ދީން އިސްލާމްދީނުގައި އިންސާނީ ޙައްގުތައް - 02

އިސްލާމްދީނުގައި އިންސާނީ ޙައްގުތައް - 02

އިސްލާމްދީނުގައި އިންސާނީ ޙައްގުތައް - 02

ކިޔާލަން ހޭދަވާނީ 6 މިނިޓް

ފޮންޓް ސައިޒް

ދެވަނައީ: އިންސާނާގެ ކަރާމާތްތެރިކަން:

އިންސާނާގެ ކަރާމާތްތެރިކަން ޙިމާޔަތްކޮށްދިނުމުގެ ގޮތުން ވަރަށް ގިނަ ކަންތައްތަކަކަށް އަންގަވާފައިވެއެވެ. އެގޮތުން:

1. އަނެއް މުސްލިމާ އާއި ދިމާލަށް ހަޑިހުތުރު ބަހުން މުޚާޠަބު ނުކުރުމަށާއި، އެމީހުން ނުރުހޭފަދަ ލަގަބު ތަކުން ގޮވާ ނޫޅުމަށް ވަނީ އަންގަވާފައެވެ. ސޫރަތުލް ޙުޖުރާތުގެ 11 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَلاَ تَنَابَزُواْ بِٱلأَلْقَـٰبِ) މާނައަކީ: "ތިޔަބައިމީހުން އެކަކު އަނެކަކަށް ހަޑިހުތުރު ލަގަބުތަކުން ގޮވާ ނުހަދާށެވެ".

ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (سِبَابُ الْمُسْلِمِ فُسُوْقٌ وَقِتَالُهُ كُفْرٌ) މާނައަކީ: "މުސްލިމުންނާއި ދިމާލަށް ހަޑުހުތުރު ބަހުން ވާހަކަދެއްކުމަކީ ފާސިގުކަމުގެ ތެރެއިންވާ ކަމެކެވެ. އަދި މުސްލިމުންނާއި ހަނގުރާމަ ކުރުމަކީ ކުފުރެކެވެ".

2. ޣީބަ ބުނުން ޙަރާމް ކުރެއްވުން. ސޫރަތުލް ޙުޖުރާތު ގެ 12 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. (وَلاَ يَغْتَب بَّعْضُكُم بَعْضاً) މާނައަކީ: "ތިޔަބައިމީހުން އެކަމު އަނެކަކަށް ޣީބަ ބުނެ ނޫޅޭށެވެ".

"ޣީބަ" އަކީ ކޮބައިކަން ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ ބަޔާންކޮށްދެއްވައި ޙަދީޘް ކުރެއްވި އެވެ. "ތިޔަބައިމީހުންނަށް ޣީބަ އަކީ ކޮންއެޗެއްކަން އެނގޭ ހެއްޔެވެ؟" ޞަޙާބީން ދެންނެވިއެވެ. ﷲއާއި ރަސޫލާ މޮޅަށްދެނެވޮޑިގެންވެއެވެ. ޙަދީޡް ކުރެއްވިއެވެ. "އެއީ ތިބާގެ އަޚާ ނެތްތަނުގައި އޭނާ ނުރުހޭ ވާހަކަ ދެއްކުމެވެ". އެހިނދު ޞަޙާބީން ދެންނެވިއެވެ. "އެމީހާގެ ކިބައިގައި ހުރި ކަމެއްގެ ވާހަކަދެއްކިނަމަވެސްތޯއެވެ"؟ ޙަދީޘް ކުރެއްވިއެވެ. "އޭނާގެ ކިބައިގައި ހުރި ކަމެއްކަމަށްވަނީނަމަ އެއީ ޣީބައެކެވެ. އޭނާގެ ކިބައިގައި ނެތް ކަމެއްގެ ވާހަކަދައްކައިފިނަމަ އެހެދުނީ ބޮޑުވެގެންވާ ދޮގެކެވެ".

3. އެކަކު އަނެކަކަށް މަލާމާތް ކުރުން ޙަރާމް ކުރެއްވުން، ސޫރަތުލް ޙުޖުރާތު ގެ 11 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (يٰأَيُّهَا ٱلَّذِينَ ءامَنُواْ لاَ يَسْخَرْ قَوْمٌ مّن قَوْمٍ عَسَىٰ أَن يَكُونُواْ خَيْراً مّنْهُمْ وَلاَ نِسَاء مّن نّسَاء عَسَىٰ أَن يَكُنَّ خَيْراً مّنْهُنَّ) މާނައަކީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ފިރިހެނުން އެއްބަޔަކު އަނެއް ބަޔަކަށް ފުރައްސާރަކޮށް ނުހަދާށެވެ. އެފުރައްސާރަކުރި މީހުންނަށްވުރެ ފުރައްސާރަވެވުނު މީހުން މާތް ﷲ ގެ ޙަޟްރަތުގައި މާ ހެޔޮކަން ބޮޑުބަޔަކު ކަމުގައިވެސް ވެދާނެއެވެ. އަދި އަންހެނުން އެއްބަޔަކު އަނެއް ބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ. އެފުރައްސާރަކުރި މީހުންނަށްވުރެ ފުރައްސާރަވެވުނު މީހުން މާތް ﷲ ގެ ޙަޟްރަތުގައި މާ ހެޔޮކަން ބޮޑުބަޔަކު ކަމުގައިވެސް ވެދާނެއެވެ".

4. މުސްލިމުންގެ ކަންތައްތައް ޖާސޫސްކޮށް، އެކަކު އަނެކަކުގެ ޢައިބު ހޯދުން ޙަރާމް ކުރެއްވުން. ސޫރަތުލް ޙުޖުރާތުގެ 12 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (يٰأَيُّهَا ٱلَّذِينَ ءامَنُواْ ٱجْتَنِبُواْ كَثِيراً مّنَ ٱلظَّنّ إِنَّ بَعْضَ ٱلظَّنّ إِثْمٌ وَلاَ تَجَسَّسُواْ) މާނައަކީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ގިނަގުނަ ހީތަކާ ދުރުހެލިވެ ރައްކާތެރިވާށެވެ. ހަމަކަށަވަރުން ބަޔެއް ހީއަކީ ކުށެކެވެ. އަދި ތިޔަބައިމީހުން އެކަމު އަނެކަކުގެ މައްޗަށް ޖާސޫސް ކޮށް ނުހަދާށެވެ".

5. މުސްލިމުން އެކަކު އަނެކަކުގެ މައްޗަށް ނުބައި ހީތަށް ހީކުރުން މަނާކުރެއްވުން. ސޫރަތުލް ޙުޖުރާތުގެ 12 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (يٰأَيُّهَا ٱلَّذِينَ ءامَنُواْ ٱجْتَنِبُواْ كَثِيراً مّنَ ٱلظَّنّ إِنَّ بَعْضَ ٱلظَّنّ إِثْمٌ وَلاَ تَجَسَّسُواْ) މާނައަކީ: ""އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ގިނަގުނަ ހީތަކާ ދުރުހެލިވެ ރައްކާތެރިވާށެވެ. ހަމަކަށަވަރުން ބަޔެއް ހީއަކީ ކުށެކެވެ. އަދި ތިޔަބައިމީހުން އެކަމު އަނެކަކުގެ މައްޗަށް ޖާސޫސް ކޮށް ނުހަދާށެވެ".

ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (اِيَّاكُمْ وَالظَّنَّ فَإِنَّ  الظَّنَّ أَكْذَبُ الْحَدِيْثِ) މާނައަކީ: "ތިޔަބައިމީހުން ހީތަކާއި ދުރަށް ދާށެވެ. ހަމަކަށަވަރުން ނުބައިހީކުރުމަކީ އެންމެ ބޮޑު ދޮގެވެ".

6. މަރުވުމަށްފަހުގައި ވެސް މުސްލިމުންގެ ކަރާމާތް ރައްކާތެރި ކުރެއްވުމަށް އަމުރުކުރެއްވުން. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (كَسْرُ عَظْمِ الْمَيِّتِ كَكَسْرِهِ حَيّاً) މާނައަކީ: "މައްޔިތެއްގެ ކަށިގަނޑު ބިންދައިލުމަކީ ދިރިހުއްޓާ ބިންދާލުންފަދަ ކަމެކެވެ".

7. މައްޔިތާ ގިނައިރު ނުބާއްވާ އަވަހަށް ހިނަވާ ކަފުންކޮށް ޖަނާޒާގެ ކަންތައް ނިންމުމަށް އަމުރުކުރެއްވުން. އިމާމް އަޙްމަދު- ރަޙިމަހުﷲ ވިދާޅުވިއެވެ. (كَرَامَةُ الْمَيِّتِ تَعْجِيْلُهُ) މާނައަކީ: "މައްޔިތާގެ ކަރާމަތަކީ އަވަސް ކުރުމެވެ".

ތިންވަނައީ: މިނިވަން ކަމުގެ ޙައްގު

1. ހުރިހާ އިންސާނުންނަކީ ﷲ ގެ އަޅުންނެވެ. އެހެން އެއްވެސް ފަރާތެއްގެ އަޅުންނެއް ނޫނެވެ. އިންސާނުން ހައްދަވައި، ރިޒްގު ދެއްވާ، ހުރިހާ ކަމެއް ބަލަހައްޓަވާ ފަރާތަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އެވެ. އިންސާނުން އެކަމަށް އެއްބަސްވިޔަސް ނުވިޔަސް، އެކަން އޮތީ އެގޮތަށެވެ.

2. ޒާތީ މިނިވަން ކަމުގައި ހުރިހާ އިންސާނުން ހަމަހަމަވުން.

3. އިސްލާމްދީނާއި އަޅުވެތިކަން: އިންސާނީ ތާރީޚުގައި، ގަދަފަދަ މީހުން ނިކަމެތިންނަށް، އިހާނާތްތެރިކޮށް ހިތައި، އެބައިމީހުން އަޅުވެތިކޮށް ނިކަމެތިކޮށް، ގިނަބައެއްގެ ޙައްގުތައް ނިގުޅައިގަނެވި ގެއްލިފައިވަނިކޮށް، މިކަންތައްތައް ހަމަހަމަ ގޮތެއްގައި އެންމެހައި އިންސާނުންނަށް ހޯދައިދީފައިވަނީ، އިސްލާމްދީނުގައި ކަން ޔަގީނެވެ. އެންމެހައި މީސްތަކުންގެ އަޞްލު ރުޖޫޢަވަނީ އެއް އަޞްލަކަށް ކަމަށާއި، އޭގެތެރެއިން އެއްވެސް މީހަކަށް އަނެކެއްގެ މައްޗަށް ވަކި ޚާއްޞަ އިމްތިޔާޒުތަކެއް ލިބިގެން ނުވާކަން އިސްލާމްދީނުގައި އަންގަވާފައިވެއެވެ. ﷲ ގެ ޙަޟްރަތުގައި މީހާގެ ދަރަޖަ އުފުލިގެން ދަނީ އޭނާގެ ތަގްވާވެރިކަން ހުރިމިންވަރަކުންނެވެ. ސޫރަތުލް ޙުޖުރާތުގެ 13 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (إِنَّ أَكْرَمَكُمْ عِنْدَ اللهِ أَتْقَاكُمْ) މާނައަކީ: “ތިޔަބައިމީހުންގެ ތެރެއިން އެންމެ މާތް މީހަކީ އެންމެ ތަގްވާވެރި މީހާއެވެ”.

އިސްލާމްދީނުގައި އިންސާނުން އަޅުވެތިކުރުން އޮންނަކަމަށް ބުނެ، ކުރެވޭ ދަޢްވާ އަކީ ބާޠިލް ދަޢްވާ އެއް ކަން ޔަގީނެވެ. ސަބަބަކީ، އަޅުވެތިކަމަކީ އިސްލާމްދީން އައުމުގެ ކުރިންވެސް އޮތް ކަމަކަށްވެފައި، އިސްލާމްދީނުގައި އިންސާނުން މިނިވަން ކުރުމަށް ބާރުއަޅުއްވާފައިވާ އަންގަވާފައިވެއެވެ. އަދި އިސްލާމްދީނުގައި ވަނީ އަޅުވެތިކަމުގެ ދޮރުތައް ހަނިކުރައްވައި، އަޅުވެތިކަމުން ސަލާމަތްކުރުމަށް ގިނަގުނަ ދޮރުތަކެއް ހުޅުއްވާފައެވެ. މިގޮތުން ވަރަށް ގިނަ ފާފަތަކުގެ ކައްފާރާ އެއްގެ ގޮތުގައި ކުރުމަށް ކަނޑައެޅިފައިވާ، އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އަޅަކު މިނިވަންކުރުން ހިމެނެއެވެ. މިގޮތުން ބަލާއިރު:

– ޡިހާރުގެ ކައްފާރާ ބަޔާން ކުރައްވާ މާތް ﷲ ސޫރަތުލް މުޖާދަލާ ގެ 3 ވަނަ އާޔަތުގައި ވަޙީ ކުރެއްވިއެވެ. (وَٱلَّذِينَ يُظَـٰهِرُونَ مِن نّسَائِهِمْ ثُمَّ يَعُودُونَ لِمَا قَالُواْ فَتَحْرِيرُ رَقَبَةٍ مّن قَبْلِ أَن يَتَمَاسَّا) މާނައަކީ: “އަދި ދަންނާށެވެ. ތިމާމެންގެ އަނބިންނާއިމެދު، ޡިހާރުކޮށްފިމީހުން، އެއުރެންގެ ބަސް އަނބުރާ ގެންނަން އެދިއްޖެނަމަ، އެކަނބަލުންގައި އެބައިމީހުން ބީހުމުގެ ކުރިން، އަޅަކު މިނިވަން ކުރާހުށިކަމެވެ”.

– މީހަކު މަރައިފިމީހެއްގެ ކައްފާރާ، ސޫރަތުއް ނިސާގެ 92 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ.( وَمَا كَانَ لِمُؤْمِنٍ أَن يَقْتُلَ مُؤْمِناً إِلاَّ خَطَئاً وَمَن قَتَلَ مُؤْمِناً خَطَئاً فَتَحْرِيرُ رَقَبَةٍ مُّؤْمِنَةٍ وَدِيَةٌ مُّسَلَّمَةٌ إِلَىٰ أَهْلِهِ إِلاَّ أَن يَصَّدَّقُواْ فَإِن كَانَ مِن قَوْمٍ عَدُوّ لَّكُمْ وَهُوَ مْؤْمِنٌ فَتَحْرِيرُ رَقَبَةٍ مُّؤْمِنَةٍ وَإِن كَانَ مِن قَوْمٍ بَيْنَكُمْ وَبَيْنَهُمْ مّيثَاقٌ فَدِيَةٌ مُّسَلَّمَةٌ إِلَى أَهْلِهِ وَتَحْرِيرُ رَقَبَةٍ مُّؤْمِنَةً فَمَن لَّمْ يَجِدْ فَصِيَامُ شَهْرَيْنِ مُتَتَابِعَيْنِ تَوْبَةً مّنَ ٱللَّهِ وَكَانَ ٱللَّهُ عَلِيماً حَكِيماً) މާނައަކީ: “ކުށަކުން އޮޅިގެން މެނުވީ މުއިމިނަކު ގަތުލުކުރުމަކީ، މުއިމިނަކަށް އޮތް ކަމެއް ނޫނެވެ. ކުށަކުން އޮޅިގެން މުއިމިނަކު ގަތުލުކޮށްފިމީހާ، މުއިމިން އަޅަކު މިނިވަންކުރުމާއި، މަރުވިމީހާގެ އަހްލުވެރިންނާއި ޙަވާލު ކުރެވޭގޮތުގައި މަރުގެ ދިޔަ ދިނުން ހުއްޓެވެ. އެއީ އެބައިމީހުން އެއިން ޞަދަގާތްނުކުރާ (ކަނޑައިނުލައި) ނަމައެވެ. މަރުވިމީހާއީ، މުއިމިނަކު ކަމުގައިވުމާއި އެކު، ތިޔަބައިމީހުންނާއި ޢަދާވާތްތެރިވެގެން އުޅޭ ގައުމެއްގެ ތެރެއިންވާ މީހަކު ކަމުގައިވާނަމަ، މުއިމިން އަޅަކު މިނިވަންކުރުމެވެ. އެބަޔަކާއި ތިޔަބައިމީހުންނާއި ދެމެދުގައި އެއްބަސްވުމެއް، ޢަހުދެއް ހިނގާފައިވާ ބައެއްގެ ތެރެއިންވާ މީހަކުނަމަ، ފަހެ އެމީހެއްގެ އަހްލުވެރިންނާއި ޙަވާލުކުރެވޭ ގޮތެއްގައި، މަރުގެ ދިޔަ ދިނުމާއި، މުއިމިން އަޅަކު މިނިވަން ކުރުމެވެ. ފަހެ، މިނިވަންކުރާނެ އަޅަކު ނުލިބުނު މީހާ، ވިދިވިދިގެން ދެމަސް ދުވަހު ރޯދަ ހިފުން ހުއްޓެވެ. އެއީ މާތް ﷲ ގެ ޙަޟްރަތުން ތައުބާ ލިބިގަތުމަށެވެ. މާތް ﷲ އީ ދެނެވޮޑިގެންވާ ޙިކްމަތްވަންތަ އިލާހެވެ”.

– ހުވަޔާއި ޚިލާފުވުމުން ދޭން ޖެހޭ ކައްފާރާ، ސޫރަތުލް މާއިދާގެ 89 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (لاَ يُؤَاخِذُكُمُ ٱللَّهُ بِٱللَّغْوِ فِى أَيْمَـٰنِكُمْ وَلَـٰكِن يُؤَاخِذُكُم بِمَا عَقَّدتُّمُ ٱلأيْمَـٰنَ فَكَفَّارَتُهُ إِطْعَامُ عَشَرَةِ مَسَـٰكِينَ مِنْ أَوْسَطِ مَا تُطْعِمُونَ أَهْلِيكُمْ أَوْ كِسْوَتُهُمْ أَوْ تَحْرِيرُ رَقَبَةٍ) މާނައަކީ: “ތިޔަބައިމީހުންގެ ހުވާތަކުގެ ތެރެއިން ގަޞްދުނެތި ކުރާ ހުވާތަކާއިމެދު، މާތް ﷲ ތިޔަބައިމީހުން ކުށްވެރި ނުކުރައްވާނެތެވެ. ނަމަވެސް ކަށަވަރުކޮށް ގަޞްދުކޮށްގެން ކުރާ ހުވާތަކާއިމެދު، ކުށްވެރި ކުރައްވާނެތެވެ. ފަހެ، އެކަމުގެ ކައްފާރާ އަކީ، ތިޔަބައިމީހުންގެ އަނބިދަރީންނަށް ކާންދީ އުޅޭ މެދުމިނަކުން، ދިހަ މިސްކީނުންނަށް ކާންދިނުމެވެ. ނުވަތަ އެބައިމީހުންނަށް އަންނައުނު ދިނުމެވެ. ނުވަތަ އަޅަކު މިނިވަން ކުރުމެވެ”.

– ނުނިމޭ –

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.