި ފާޅުގައި ދެކޮޅު ހައްދަވާ ބޭފުޅެކެވެ. އަދި އެމެރިކާއިން ޓެރަރިޒަމާ ދެކޮޅަށް ކަމަށް ބުނެ ކުރަމުން ގެންދާ ހަނގުރާމައަކީ ޓެރަރިޒަމްގެ ހަނގުރާމައެއް ކަމުގައިވެސް ޚާން ވަނީ ވިދާޅުވެފައެވެ.
އަނެއްކޮޅުން ޕާކިސްތާނުގެ މިހާރުގެ ރައީސް އާޞިފް ޢަލީ ޒަރްދާރީ އާއި އޭނާގެ ޕާކިސްތާން ޕީޕަލްސް ޕާޓީ ގެ މަގުބޫލުކަން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ޒަރްދާރީ އަށް ތާއީދުކުރާކަމަށް ބުނެފައި ވަނީ އެންމެ 14 ޕަސެންޓް މީހުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...