ރިޕޯޓް ނިމިދިޔަ ވެރިކަމާއި ގުޅިފައިހުރި ބައެއް އިއްތިފާގު

ނިމިދިޔަ ވެރިކަމާއި ގުޅިފައިހުރި ބައެއް އިއްތިފާގު

ނިމިދިޔަ ވެރިކަމާއި ގުޅިފައިހުރި ބައެއް އިއްތިފާގު

ކިޔާލަން ހޭދަވާނީ 5 މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖެ އަކީ ކުޑަ ގައުމެކެވެ. ވަސީލަތްތައް މަދު ގައުމެކެވެ. އަދި ހަމަ އެހެންމެ އުފެއްދުންތެރި ކަމުގެ ނިސްބަތް ވެސް އެހާމެ ދަށް ގައުމެކެވެ. ނާޒުކު ތިމާވެއްޓެއް ލިބިފައިވާ ތިރި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިފައިވާ ގައުމެކެވެ. އެހެން ނަމަވެސް  ގައުމުގައި ހިނގަމުން، އުފެދި އާލާވަމުންދާ ކަންތައްތައް ކުޑައެއްވެސް ނޫނެވެ. އަދި މަދެއްވެސް ނޫނެވެ. ކޮންމެ ދުވަހަކު އިރުއަރަނީ އާކަންތައްތަކެއް މިދީބަށް ވެރިވަމުންނެވެ. އަދި އިރުއޮއްސެނީ އެފަދަ އެހެން ކަންތައް ތަކެއް ކުރިފަޅާ ހެދިގަންނަމުންނެވެ. މިކަންތައް މިހެން ތަކުރާރުވަމުން ގޮސް މިހާރު މިވަނީ ދިވެހިރާއްޖޭގެ ހަތަރު ވަނަ ރައީސް އަދި ޑިމޮކްރަޓިކް ފުރަތަމަ ރައީސް އަލްފާޟިލް މުހައްމަދު ނަޝީދު ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އިސްތިއުފާގެ ވާހަކަ ތަފާތު އެކިގޮތްގޮތަށް ދެކެވުން ދިޔަކަމުގައި ވިއަސް މި ފަހަރު ބަލާލަން މި އުޅެނީ ނިމިދިޔަ ވެރިކަމާއި ގުޅިފައި ހުރި ބައެއް ކަހަލަ އިއްތިފާގު ތަކަށެވެ.

ޒަމާނުއްސުރެ އަޅުގަނޑުމެން އަޑުއަހަމުން އަންނަނީ ހިސާބު އަދަދުތަކުގެ ތެރެއިން ހަތެއް (7) އެއީ މާ ނަސީބު ރަނގަޅު ނަންބަރެއް ކަމުގައެވެ. އާދެ "ލަކީ ސެވަން" ގެ ގޮތުގައެވެ. އެހެން ކަމުން ރައީސް ނަޝީދު އާއި ހަތަކާ ހުރި ގުޅުމަކީ ކޮބައިތޯ ބަލައިލުން ރަނގަޅު ކަމުގައި ދެކެމެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ރައީސް ނަޝީދަކީ ދިވެހިރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި ވަރަށް އިސް ދައުރެއް އަދާ ކުރި ބޭފުޅެކެވެ. އެގޮތުން ޑިމޮކްރަސީ ގެ ސިފަތައް އެކުލެވިގެން ދިވެހިރާއްޖޭގައި ފުރަތަމަ އެކުލަވާލި ޤާނޫނު އަސާސީ އަކީ މިހާރު އަމަލު ކުރަމުން މިދާ ފެހި ގަނޫނު އަސާސީއެވެ. އަދި ސީދާ ރައްޔިތުންގެ ވޯޓަކުން ވެރިކަމަށް ރައީސް ނަޝީދު ވަޑައިގަތީ ވެސް މިހާރު އަމަލު ކުރަމުން މިދާ ފެހި ގާނޫނު އަސާސީގެ ދަށުންނެވެ. އެހެންކަމުން ރައީސް ނަޝީދު ވެރިކަމަށް އައުމުގެ އަސްލު ކަމުގައި ވި ފެހި ގާނޫނު އަސާސީ ތަސްދީގު ކުރެވުނީ 2008 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ހަތްވަނަ ދުވަހުއެވެ. އޭގެ ގާތްގަޑަކަށް ތިން އަހަރާއި ބައަށް ފަހު ރައީސް ނަޝީދު މަގާމުން އިސްތިއުފާ ދެއްވީވެސް މަހެއްގެ ހަތްވަނަ ދުވަހުއެވެ. އާދެ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތްވަނަދުވަހުއެވެ. މި ދެކަންތައް މަހެއްގެ ހަތްވަނަ ދުވަހަށް ދިމާވުމަކީ އިއްތިފާގެކެވެ.

ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތުމަށް ފަހު ކޮންމެ ހަފުތާއެއްގެ ހުކުރު ދުވަހަކު ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރަށްވާ ރެޑިއޯ ޚިތާބު ދެއްވަމުން ގެންދެވިއެވެ. އެގޮތުން މި ފަހަރު މި ބަލާލަނީ ރައީސް ނަޝީދުގެ ހަތްވަނަ ރެޑިއޯ ޚިތާބަށެވެ. އެންމެ ބޮޑު އިއްތިފާގެއް ކަމަށް އަޅުގަނޑަށް ފާހަގަކުރެވުނު އެއް ކަންތަކަކީ މި ޚިތާބު ގައި ރައީސް ނަޝީދު ދައްކަވާފައިވާ  ވާހަކަފުޅެވެ. މި ޚިތާބުގައި މައިގަނޑުގޮތެއްގައި ދައްކަވާފައިވަނީ ކުރީގެ ވެރިކަންތައް ނިމިގެން ދިޔަގޮތްތަކާއި މެދު އެ މަނިކިފާނު ކަންބޮޑުވާ ވާހަކައެވެ. އަދި ބަޑީގެ ބާރުން ވިޔަސް ކަނޑީގެ ބާރުން ވިޔަސް ރައްޔިތަކު ނުހިފެހެއްޓޭނޭ ކަމަށާއި އެއްވެސް މީހަކަށް ގާނޫނުގެ މަތީގައި ހުރުމަކީ ވެރިކަން ހިންގުމަށް އުނދަގޫވާނެ ކަމެއް ކަންވެސް ފާހަގަ ކުރައްވާފައިވެއެވެ. އަޅުގަނޑު ހިތުން މިއީ ރައީސް ނަޝީދުގެ ވެރިކަން ނިމެން އައިރު އަދި ނިމުމަށް ފަހު ދެކެވެމުން މިދާ ވާހަކަތަކާ އިއްތިފާގަކުން ނަމަވެސް ގުޅުންހުރި ވާހަކަތަކެކެވެ. މި ދެންނެވި ޚިތާބުގައިވާ ފާހަގަކޮށްލެވޭ  ބައިތައް ޚިތާބުގައި ވާ ގޮތަށް މިތާ ލިޔެލާނަމެވެ.
" އިބްރާހީމް ނާޞިރަށް، އެބޭފުޅާ ވެރިކަން ދޫކުރެއްވިފަހުން ކަންދިމާވީ ވަރަށް ހިތާމަވެރި ގޮތަކަށް. އިބްރާހީމް ނާޞިރު ރާއްޖޭގެ ވެރިކަން ދޫކުރެއްވީ އެބޭފުޅާ އަމިއްލަފުޅަށް. އެބޭފުޅާއަށް އެގޮތަށް ފެނިވަޑައިގަންނަވައިގެން. އެބޭފުޅާގެ ނަޒަރުގައި ދެން މި ރާއްޖެއަށް ރަނގަޅުވާނީ ޒަމާނީ ޢިލްމުގެ ބޭފުޅުން ރާއްޖޭގެ ވެރިކަމުގެ ކުރީސަފުގައި ތިއްބަވައިގެންކަމަށް ފެނިވަޑައިގެން އަދި އޭރުގައި އެބޭފުޅާ ފާހަގަކުރެއްވި އެބޭފުޅާގެ ޞިއްޙަތުގެ ވާހަކަވެސް. ނަމަވެސް، އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އިބްރާހީމް ނާޞިރު އެވަގުތު ބޭނުންވެވަޑައިގަތީ، ދިވެހިރާއްޖެ އެހެން މިޞްރާބަކަށް ގެންދިއުމަށް ބޮޑަށް ބުއްދިވެރީ، ރަނގަޅީ، މުޅިން އާ ބޭފުޅުންކޮޅެއް ރާއްޖޭގެ ވެރިކަމުގެ ލަގަނުގައި ތިއްބެވުންކަމަށް.... އަޅުގަނޑު ރައްޔިތުންނަށް ވަރަށް ސާފުކޮށް އިތުބާރާއެކު ދަންނަވަން ބޭނުން. މިވެރިކަމުގެ ބާރުވެރިކަމެއް އިރާދަކުރެއްވިއްޔާ ކެނޑިގެނެއްނުދާނެ. މިވެރިކަމުގެ ޤަދަރެއްވެސް، މި ވެރިކަމުގެ ޢިއްޒަތެއްވެސް އިރާދަކުރެއްވިއްޔާ ފަނޑުވެގެންނުދާނެ...... ... ޤާނޫނީ ދައުލަތެއް އެއީ، ކޯޓު އޯޑަރަކުން އަށަގެންނެވޭނެ، ނެގެހެއްޓޭނެ ކަމެއްނޫނޭ. އެއީވެސް، ރައްޔިތުން އެ މައްޗަށް ބޯލެނބުމުން ހިނގާނެ ކަމެކޭ. ކޯޓަކުންވިޔަސް އަދި ބަޑީގެ ބާރުންވިޔަސް، ކަނޑީގެ ބާރުންވިޔަސް، ރައްޔިތަކުވެސް ނުހިފެހެއްޓޭނެ. " (މި ޚިތާބު މިލިންކުން ފެނިވަޑައިގަންނަވާނެއެވެ. http://www.presidencymaldives.gov.mv/Index.aspx?lid=71&dcid=4223

މީގެ އިތުރުން ރައީސް ނަޝީދު ގެ 77 ވަނަ ރެޑިއޯ ޚިތާބު ގައިވެސް ދައްކަވާފައިވަނީ މި ފަދަ ވާހަކަފުޅު ތަކެކެވެ. އެ ގޮތުން އިންސާނީ ހައްޤުތަކުގެ ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ " އިންސާނާއަކީ އެންމެ ޙުރްމަތްތެރިކަން، އެންމެބޮޑު ޤަދަރާއި އެންމެބޮޑު ޢިއްޒަތް ލިބިގެންވާ ދިރޭ ފުރާނަ. އިންސާނާގެ ދިރުމަށް ނުވަތަ އިންސާނާއަށް އެއްވެސް ބާވަތެއްގެ ނުޙައްޤު އަނިޔާއެއް ލިބުމަކީ މިހާރު އަޅުގަނޑުމެންގެ ރާއްޖޭގެ ޤާނޫނުވެސް އަދި ރާއްޖޭގެ ރޫޙުވެސް އަދި މުޅި ދުނިޔެވެސް ކުޑަކޮށްވެސް ޤަބޫލުކުރާނެ ކަމެއް ނޫން. އަދި އަޅުގަނޑުމެން އެކަން ބަލަހައްޓައިގެން ތިބޭނެ ކަމެއްވެސް ނޫން. ބޮޑެތި އަނިޔާތައް ރާއްޖޭގެ އެތައް ރައްޔިތުންނަކަށް މިވޭތުވެދިޔަ ތަނުގައި މިވަނީ ލިބިފައި. ރާއްޖޭގެ ޖަލުތަކުގައި މީހުން މަރުވި ޢަދަދު މަދެއް ނޫން. ރާއްޖޭގެ ޖަލުތަކުގައި ރާއްޖޭގެ ރައްޔިތުންނަށް އަނިޔާ ލިބުނު އަދަދުވެސް މަދެއް ނޫން." އަޅުގަނޑު ހިތުން މި ވާހަކައާއި ރައީސް ނަޝީދުގެ ވެރިކަން ނިމުމުގެ އަސްލު ކަމުގައިވި އަބުދުﷲ ގާޒީ ގާނޫނީ އިމުގެ ބޭރުން ހައްޔަރުކުރުމާއި ކޮންމެވެސް ވަރެއްގެ ގުޅުމެއް އެބަހުއްޓެވެ.

މި ފަހަރު މި ބަލާލަނީ ތާރީހުގެ ތެރެއިން ސީދާ 7 ފެބުރުއަރީ ރައީސް ނަޝީދާ ހުރި ގުޅުމަށެވެ. ކޮންމެ ސަބަބަކާއި ހުރެނަމަވެސް ވެރިކަމުން ރައީސް ނަޝީދު އިސްތިއުފާ ދެއްވީ 7 ފެބުރުއަރީ 2012 ގައެވެ. އަދި ހަމަ އެދުވަހު މުލިއާގެއިން އަމިއްލަ ގެ ކޮޅު ގ.ކެނެރީގެއަށް ދިރިއުޅުއްވުން ބަދަލުކުރެއްވިއެވެ. މި ކަމާ އެންމެ ބޮޑަށް އިއްތިފާގުވާ ކަމަކީ ވެރިކަން ދޫކުރައްވައި މުލިއާގެއިން ނިކުމެވަޑައިގަތް ދުވަހަކީ، ވެރިކަމަށް ވަޑައިގަތުމަށްފަހު މުލިއާގެއަށް އަލަށް ބަދަލުވިތާ ބަރާބަރު ތިން އަހަރު ފުރިހަމަވި ތާރީހީ ދުވަހަށް ވުމެވެ. ތާރީހު ހެކިވާ ގޮތިގައި ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތުމަށް ފަހު ފުރަތަމަ ދިރިއުޅުއްވަމުން ގެންދެވީ އަނބިކަނބަލުންގެ ގެކޮޅު ކަމުގައިވާ ޔާގޫތު ގޭގައެވެ. މުލިއާގެއަށް ދިރިއުޅުން ބަދަލުކުރެއްވީ 7 ފެބުރުއަރީ 2009 އަށް އިރުއޮއްސުނު ތާރީހީ ރެއެވެ. އެރޭ އަށެއް ޖެހިއިރު މުލިއާގޭގައި ބޭއްވުނު ކުޑަ ރަސްމިއްޔާތެއްގައެވެ.

އަނެއްކާވެސް 7 ފެބްރުއަރީ ގުޅުންހުރި އެހެން ކަމެކެވެ. މި ފަހަރު 2011 ވަނަ އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވުނު ލޯކަލް ކައުންސިލްގެ އިންތިހާބުގައި އެމަނިކުފާނުގެ ޕާޓީގެ ފަރާތުން ވާދަކުރައްވާ ބޭފުޅުން ތާއީދު ހޯއްދެވުމަށް ބުރަކޮށް މަސަތްކައް ކުރެއްވުމަށްފަހު ހަތަރު ދުވަހުގެ ޗުއްޓީ އަކަށް ވަޑައިގެންނެވިކަން ރައީސް އޮފީހުން ހާމަކުރެއްވީ ނިމިދިޔަ 2011 ވަނަ އަހަރުގެ ފެބްރުއަރީ 7 ގައެވެ. އެހެން ނަމަވެސް އޭގެ ބަރާބަރު އެއް އަހަރު ފަހުން 7 ފެބްރުއަރީ 2012 ގައި ރައީސް ނަޝީދު " ޗުއްޓީ " މި ނެންގެވީ އަބަދުގެ އަބަދަށެވެ. ނުވަތަ ވަކި މުއްދަތެއް ނެތް ގޮތަކަށެވެ.

ރައީސް ނަޝީދު ވެރިކަމުގެ ހުވާކުރައްވާ މަގާމާއި ހަވާލުވެ ވަޑައިގަތީ 2008 ނޮވެންބަރ 11 ވީ އަންގާރަ ދުވަހުއެވެ. އަދި ވެރިކަމުން އިސްތިއުފާދެއްވީ 7 ފެބްރުއަރީ 2012 ވީ އަންގާރަ ދުވަހުއެވެ. މި ދެ ދުވަސްވެސް އަންގާރަ އަކަށް ދިމާވުމަކީ އިއްތިފާގެއްކަމަށް ބެލެވިދާނެއެވެ.އިތުރަށް ހޯދަމުން ދިޔަވަރަކަށް އިތުރު އިއްތިފާގުތައް އިނގި ހާމަވަވުން ދާނެކަމަށް ގަބޫލުކުރެވެއެވެ. އެހެން ނަމަވެސް މިހިނދަށް މި ވަރުން ފުއްދާލާނަމެވެ.

ޓެގް

ރޭޑިއޯ ޚިޠާބު އިއްތިފާޤު އިސްތިއުފާ ނަޝީދު ރައީސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.