ރިޕޯޓް ޢިލްމުވެރިންގެ ވާޖިބަށް ހުރަސް ނާޅާށެވެ!

ޢިލްމުވެރިންގެ ވާޖިބަށް ހުރަސް ނާޅާށެވެ!

ޢިލްމުވެރިންގެ ވާޖިބަށް ހުރަސް ނާޅާށެވެ!

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

މި ޤައުމަކީ މާތް ﷲ ގެ އެއްކައުވަންތަކަން ޤަބޫލުކޮށްގެން އުޅޭ ބަޔަކު ދިރިއުޅޭ އިސްލާމީ ދައުލަތެކެވެ. އަޅުގަނޑުމެންގެ ފަޚުރު ގުޅިފައިވަނީ އިސްލާމްދީނާއެވެ. އަޅުގަނޑުމެންގެ މަތިވެރިކަމަކީ އިސްލާމްދީނެވެ.

ނަމަވެސް މިހާރު މިކުޑަކުޑަ ދީބުގައި މާތް ﷲ ގެ ދީނަށް ދަޢުވަތު ދެއްވާ ޢިލްމުވެރިންނަށް ފުރައްސާރަ ތަކެއް ކުރެވި، އެބޭފުޅުންގެ ވާޖިބަށް ހުރަސްތަކެއް އެޅެމުންދާކަމީ ކޮޅުނެއް ކޮޅަށް ހިތާމަ ހުރިކަމެކެވެ.  އެފަދަ އަމަލުތައް ކުރާ މީހުން އެކަން ކުރަމުންދަނީ ތަފާތު ބަހަނާތަކާ އެކުއެވެ.

ޢިލްމުވެރިންނަކީ ދީނީގޮތުން އެބޭފުޅުންގެ ކޮނޑުފުޅުތަކުގައި މަތިވެރި ޒިންމާއެއް އެޅިފައިވާ ބައެކެވެ. އެއީ މާތް ﷲ ގެ ދީން މީސްތަކުންނަށް ފޯރުކޮށްދިނުމުގެ ވާޖިބެވެ. އެހެންކަމުން، އެބައިމީހުންގެ އެ ޒިންމާއަށް އެއްވެސް ބަހަނާއެއްގައި ހުރަސް އެޅިގެން ދިއުމަކީ ވެގެންވާނޭ ކަމެއް ނޫނެވެ. އަދި ހަމައެހެންމެ، ދީނާ ސިޔާސަތު ވަކިކުރުމަކީ ޢަލްމާނީ ފަލްސަފާއެކެވެ. އެއީ އިސްލާމީ ފަލްސަފާއެއް ނޫނެވެ. އިސްލާމްދީނަކީ ޝާމިލު ދީނެކެވެ. އިސްލާމްދީނުގައި ވަނީ ސިޔާސަތުވެސް ހިމަނުއްވާފައެވެ. ޢިލްމުވެރިން ސިޔާސީ ވާހަކަ ދެއްކުމަކީ އެއްވެސް ހާލެއްގައި އިސްލާމްދީން މަނާކުރާ ކަމެއް ނޫނެވެ. މިއާ ޚިލާފަށް ބައެއް ހާލަތްތަކުގައި އެކަން އެގޮތަށް ކުރުމަށް ލާޒިމުވެސް ކުރާ ކަމެކެވެ. މާތް ﷲ ގެ ދީނުގެ ޙައްޤުގައެވެ.

ކޮންމެއަކަސް އަޅުގަނޑު ކަންބޮޑުވާ ކަމަކީ އިސްލާމްދީނުގެ ޢިލްމު އުނގެނިވަޑައިގެން ތިއްބެވި ޢިލްމުވެރިންނަށް އެބޭފުޅުންގެ ވާޖިބުތައް އަދާކުރެއްވުމަށް ބަޔަކު މީހުން ހުރަސްއަޅަމުންދާތީއެވެ. އެހެނީ ހުރަސް އެޅިގެން އެ ދަނީ މާތް ﷲ ގެ ދީނަށެވެ. ﷲ ގެ ކަލާމްފުޅު މީސްތަކުންނަށް ބަޔާންކޮށްދިނުމަށް ހުރަސް އެޅިގެން ދަނީއެވެ.

ކަމަކީ ނުރައްކާތެރި ކަމެކެވެ. އެހެނީ ހެޔޮ ކަންތައްތައް މަނާ ކުރުމަކީ މުނާފިޤުންގެ ސިފައެކެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި މުނާފިޤުން ސިފަކުރައްވާފައިވާ އާޔަތެއްގައި ވެއެވެ.

(( الْمُنَافِقُونَ وَالْمُنَافِقَاتُ بَعْضُهُم مِّن بَعْضٍ ۚ يَأْمُرُونَ بِالْمُنكَرِ وَيَنْهَوْنَ عَنِ الْمَعْرُوفِ )) / (التوبة : 67)

މާނައީ: " މުނާފިޤު ފިރިހެނުންނާއި މުނާފިޤު އަންހެނުންނީ، އޭގެ އެއްބަޔަކު އަނެއްބަޔެއްގެ ތެރެއިންވާ ބަޔެކެވެ. އެބައިމީހުން ނުބައި ކަންތަކަށް އަމުރުކޮށް، ހެޔޮ ކަންތައް މަނާކޮށް އުޅެތެވެ."

މިހާރު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ މިފަދަ މަންޒަރު ތަކެކެވެ. ނުބައި ކަންތައް ކުރުމަށް އަމުރުކޮށް އެކަމަށް ހިތްވަރު ދެވޭ ތަނެވެ. ޑީޖޭއާއި މިޔުޒިކު ޝޯވް ދިނުން ފަދަ މުންކަރާތްތަކަށް ތަރުހީބު ދެވެއެވެ. ނަމަވެސް މާތް ﷲ ގެ ގެކޮޅުތަކުގައި ދަރުސް ދިނުމާއި ޤުރުއާން ކިޔެވުން މަނާ ކުރެވެއެވެ. ކޮންމެ ފަދަ ބަހަނާއެއްގައި ކުރެވުނަސް، އެ މަނާ ކުރެވެނީ ހެޔޮ ކަންތައްތަކެއް ނޫންތޯއެވެ؟

އަޅުގަނޑުމެންގެ ލޭ ހިނގާ އަޚުންތަކެއް ނުކުމެ މިފަދަ ހެޔޮ ކަންތައް މަނާކޮށް ޤަރާރު ކުރަމުންދާއިރު، އެބައިމީހުންގެ ހިތުގައި މާތް ﷲ އަށް ބިރުވެތިކަމުގެ ވިންދެއް ނުޖަހަނީތޯއެވެ؟ މުނާފިޤުންގެ ސިފައިން ސިފަ ލިބިދާނެކަމުގައި ބިރު ހީނުވަނީތޯއެވެ؟ ބައެއްފަހަރު، އަޅުގަނޑުގެ ބަސް ހުއްޓިގެންދާ ފަދަ ކިތަންމެ ކަމެއް ހިނގާފައިވެއެވެ. ގިނަ ފަހަރަށް އެކަންތައް ކުރަމުންދަނީ އަޅުގަނޑުމެން މަތީ މަޤާމުތަކަށް އިންތިޚާބު ކޮށްފައި ތިބޭ އިއްޒަތްތެރިންނެވެ.

އަޅުގަނޑުމެންގެ ތެރެއިން މިފަދަ ކަންތައް އެނގިގެން ވިޔަސް ނޭނގި ވިޔަސް ކުރަމުންދާ އަޚުންނަށް އަޅުގަނޑު ގޮވާލަނީ މާތް ﷲ އަށް ބިރުވެތިވާށޭއެވެ.  މާތް ﷲ ގެ ދީނަށް ދަޢުވަތު ދެއްވާ އެއްވެސް ޢިލްމުވެރިއެއްގެ ވާޖިބަށް ސިޔާސީ ހަސަދަވެރިކަމާ ހެދި ހުރަސް ނާޅާށޭއެވެ. ޤަބޫލު ކުރިޔަސް ނުކުރިޔަސް  ހުރަސް އެޅިގެން އެދަނީ މާތް ﷲ ގެ ދީނަށް ކަމާމެދު ޝައްކެއްނެތެވެ.

  (( وَمَنْ أَظْلَمُ مِمَّن مَّنَعَ مَسَاجِدَ اللَّـهِ أَن يُذْكَرَ فِيهَا اسْمُهُ وَسَعَىٰ فِي خَرَابِهَا ))/ (البقرة: 114)

މާނައީ: " اللَّه ގެ މިސްކިތްތަކުގައި އެކަލާނގެ އިސްމުފުޅު ނަންގަތުން މަނާކޮށް، އަދި އެތަންތަން (ފަޅުކޮށް) ޚަރާބުކުރުމަށް މަސައްކަތްކޮށްފި މީހަކަށްވުރެ އަނިޔާވެރިކަންބޮޑީ ކާކުހެއްޔެވެ؟"

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.