ޕީކޭ ރިލީފް ފަންޑުގައި ސިޔާސީ 6 ޕާޓީއާއި 126 ޖަމިއްޔާ ހިމެނޭކަމަށް ޕީކޭ ރިލީފް ފަންޑުން ހާމަކޮށްފިއެވެ.
ދިއިސްލާމްއަށް މައުޟޫމާތު ދެއްވަމުން ޕީކޭ ފަންޑުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅަކު ހާމަކުރެއްވި ގޮތުގައި ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ މުސްލިމު އަޚުންނާއި އުޚުތުންނަށް އެހީވުމަށް ހުޅުވާފައިވާ 'ޕީކޭ ފަންޑު'ގައި ސިޔާސީ 6 ޕާޓީއާއި 126 ޖަމިއްޔާއަކާއި ވިޔަފާރި ކުންފުނިތައް ހިމެނެއެވެ. ސިޔާސީ ޕާޓީތަކުގެ ތެރޭގައި ހިމެނެނީ އަދާލަތު ޕާޓީއާއި، ޖުމްހޫރީޕާޓީއާއި، ޑީއާރޕީއާއި، ޕީޕަލްއެލަޔަންސްއާއި، ޤައުމީ ޕާޓީއާއި އަދި ޤައުމީ އިއްތިޙާދު ޕާޓީ ކަމަށް ހަބަރު ލިބިފައިވެއެވެ.
މިހާތަނަށް ޕީކޭ ފަންޑުގެ ފަރާތުން ވަނީ 2 މިލިއަން 5 ލައްކަ ދިވެހި ރުފިޔާ ޖަމާކޮށްފައެވެ. އަދިވެސް ފަންޑަށް ފައިސާ ހޯދުމުގެ މަސައްކަތް ވަރަށް ފޯރިއާއިއެކު ކުރިއަށްދާކަމަށް ހަބަރުލިބެއެވެ.
ޕީކޭ ފަންޑަށް ފައިސާ ޖަމާކުރުމުގެ ތަފާތު ގޮތްތައް ތައާރަފުކޮށްފައިވެއެވެ. އެގޮތުން ބޭންކްއޮފް މޯލްޑިވްސްގައިވެސް އެކައުންޓެއް ހުޅުވިފައިވެއެވެ. އެގޮތުން (ޕީކޭ ރިލީފްފަންޑް 7701270697001) އެވެ. އަދި ދިރާގް މެދުވެރިކޮށް 5، ރުފިޔާ އަދި 20 ރުފިޔާ،50 ރުފިޔާ، އަދި 100 ރުފިޔާ ޕްރިޕޭޑް މެދުވެރިކޮށް ފޮނުވޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖެހިފައެވެ. ދިރާގު މެދުވެރިކޮށް އެހީފޯރުކޮށްދެއްވުމަށް ޕީއާރ ޖައްސަވާފައި އެމައުންޓް ޖައްސަވާ ސްޕޭސެއްދެއްވާ 250 އަށް އެސްއެމްއެސް ކުރެއްވުމުން އެ ފައިސާ ޕާކިސްތާނަށް އެހީވާ ފަންޑަށް ޖަމާކުރެވޭނެކަމަށް ޕީކޭ ރިލީފް ފަންޑުން ހާމަކުރައްވައެވެ.
ޕީކޭ ރިލީފް ފަންޑުން ހާމަކުރައްވާގޮތުގައި މި ޙަރަކާތުގައި ބައިވެރިވެލެއްވުމަށް ބޭނުންވާ ޖަމިއްޔާތަކުން 9999998 ހޮޓްލައިންއަށް ގުޅުއްވައިގެން ނަންނޯޓްކުރުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...