އަޅުގަނޑުމެންގެތެރޭގައިވެސް ރޯދަމަހާއި ގުޅިގެން މިފަދަ ހަމައަކުން ރޯދައަށް ތައްޔާރުވާބައިވަރުމީހުން އެބައުޅެއެވެ. އެކަމަކު ކުރިންދެންނެވުނު އަޞްޙާބުންނާއި އެއްފަދަ އުޞޫލެއްބޭނުންކުރިއަސް އެމީހުން މިކުރަނީ އަޞްޙާބުންކުރެއްވިކަހަލަ ޢަމަލުތަކެއްނޫނެވެ. މިބައިމީހުންވެސް ރޯދަމަހުގެ ކުރިއަށް އޮންނަ މަސްތަކުގައި ރޯދަމަސް އަންނަންވާއިރަށް ވަރަށްގިނަ ތައްޔާރުތައް ވޭމެއެވެ. މިސާލަކަށް މުނިފޫހިފިލުވުމުގެ ދާއިރާއަށް ބަލާލަމާހިނގާށެވެ. އެދާއިރާއިންއެންމެ މަޝްހޫރު އުފެއްދުމަކަށް ވެފައި މިއޮންނަނީ "އެހަނދާނެވެ". މިކަމުގައި އުޅޭމީހުން މިވިސްނަނީ ރޯދަމަހު ކިޔާނީ ކޮންލަވައެއްތޯއެވެ؟ ސްޓޭޖަށް އަރާ ލައްވާނީ ކޮންކަހަލަބަނޑިތަކެއްތޯއެވެ. ސްޓޭޖަށް އަރާނީ އަނެއްޖިންސުގެ ހިލޭ މީހުންގެ ތެރެއިން ކާކުގެ އަތުގައި ހިފައިގެންތޯއެވެ. އަޅާނީ ކޮންކަހަލަ ހެދުމެއްތޯއެވެ. (ފިރިހެނެއްވިއްޔާ ހަށިގަނޑުގެ ވީހާވެސް ބޮޑުބައެއް ނިވާ ކުރުމަށް ސަމާލުކަންދޭނެއެވެ. އަންހެނެއްވިއްޔާ ހަށިގަނޑުގެ ވީހާވެސް ބޮޑުބައެއް ހާމަކުރުމަށް އިސްކަންދޭނެއެވެ.) ކުޅޭނީ ކޮންކަހަލަ މިއުޒިކެއްތޯއެވެ. "ހަނދާން އާކުރާނީ" މަރުވެގޮސްފައިވާ އަހަރުމެންގެ އަޚުންނާއި އުޚުތުންގެ ތެރެއިން ކާކުގެ ތޯއެވެ؟ ދެން މިކަންކަމަށް ގޮތްތަކެއް ކަނޑައެޅުމަށްފަހު ދެން އެވީ ތައްޔާރީތައްފަށާށެވެ.
މިކަންކަމުގައި ތިމާމެންގެ މުދަލާއި ވަގުތު އިސްރާފުކުރުމުގައި ހޭބޯނާރާ އުޅެއުޅެތިއްބާ ރޯދަމަސް އައިސް ޖެހިދެއެވެ. ދެން އެވީ ސްޓޭޖްތަކުގަޔާއި ސްޓޫޑިއޯތަކުގައި އެމީހެއްގެ ހުރި ފެންވަރަކާއި ފަންވަރެއް ދައްކާށެވެ. ޙަރާމެއް ޙަލާލެއްބެލުމެއްނެތި ރޯދަމަހުގެ މާތް ރޭތަކާއި ދުވަސްތައް މިކަންކަމުގައި އެވެރިން ބޭކާރުކޮށްލައެވެ. އެތަންތަނަށް ނާރާތިބިއެންމެންހެން އެވެރިންގެ އެކުޅިވަރު އަޑުއެހުމާއި ބެލުމުގައި ވަގުތުތައް ދުއްވާލައެވެ. (އެންމެ އިސް ސަފުގައި ބަލަން އަދި އަތްޖަހަން ތިބޭނީ މައިންބަފައިންނެވެ. އިނދެގެން އުޅޭމީހާއާއި ދަރިންނެވެ. އެއްބަޑުއެއްބަފާ އަޚުންނާއި އުޚުތުންނެވެ. އަދި މިނޫންވެސް ޢާއިލީގޮތުން ގާތް މީހުންނެވެ .) މީގެ އިތުރަށްވެސް އެތައްކަމެއް ރޯދަމަހަށްޓަކައި މިދާއިރާގެ މީހުން ފޫގަޅައެވެ. ބަދުއަޚުލާޤީ ޢަމަލުތަކަށް ހިތްވަރުދޭނޭ އާވީޑިއޯލަވަތަކާއި ތަފާތު ޑުރާމާތައް ރާވާ، އުފައްދާ އޮފުއަރުވާ އޮމާންކުރެތެވެ. އަދި ރޯދަމަސް ފެށުމާއެކު މިތަކެތި މީހުންނަށް ޓީވީ ބަލަން އެންމެ ފަސޭހަވާނޭ ވަގުތުތަކުގައި އެންމެ ގިނަމީހުން މަސައްކަތްތަކުން ހުސްވާ ވަގުތުތަކުގައި ބަލަން ބޭނުންވާ އެންމެންނަށް ހިލޭ ފޯރުކޮށްދެއެވެ. ރޯދަމަސް ނިމިގެންދާއިރު މިފަދަ ލަވައިގެ ވިހިބާވީސް ލަވަޔާއި ހަތަރުފަސް ޓެލެޑްރާމާ ބަލައިލުމުގެ ފުރުޞަތު މިވެރިން އެންމެނަށް ހޯދައިދެއެވެ.
ދެން ރޯދަމަސް ނިމުމުން ވަނީ ކިހިނެތްތޯއެވެ. ދެންނިކުންނާނީ ރޯދަމަހު މިކުރެވުނު މޮޅެތި ކަންތައްތަކުގެ ރެކޯޑިންގއެވެ. އޯޑިއޯ އަދި ވީޑިއޯ ސީޑީއާއި ވީސީޑީ އާއި ޑީވީޑީ ތަކެވެ. ރޯދަމަހު މިތަކެތީގެތެރޭގައި އުޅުނު އެންމެން މިތަކެތި ގަންނާނެއެވެ. ދެންއޮންނާނީ މިތަކެތި ރެއެއް ދުވާލެއްނެތި ތަކުރާރުކޮށް ބެލުމާއި އަޑުއެހުމެވެ. މަގުމަތިންނާއި ގޭގޭތަކުން، އޮފީސްތަކުންނާއި މަދަރުސާތަކުން ނުވިތާކަށް މިސްކިތްތަކުންވެސް (މޯބައިލްފޯނުގެ ޒަރީޢާއިން) އިވޭނީ އެއަޑުތަކެވެ. ފެންނާނީ އެމަންޒަރުތަކެވެ. މިހާރުމީ "އެދިގެންމިރޭ" ދާންޖެހޭ ދުވަސްވަރެވެ. "ނަންއެދުނަސް" ހޯދާލަންޖެހޭ ވަގުތެވެ. ކުރާނީކީއްތޯއެވެ؟ އަޑުއަހަން ބޭނުންނުވިޔަސް ގެއިންބޭރަށް ނިކުމެއްޖެނަމަ މިނޫންއަޑެއް ކަންފަތަކަށް ނީވެއެވެ. ފަސޭހައިން ލޯމަރާލެވުނަސް ކަންފަތް ބަންދުކުރުމަކީ ފަސޭހަކަމެއްނޫނެވެ. އެތަނަކަށް ދިއުމުން މިފަދައަޑެއް ނީވޭނެކަމުގެ ޔަޤީންކަމާއެކު ދާނޭތަނެއް ކަށްވަޅު ނޫނީ ވާހެނެއް އަޅުގަނޑަކަށް ހިޔެއްނުވެއެވެ. މިތަކެތި އަޅުގަނޑުމެންގެ ތެރެއަށް ފެތުރިފައިވަނީ އެހާވެސް ބޮޑަށެވެ. ދެން "އެދިގެންމިރޭ" ދިއުމުގެ މަސްތުގައި ދެން އަންނަ ރޯދަމަސް އަންނަންދެން ހުރިހާ އެންމެންހެން ތިބޭނެއެވެ. އެހާރުން އަލަށް ދެންދައްކާނެ ކުލަޔަކާއި މަންޒަރަކާއިގެން އެވެރިން ހޭބޯނާރާ އުޅޭނެތެވެ. ބުރުފުރިހަމަވީއެވެ. އަނެއްބުރުފަށަންވީއެވެ. އަނެއްކާވެސް އާމަސްތަކެވެ. އާކުލަތަކެކެވެ. ކޮންމެ ރޯދަމަހަކީ މުނިފޫހިފިލުވުމުގެ ޢީދެކެވެ. ނަވާވީސް ނުވަތަ ތިރީސް ދުވަހުގެ ޢީދެކެވެ. މިޢީދަށް ތައްޔާރުވާންށާއި ކުޅިވަރުހުށައެޅުމަށް ރޯދަމަހާއެކު ހަމަސްދުވަހެވެ. އެކުޅިވަރުތަކުގެ މަސްތުގައި ދެންއޮތް ހަމަސްދުވަހެވެ. މިއީ އަޅުގަނޑުމެންގެ ގިނަމީހުން ރޯދަމަހަށް ތައްޔާރުވެ އެމަހާ ބައްދަލުކޮށް އަދި އެމަސްފާއިތުވެދިއުމުން އަމަލުކުރާގޮތެވެ.
މިހާރު ރޯދަމަސްފެށެން ދޮޅުމަހަށް ވީއެވެ . އަދިވެސް މިތިބެވެނީ މިދިޔަރޯދަމަހުގެ"ނަންއެދުނަސް" ހޯދުމުގައެވެ.

















މީވަރަށް ބޮޑު ތެދެއް….ހިތާމަހުރިކަމެއް….ވިސްނަން ވެއްޖެކަމެއް…
އަޅުގަންޑުމެން މިއަދު އުޅެ ގެތަކަކީ ގޭގެ ފަންގި ވަރަށް ބަލިކަށި މަކުޑުވާފަދަ ބިތުފަންގީގެ ގެތަކެއް، އެފަދަ ގެތަކަ ޝައިތާނާގެ އަސަރު ނުކޮށެއް ނުހުންނާނެ ހާއްސަކޮށް ހެއުކަމުގެ މޫސުން ބަލަބާ އެސޮރުވެސް އެއުޅެނީ ވިހޭތާ ފެންނަގާށެ ބުނާގިތަށް އެސޮރު އަމަލުކުރޭ!އެހެންކަމުން ގެތަށް ވަރުގަދަ ކުރަންވީ އެސޮރަށް ނުވަދެވޭ ކަހަލަ މެޓީރިލް ބޭނުން ކޮއްގެން ހަމަޔަޤީނުން ވެސް އެންމެވަރުގަދަ މެޓީރިޔަލަކީ ތަޤުވާޔާއި ދީންވެރިކަން!
ހިތާމައިގެ ކޮޅެއްނެތް……އެބާއިމީހުންނަށާ އަޅަމެންނަށް ތެދުމަގަށް މަގު ދައްކަވާށި..