ޝާއިރަކު ޅެންބައިތަކު ވިދާޅުވެފައިވެއެވެ.
ދަރީންނީ މި އަމާނަތެކޭ މައިންބަފައިންނާއި ހަވާލުވެވޭ،
ﷲ ގެ ހައްޤޭ އަޅުތަކުނޭ މިކަމާއިމެދު ބިރުވެތިވާންވާނޭ
އަދިވެސް އެހެން ބައިތަކު ވިދާޅުވެފައިވެއެވެ.
ވިހެއީ ތާހިރު ދަރިފުޅެކޭ، ހުރިހާ ކުށަކުންވެސް މަޢުޞޫމޭ
އެފަހުން ދެން ދިން ތަރުބިއްޔަތެކޭ، ދެރޮނގުންނެ ދިނީ މައިންބަފައިންނޭ
ތުއްތު ތުއްތު ލޯބި ދަރިޔަކު ދުނިޔެއަށް އުފަންވުމާއެކު، ރުއިމާ ގިސްލުމުގެ އަޑުން ވިހާ ކޮޓަރި ހަލަބޮލި ކޮށްލައެވެ. އެއީ ގާތްގަނޑަކަށް ނުވަމަހާއި ނުވަ ދުވަހު މައިމީހާގެ ބަނޑުގައި ދަރިފުޅު ގެންގުޅުމަށްފަހުގައެވެ. މި ނުވަ މަހާއި ނުވަ ދުވަސް މަންމަ ދަރިފުޅަށްޓަކައި ހޭދަ ކުރީ ކޮންފަދައަކުންތޯއެވެ؟ ދަރިފުޅަށް ގެއްލުން ލިބިދާނެ އެންމެހާ ކަންތައްތަކުން ރައްކާތެރިވެ ދުރުހެލިވެއެވެ. އެތައް ރެއެއްގެ ނިދި ނަގާލައެވެ. އަދިވެސް އެތައް އެތައް ޤުރްބާނީއެއް ދުނިޔެއަށް އުފަންވާން އުޅޭ މަޢުޞޫމް ފުރާނައަށްޓަކައިވެދެވެ. ދަރިފުޅުގެ މަންމަ ދަރިފުޅަށްޓަކައި އުފުލަމުން އައި ބުރަޔަށް ކުޑަ ނަމަވެސް ލުއިކަމެއް ލިބިގެންދަނީ އެ ދަރިފުޅު ދުނިޔެއަށް ނޭވާލާ ހިސާބުންނެވެ. ރުއިމުގެ އަޑު އިވޭ ހިސާބުންނެވެ.
ދަރިފުޅުގެ ބައްޕަގެ ހާލަކީ ފަހެ ކޮބައިތޯއެވެ؟ ވިހާ ކޮޓަރީގެ ދޮރުގެ ކުރިމަތީގައި ގޮނޑިއެއްގައި އިށީނދެ އިނދެގެން އިންތިޒާރު ކުރަމުންދާނީ ތުއްތު ތުއްތު ރުއިމެއްގެ އަޑު ވިހާ ކޮޓަރިން އިވޭތޯއެވެ. ނަރުހެއް ފެނިއްޖެނަމަ ވިހައިފިތޯ ސުވާލުކޮށް، އަދިވެސް ހިތުގައި އުފެދޭ އެނޫން ސުވާލުތައް ބަންޑުންކޮށްލައެވެ.
ނަމަވެސް........................ !!!!!!
ދަންނަވާން މިއުޅެނީ ސަމާސާ ، ތޯތޯ ވާހަކައެއް ނޫނެވެ. މުޖުތަމަޢުތެރޭގައި ކަންތައްތައްވަމުންދާ ގޮތުގެ ވާހަކައެވެ. ހަޖޫ ޖަހާ މަލާމާތްކުރުމުގެ ނިޔަތަކުނޫނެވެ. އިޞްލާޙްކޮށް، ނަޞޭޙަތްތެރިވުމުގެ މާތް މަޤްޞަދުގައެވެ.
ނަމަވެސް، ދަންނަވަންތޯއެވެ؟ އިސްވެ ބަޔާންކުރެވުނު އުޞޫލުން ދަރިފުޅު ދުނިޔެއަށް އުފަންވާއިރު މައިންބަފައިންގެ ޝުޢޫރުތައް ހުރިކަމުގައިވިނަމަވެސް، ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ބައެއް މައިންބަފައިންގެ ޝުޢޫރުތަކަށް ބޮޑެތި ބަދަލުތަކެއް އަންނާން ފަށައެވެ. ދަރިފުޅަށްޓަކައި ދެކުނު ހުވަފެންތަކަކީ ނުދެކޭ ހުވަފެންތަކެއް ކަމުގައިވެގެންދެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ މި އަގުހުރި ޙަދީޘްފުޅުގެ މަތީން ހަނދާންނެތެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްޕުޅުކުރައްވާފައިވެއެވެ. " كل مولود يولد على الفطرة فأبواه يهودانه وينصرانه أو يمجسانه " މާނަ : " ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އުފަންވަނީ ފިޠްރަތުގެ ސާފުކަންމަތީގައެވެ. އެކުއްޖާ ޔަހޫދީއަކަށްވެސް، ނަޞާރާއަކަށްވެސް ނުވަތަ މަޖޫސީއަކަށްވެސް ހަދަނީ އެކުއްޖާގެ މައިންބަފައިންނެވެ. "
މިއަދު ބައެއް މައިންބަފައިންގެ ނަޒަރުގައި ދަރިން ތަރުބިއްޔަތު ކުރުމަކީ އެ ދަރީން ބެން ޓެން އަށް ހެދުމެވެ. ނުވަތަ ސުޕައިޑަރ މޭން އަށް ހެދުމެވެ. ނުވަތަ އެނޫން ކޮންމެވެސް އެހެން ކާޓޫން ކެރެކްޓަރ އަކަށް ދަރިފުޅު ހިތް ލަނބުވައި، ޝައުޤުވެރިކޮށް، އެ ކެރެކްޓަރ އެއް ނަމޫނާ އަކަށް ބެލުމަށް ހިތްވަރުދިނުމެވެ. މާފުކުރައްވާށެވެ! އަޅުގަނޑު ނުބައި އިންޒާމެއް އަޅުވަނީއެއްނޫނެވެ.
މުޖްތަމަޢު ތެރެއިން ފެންނަ ތުއްތު ކުދިންނޭ ކިޔާ އުމުރުގެ ކުދީންގެ ތެރެއިން އެކުއްޖެއްގެ ގަމީހުގައި ނުވަތަ ޓީޝާޓްގައި ނުވަތަ ޖީންސްގައި ކާޓޫން ކެރެކްޓަރ ނުހުންނަ ކުއްޖަކު ވަރަށްވެސް މަދުވާނެއެވެ. އަދި އެކުއްޖަކު ލައިގެން އެހުރި ގަމީސް ، ޓީޝާޓް ނުވަތަ ޖީންސް ރަމްޒުކޮށްދޭނީ އެކުއްޖަކު ސަޕޯޓްކުރާ ކެރެކްޓަރއެކެވެ. އަދި އަޅުގަނޑުގެ އަމިއްލަ ތަޖްރިބާއާއެކު ވާހަކައެއް ދަންނަވަމެވެ. " ބޮޑުވެގެން ވާނީ ކޮންކަހަލަ ޝަޚްޞިއްޔަތަކަށްހޭ " ސުވާލުއެހުމުން، ޖަވާބަކަށް " ޗޯޓާ ބީމް " ( އިންޑިޔާ މީހުން ގެ ކަލާނގެއެއް ކަމަށް ސިފަކޮށް ، ކުރަހާފައިވާ ކާރޓޫން ކެރެކްޓަރ ) އަށްކަމަށް ބުނި ކުދިންނާވެސް ދިމާވިއެވެ. سبحان الله
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރައްވާފައިގޮތުގައި ބަޔަކާއި ވައްތަރުވެެގެންފި މީހަކު ވާހުށީ އެބައެއްގެ ތެރެއިންނެވެ. ލޮބުވެތި މައިންބަފައިންނެވެ. އެދަރިންނަށްވެސް ، ތިޔަ ލޮބުވެތި މައިންބަފައިންނަށްވެސް އަދި އަޅުގަނޑަށްވެސް ޝަޚްޞިއްޔަތެއްގެ ގޮތުގައި ނަމޫނާއަކަށް ބަލާގަންނަން އެންމެ އެކަށީގެންވަނީ ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަކަން ހަނދާނުގައި ބަހައްޓަވާށެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވާފައިވެއެވެ. " لَقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُو اللَّهَ وَالْيَوْمَ الْآخِرَ وَذَكَرَ اللَّهَ كَثِيراً " (الأحزاب 21) މިއާޔަތުގެ މާނައީ : " ހަމަކަށަވަރުން ﷲގެ ރަސޫލާގައި ތިޔަބައި މީހުންނަށްޓަކާ ރިވެތި ނަމޫނާއެއް ވެއެވެ. ﷲ އާއި އާޚިރަތްދުވަސް އެދޭ އަދި ގިނަގިނައިން ﷲ ތަޢާލާގެ ރަސްކަންފުޅު މަތިން ހަނދާންކުރާ މީހަކަށެވެ."
އެހެންކަމުން، ތުއްތު ކުދީންނަކީ ވަރަށް އަވަހަށް ކަންތައްތައް ކޮޕީކުރާ ބައެއްކަން ދަނެ ، މިފަދަ ޝައިތާނީ ކެރެކްޓަރތަކުން އެދަރީން ދުރުހެލިކުރުމަކީ، އެދަރީން ރަގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށް އެޅޭ ބާރެކެވެ. މިފަދަ ކެރެކްޓަރތަކުގެ ބަދަލުގައި އެކުދިންގެ ޅަފަތުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސީރަތް ކިޔައިދީ ، އެކަމަށް ޝަވްޤުވެރިކުރުމުން ، ﷲ އިރާދަކުރެއްވިއްޔާ ބާލިޣުވާ އުމުރަށް އަންނައިރު އެކުދީންގެ ހިތްތަކުގައި ހުންނާނީ ﷲ އާއި އެކާލާނގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ލޯބި އުފެދިފައެވެ. (ނުނިމޭ)
ކޮމެންޓް (0)
ލޯޑް ކުރަމުން...