ރިޕޯޓް ﷲ ގެ ގެކޮޅުތަކުގައި އެކަލާނގެ ދީނަށް ގޮވައިލުމަށް ހުރަސް ނާޅާށެވެ.

ﷲ ގެ ގެކޮޅުތަކުގައި އެކަލާނގެ ދީނަށް ގޮވައިލުމަށް ހުރަސް ނާޅާށެވެ.

ﷲ ގެ ގެކޮޅުތަކުގައި އެކަލާނގެ ދީނަށް ގޮވައިލުމަށް ހުރަސް ނާޅާށެވެ.

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އަޅުގަނޑު ޤަލަމުގެ ހަރަކާތް ކެނޑިފައި އޮންނަތާ ޒަމާންތަކެއް ވެއްޖެއެވެ. ނަމަވެސް މިއަދު ޤަލަން އުފުލާލަން އަޅުގަނޑަށް މަޖުބޫރުކުރުވީ ފެތުރެމުންދާ ޙަބަރަކުންނެވެ. އަޅުގަނޑު ވެސް އެ ރަށަކަށް ނިސްބަތްވާ ފުވައްމުލަކުގެ މިސްކިތެއްގައި ދަރުސް ދިނުމަށް އެއަވަށުގެ ކައުންސިލުން އެކަމާ ދެކޮޅު ހަދަމުންދާ ޙަބަރުންނެވެ.

އަވަށު ކައުންސިލަރަކު ވިދާޅުވާ ގޮތުގައި، މިސްކިތްތައް ބަލަހައްޓަނީ އެބޭފުޅުންނެވެ. އެހެންކަމުން އެބޭފުޅުންގެ ބެލުމުގެ ދަށުން ހިންގާ ތަންތަނުގައި ދަރުސްދޭން ޖެހޭނީ އެބޭފުޅުންގެ ހުއްދައާ އެކީގައެވެ. ނަމަވެސް، އޭނަގެ ފޭސްބުކު އަކައުންޓުގައި މަލާމާތުގެ ރާގެއްގައި ވިދާޅުވެފައިވަނީ، "ޠާލިބާނުން އުޅެނީ އެއަވަށުގައި ތޯރާ ބޯރާ ހަދަން ހުއްދަ ނުދީގެން ކަމަށެވެ."

އެކަމާ ދެކޮޅަށް މުޒާހަރާ ކުރި ރައްޔިތުން ވިދާޅުވަނީ ރަށު އެހެން މިސްކިތްތަކުގައިވެސް ދަރުސް ޕޮރްގްރާމް ކުރިއަށް ގެންދެވިފައިވާއިރު އެ މިސްކިތްތަކުގައި ދަރުސް ދިނުމަށް ހުއްދަ ނަގަން ޖެހިފައިވާ ނުވާ ކަމަށެވެ. ނަމަވެސް ކުއްލިއަކަށް މި މިސްކިތުގައި ދަރުސް ދިނުމާ މެދު އަވަށު ކައުންސިލުން ދެކޮޅު ހަދަމުން ދާކަމަށެވެ.

ދެފަރާތުގެ ވާހަކަތައް ހުރީ މިދެންނެވި ބީދައިންނެވެ.

ކައުންސިލްތަކުން ދަންނަން ޖެހޭނެ ކަމެއް އެބައޮތެވެ. މިސްކިތްތަކަކީ މާތް ﷲ ގެ ގެކޮޅުތައް ކަމެވެ. އަދި މިސްކިތްތައް ބިނާ ކުރެވެނީ ހަމައެކަނި ނަމާދު ކުރުމަށް ނޫން ކަމެވެ. އިސްލާމްދީނުގައި މިސްކިތްތައް ބިނާ ކުރެވެނީ ނަމާދު ކުރުމާއި، މާތް ﷲ އަށް ޒިކުރު ކުރުމާއި، ޤުރުއާން ކިޔެވުމާއި، ޤުރުއާން ކިޔަވައިދިނުމާއި، އަދި ދަރުސް ދިނުން ފަދަ ދީނީ މުހިއްމު ކަންތައްތައް ކުރުމަށެވެ. އިސްލާމްދީނުގައި މިސްކިތުގެ "މެންޑޭޓުގައި" ދަރުސް ދިނުން ވަނީ ހިމަނުއްވާފައެވެ.

އެހެންކަމުން އެއްވެސް ހާލެއްގައި ﷲ ގެ ގެކޮޅަކީ، އަލިމަސް ކާނިވަލާއި، އުސް ފަސްގަނޑާއި، ދަރުބާރުގެއާއި، އިޖުތިމާޢީ މަރުކަޒުތަކާއި، ސްކޫލްތަކުގެ ހޯލުތަކާއި އެއްފަދަ ކޮށްގެން ވާނެ ތަނެއް ނޫނެވެ.

ރަނގަޅެވެ. މިސްކިތްތަކުގައި ދަރުސް ދެނީ އިސްލާމީ ވުޒާރާއިން ދަރުސް ދިނުމުގެ ހުއްދަ ލިބިފައިވާ މީހެއްތޯ ކައުންސިލުން ބަލަންވާނެއެވެ. އެއީ އެފަދަ މީހެއް ނަމަ، އެމީހަކަށް މަގު ތަނަވަސްކޮށްދިނުމަކީ ކައުންސިލުގެ ވާޖިބެކެވެ. ޒިންމާއެކެވެ. މަސްއޫލިއްޔަތެކެވެ. އެހެންކަމުން ހުއްދަ ދިނުމާއި ނުދިނުމަކީ ކައުންސިލަށް ކުރެވޭނެ ކަމެއް ނޫނެވެ. ކައުންސިލުގެ ޒިންމާއަކީ މިސްކިތުގެ "މެންޑޭޓް"ތަކަށް މަގު ތަނަވަސްކޮށްދިނުމެވެ. އެކަމަށް ހުރަސް އެޅުމެއް ނޫނެވެ.

ދެން ހެދިދާނެ އެހެން ގޮތެއް އެބައޮތެވެ. މިސްކިތްތަކުގައި ދަރުސް އިންތިޒާމު ކުރާ ފަރާތްތަކުން، އެބޭފުޅުން ދަރުސް އިންތިޒާމު ކުރާ ވާހަކަ ކައުންސިލަށް ދަންނަވަން ޖެހޭ ގޮތަށް އޮތުމެވެ. އެއަށްވެސް ހުއްދައަށް އެދުމޭ ކިޔައިގެން ނުވާނެއެވެ. އެއީ ހަމައެކަނި ދަންނަވާލުމެކެވެ. އޭރުން ދަރުސް ދެނީ ކާކުކަން އެބޭފުޅުންނަށް އެނގިލައްވާނެއެވެ.

ރަށު ކައުންސިލަރުންނަށް އަޅުގަނޑު ގޮވާލަނީ މާތް ﷲ އަށް ބިރުވެތިވުމަށެވެ. އެކަލާނގެ ދީނަށް ހުރަސް ނޭޅުމަށެވެ. ނޭނގި ތިބެގެން އެކަލާނގެ މަގަށް ހުރަސް އެޅުމަކީ ހަލާކުގެ ތެރެއަށް ވެއްޓިގަތުމެވެ. ﷲ ގެ ދީނުގެ ކަންކަމަށް ރައްޔިތުންނަށް ހިތްވަރުދީ އެކަންކަމަށް މަގު ތަނަވަސްކޮށްދިނުމަށެވެ. އެއީ ތިޔަ ބޭފުޅުންގެ ކޮނޑުގައި މިއަދު އެޅިފައިވާ ޒިންމާއެކެވެ. އަމާނާތެކެވެ. އެކަމަށް ފަރުވާތެރިވާށެވެ. ރައްކާތެރިވާށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.