ދީނީ ލިޔުންދީން

އުޖޫރަނަގައިގެން ރުޤްޔާ ކުރުން!

ލިޔުނީ: -އައްޝެއިޚް ޢަލީ އިބްރާހީމް-

ސިޙުރުވެރިން ކައިރިއަށް ދިއުމާމެދު ހޭލުންތެރިވެ އެމީހުން ކައިރިއަށް ނުގޮސް ރުޤްޔާ ޝަރުޢިއްޔާ ކުރާ މީހުންގާތަށް ފަރުވާކުރަން ދިއުން މިދަނީ ﷲގެ ރަޙުމަތުން ފުޅާވެ ޢާއްމުވަމުންނެވެ. އަދި މިކަމުގައި ބައެއްމީހުން ހީކުރާގޮތުގައި ރުޤްޔާއަކީ ހަމައެކަނި ﷲ އަށްޓަކައި ހިލޭސާބަހަށް ކުރަންޖެހޭ ކަމެކެވެ. އަދި އުޖޫރަ ނެގޭނެކަމެއްނޫނެވެ. މިއީ މައްސަލައެއް ނޫނެވެ. ސަބަބަކީ ރުޤްޔާކުރުން ޢާއްމުވެގެން މިދަނީ ދާދި މިދާކަށްދުވަހުން ފެށިގެންނެވެ. ވީމާ ރުޤްޔާގެ  ކަންކަމުގައި ޙުކުމްތައް ގިނަބަޔަކަށް ނޭނގުމަކީ ވެދާނެކަމެކެވެ.
ރުޤްޔާކުރުމަކީ ބުރަ އަދި އެހާމެ ނުރައްކާތެރި ކަމެކެވެ. އަދި އެހާމެ ވަގުތު ހޭދަވެފައި އެކަމުގައި ނުހަނު ކެތްތެރިވާންޖެހޭ ކަމެކެވެ. އަދި ކިޔެވުމުގައާއި ފެންކިޔެވުންފަދަ ބުރަ މަސައްކަތް ކޮށް ގިނަވަގުތު ހޭދަކުރަން ޖެހޭކަމެކެވެ. އެހެންކަމުން ރުޤްޔާ ކުރުމަކީ ވަރަށް ބޮޑު ކަމަކަށްވެފައި ވަރަށްބޮޑު ޒިންމާއެކެވެ. ވީއިރު މިފަދަ ބޮޑު މަސައްކަތެއް ކުރުމުގައި އިޚްލާޞްތެރިވެ އެކަން ކުރުމަށްޓަކައި އެކަމުގައި އުޖޫރަނެގުމަކީ އެކަން އެއީ ﷲ އަށްޓަކައި ކުރާކަމެއް ނޫންކަމުގައި ބުނެވޭނެ ޖާގައެއް އޮތްކަމެއް ނޫނެވެ. އެމަސައްކަތް އޭނާކުރާނީ ﷲ އަށްހިތްނިޔަތް ޚާލިޞްކޮށް ހަމައެކަނި ﷲގެ ޙަޟްރަތުން ވާގިއެދިއެވެ. ﷲއަށްޓަކައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުގައިވާ ކަމަކަށްވީތީއެވެ. އަދި އުޖޫރަ އެއް ކަނޑައަޅަނީ އޭނާގެ މަސައްކަތާއި، ވަގުތާއި، އުފފުލަންޖެހެ ބޮޑު ބުރައާއި ނަގަންޖެހޭބޮޑު ޒިއްމާގެ މައްޗަށެވެ.     އެހެންކަމުން އޭނާ އެކުރާމަސައްކަތަށް އުޖޫރައެއް ނެގުމަކީ ހުއްދަ ކަމެކެވެ. އަންނަނިވި ޙަދީޘްފުޅުން އެކަން ވަރަށް ރަނގަޅަށް ސާބިތު ވެއެވެ.
عن أبي سعيد الخدري – رضي الله عنه – قال : انطلق نفر من أصحاب النبي صلى الله عليه وسلم في سفرة سافروها حتى نزلوا على حي من أحياء العرب , فاستضافوهم فأبوا أن يضيفوهم فلدغ سيد ذلك الحي , فسعوا له بكل شيء لا ينفعه شئ , فقال بعضهم : لو أتيتم هؤلاء الرهط الذين نزلوا لعلهم أن يكون عند بعضهم شيء ,فأتوهم , فقالوا : يا أيها الرهط ! إن سيدنا لدغ وسعينا له بكل شيء لاينفعه, فهل عند احد منكم من شيء ؟ فقال بعضهم : نعم والله إني لأرقي , ولكن استضفناكم, فلم تضيفونا , فما أنا براق حتى تجعلوا لنا جعلا , فصالحوهم على قطيع من الغنم ,فانطلق يتفل عليه , ويقرأ: الحمد لله رب العالمين , فكأنما أنشط من عقال , فانطلق يمشي وما به قلبة , قال: فأوفوهم جعلهم الذي صالحوهم عليه , فقال بعضهم : اقتسموا فقال الذي رقى : لا تفعلوا حتى نأتي رسول الله صلى الله عليه وسلم فنذكر له الذي كان , فننظر ما يأمرنا , فقدموا على رسول الله صلى الله عليه وسلم , فذكروا له ذالك , فقال : (وما يدريك أنّها رقية؟ ) , ثم قال: ( قد أصبتم , أقصموا واضربوا لي معكم سهما )- (متفق عليه)-
މާތް ﷲ ރުއްސުން ލެއްވި އަބޫސަޢީދިލް ޚުދްރީގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާލުވިއެވެ. ސަލާމާއި ޞަލަވާތްލެއްވި ނަބީކަލޭގެފާނުގެ އަޞްޙާބުން ކުރެއްވި ދަތުރުތަކުގެތެރޭން (ހަނގުރާމައިގެ) ދަތުރެއްގައި އަޞްހާބުބޭފުޅުންކޮޅެއް ވަޑައިގަތެވެ. ދެން އެބޭފުޅުން އެދަތުރުގައި ޢަރަބި ޤަބީލާތަކުގެ ތެރޭން ޤަބީލާއެއް ދިރިއުޅޭ ރަށެއްގައި މަޑު ކުރެއްވިއެވެ. އަދި އެ ޤަބީލާގެ މީހުންގެ ކިބައިން މެހްމާންދާރީ އަދާކޮށް ދެއްވުމަށް އެދިވަޑަައިގެންނެވިއެވެ. ނަމަވެސް  އެބައިމީހުން އެކަމަށް އިންކާރުކޮށް މެހްމާންދާރީ އަދާކޮށްދިނުމަށް ދެކޮޅު ހެދިއެވެ. ދެންފަހެ އެރަށުގެ ވެރިމީހާގެ ގައިގައި އެއްޗެއް (ނަގުލަންދާއްޓެއް) ކަށިޖަހައިގެން ރަނގަޅުވޭތޯ އެމީހުނަށް ކުރެވެން ހުރި ހުރިހާކަމެއް ކޮށްވެސް ރަނގަޅުނުވެގެން (ދިލަމަޑުނުވެގެން) އެންމެފަހުން އޭގެތެރެއިން ބައެއްމީހުން ބުނެފިއެވެ. “އަޅެ ނިކަން މިރަށަށް އައިސްގެން މިއުޅޭ މީހުންގެ ގާތަށް ދަމާ ހިނގާބަލާށެވެ. ފަހަރެއްގައި އެމީހުންގެ ތެރެއިން މީހަކަށްވެސް ކުރާނެކަމެއް އެނގިދާނެކަންނޭގެއެވެ. ދެން އެވެރިން އެބޭފުޅުންގެ އަރިހަށް އައިސް ދެންނެވިއެވެ. ” އޭ ބޭކަލުންނޭވެ ! އަހުރެމެންގެ ވެރިމީހާގެ ގައިގައި މިއުޅެނީ އެއްޗެއް ކަށިޖަހައިގެންނެވެ. އަދި ރަނގަޅުވޭތޯ އަހަރެމެންނަށް ކުރެވެން ހުރި ހުރިހާ ކަމެއްވެސް ކޮށްފީމެވެ. ނަމަވެސް އެއްވެސް ފައިދާއެއް ނުކުރިއެވެ. ފަހެ ކަލޭމެންގެ މީހަކަށް މިކަމަށް ކުރާނެކަމެއް އެނގޭނަމަ ކޮށްދީބަލާށެވެ. ދެން އެބޭފުޅުންގެ ތެރެއިން ބޭފުޅަކު ވިދާޅުވިއެވެ. އާއެކެވެ. މާތް ﷲ ގަންދީ ބުނަމެވެ. އަހަރެން ރުޤްޔާ ކޮށްދީފާނަމެވެ (ފަންޑިތައެއް ހަދައިދީފާނަމެވެ). އެކަމަކު އަހަރެމެން ކަލޭމެންގެ ކިބައިން މެހްމާންދާރީއަށް އެދުނުހިނދު ކަލޭމެން އެކަމަށް އިންކާރުކޮށް މެހްމާންދާރީ އަދާކޮށެއް ނުދިނީމުއެވެ. ވީމާ އަހަރެމެންނަށް އުޖޫރައެއް ކަނޑަނާޅާހާ ހިނދަކު ރުޤްޔާ ކޮށްދޭކަށް ނެތީމެވެ. ދެން އެވެރިން އެކަމުގެ އުޖޫރައެއްގެ ގޮތުގައި ބަކަރި ބައިގަނޑެއް ދިނުމަށް އެއްބަސްވެ ރުހިއްޖެއެވެ.( އެހެން ރިވާޔަތެއްގައިވާ ގޮތުގައި އެއީ 30 ބަކަރިއެވެ) ދެން އެބޭކަލަކު الحمد لله رب العالمين (ސޫރަތުލްފާތިޙާ) ކިޔަވާ ވިދާޅުވަމުން އަނގައިން ފުމެލައްވަމުން ގެންދެވިއެވެ. (ބައެއް ރިވާޔަތުގައި ވާގޮތުން 7 ފަހަރު ކިޔަވާ ވިދާޅުވިއެވެ.) ދެން ހޭނެތިފައިވާ މީހަކު ހޭއެރިފަދައިން ރަނގަޅުވެ އެއްވެސް ރިހުމެއް ދިލައެއް ނެތް މީހެއްފަދައިން ހިނގަން ފެށިއެވެ. ދެން އެވެރިން އެއްބަސްވެފައިވާ ގޮތުގެމަތިން އުޖޫރަ ފުރިހަމަކޮށްދީފިއެވެ. އެހިނދު އެބޭފުޅުންގެ ތެރެއިން ބޭފުޅަކު ވިދާޅުވިއެވެ. އެތަކެތި އަހަރެމެންގެ މެދުގައި ބައްސަވާލައްވާށެވެ. ދެން ރުޤްޔާކުރެއްވި ބޭފުޅާ ވިދާޅުވިއެވެ. ނޫނެކެވެ. އަހަރެމެން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ދިއުމުގެ ކުރިން ގޮތެއް ނުހަދާނަމެވެ. އެކަލޭގެފާނަށް ކަންވީގޮތް ކިޔައިދީ އެކަލޭގެފާނު ނިންމަވާ ގޮތެއް އަހަރެމެން ބަލަންޖެހޭނެއެވެ. ދެން އެބޭކަލުން އިތުރު އެކަލޭގެފާނުގެ އަރިހަށް ވަޑައިގެން ކަންވީގޮތް ރަނގަޅަށް ކިޔައިދެއްވުމުން ޙަދީޘްކުރެއްވިއެވެ. އެއީ ރުޤްޔާއެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ.؟ އެއަށްފަހު އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. ތިޔަބޭފުޅުން ކަންތައް ތިކުރެއްވިގޮތް ރަނގަޅެވެ. އެތަކެތިބައްސަވައި ލައްވާށެވެ. އަދި ކަލޭމެނާއި އެކު ތިމަންކަލޭގެފާނަށްވެސް ބައެއް އަޅުއްވާށެވެ. – (މުއްތަފަޤުން ޢަލައިހި) ބުޚާރީ އާއި މުސްލިމްގައިވެސް މިވާހަކަ ނަންގަނެވިފައިވެއެވެ. މިއީ ޞައްޙަ ޙަދީޘްފުޅެކެވެ.-
މިއާ ޚިލާފު ދަލީލެއް މިކަމުގައި ނެތެވެ. މި ޙަދީޘްފުޅުން ވަރަށް ޞަރީޙަކޮށް އެނގޭ ގޮތުގައި ރުޤްޔާކުރުމުގައި އަގު ކަނޑައެޅިދާނެއެވެ. އަދި ޞަޙާބީން އެކަން ކުރައްވާފައި އެވަނީ ރުޤްޔާ ކުރުމުގެ ކުރިން (އެޑްވާންސް ކޮށް) އަގު ކަނޑައަޅައިގެންނެވެ. އަދި ކިޔަވާފައި އެވަނީ ޤުރުއާނެވެ. ނަމަވެސް އެބޭކަލުން އެކަން ކުރުމުގެ ކުރިން އެއީ ރުޤްޔާއެއްކަން (ފަންޑިތައިގެ ގޮތުގައި ބޭނުންކުރެވޭނެ އެއްޗެއްކަން) އެބޭކަލުންނަށް ނޭންގޭކަން ރަސޫލުﷲގެ ފާނުގެ ބަސް ފުޅު ” އެއީ ރުޤްޔާއެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއް ތޯއެވެ؟” މިބަސްފުޅުން ދޭހަވެއެވެ. އެހެންކަމުން ޤުރުއާނުން ކޮށްފިނަމަ އަދި ޝިރުކާއި ޙަރާމްކަމެއް އޭގައި އެކުނުވާނަމަ ސީދާ ރަސޫލުﷲގެ ފާނު ކުރެއްވިކަން ސާބިތުނުވާ ރުޤްޔާއެއްވެސް ކުރެވިދާނެކަން އެނގެއެވެ. އެއީ އެހެން ޙަދީޘްފުޅެއްގައި ވާފަދައިން “އޭގައި ޝިރުކެއް އެކުލެވިފައިނުވާ ނަމަ އެރުޤްޔާއެއް ކުރުމުގައި މައްސަލައެއް ނެތެވެ” މިޙަދީޘްފުޅަށް ރިޢާޔަތް ކޮށްފައެވެ.
ކަން މިހެން އޮތްއިރު ރުޤްޔާ ކުރައްވާ ބޭފުޅުން ވިސްނާލަންޖެހޭ އެހެންކަމެއްވެސް އެބައޮތެވެ. މިކަމުގައި މަކަރުވެރިކަމާއި އޮޅުވާލުން ގެންގުޅެގެން ނުވާނެއެވެ. މީހަކުއަތުން އެޑްވާންސަށް ރުޤުޔާކުރުމަށް ފައިސާ ނެގިނަމަ، އެމަސައްކަތް އެމީހަކަށް ކޮށްދޭންވާނެއެވެ. ޝިފާ ދެއްވާ ފަރާތަކީ ﷲ އެވެ. މަސައްކަތް ކުރުމަށްޓަކައި އަގެއް ނެގިނަމަ އެކަމަށްޓަކައި މަސައްކަތް ކޮށްދޭން ޖެހޭނެއެވެ. ބައެއްފަހަރަށް ރުޤްޔާކޮށްދިނުމަށް އެދުމުން ފައިސާ ނެގުމަށްފަހު ޚަބަރެއްނުވެ އެމަސައްކަތް ނުކޮށްދީ އުޅޭވާހަކަވެސް އަޑުއިވެއެވެ. މިއީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއްނޫނެވެ. އިޚްލާޞްތެރިކަމާއިނުލާ ރުޤްޔާއަކުންވެސް އަދި އެހެން ކަމަކުންވެސް ފައިދާއެއް ނެތެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *