އިޒްރޭލުގެ ޖަލުގައި ބަނޑުހައިހޫނުކަމުގެ ޙަޅުތާލުކުރަމުން ގެންދާ ފަލަސްޠީނުގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މަޙްމޫދު އައްސަރްސަކްގެ ފުރާނައަށް ނުރައްކާވެފައިވާކަމަށް އިންސާނީޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުން ހާމަކޮށްފިއެވެ.
އިންސާނީޙައްޤުތަކަށް މަސައްކަތްކުރާ އިޒްރޭލުގެ މިނިވަން ޑޮކްޓަރުންގެ ޖަމްޢިއްޔާއަކުން ހާމަކުރި ގޮތުގައި މާރޗްމަހުގެ މެދެއްހާ ހިސާބުން ފެށިގެން ހަރު އެއްވެސް އެއްޗެއް ކައިފާނުވާ ސަރްސަކްގެ ފުރާނަ " ކޮންމެ ވަގުތަކުވެސް" ހިނގައިދާނެއެވެ.
އެޖަމްޢިއްޔާއިން އިތުރަށް ބުނި ގޮތުގައި ސަރްސަކްގެ ޙާލު އެހާ ސީރިއަސްކޮށް އޮތްއިރުވެސް އިޒްރޭލުގެ ޖަލުތައް ބަލަހައްޓާ އިދާރާއިން ވަނީ އެޖަމާޢަތު ޑޮކްޓަރުންގެ ޓީމަށް ސަރްސަކްގެ ޙާލު ބެލުމަށް ހުރަސްއަޅާފައެވެ. އަދި އެކަށީގެންވާ ފަރުވާ ދިނުމަށްޓަކައި ޢާންމު ހޮސްޕިޓަލަކަށް އޭނާ ބަދަލުކުރުމަށްވެސް އިންކާރުކޮށްފައެވެ.
3 މަސްދުވަސް ވާން ކައިރިވެފައިވާ ބަނޑުހައި ހޫނުކަމުގެ ހަޅުތާލުގެ ސަބަބުން 25 އަހަރުގެ ސަރްސަކްގެ ބަރުދަން ވަނީ ވަރަށް ބޮޑަށް ލުއިވެފައެވެ. އަދި މިހާރު ސަރްސަކްގެ ސިކުނޑިވެސް ރަގަޅަށް މަސައްކަތްނުކުރާކަމަށް ޑޮކްޓަރުން ހާމަކުރެއެވެ.
އެއްދުވަސްވަރެއްގައި ފަލަސްޠީނުގެ ޤައުމީ ފުޓްބޯޅަ ޓީމުގެ އެންމެ އުންމީދީ ކުޅުންތެރިެއްގެ ގޮތުގައި ފާހަގަކުރެވުނު ސަރްސަކް، އިޒްރޭލުން ހައްޔަރުކޮށްފައި ވަނީ 2009 ވަނަ އަހަރުގެ ޖުލައި 22 ވަނަ ދުވަހު ހުޅަނގު އައްސޭރީގައި އޮތް ފުޓްބޯޅަ މެޗެއްގައި ބައިވެރިވުމަށް ދަތުރުކުރަނިކޮށް އޭނާއަކީ އިސްލާމިކް ޖިހާދުގެ މެންބަރެއްކަމަށް ބުނެއެވެ. ނަމަވެސް މިވީހާ ތަނަށްވެސް އިޒްރޭލުން ސަރްސަކްގެ މައްޗަށް އެއްވެސް ދަޢުވާއެއް އުފުލާފައެއްވެސް އަދި އެއްވެސް ކޯޓަކަށް ޙާޒިރުކޮށްފައެއްވެސް ނުވެއެވެ.
މީގެ ހަފްތާތަކެއް ކުރިން އިޒްރޭލާއި ފަލަސްޠީނާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން އިޒްރޭލުގެ ޖަލުތަކުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލުކުރަމުން ގެންދިޔަ ފަލަސްޠީނުގެ 2000 އަށް ވުރެ ގިނަ އަސީރުން އެމީހުން ކުރަމުން ގެންދިޔަ ހަޅުތާލު 28 ދުވަހަށް ފަހު ހުއްޓާލި ނަމަވެސް ސަރްސަކް ވަނީ އެކަމަށް ދެކޮޅުހަދާފައެވެ.
ޣައްޒާގައި ދިރިއުޅެމުންގެންދާ ސަރްސަކްގެ ޢާއިލާއަށް އޭނާ ހައްޔަރުކުރިފަހުން އޭނާ އާއި ބައްދަލުކުރުމުގެ ހުއްދަ އިޒްރޭލުން ދީފައެއްނުވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...