ސުވާލު:
މުރުތައްދުވެފައިވާ މީހަކާ ދޭތެރޭ ކަންކުރަން ޖެހޭ ގޮތަކީ ކޮބައިތޯ؟ އަދި މުރުތައްދުވި މީހަކާ މުސްލިމް އަޚަކާ މުއާމަލާތް ކުރުމުގައި ތަފާތު ގޮތްތަކެއް ބަހައްޓަން ޖެހޭތޯ؟
ޖަވާބު:
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ފުރަތަމަ މުރުތައްދުވުމަކީ ކޮބައިކަމާއި މުރްދަތައްދުވާނެގޮތް ދެނެގަތުން މުހިންމު ކަމުގައި ދެކެމެވެ.
މުރްތައްދުވުމަކީ: އިސްލާމެއްގެ ގޮތުގައި ހުރެފައި ކާފަރުވުމެވެ. ނުވަތަ އިސްލާމްދީން ދޫކޮށްދިޔުމެވެ.
މުރްތައްދުވާ ގޮތްތައް:
1. ޢަގީދާގެ ގޮތުން މުރްތައްދުވުން، މިޘާލަކަށް: ﷲ އަށް ޝަރީކު ކުރުން، ނުވަތަ ﷲ ވޮޑިގެންވާ ކަމާއިމެދު އިންކާރުކުރުން، ނުވަތަ ﷲ އަށް ޘާބިތު ޞިފަ އަކާއި މެދު އިންކާރުކުރުން، ނުވަތަ ﷲ އަށް ދަރިކަލަކުވާ ކަމަށް ގަބޫލުކުރުން، މިފަދަ އެތައް ކަންތައްތަކެވެ.
2. ދުލުންބުނާބަހެއްގެ ސަބަބުން މުރްތައްދުވުން، މިޘާލަކަށް: ﷲ އަށް އެއްޗެހި ކިޔުން، ނުވަތަ ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ އަށް އެއްޗެތި ކިޔުން. (ބަދުބަސް ބުނުން)
3. ކުރާކަމެއްގެ ސަބަބުން މުރްތައްދުވުން، މިޘާލަކަށް: ހަޑިތަނަކަށް މުޞްޙަފް އެއްލައިލުން، ނުވަތަ ބުދަކަށް، އިރަށް، ހަނދަށް ނުވަތަ އެނޫންވެސް އެއްޗަކަށް އަޅުކަންކުރުން.
4. ކަމެއްދޫކޮށްލުމުން މުރްތައްދުވުން: މިޘާލަކަށް ދީނުގެ ޝިޢާރުތައްފާޅު ކުރުމުން އެއްކިބާވެގަތުން، ނަމާދު،ރޯދަ، ޒަކާތް އަދި މިނޫންވެސް އެހެން ޝިޢާރެއްފާޅު ކުރުމުން ދުރުހެލިވުން.
މުރްތައްދުވާމީހާގެ ޙުކުމް:
ބުއްދިސަލާމަތުންހުރި، ބާލިޣްވެފައިވާމީހަކު އަމިއްލަ އިޚްތިޔާރުގައި އިސްލާމްދީން ދޫކޮށްލައިފިކަމަށްވަނީނަމަ، އޭނާއަކީ މުރްތައްދުވެފައިވާ މީހެއްކަމުގައި ކަނޑައެޅޭނެއެވެ. އަދި އެފަދަމީހަކު ގަތުލުކޮށް އެމީހަކު ހިނަވާކަފުންކުރުމެއްނެތި، ވަޅުލާނީއެވެ. އެފަދަމީހެއްގެ މައްޗަށް ކަށުނަމާދު ކުރުމެއް ނޯންނާނެއެވެ. އަދި މުސްލިމް ގަބުރުސްތާނަކުވެސް ވަޅެއްނުލެވޭނެއެވެ.
މުރްތައްދުވާމީހާގެ ޙުކުމް އަކީ ގަތުލުކުރުންކަން ދަލީލުކޮށްދޭ ދަލީލަކީ ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަގެ ޙަދީޘް ފުޅެވެ. އަކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. (من بدل دينه فاقتلوه) މާނައަކީ: "ދީންބަދަލުކޮށްފިމީހާ ގަތުލުކުރާށެވެ". މިތަނުގައި ދީންބަދަލުކޮށްފިމީހާއޭ އިން ބަހުގެ މާނައަކީ އިސްލާމްދީނެވެ.
އެހެން ޙަދީޘް އެއްގައިވެއެވެ. " لا يحل دم امرئ مسلم يشهد أن لا إله إلا الله وأني رسول الله إلا بإحدى ثلاث : النفس بالنفس ، والثيب الزاني ، والتارك لدينه المفارق للجماعة "މާނައަކީ: ﷲ ގެ އެއްކައުވަންތަކަމާއި ތިމަންރަސޫލާގެ ރިސާލަތު ގަބޫލުކޮށްގެންހުރި މީހެއްގެ ލޭ ތިންކަމުންކުރެ ކަމެއްގައި މެނުވީ ހުއްދަވެގެންނުވެއެވެ. އެއީ: ނަފްސެއްގެ ފުރާނަ ދުއްވާލުން، ކައިވެނިކުރުމަށްފަހު ޒިނޭކުރުން، އިސްލާމްދީން ދޫކޮށްލާ ޖަމާޢަތާއި ވަކިވެގަތުން".
އިސްވެދިޔަ ދަލީލުތަކުން ދޭހަވެގެންދަނީ އިސްލާމްދީނުގައިހުރެ އެދީން ދޫކޮށްފިމީހާ މެރުމަކީ ޝަރީޢަތުން ކަނޑައަޅުއްވާފައިވާ ގޮތްކަމެވެ. އަދި އެއީ އިންސާނުން އަމިއްލައަށް ހަދައިގެން އުޅޭ ޙުކުމެއް ނޫންކަމެވެ. ﷲ އާއި ރަސޫލާގެ އަމުރުފުޅުތަކަށް ކިޔަމަންގަތުމަށް އަހަރުމެންނަށްވަނީ އަންގަވާފައެވެ. މާތް ﷲ ވަޙީކުރައްވައެވެ. ((أطيعو الله وأطيعو الرسول و أولي الأمر منكم)) النساء: ٥٩ މާނައަކީ: "ތިޔަބައިމީހުން ﷲ އާށް ކިޔަމަންގަންނާށެވެ. އަދި ރަސޫލާއަށާއި ވެރިންނަށް ކިޔަމަންގަންނާށެވެ".
ވުމާއިއެކު މުރްތައްދުވާމީހުން ގަތުލްކުރެވެނީ އިސްލާމްދީނުގައި އެކަމަށް އަންގަވާފައިވާތީ ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުންނެވެ.
އިސްލާމްދީނަކީ އެންމެ ޙައްގުދީންކަން އެނގި، އެދީނަށްވަދެ، އެދީނުގައިވާ ކަންތައްތައް ކުރުމަށްފަހުގައި، ހިތުހުރިވަގުތަކު ދީންދޫކޮށްދިޔުން ހުއްދަކުރުމަކީ ކޮންގޮތަކުން ކުރެވޭނެ ކަމެއްތޯއެވެ. އެގޮތަށް އެހާފަސޭހަ ކަމާއިއެކު ދީނުން ބޭރުވެވޭ ކަމަށްވަނީނަމަ އޭނާއަށް އޭގެ ސަބަބުން ކޮށްފާނެ އަޘަރާއިމެދު ވިސްނާލަން ޖެހޭނެއެވެ. އެހެނީ، ޙައްގުއެނގި އެޔަށް ތަބަޢަވެފައި ހުރިމީހަކު އެހާފަސޭހަކަމާއިއެކު ދީނުން ބޭރުވިޔަދިނުމަކީ އެމީހެއްގެ ޙައްގުގައި ކުރެވޭ ބޭއިންސާފުވެރިކަމެކެވެ. އޭގެ ބަދަލުގައި އޭނާ ޙައްގު ގޮތުގައި ހިފެހެއްޓުމަށް ބާރުއަޅަންޖެހެއެވެ. އޭނާ ނަރަކައިގެ ހޫނުކަންގަދަ އަލިފާންގަނޑުން ސަލާމަތް ކުރެވޭތޯ މަސައްކަތްކުރަން ޖެހެއެވެ. މުރްތައްދުވެއްޖެނަމަ މަރުގެ އަދަބު ލިބޭނެކަން އެނގުމުން އެކަމާއިމެދު ފިކުރުކޮށްވިސްނާލުމަށް އޭނާ އަށް ފުރުޞަތުލިބިގެންދެއެވެ. އަދި އަލަށް އިސްލާމްދީނަށް ވަންނަ މީހުންނަށްވެސް މިދީނަކީ ކުޅޭކުޅޭ އެއްޗެއް ނޫންކަމާއި، މިދީނަށް ވަންނަން ޖެހޭނީ އިޚްލާޞްތެރި ހިތަކައިގެން ރަގަޅު ގޮތުގައި ޙަޔާތުގެ ބާކީ އޮތްބައި ހޭދަކުރުމަށްކަން ދަންނަންޖެހޭނެއެވެ. ފިހާރައަކަށްވަދެ ނިކުމެ ހަދާގޮތަށް ދީނަށްވަދެ ނިކުމެ ހެދިޔަދީގެން ނުވާނެ ކަމެވެ. އެހެންކަމުން އެހެންމީހުންނަށްވެސް ޢިބްރަތަކަށްޓަކައެވެ. އަދި ޙައްގު ގޮތުގައި ޘާބިތުވެ ތިބުމަށް ބާރުއެޅުއްވުމުގެ ގޮތުންނެވެ. އަނެއްކޮޅުން މުރްތައްދުވީމީހާ އަކީ ޙައްގު ނުއެގިހުރި މީހެއްވެސް ނުމެނޫންމެއެވެ. އަދިކިއެއްތަ، ޙައްގު ރަގަޅަށް އެނގި އަޅުކަންތައް އަދާކޮށް ހަދާފައިވާ މީހެކެވެ. އެހެންކަމުން މިފަދަ މީހުން އިތުރަށް ޙަޔާތުގައި ގޯސްހަދަން ބޭތިއްބުމަކީ މުޖްތަމަޢުގެ އެހެންމީހުންނަށްވެސްހުރި ބިރުވެރި ކަމެކެވެ.
މިހުރިހާކަމެއްގެ އިތުރުން މިޙުކުމް ބަޔާން ކުރައްވާފައިވަނީ މާތް ﷲ ގެ އަމުރުފުޅަށް އެކަލާނގެ ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމް އެވެ. މިއީ، މީސްތަކުން އަމިއްލަ އަށް ހަދައިގެން އުޅޭ ޙުކުމްއެއް ނޫނެވެ. އެހެންކަމުން ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ ﷲ މިގޮތަށް އެންގެވުމުން އަޅުގަޑުމެންނަށް އޮތީ އެޙުކުމް އަށް ތަބަޢަވެ އެޙުކުމް ތަންފީޒު ކުރުމެވެ. ކޮންމެ ކަމެއްވެސް އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވަނީ ބޮޑެތި ޙިކްމަތްތަކަކަށްޓަކައެވެ. އަޅުގަޑުމެންގެ ކޮށިބުއްދި އަށް ވިސްނުނު ކަމުގައިވީނަމަވެސް ނުވަތަ ނޫން ނަމަވެސް އެވެ. والله أعلم
ނޯޓް: މިއީ ރާއްޖެއިސްލާމް ސުވާލާއި ޖަވާބުން ނަގާފައިވާ ސުވާލެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...