ޒަމާން ބަދަލުވެގެން އައިސް މިހާރު މިއޮތީ ޓެކްނޮލޮޖީގެ ޒަމާން އައިސްފައެވެ. ދީނުގެ މުހިންމު އަޅުކަންތައް ޓެކްނޮލޮޖީގެ ފަސޭހައި ކުރެވޭނެއެކޭ މީގެ ކުރިން އެކަކުވެސް ހިޔެއްނުކުރާނެކަން ޔަގީނެވެ. ކޮންމެއަކަސް މިއަހަރުގެ ފިތުރު ޒަކާތް މިވަނީ ބެންކުގެ ވެބްސައިޓް މެދުވެރިކޮށް ދެއްކޭނެ އިންތިޒާމް ހަމަޖެހިފައެވެ. މިފަދަ ފަސޭހަތަކުގެ ސަބަބުން ގިނަ ބަޔަކު ދަނީ ޒަކާތް ދެއްކުމަށް ހޭލުންތެރިވެ މިމުހިންމު އަޅުކަން އަދާކުރަމުންނެވެ. މީގެ ކުރިން ޒަކާތް ދައްކާފައިނުވާހާ ގިނައިން މިހާރަކަށް އައިސް ވަނީ ޒަކާތް ދައްކާފައެވެ.
"އިންޓަނެޓް މެދުވެރިކޮށް ޒަކާތް ދައްކާނީ ކިހިނެއް؟" މިއީ ބައެއް ފަރާތްތަކުން ފަހަކަށް އައިސް ކުރިމަތިކުރުވާ ސުވާލެކެވެ. ކިތައްމެ ފަސޭހައިން ކަމެއް ކުރަން ހުރިނަމެސް އެކަން ކުރާނޭ ގޮތް ކިޔައިނުދޭނަމަ އެކަމެއް އިންތިޒާމްކުރުމުގެ މާނައެއް ނެތެވެ.
އިސްލާމިކް މިނިސްޓްރީ އާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން ތަޢާރަފް ކުރި މިމުހިންމު ހިދުމަތަކީ ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް ޒަކާތްދެއްކޭނެ ފަސޭހަ ހިދުމަތެކެވެ. ބޭންކްގެ ސައިޓްގައި ޒަކާތްދެއްކޭނެ ހާއްސަ ބަޓަނެއް ރޯދަ މަހުގެ ދެ ވަނަ ދުވަހުން ފެށިގެންވަނީ އިތުރު ކޮށްފައެވެ. ބެންކު ވެބްސައިޓް މެދުވެރިކޮށް އަދި ފައިސާ ދެއްކޭނީ އިންތިޒާމް ހަމަޖެހިފައިވަނީ ހަމައެކަނި ޑެބިޓް ކާޑުތަކުންނެވެ. މިހިދުމަތް ހޯއްދެވުމަށް އިންޓަނެޓް ބޭންކިން ހިދުމަތުގައި ރަޖިސްޓްރީކުރަން ނުޖެހެއެވެ.
ބެންކް އޮފް މޯލްޑިވްސް ގެ ރަސްމީ ވެބްސައިޓަށް ވަންނަވާށެވެ. ބެންކުގެ ވެބްސައިޓުގައިވާ ބަޓަން އަށް ފިއްތަވާލެއްވީމަ ޒަކާތް ދައްކާ ފޯމަށް ދެވޭނެއެވެ. އެފޯރމްއިން ނަމާއި އައިޑީކާޑް ނަންބަރާއި އެޑްރެސް ޖައްސަވަން ބޭނުންފުޅު ނަމަ ޖެއްސެވޭނެއެވެ. އެ ފޯމްގައި ދައްކަން ބޭނުންވާ މީހުންގެ އަދަދާއި އަދި އޭގެ ތެރޭގައި އެ މީހަކު ޒަކާތްދައްކާނެ ހަނޑުލުގެ ބާވަތެއް އިހުތިޔާރުކުރެވެން ހުންނާނެއެވެ. ދެން އެ ފޯމް ފުރުމަށް ފަހު ކުރިއަށް ދިއުމަށް ބުނެފައިވާ ބާއަށް ފިތާލުމުން ފައިސާ ދައްކާ ޕޭޖެއް ފެންނާނެއެވެ. ނަމާއި ކާޑުގެ ނަމްބަރާއި ކާޑުގެ އެކްސްޕެއަރީ ޑޭޓާ އޭގެ ފަހުން ކާޑުގެ ފަހަތުގައި އިންނަ ހަތަރު ޑިޖިޓް ނުވަތަ ތިން ޑިޖިޓްގެ ސެކިއުރިޓީ ކޯޑު ޖެއްސެވުމުން ޒަކާތް ދެއްކުނީއެވެ. ޒަކާތް ދެއްކެވުންކަން ޔަގީންކުރުމަށް ޓްރާންސެކްޝަން ރިސިޕްޓެއް ލިބިވަޑައިގަންނަވާނެއެވެ.
މިއަހަރު އަލަށް ތަޢާރަފްކޮށްފައިވާ މިހިދުމަތް މިހާތަނަށް ގިނަ ބަޔަކު ޒަކާތް ދެއްކުމަށް އިހްތިޔާރުކޮށްފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...