ރާއްޖޭގެ ރަށްތައް އަޑިއަށް ދަނީކަމަށާއި އަހަރަކު ތިން ރަށް އަޑިއަށްދާކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާ ވާހަކަފުޅުތަކަކީ އަމިއްލަ މަޝްހޫރުކަން އިތުރުކުރެއްވުމުގެ ބޭނުންފުޅުގައި ދުނިޔަށް ދައްކަވަމުން ގެންދަވާ ޚިޔާލީ ހުވަފެނެއްކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އަޙްމަދު އަދީބު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދުގެ ރާއްޖޭގެ ރަށްތައް އަޑިއަށް ދާކަމަށް ދެއްކެވި ވާހަކަތަކުން ލިބުނު ގެއްލުމަށް އިޝާރާތް ކުރައްވާ މިއަދު ނޫހަށް ދެއްވި ބަސްތީގަތުމުގައި އަދީބު ވިދާޅުވީ ،ފިލްމުކުޅުއްވައިގެން ދުނިޔެއަށް ކުރީގެ ރައީސް ނަޝީދު މަޝްހޫރުވެވަޑައިގަތީކަމަށާއި ނަމަވެސް އެ މަޝްހޫރުކަން ހޯއްދަވަން ޤުރުބާން ކުރައްވާފައިވަނީ ޤައުމުގެ އިޤްތިޞާދާއި ފަތުރުވެރިކަންކަމަށެވެ. އަދި އެ ހޯއްދެއްވި މަޝްހޫރުކަމުގެ އަގުތައް ދައްކަވަން މި ޖެހުނީ ޤައުމުގެ ރައްޔިތުންކަމަށާއި ޤުރުބާން ކުރެވިފައިމިވަނީ ގައުމުގެ ޙާލަތު ކަމަށްކަމަށް އަދީބު ވިދާޅުވިއެވެ.
މީގެއިތުރުން އެފަދަ ވާހަކަފުޅުތައް ދައްކަވާ މަޝްހޫރުކަން ހޯދައްވަމުން ގެންދެވިއިރު ރާއްޖޭގެ ރިޒޯރޓުތައް ކުއްޔަށް ދީފައި އޮތް މުއްދަތު 35 އަހަރުން 50 އަހަރަށް އިތުރުކުރައްވައި އެމުއްދަތުގެ ފައިސާ އެޑްވާންސްކޮށް ނަޝީދުގެ ސަރުކާރަށް ނަގާފައިވުމީ ނަޝީދު ދައްކަވާ ވާހަކަފުޅުތަކާމެދު އިތުރު ސުވާލުތައް އުފެދޭ ކަމެއްކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އަދީބު ވިދާޅުވިއެވެ.
ރާއްޖޭގެ ރަށްތައް ގިރުން އެއީ ވިސްނައިގެން މަސައްކަތް ކުރުމުން ސަލާމަތް ކުރެވެން އޮތް މައްސަލައެއް ކަމަށާއި މިގޮތަށް ވިސްނުންތެރިކަމާއެކު މަސައްކަތްކޮށް ބައެއް ރަށްތައް މިހާރުވެސް ސަލާމަތްކުރެވިފައިވާކަމަށް އަދީބު ވިދާޅުވިއެވެ.
މިސަރުކާރުން ބޭނުންވަނީ ފިލްމެއްގެ ޚިޔާލީ މަންޒަރުތަކެއް ދައްއިގެން މަޝްހޫރުކަން ހޯދާކަށް ނޫންކަމަށާއި ބޭނުންވަނީ ރާއްޖޭގެ ޙަޤީޤަތް ދުނިޔެއަށް އަންގައިދީގެން ރާއްޖޭގެ ރައްޔިތުންނަށް ކުރިއެރުމާއި ތަނަވަސްކަން ހޯދައިދޭންކަމަށް އަދީބު ވިދާޅުވިއެވެ.
މީގެއިތުރުން ރާއްޖޭގައި އިންވެސްޓް ކުރަން އެއްވެސް ފަރާތަކުން ޖެހިލުން ވާންވީ އެއްވެސް ސަބަބެއް ނެތްކަމަށް އަދީބު ވިދާޅުވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...