އެމްއެންޑީއެފްގައި ބޭއްވި މަދަހަ މުބާރާތް ނިމިއްޖެއެވެ.
މޯލްޑިވިސް ނޭޝަނަލް ޑިފެންސް ފޯސްއިން އިންތިޒާމްކޮށްގެން ސިފައިންނަށް އަމާޒުކޮށްގެން ބޭއްވި މަދަހަ މުބާރާތުގެ އެއްވަނައަށް ގޮސްފައިވަނީ ޕްރައިވެޓް ހަސަން މުނާޒްއެވެ. އެމްޑީއެފްއިން ބޭއްވި ފުރަތަމަ މަދަހަ މުބާރާތުގެ ދެވަނައަށް ހޮވިފައިވަނީ ލާންސް ކޯޕްރަލް އަބްދުﷲ އަލީއެވެ. އަދި މަދަހަ މުބާރާތުން ތިންވަނަ އަށް ގޮސްފައިވަނީ ޕްރައިވެޓް އަހުމަދު އާޒިމްއެވެ. މިފަރާތްތަކަށް ފައިސާގެ އިނާމާއި ތަށްޓާއި ސެޓްފިކެޓް ވަނީ ހަވާލުކޮށްފައެވެ.
އެމްއެންޑީއެފްގައި ބޭއްވުނު ފުރަތަމަ މަދަހަ މުބާރާތުގެ ގްރޭންޑް ފިނާލޭ ޝަރަފުވެރިކޮށްދެއްވީ އެމް.އެން.ޑީ.އެފް ސެންޓަރަލް އޭރިޔާ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް އަޙުމަދު ޝިޔާމްކަމަށް ހަބަރު ލިބެއެވެ. މިދިޔަ ބުރާސްފަތިދުވަހުގެރޭ ކަޅުތުއްކަލާކޮށީ ހެވިކަމުގެ މައިދާނުގައި ބޭއްވި މިހަފްލާގައި އެމްއެންޑީއެފްގެ އިސްފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.
ޖުމްލަ 22 ބައިވެރިން ބައިވެރިވި މިމަދަހަ މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވާފައި ވަނީ ފަސްޓް ލެފްޓިނެންޓް ޢަލި މަނިކް (ދާރީ) އާއި ލެފްޓީނެންޓް އަހްމަދު އާތިފް، ސާޖެންޓް ހުސެއިން ޢަލީ އަދި ކޯޕްރަލް ޝަމްސުލް ފަލާހްއެވެ.

















ޚިޔާލު