ވިޔަފާރިދިއިސްލާމް

އިންޑިޔާގެ ބްރޭންޑުތައް ވެސް ޙަލާލް މިންގަނޑަށް ފައްތަނީ

ދުނިޔޭގައި ހަލުވި މިނެއްގައި ފުޅާވަމުން އަންނަ ޙަލާލް އިންޑަސްޓްރީގެ ހިއްސާ ހޯދުމަށްޓަކައި އިންޑިޔާގެ ކާނާއާއި ބޭސްފަރުވާގެ އުފެއްދުންތައް އުފައްދާ ކުންފުނިތަކުން އެ ކުންފުނިތަކުގެ ބްރޭންޑްތަކަށް ޙަލާލް ސްޓޭމްޕު ހާސިލުކުރަމުން އެބަދެއެވެ. މިކަމުގެ މަގްސަދަކީ އިންޑިޔާގެ މުސްލިމުންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް މިލިއަން ކަސްޓަމަރުންގެ އިތުބާރު ހޯދުމެވެ.

   " ގިނަ އަދަދެއްގެ ބްރޭންޑުތައް ޙަލާލް މިންގަނޑަށް ފައްތަމުން ދިޔުމާއެކު  ކުރިއަށް އޮތް 10  އަހަރު ތެރޭ އިންޑިޔާގެ ބްރޭންޑްތަކަށް 200 ބިލިއަން ޑޮލަރުގެ އެކްސްޕޯޓް މާރކެޓަކަށް ފުރުސަތު ހުޅުވިގެންދާނެ" ، ޙަލާލް ސެޓްފިކެޓް ލިބެންޖެހޭ އުފެއްދުންތައް ކަނޑައަޅައި ފާސްކުރާ އިދާރާއެއް ކަމުގައިވާ "ޙަލާލް އިންޑިޔާ" ގެ ސީއީއޯ މުޙައްމަދު ޖިންނާ ޓައިމްސް އޮފް އިންޑިޔާއަށް މައުލޫމާތު ދެއްވަމުން ހޯމަ ދުވަހު ވިދާޅުވިއެވެ.

    ސިންގަޕޫރާއި، މެލޭޝިޔާ އަދި ގަލްފު ސަރަހައްދުގެ ގައުމުތަކުގެ ބާޒާރުތަކުގައި ފައިތިލަ ސާބިތުކުރުމަށްޓަކައި އިންޑިޔާގެ ގިނަގުނަ ކުންފުނިތަކުން ދަނީ އެމީހުންގެ ބްރޭންޑްތަކަށް ޙަލާލް ސެޓްފިކެޓް ހާސިލުކުރަމުންނެވެ.

    މި ފަދަ ދޭސީ އުފެއްދުންތަކުގެ ތެރޭގައި " ކެވިން ކެއަރ" ، "ދާވަތު" ، "ބިކާނޯ" ، "ގޯލްޑްވިނަރ އޮއިލް" ، "ވަދިލާލް އައިސްކްރީމް" ، "އަމްރުތަންޖަން ހެލްތު ކެއަރ" ، "ގުޖަރާތު އަމްބޫޖާ އެކްސްޕޯޓްސް" ހިމެނެ އެވެ.

     "މި ސެޓްފިކެޓަކީ މި ބްރޭންޑްތަކުގެ ފެންވަރާމެދު ކަސްޓަމަރުންނަށް ލިބިގެންދާނެ ގެރެންޓީއެއް. " ، ޗެންނާއީގެ ރީތިވުމަށް ބޭނުންކުރާ ސާމާނު އުފައްދާ ކުންފުންޏެއް ކަމަށްވާ "ކެވިން ކެއާ" ގެ ބައިނަލް އަގްވާމީ ވިޔަފާރިއާ ބެހޭ ޖެނެރަލް މެނޭޖަރު ވިޖޭ ކުމާރު ވިދާޅުވި އެވެ.

      އޭނާ އިތުރަށް ވިދާޅުވީ މި ސެޓްފިކެޓްގެ ސަބަބުން ވާދަވެރި ކުންފުނިތަކުގެ މައްޗަށް ކުރި ލިބިގެންދާނެ ކަމުގައެވެ.

     ކުމާރު އަންދާޒާ ކުރައްވާ ގޮތުގައި ޙަލާލް ސެޓްފިކެޓް ލިބުމާއެކު އޭނާގެ ކުންފުނިން ބޭރު ދުނިޔޭގައި ކުރާ ވިޔަފާރި ވަރަށް ބޮޑުތަން ކުރިއަރައިގެން ދާނެ އެވެ.

     ސިއްޙީ ދާއިރާގެ އުފެއްދުންތައް އުފައްދާ ކުންފުންޏެއް ކަމަށްވާ "އަމްރުތަންޖަން" ވެސް ވަނީ އެމީހުންގެ ތަދުކަނޑުވާ ބާމުގެ ބާވަތްތައް ސިންގަޕޫރާއި، މެލޭޝިޔާއާއި، ވެސްޓް އިންޑީޒް އަދި އެފްރިކާގެ ބާޒާރުތަކުގައި ނެރުމަށް ޙަލާލް ސެޓްފިކެޓް ހޯދާފައެވެ.

     "ބިކަނެރްވާލާ ފުޑްސް" އަށްވެސް ވަނީ ޙަލާލް ސެޓްފިކެޓް ލިބިފަ އެވެ.

      "ޙަލާލް މިންގަނޑަކީ އުފެއްދުންތަކުގައި ހިމެނޭ ބައިތަކާއި، އުފައްދާ ގޮތާއި، އުފެއްދުންތަކުގެ ފެންވަރާއި، ސާފުތާހިރުކަމުގެ އެންމެ މަތީ ދަރަޖަ ރަމްޒުކޮށްދޭ އެއްޗެއް." "ބިކަނެރްވާލާ ފުޑްސް"ގެ ބޭރުގެ ވިޔަފާރިއާ ބެހޭ ބައިގެ އެންމެ އިސް ވެރިޔާ ސަޗިން އާނަންދު ވިދާޅުވި އެވެ.

      ޢަރަބި ބަހުގެ މާނައަށް ބަލާއިރު " ހުއްދަ" މި މާނަ ދޭހަވާ "ޙަލާލް" ކޮންސެޕްޓް އެންމެ ފުރަތަމަ ބޭނުން ކުރަމުން އައިސްފައި ވަނީ ކާނާގެ ބާވަތްތަކަށެވެ.

       ނަޢަމްސޫފީގެ ތެރެއިން މުސްލިމުން މަސްކެއުން ހުއްދަވެގެންވަނީ ޝަރުޢީ ހަމަތަކުގެ މަތީން ﷲ ސުބުޙާނަހޫ ވަ ތަޢާލާގެ އިސްމުފުޅު ގަނެވިގެން ކަތިލެވޭ ތަކެއްޗެވެ.

       ޙަލާލް ކޮންސެޕްޓް ފުޅާވުމާއެކު މިހާރު އިތުރު އުފެއްދުންތަކާއި ޚިދުމަތްތައް ކަމަށްވާ ރީތިވުމަށް ބޭނުންކުރާ ސާމާނާއި، އަންނައުނުގެ ބާވަތްތަކާއި، ބޭސްފަރުވާގެ ބާވަތްތަކާއި، މާލީ ދާއިރާގެ ޚިދުމަތްތަކަށްވެސް ޙަލާލް ސެޓްފިކެޓް ހޯދޭގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ދިރިއުޅުމުގެ ނިޒާމެއް

     އިންޑިޔާގެ ބްރޭންޑްތައް ޙަލާލް މިންގަނޑަށް ފައްތަމުންދާ ހިނދު، އިސްލާމީ އުސޫލުތަކަކީ އެންމެންނަށް އެއްބަސްކިޔައި ގަބޫލުކުރެވޭ އުސޫލުތަކެއް ކަމުގައި އިންޑިޔާގެ ވަރަށް ގިނަ މީހުން ބުނަމުން ދެއެވެ.

     "އިސްލާމީ އުސޫލުތަކަށް ބަލާއިރު ފާހަގަ ކުރެވޭނެ އޭގެ ތެރެއިން ގިނަ އުސޫލުތަކަކީ އިންސާނުންގެ އިހުސާސްތަކަށް ޚާއްސަ ސަމާލުކަމެއް ދެވިފައިވާ އުސޫލުތަކެއް. އެއީ އުފެއްދުންތައް ބްރޭންޑުކުރުމާއި މާކެޓްކުރުމުގައި ފައިދާވާ ކަމެއް " ، "ޓެމްޕޯރަލް ބްރޭންޑް ކޮންސަލްޓިންގ"ގެ ފައުންޑަރ އަދި މެނޭޖިން ޑިރެކްޓަރ ޕައުލް ޓެމްޕޮރަލް ޓައިމްސް  އޮފް އިންޑިޔާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.

       ޓެމްޕޮރަލް ގަބޫލުކުރައްވާ ގޮތުގައި މި އުސޫލުތައް ތަފާތު މާކެޓްތަކާއި ޡަޤާފަތްތަކަށް އަމާޒުކޮށްގެން އޭގެ ބޭނުން ހިފުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މުސްލިމުންނާއި ޣައިރު މުސްލިމުންގެ މާކެޓްތަކާއި ޡަޤާފަތްތައްވެސް ހިމެނޭ ގޮތުންނެވެ.

      "ރަނގަޅަށް ނަޒަރު ހިންގާލައިފި ނަމަ އެނގިގެންދަނީ މީގެ ތެރެއިން ގިނަ އުސޫލުތަކަކީ ހަމައެކަނި މުސްލިމުން ގަޔާވާ އެއްޗަކަށްވުމުގެ ބަދަލުގައި އާންމުކޮށް ހުރިހާ އިންސާނުންނަށްވެސް ގަބޫލުކުރެވޭ އެއްޗެއްކަން" އޭނާ ވިދާޅުވި އެވެ.

       "ކުރަންޖެހޭ ކަމަކީ ނުވަތަ ގޮންޖެހުމަކީ މީހުން ތިބިތަނެއް ހޯދައި އެމީހުންނަށް އެކަށީގެންވާ އުފެއްދުންތަކެއް ފޯރުކޮށްދިނުން."

       "ހަރިޝް ބިޖޫރު ކޮންސަލްޓްސް"ގެ ސީއީއޯ ހަރިޝް ބިޖޫރު، ޓެމްޕޮރަލްގެ ވިސްނުމާ އެއްބަސްވެ ވަޑައިގަންނަވަ އެވެ.

       "އިސްލާމް ދީނަކީ ވަރަށް ގިނަ ގޮތްގޮތުން ބަލާއިރު ދިރިއުޅުމުގެ ނިޒާމެއް." ބިޖޫރު ވިދާޅުވި އެވެ.

        "އެގޮތުން ބަލާއިރު، އިސްލާމީ ބްރޭންޑިންގގެ މަގްސަދަކީ ބްރޭންޑުތައް ރަނގަޅު ކަންކަމަށް ބޭނުންކުރުން. ފެށުމުގައި ހަމައެކަނި ޙަލާލް ކާބޯތަކެތީގައި ޙަލާލް ބްރޭންޑިންގ ބޭނުންކުރި ނަމަވެސް ކޮންމެ އިންޑަސްޓްރީއެއްގައި ވެސް ޙަލާލު އުސޫލުތައް ގާއިމު ކުރެވިދާނެ. ބޭސްފަރުވާގެ އުފެއްދުންތަކާއި ރީތިވުމަށް ބޭނުންކުރާ ތަކެތީގެ އިންޑަސްޓްރީގައިވެސް."

      "އިސްލާމީ ބްރޭންޑިންގ އިތުރަށް ފުޅާކޮށް ވިޔަފާރީގެ އެކި އެކި މުޢާމަލާތްތަކަށް ވެސް ބޭނުން ކުރެވިދާނެ" ، އޭނާ އިތުރަށް ވިދާޅުވި އެވެ.

      އިންޑިޔާގެ 1.1 ބިލިއަން މީހުންގެ އާބާދީގެ ތެރޭގައި 160 މިލިއަން މުސްލިމުން ހިމެނެ އެވެ. މިއީ އިންޑޮނޭޝިޔާ އަދި ޕާކިސްތާނަށްފަހު އެންމެ ބޮޑު މުސްލިމު އާބާދީ އެވެ.

      ދުނިޔޭގެ 1.5 ބިލިއަން މުސްލިމުންގެ އިތުރުން 500 މިލިއަނަށްވުރެ ގިނަ ޣައިރު މުސްލިމުން ޙަލާލް ކާބޯތަކެތި ބޭނުންކުރަމުންދާއިރު މި އިންޑަސްޓްރީގެ ޖުމްލަ އަގު 2 ބިލިއަން ޑޮލަރަށް އަރައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *