މިއީ އަޅުގަނޑު ދަތުރެއްގެ މަތީގައި ބަލާލަން ލިބުނު ފޮތަކުން ކިޔާލި ވާހަކައެކެވެ. ވަރަށް އަސަރުގަދަ ވާހަކައެކެވެ. ޙަޤީޤީ ވާހަކައެކެވެ. ވާހަކައިގައި ދަރިފުޅުވަނީ މަންމަގެ ޝަކުވާ ކޮށްފައެވެ. އަށްފަހަރު މަތީން މަންމަ ދަރިފުޅުގާތު ދޮގުހެދީތީއެވެ. ދަރިފުޅަށް ކަމުގެ ޙަޤީޤަށް އޮޅުވާލީތީއެވެ. އެންމެފަހުން ދަރިފުޅު އެކަމާ ހިތާމަކުރަންޖެހުނީއެވެ. މަންމަގެ މިދޮގުތަކުން ދަރިފުޅު ކިތަންމެ ހިތާމަތަކެއް ކުރިކަމުގައި ވިއަސް، ދަރިފުޅުގެ ހިތުގައި މަންމަގެ ލޯބި ގަދަވީއެވެ. ހިތާމަތަކާއި އަސަރުތައް އިތުރުވީއެވެ. ވާހަކައިން އެނގެނީ މަންމަ ދަރިފުޅަށްޓަކައިވީ ބޮޑެތި ޤުރުބާނީ ތަކެވެ. މިއީ ޤުދުރަތުގެ ނިޔާ މިމަންމައާ ދޭތެރޭ ކުރިގޮތެވެ. ދަރިފުޅަށްޓަކައި މަންމަވީ ޤުރުބާނީތަކަކީ ޙަޔާތެއްގައި އެއްއިންސާނަކު އަނެއް އިންސާނަކަށްޓަކައި ނުވާނެ ޤުރުބާނީތަކެކެވެ. މިފަދަ ޤުރުބާނީތަކެއް ވެވޭނީ އެމީހެއްގެ ހިތަށް ﷲ މައިވަންތަކަމާއި ބަފައިވަންތަކުގެ ފުރިހަމަ ކުލުނު ލެއްވި މީހަކަށް އެކަންޏެވެ. މިއީ އެނޫން މީހަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. ތިރީގައި މިވަނީ މިދެންނެވި މަންމައާއި ދަރިފުޅުގެ ވޭނީ އަސަރުން ފުރިފައިވަ ރީތި ވާހަކައެވެ. ކިޔާލައްވާށެވެ! ޢިބްރަތެއް ޙާޞިލްކުރަށްވާށެވެ! ވާހަކަ ލިޔެ ނިމުނުއިރު އަޅުގަނޑުގެ ދެލޯހުރީ ފެންކަޅިވެފައެވެ. ލޯމަރާލުމުން ފައިބަންފެށީ ފެނެވެ. ކުރިއަސަރެއްގެ ބޮޑުކަމުންނެވެ. ވާހަކަ ކިޔައިލަމާތޯއެވެ؟
+++++++++++++++++++++
އަހަރެންގެ ލޯބިވާ މަންމައެވެ. އަހަންނަށް ކަމުގެ ޙަޤީޤަތް އޮޅުވައިލީއެވެ. ދުވަހަކުވެސް އަހަރެންގެ ގާތު އެކަމާމެދު ތެދުނުބުނެއެވެ. އަށްފަހަރުމަތިން އަހަރެންގެ ގާތު ދޮގު ހެދިއެވެ.
ވާހަކައަށް ފެށުނީ އަހަރެން އުފަންވުމާ ގުޅިގެންނެވެ. އިންތިހާއަށް ފަޤީރުކަމަށް ގެނބިފައިވާ ޢާއިލާއެކެވެ. އަހަންނަކީ ޢާއިލާއަށް ލިބުނު ހަމައެކަނި ދަރިފުޅެވެ. އަހަރެމެން އަތަކު ކާނެއެއްޗެއް ގިނަ ފަހަރަކު ނުހުރެއެވެ. ބައެއް ފަހަރު ކާނެ ބަތްފުކެއް ލިބޭދުވަހަކުން ކާލައިގެން އެނޫންވަގުތުތަކުގައި އަހަރެމެންތިބެނީ ބަނޑުހައިހޫނުކަން ހިނދުވާލައިގެންނެވެ.
ކާއިރު ގިނަފަހަރު މަންމަ ހަދާގޮތަކީ އޭނާއަށްވާބައި ވެސް އަހަންނަށް ދެނީއެވެ. އެއީ ލިބިފައިއޮތް އެތިކޮޅު މަދުކަމުންނެވެ. އަހަރެންގެ ތަށްޓަށް ބަތް އަޅާދޭ ވަގުތު މަންމަ ބުނެއެވެ. ދަރިފުޅާއެވެ. ބަތްކޮޅު މުޅިން ހުސްކޮށްލާށެވެ. މަންނަ ބަނޑުހައެއް ނުވެއެވެ. މިއީ މަންމަގެ ފުރަތަމަ ދޮގެވެ.
އަހަރެމެންގެ ގެ ހުންނަނީ އައްސޭރިފަށުގައެވެ. މިހާރު އަހަރެން ކުޑަކޮށް ބޮޑުވެސް ވެއްޖެއެވެ. ކޮންމެ ދުވަހަކު ގޭގެ މަސައްކަތުން ނިމިގެން މަންމަ މޫދުކާރިއަށް ގޮސް، މޫދަށް ނަނު އެއްލާލައެވެ. މަންމަ އަހަންނަށް މަސްކާންދޭ ހިތް ވެއެވެ. އެއީ އަހަރެން ރަނގަޅަށް ކައިގެން ބޮޑުވާނެތީ، އެކަމުގެ އުއްމީދުގައެވެ. އަހަރެންވެސް މަންމައާއެކު ދަމެވެ. އެއްދުވަހަކު މަންމައަށް ވަރަށް ބޮޑު ދެމަސް ބޭނުނެވެ. މަންމަ މަސް ކައްކައިގެން އައިސް މަސްތަށި އަހަރެންގެ ކުރިމަތީގައި ބަހައްޓައިފިއެވެ.
އަހަންނަށް ފަރުމަސް ވަރަށް މީރެވެ. އަހަރެން މަޑުމަޑުން ކަމުންގޮސް ފުރަތަމަ މަސް ހުސްކޮށްލައިފީމެވެ. މަންމަ އަހަރެން ކާފައި ދޫކޮށްލާ ކަށިކޮޅުހާވާލައިގެން އޭގައި ހުންނަ މަސްކޮޅު ކަމުންދިޔައެވެ. އަހަރެން މިކަމާ ވަރަށް ދެރަވިއެވެ. އަހަރެން އަނެއް މަސް މަންމައާ ގާތަށް ކާރިކޮށްލީމެވެ. އަދި މަންމަ ރަނގަޅަށް މަސްކާށޭ ބުނެފީމެވެ. މަންމަގެ އާދަމަތީން ވަގުތުން އަހަރެންގެ ގާތުގައި މަންމަ ބުނެލިއެވެ. ދަރިފުޅާއެވެ! މިމަސްވެސް ކައިލާށެވެ! މަންމައަށް ފަރުމަސް މީރުނޫންކަން ދަރިފުޅަށް ވެސް އެނގޭނެނޫންހެއްޔެވެ! މިއީ މަންމަގެ ދެވަނަ ދޮގެވެ.
ދެން އަހަރެން އަނެއްކާވެސް ކުޑަކޮށް ބޮޑުވެއްޖެއެވެ. އަހަރެން މަދްރަސާއަށްދާ އުމުރަށް އެޅިއްޖެއެވެ. އެކަމަކު މަންމަގެ އަތަކު އަހަރެން މަދްރަސާއަށް ވައްދައިގެން ޚަރަދުކުރާނެ ފައިސާއެއް ނެތެވެ.
އެއްދުވަހަކު މަންމަ ބާޒާރަށް ދިޔައެވެ. ހެދުން ވިއްކާ ފިހާރައަކަށް ގޮސް، އެފިހާރައިގެ ސޭޓަށް ޙާލު ބަޔާންކޮށް މަގުމަތީގައި ވިއްކައި ހަދާނެ ހެދުންކޮޅެއް އަތުލައިފިއެވެ. ހެދުން ވިއްކާފައި ސޭޓަށް ފައިސާ ދައްކާގޮތަށެވެ. ފިހާރައިގެ ސޭޓަކަށް އިނީވެސް އަންހެނެކެވެ. މިސޭޓް މިކަމާ އެއްބަސްވެ މަންމައަށް ހެދުންތަކެއް ދީފިއެވެ.
މަންމަ ކޮންމެ ދުވަހަކުވެސް މިހެދުން ވިއްކަން ދެއެވެ. މަގުމަތިންދާ އަންހެންވެރިންނަށް އެހެދުންދައްކާފައި އެމީހުންނަށް ވިއްކަނީއެވެ. ބައެއް ގޭގެއަށް ގޮސް ހެދުމެއްގަނޭތޯ އަހައިވެސް ހަދަނީއެވެ. އެއްރޭ މަންމަ ގެއަށް ނައިސް ވަރަށް ލަސްވެއްޖެއެވެ. ވަރަށް ވިއްސާރަ ރެއެކެވެ. އަހަރެން ގޭގައި އިނދެގެން މަންމަ އާދޭތޯ ދިގު އިންތިޒާރެއް ކޮށްފީމެވެ. ދެން މަންމަ ފެނޭތޯ ގެއާކައިރި ގޯޅިތަކުގައި ހިނގާލަން ނިކުތީމެވެ. އަހަންނަށް ފެނުނީ މަންމަ ހެދުންތައް ހިފައިގެން ގޭގޭގެ ދޮރުތަކުގައި ޓަކިދެމުން، ހެދުން ގަންނާނެތޯ އަހަމުން ދާތަނެވެ. އަހަރެން ފެނުމާއެކު މަންމަ ބުނެލިއެވެ. ދަރިފުޅާއެވެ! އަވަހަށް ގެއަށްދަމާ ހިނގާށެވެ! މިހާރު ވަރަށް ލަސްވެސް ވެއްޖެއެވެ. މާބޮޑަށް ލަސްވެއްޖެއެވެ. މިރެއަކީ ވަރަށް ފިނިވެސް ރެއެކެވެ. ދެން މާދަން ހެދުނު އަވަހަށް މަސައްކަތު ނިކުންނާނީއެވެ. ދެން މަންމަ އަހަންނަށް ބަލާފައި ހިނިތުންވެލިއެވެ. އަދި ބުނެލިއެވެ. ދަރިފުޅާއެވެ! މަންމަ ވަރުބައްޔެއްނުވެއެވެ. މަންމަގެ ތިންވަނަ ދޮގަކީ މިއީއެވެ.
އަހަރެން މަދްރަސާއަށް ވައްދައިފިއެވެ. މަދްރަސާގެ އެއަހަރުގެ ފަހު އިމްތިޙާނު ނިމުނު ދުވަހު އަހަރެންނާއެކު މަންމަ މަދްރަސާއަށް ދިއުމަށް އަހަރެން މަންމަގާތު ބުނެ ބޮޑާހޭކީމެވެ. މަންމަ އަހަންނާއެކު ދިޔައެވެ. އަހަރެން ސްކޫލުތެރެއަށް ވަނުމުން މަންމަ ގަދަ އަވީގައި އަހަރެން ނިކުންނަންދެން އިންތިޒާރުގައި މަގުމަތީ އިނެވެ. ރަނގަބީލުގެ އަޑުއިވުމާކު އިމްތިޙާނު ނިމިގެން އަހަރެން ނިކުމެ، އަވަހަށް މަންމަ ގާތަށް ދިޔައިމެވެ. މަންމަ އަހަރެންގެ ގައިގައި ބައްދައިގަނެ އޮޅުލައިގެންފިއެވެ. އަދި މާތް ﷲ އިރާދަކުރެއްވިއްޔާ އަހަރެންގެ ދަރިފުޅު ރަނގަޅަށް ފާސްވާނެއޭ ބުނެ، އަހަންނަށް ހިތްވަރުދީ ހިތްހަމަ ޖައްސައިދިނެވެ. އަދި މަންމަގެ އަތުގައި އޮތް ޖޫސްޕަކެޓެއް އަހަންނަށް ދިއްކޮއްލިއެވެ. އެއީ އަހަރެން ނިކުތުމުން އަހަންނަށް ދޭން މަންމަ ގަނެފައިއޮތް ޕަކެޓެކެވެ. އަހަރެން ވަރަށް ފެންބޮވައިގެންފައިވާތީ އަވަހަށް ޕެކެޓް ބޯންފަށައިފީމެވެ. އަހަރެންގެ ހިތަށް ވަރަށް ހިތްހަމަޖެހުން ލިބުނެވެ. އަނގަހިއްކުންވެސް ފިލައިގެންދިޔައެވެ. ނަމަވެސް އަހެރެން ނިކުތުމުން މަންމަ އޮޅުގަތް ވަރަށްވުރެން ބޮޑަކަށް، މިކަމަކުން ހިތްހަމަ ނުޖެހުން އިތުރު ވެގެނެއްނުދެއެވެ.
ޕެކެޓް ބޮމުން އަހަންނަށް މަންމަގެ މޫނަށް ބަލާލެވުނެވެ. މަންމަގެ ގައިން އޮށްދާ ހިއްލަނީއެވެ. މޫނުންވެސް ދާތައް އޮހޮރެނީއެވެ. ވަރަށް ވަރުބަލިހެންވެސް ހީވެއެވެ. އަހަރެން އަވަހަށް މަންމައަށް ޖޫސް ޕެކެޓް ދިއްކޮށްލީމެވެ. އަދި ބުނީމެވެ. ނިކަން ބޮއިލަބަލާށެވެ! ވަރަށް މީރެވެ. މަންމަ ވަގުތުން ބުންޏެވެ! ދަރިފުޅާއެވެ. ޕެކެޓް ހުސްކޮށްލާށެވެ. މަންމަގެ އަނގަ ނުހިއްކައެވެ. މަންމަ ފެންބުއީ ދެންމެއެވެ. މިއީ މަންމަގެ ހަތަރުވަނަ ދޮގެވެ.
އަހަރެން ވިހައިގެން މާގިނަ ދުވަސްތަކެއް ނުވަނީސް ބައްޕަ ނިޔައުވީއެވެ. އެއިރު ބައްޕަމެންނަކީ ފުދޭވަރެއްގެ ތަނަވަސް ދިރިއުޅުމެއް އުޅެމުން އައި ބައެކެވެ. ބައްޕަ ނިޔައުވުމަށްފަހު، މަންމަ އުޅެމުންދިޔައީ އެކަހެރި ދިރިއުޅުމެއްގައެވެ. ހުވަފަތް އަންހެނެއްގެ ދިރުއުޅުމެކެވެ. ވަރަށް ނިކަމެތިކޮށެވެ. އަޅާލާނެ އެއްވެސް ފަރާތެއް ނެތިއެވެ. އެހެންކަމުން ގޭގެ މުޅި މަސްއޫލިއްޔަތު އެޅިފައި އޮތީހަމައެކަނި މަންމަގެ ބޮލުގައެވެ. މިގޮތުން ގެބެލެހެއްޓުމާއި ގެއަށް ބޭނުންވާ ތަކެތި ހޯދުމަކީވެސް މަންމަގެ މަސްއޫލިއްޔަތަކަށް އޮތީ ވެފައެވެ. މިކަންތައްތައް ފުރިހަމަ ނުވާތީވެ، ވަރަށް ގިނަ ފަހަރަކުމަތިން އަހަރެމެންނަށް ޖެހެނީ ބަނޑުހައިހޫނުކަންމަތީ ރޭތަކާއި ދުވާތައް ކަޑައްތުކުރާށެވެ.
އަހަރެންގެ ބައްޕަގެ ފަރާތު ބޮޑުބޭބެއަކީ ވަރަށް ރަނގަޅު މީހެކެވެ. ބޮޑުބޭބެ އުޅެނީވެސް އަހަރެމެންގެ ގެއާ ވަރަށް ކައިރީގައެވެ. އެކަމަކު ބޮޑުބޭބެއަކީވެސް އެހާ ތިޔާގި މީހެއްނޫނެވެ. އެހެނަސް ބޮޑުބޭބެއަށް ލިބުނުމިންވަރަކުން އަހަރެމެންނަށް އެހީތެރިކަން ދެއެވެ.
އަހަރެމެންގެ އަވަށްޓެރިންވެސް އަހަރެމެން ދިރިއުޅެމުންދާ ދަތި ޙާލު ދެކެމުންދެއެވެ. އަހަރެމެންގެ ޙާލު ފެނިއެމީހުން، މަންމަ މީހަކާ އިނުމަށް ނަޞީޙަތްތެރިވެއެވެ. މަންމައަކީވެސް އަދި ޢުމުރުން ވަރަށް ޅަމީހަކަށް ވާތީއެވެ. އެކަމަކު މަންމަ މީހަކާ އިނުމާ ދެކޮޅުހަދައެވެ. އަދި އެމީހުންގެ ގާތުގައި ބުނެއެވެ. އަހަރެން މީހަކާ އިންނަ ހިތެއްނުވެއެވެ. އަދި ލޯބިވެރިއެއްގެ ބޭނުމެއް ނެތެވެ. މިއީ މަންމަގެ ފަސްވަނަ ދޮގެވެ.
އަހަރެންގެ މަދްރަސީ ދައުރު ނިމިއްޖެއެވެ. ޔުނިވަރސިޓީވެސް ނިންމާލައިފީމެވެ. ކޮންމެވެސް ވަރެއްގެ ރަނގަޅު ވަޒީފާއެއްވެސް އަހަންނަށް ލިބިއްޖެއެވެ. ދެން އެދުވަހު އަހަރެންގެ ހިތަށް އެރިއެވެ. މިއީ ދެން މަންމައަށް އަރާމުލިބޭނެ ދުވަހެވެ. ގޭގެ މަސްއޫލިއްޔަތު އަހަންނަށް އުފުލޭނެ ނޫންހެއްޔެވެ؟ ގެއަށްބޭނުންވާ ޚަރަދު ހޯދަން މަންމައަށް ދެން މަސައްކަތްކުރާކަށް ނުޖެހޭނެއެވެ.
އެދުވަސްވަރު ހެދުން ހިފައިގެން ގޭގެއަށް ގޮސް ހިނގައި އެތަކެތި ވިއްކާން އުޅޭނެ ވަރަކާއި، ޞިއްޙަތެއްވެސް މަންމަގެ ގައިގައި ނެތުމުން، މަސައްކަތް ބަދަލުކޮށްލިއެވެ. ބާޒާރުމަތީގައި ދުވާރުގައި ފޮތިގަނޑެއް ފަތުރާލައިގެން ތަރުކާރީ ވިއްކާލަން އިންނަނީއެވެ. އަހަރެން މަންމަގާތު ދެން މަންމަ ތިޔަހާ ބުރަ މަސައްކަތް ކުރަންނޫޅޭށޭ ބުނުމުންވެސް މަންމަ އެކަމެއް ދުލެއްނުކުރިއެވެ. ފުރަތަމަ މުސާރަ ނެގިދުވަހު އަހަރެން އައިސް އަހަރެންގެ މުސާރައިން މަންމައާ ޙަވާލުކުރީމެވެ. އޭގައި ހިފުމަށްވެސް މަންމަ އިންކާރުކުރިއެވެ. އަދި ބުނެލިއެވެ. ދަރިފުޅާއެވެ. ތިޔައީ ދަރިފުޅުގެ ފައިސާއެވެ. ދަރިފުޅުގެ މުސްތަޤްބަލަށްޓަކާ ދަރިފުޅުގެ އަތުގައި ތިޔަފައިސާ ރައްކައުކުރާށެވެ. މަންމަގެ އަތުގައި މަންމައަށް ފުދޭވަރަށް ފައިސާ އެބަހުއްޓެވެ. މަންމަގެ ހަވަނަ ދޮގަކީ މިއީއެވެ.
ދެން އަހަރެން ވަޒީފާގައި އުޅެމުން ދެވަނަ ޑިގްރީއަށް ކިޔަވަން ފަށައިފީމެވެ. އަހަރެން އެމްއޭ ނިންމައިފީމެވެ. މުސާރަވެސް ބޮޑުވެއްޖެއެވެ. އަހަރެން އެއިރު މަސައްކަތް ކުރަމުންދިޔައީ ޖަރުމަނުވިލާތުގެ ކުންފުންޏެއްގައެވެ. އެތަނުން އެމީހުންގެ ހެޑްއޮފީހުގައި މަސައްކަތްކުރުމަށް އަހަންނަށް ފުރުޞަތު ދީފިއެވެ. އަހަރެން ޖަރުމަނުވިލާތަށް ދިއުމަށެވެ. އަހަރެން ވަރަށް އުފާވިއެވެ. އަހަންނަށް އައު ޙަޔާތަކަށް ފެށުނުކަމުގެ އުފާވެރިކަން އިޙްސާސްވިއެވެ. ބާއްޖަވެރި ދިރިއުޅުމެގެ ފެށުން ކުރިމަތިވީ ކަމުގެ ޝުޢޫރު ހިތަށް ވެރިވިއެވެ. އަހަރެން ޖަރުމަނަށް ގޮސް އެތާގައި ހަމަޖެހިލައި، ފްލެޓެއް ހޯދުމަށްފަހު، އަހަންނާއެކު އުޅުމަށް އައުމަށް މަންމަގެ ގާތުން އެދުނީމެވެ. އެހެނަސް މަންމަ ޖަވާބުގައި ބުނަނީ މަންނަމަ ދިއުމުން ދަރިފުޅަށް ދަތިވާނެވާހަކައެވެ. އަދި މަންމައަށް އެކަހަލަ މާހައުލެއްގައި އުޅެންވެސް ނޭނގޭނެވާހަކައެވެ. އެއިރުން ދަރިފުޅުގެ މަސައްކަތަށް ބުރޫއަރާނީނޫންހެއްޔެވެ. މިއީ މަންމަ ރުހޭކަމެއް ނޫންކަމަށެވެ. އަދި ބުންޏެވެ. ދަރިފުޅާއެވެ! ތިޔަހާ އުފާވެރި ދިރިއުޅުމެއް އުޅެން މަންމައަށް އާދަވެފައެއް ނެތެވެ. މަންމައަށް ތިޔަފަދަ ދިރިއުޅުން އުޅޭކަށެއް ނޭނގޭނެއެވެ. އާދެ، މިއީ މަންމަގެ ހަތްވަނަ ދޮގެވެ.
މަންމަގެ ޢުމުރު މައްޗަށް ހިނގައްޖެއެވެ. މުސްކުޅި ޢުމަރަށް އަޅައިފިއެވެ. މަންމަގެ ލޮލުގައި ކެންސަރު ޖެހިއްޖެއެވެ. އެހިނދު މަންމަގެ ގާތުގައި މަންމަގެ ބައްޔަށް ފަރުވާދޭނެ، މަންމައަށް އެހީތެރިކަންދޭނެ މީހަކު ހުރުމީ ކޮންމެހެން ބޭނުންކަމެކެވެ. އަހަރެން ކުރާނީ ކީއްހެއްޔެވެ. އަހަންނާ އަހަރެންގެ ލޯބިވާ މަންމައާ ދެމެދު އެތަކެއް ޤައުމެއްގެ ދުރުރާސްތާ އެބަހުއްޓެވެ.
އަހަރެން ހުރިހާ ކަމެއް ދޫކޮށްލައިފީމެވެ. މަންމަ ދެކިލަން މަންމަގެ ގާތަށް ދިޔައިމެވެ. އަހަރެން ދިޔައިރު މަންމައޮތީ ވަރަށް ބަލިޙާލުގައެވެ. އެއިރު ވަނީ އޮޕަރޭޝަނެއްވެސް ކޮށްފައެވެ. އަހަރެން ފެނުމުން މަންމަ ގަދަކަމުން ހިނިތުންވެލިއެވެ. ނަމަވެސް އަހަރެން އެކަމާ އުފަލެއްނުވިއެވެ. އަހަރެންނަށް ވަރަށް އަސަރުކުރިއެވެ. މަންމައޮތީ ވަރަށް އަނަރޫފަވެފައެވެ. މަންމަ ބަލާފައި މީހަކަށް އެއީ މަންމަކަން ނޭގޭހާ ވަރަށް އޮތީ ނިކަމެތިވެފައެވެ. އެއީ އަހަރެން ކުރީގައި ދުށް މަންމައެއް ނޫނެވެ. މުޅިން ބަދަލުވެއްޖެއެވެ.
އަހަރެންގެ ލޮލުން ހޯސްލާފައި ކަރުނަ އޮހިގެން އަންނަން ފެށިއެވެ. އިޚްތިޔާރަކާއި ނުލައެވެ. މަންމަ އަހަރެންގެ ހިތްހަމަ ޖައްސައިދޭން އުޅުނެވެ. އަދި ބުނެލިއެވެ. ދަރިފުޅާއެވެ. ނުރޯށެވެ. ހިތާމަ ނުކުރާށެވެ. މަންމައަށް މާބޮޑު ކަމެއް ނުވެއެވެ. މިހާރު ވޭނެއްވެސް ނާޅައެވެ. މިއީ މަންމަގެ އަށްވަނަ ދޮގެވެ. މިހެން ބުނުމާއެކު މަންމަގެ ދެލޯމެރިއްޖެއެވެ. ދެން އެއަށްފަހަކުން ނުހުޅުވުނެވެ. އަބަދަށްޓަކާ ލޯމެރުނީއެވެ.
މިއީ ތިޔަބޭފުޅުންގެ ތެރޭން ތިމާގެ ޙަޔާތުގައި ތިމާއަށް މަންމަގެ ލޯބިލިބުނު ކޮންމެ މީހަކަށް އަޅުގަނޑުގެ ފަރާތުން ހުށަހަޅާ ހަދިޔާއެކެވެ. ޢިބްރަތުގެ ފިލާވަޅެކެވެ. ތިޔައިން ކޮންމެ ބޭފުޅަކުވެސް ތިމާގެ މަންމަ ތިމާއާ ވަކިވެ، ތިމާ އެކަމަށް ހިތާމަ ކުރަންޖެހުމުގެ ކުރިން ﷲގެ ޙަޟްރަތުން ތިމާއަށް ލިބިފައިވާ މަންމަގެ ނިޢުމަތަށް ރައްކައުތެރިވާށެވެ! އޭނާގެ ހިތާއި ތިމާގެ ހިތަކީ އެއްހިތަކަށް ވެވޭތޯ މަސައްކަތްކުރާށެވެ!
މިއީ ތިމާގެ ޙަޔާތުގައި ތިމާގެ ލޯބިވާ މަންމަ ލިބުމުން، ނުވަތަ މަންމަގެ ލޯބި ލިބުމުން މަޙްރޫމުވެފައިވާ ކޮންމެ މީހަކަށް އަޅުގަނޑުގެ ފަރާތުން ދިއްކޮށްލާ އިލްތިމާސުގެ ހަދިޔާއެކެވެ. އަބަދުވެސް ހަނދުމަ ބަހައްޓާށެވެ. އަހަރެމެންނަށްޓަކައި އޭނާ ވީޤުރުބާނީއާއި އުފުލި ބުރަތަކާއި ކެތްކުރި ވޭނީ ކެކުޅުންތަކާމެދު އަބަދުވެސް ހަނދުމަބަހައްޓާށެވެ! އަދި ގިނަގިނައިން މަންމައަށްޓައި ދުޢާކުރާށެވެ. އޭނާގެ ފާފަ ފުއްސަވައިދެއްވުމަށާއި އޭނާއަށް ރަޙްމަތްލެއްވުމަށްއެދި ތާއަބަދު ﷲ އަށް ދަންނަވާށެވެ!
އޭ މަގޭ ލޯބިވާ މަންމާއެވެ! އަހަރެން މަންމަދެކެ ވަރަށް ލޯބިވަމެވެ. ވަރަށް ލޯބިވަމެވެ.
-ނިމުނި-















I first heard this story from Sheikh Dr. Muhammed Sahib Anwar. This is the second time I am reading this story but yet this story still has the power to move me. Sheikh Hussein Rasheed has done a fantastic job to capture the eloquence of the story in dhivehi.
ވަރަށް ރީތި، ވަރަށް އަސަރު ގަދަ
varah rethi vaahaka eh
dheloa ves fenkalhivay mi vaaahaka keema
thnks for updating these kind of stories
އިބުރަތުން ފުރިގެންވާ ވަރަށް ރީތި އެހާމެ އަސަރުގަދަ ވާހަކައެއް
ވަރަށް އަސަރުގަދަ…….
ވަރަށް ދެރަވެއްޖެ!! ވަރަށް އަސަރުގަދަ