ހަމަޖެހުން އަންނާނީ ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންވެގެން ކަމުގައި ޖަމްޢިއްޔަތުއްސަލަފްގެ ނައިބު ރައީސް އައްޝައިޚް ޙަސަން މޫސާ ފިކުރީ ވިދާޅުވެއްޖެއެވެ.
ސަންއެފްއެމްގެ "ޢިލްމީ ޚަޒާނާ" ގެ 150 ވަނަ ޕްރޮގްރާމްގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ވާހަކަދައްކަވަމުން ޝައިޚް ފިކުރީ ވިދާޅުވީ އަޅުގަނޑުމެންގެ ދުނިޔެވީ ކަންތައްތައް އިޞްލާޙުކުރުމަށް އެދޭ ހުރިހައި އެންމެންނަކީވެސް ﷲ ސުބުޙާނަހޫ ޥަތަޢާލާ އެންގެވި އަމުރުފުޅުތަކަށް ކިޔަމަންވާ ބައެއްކަމުގައި ވެގެންމެނުވީ ދުނިޔޭގެ އެއްވެސް ހަމަޖެހުމެއް، އަމަންއަމާންކަމެއް އަދި ޢަދުލު އިންސާފެއްވެސް ޤާއިމުނުވާނެކަމަށެވެ.
މީގެއިރުތުރުން ޣައިރު މުސްލިމުންގެ އާދަތައް އަޅުގަނޑުމެންގެ ތެރެއަށް ވަދެގެންއައިސް ޑިމޮކްރަސީގެރޫޙާ އެއްގޮތަށް މަސައްކަތްކުރަމުންދާ ހިނދު، ނަމާދެއް މިސްކިތެއް ބެލުމެއްނެތި އަޅުގަނޑުމެންގެ ޙަރަކާތްތައް އަޅުގަނޑުމެންގެ މި އިސްލާމީ މުޖްތަމަޢުގައި ބައްޓަން ކުރެވިގެންދާތަން ފެނިގެންދާކަމަށެވެ. އަދި ބައެއް މީހުން ނަމާދުނުކޮށް ދުވާލުދާ ހަތަރުދަމު ތަނެއްގައި އިހްތިޖާޖުކުރުމަށްޓަކައި ހޭދަކުރާކަމަށާއިއަނެއްބަޔަކު ނަމާދުވަގުތަކަށް ބެލުމެއްނެތި މަގުމަތީގައި މިސްކިތްތައް ކައިރި އަޑުގަދަކުރާކަމަށެވެ.
ޝައިޚް ފިކުރީ ވިދާޅުވީ އެމީހެއްގެ ހިތް މިސްކިތާއިގުޅިފައިވާ މީހާއަކީ ﷲ ސުބުޙާނަހޫ ޥަތަޢާލާ އެމީހަކަށް ޢަރުޝީގެ ހިޔާވަހިކަން ދެއްވާނެ މީހެއްކަމަށެވެ.
"މީހާގެ ހިތް މިސްކިތާއިގުޅިފައިވާ މީހާ، އެއްނަމާދުން އަނެއް ނަމާދަށް އިންތިޒާރު ކުރާމީހާ، ﷲއަށް ޛިކުރު ކުރުމުގައި ކީރިތި ޤުރުއާން ކިޔެވުމުގައި ޖަމާޢަތުގެ ނަމާދަށް ޙާޟިރު ވުމުގައި ފަރުވާތެރިވާމީހާއަކީ ޤިޔާމަތްދުވަހުގައި އެދުވަހުގެ ބިރުވެރިކަމުން ސަލާމަތްކޮށްދެއްވައި، އަދި ޢަރުޝީގެ ހިޔާވަހިކަން ދެއްވާ މީހުންގެ ތެރޭގައި ހިމެނޭ މީހެއް" ޝައިޚް ފިކުރީ ވިދާޅުވިއެވެ.
ޢިލްމީ ޚަޒާނާ ޕްރޮގްރާމަކީ ޖަމްޢިއްޔަތުއްސަލަފާއި ސަންއެފްއެމް ގުޅިގެން ކޮންމެ ހޯމަދުވަހެއްގެރޭ 22:00 ން 23:00 ށް ވަގުތުން ފޮނުވާ ދީނީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެކެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...