މިއަހަރުގެ މޭ މަހު ބޭއްވުމަށް ހަމަޖެހިފައިވާ މިޞްރުގެ ރިޔާސީ އިންތިޚާބަށް އިޚްވާނުލްމުސްލިމީންގެ ފަރާތުން ކުރިމަތިލެއްވި ކެނޑިޑޭޓް ޚައިރަތުއްޝާޠިރުގެ ޝަރުޠުހަމަނުވާކަމަށް އެޤައުމުގެ އިލެކްޝަން ކޮމިޝަނުން ކަނޑައެޅުމާ ގުޅިގެން އެޖަމަޢާތުގެ އާ ރިޔާސީ ކެނޑިޑޭޓަކަށް އެޖަމާޢަތުގެ ސިޔާސީ ގޮފި ފްރީޑަމް އެންޑް ޖަސްޓިސް ޕާޓީގެ ރައީސް ޑރ. މުޙައްމަދު މަރްސީ ހަމަޖައްސައިފިއެވެ.
ޢުމުރުފުޅުން 62 އަހަރުގެ ޑރ. މުޙައްމަދު މަރްސީ ތަޢުލީމު ޙާޞިލްކުރައްވާފައިވަނީ އެމެރިކާއިންނެވެ. އެއަށްފަހު ކުޑަ ދުވަސްކޮޅަކު އެމެރިކާގެ ކެލިފޯނިޔާ ސްޓޭޓްގައި އުގަންނައިދެއްވުމުގެ މަސައްކަތުގައިވެސް އުޅުއްވިއެވެ. މިހާރު އޭނާ ފުރުއްވަމުން ގެންދަވަނީ މިޞްރުގެ "އައްޒަޤާޒީޤް" ޔުނިވަސިޓީގެ އިންޖިނިއަރިންގް ކޮލެޖްގެ ޑީން ކަމުގެ މަޤާމެވެ. އޭނާ މިޞްރުގެ ޕާލަމެންޓަށް އެންމެ ފުރަތަމަ އިންތިޚާބުވެފައިވަނީ 2000 ވަނަ އަހަރެވެ.
އަނެއްކޮޅުން ޝަރުޠުހަމަނުވާ ކަމަށް ކަނޑައެޅުނު އިޚްވާނުންގެ ކެނޑިޑޭޓް ޚައިރަތް އަލްޝާޠިރުގެ ފުރިހަމަ ތާއީދު ޑރ. މަރްސީއަށް ދެއްވާނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އޭނާވަނީ އިލެކްޝަން ކޮމިޝަންގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވިގޮތުގައި "އިލެކްޝަނުން ކެންޑިޑޭޓުންގެ ޝަރުޠު ހަމަވޭތޯ ޗެކްކުރުމުގެ މަސައްކަތްކޮށްފައި ވަނީ ޙުސްނީމުބާރަކްގެ ޚުދުމުޚުތާރު ވެރިކަމުގެ ދުވަސްވަރު އެކަންކުރަމުން ގެންދިޔަ ގޮތަށެވެ."

ކޮމެންޓް (0)
ލޯޑް ކުރަމުން...