ރިޕޯޓް

ޚިޔާލުފާޅުކުރުމުގެ ޙައްޤު ސަލާމަތްކުރުން

ހުޅަނގުގެ އިޖްތިމާޢީ އަގުކުރުންތަކުގެ ފޮއެދަށުވެ ޗިސްޗިސްވަމުންދާ ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ މާނަކުރަނީ  އެއްވެސް އިމެއް އެއްވެސްކަހަލަ ހުރަހެއް ނެތި ތައްމިނަށް ހުޅުވާލެފިވާ ޙައްޤެއްގެގޮތުގައެވެ. 1948 ގައި އދ. އިން ފާސްކުރި އިންސާނީ ޙައްޤުތަކާބެހޭ ޢާންމު ޤަރާރުގެ 19 ވަނަ މާއްދާ ގައި ވަނީ "ހަމަ ކޮންމެ މީހަކަށްމެ، އެމީހަކު ދެކެން ބޭނުންވާ ގޮތަކަށް ދުށުމާއި، އެމީހަކު ހާމަކުރަންބޭނުންވާ ކަމެއް ހާމަކުރުމުގެ މިނިވަންކަން ލިބިގެންވެއެވެ. މިޙައްޤުގެ މާނައިގައި، އެއްވެސް ފަރާތެއްގެ ނޫފޫޒެއްނެތި، ވަކި ގޮތަކަށް ވިސްނުން ގެންގުޅުމާއި، އެއްވެސް ކަހަލަ އިމެއް ހުރަހެއް ނެތި" މި ޙައްޤު ލިބެންޖެހޭނެކަމަށެވެ.

ނަމަވެސް ދިވެހިންގެ އިޖްތިމާޢީ ފޭރާން އަދި އަޅުގަނޑުމެންގެ އާދަކާދަ ނިޔާކުރާގޮތުން މި މާނަޔަށް އެބަ އިތުރު ހަރުދަނާ އިންތަކެއް ޖަހާދެއެވެ. ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާބެހޭ މާއްދާ 27ގައި ދިވެހި ރައްޔިތުން ލިޔެފައިވަނީ "މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަޞްލަކާއި ޚިލާފުނުވާ ގޮތެއްގެމަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ޤަލަމުން އަދި މިނޫންވެސް ގޮތްތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެން"ވާކަމަށެވެ. އަދި އިންސާނީ ޙައްޤުތަކާބެހޭ ޢާންމު ޤަރާރުގައި ދިވެހިރާއްޖޭގެ ގުމްހޫރިއްޔާއިން ސޮއެކޮށްފައިވަނީ އެ ޤަރާރުގައި ކަނޑައެޅިފައިވާ ޙައްޤުތަކުގެ ތެރެއިން ދިވެހިރާއްޖޭގައި ޢަމަލުކުރަންޖެހޭނީ އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ޙައްޤުތަކަށް ކަމުގައި ބުނެ ޝަރުތުކޮށްފައެވެ.

މިތާނގައި އަޅުގަނޑު އަލިއަޅުވާލަން މިއުޅެނީ ލިޔެވިފައި ވާ ނުކުތާއަކަށެވެ. އެ ނުކުތާއަކީ ޤާނޫނުއަސާސީގައި އެބަޔާންކުރާ ފަދައިން "އިސްލާމްދީނުގެ އަޞްލަކާއި ޚިލާފުނުވާ ގޮތެއްގެމަތީން" އެމިނިވަންކަން ދޭންޖެހޭއިރު ޢަމަލީ ގޮތުން ޤާނޫނުއަސާސީގެ މި އިލްޒާމު ތައްފީޒުކުރެވޭނެ މަގެއްނެތުމެވެ. އެކަން ކުރާނެ އަދި ދެމެހެއްޓޭނެ މަގު ޙަޤީޤީ މާނައިގައި ފަހިކުރެވިފައިނެތުމެވެ.

އާދޭހެވެ. ދީނުގެ އަޞްލުތަކާ ޚިލާފު ނުވޭތޯ ބެލޭނީ ދީނުގެ އަޞްލުތަށް ދަންނަ އެދާއިރާއިން ތަޢުލީމު ޙާސިލްކުރައްވައިގެން ތިއްބެވި ބަޔަކަށެވެ. އެހެންކަމުން މީޑިއާ ގުޅުންހުރި މީޑިއާކައުންސިލްތައްފަދަ އަދި މީޑިއާ ރެގިއުލޭޓްކުރާ ޤާނޫނީ މުއައްސަސާތަށް އުފައްދާ އެކަށައަޅާ އެކުލަވާލާ ހިންގުމުގައި އެފަދަބޭބޭފުޅުންގެ ބައިވެރިވުން ކޮންމެހެން ލާޒިމެވެ. މިދަންނަވާފަދަ ޤާނޫނީ ބާރުވެރިކަމެއްގެ އާޚިރު ނަތީޖާއަކަށްވެގެންދާނީ އިޖްތިމާޢީ ފެންވަރުގައި ދެމެހެއްޓެނިވި ގޮތެއްގައި، ދިވެހިން މިމާނަކުރާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޭގެ ޙަޤީޤީ މާނައިގައި ދިވެހިރައްޔިތުންނަށް ލިބިގެން ދާތަނެވެ.

އަގުކުރުމެއް ދެމެހެއްޓޭނީ އެބަޔެއްގެ އަމިއްލަ ހިތްތަކުގައި އެކަމެއް އެގޮތަށް ލިޔެވިގެންނެވެ. މިގޮތުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގައި ދިވެހިން މި ޖެހި އިން ފާހަގަ ވާވަރަށް ޒުވާންޖީލަށް ތަޢުލީމީ ތަރުބަވީ ނިޒާމުގެތެރެއިން އެބަ އުނގަންނައިދޭންޖެހެއެވެ. އެއީ ފަރުދީ ފެންވަރުގައި މިޙައްޤު ޙިމާޔަތް ކުރުމުގައި ފަރުދީ ޒިންމާ އުފުލާ ފަރުދުންތަކެއް އުފެއްދުމަށްޓަކައެވެ.

މިއާއެކު ޒިންމާދާރުގޮތެއްގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤު ދެމެހެއްޓުމަށްޓަކައި، މީޑިއާގެ ދާއިރާގައި، މަޢުލޫމާތުބަދަލުކުރުމާ ނޫސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވުމަށް އެ ދާއިރާއިން އުނގެނިގެންތިބި ފަންނީ ބޭފުޅުން އިތުރުވުން ވެސް ވަރަށް މުހިންމެވެ.

ކޮންމެޔަކަސް ޤާނޫނުއަސާސީގައި ބަޔާންވެގެން އެވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އަޅުގަނޑުމެންނަށް އެއްވެސް ހިފެހެއްޓުމެއްނެތި ލިބެންއެބަޖެހެއެވެ. އަދިއެ ނޫން މާނަތަކުން އެ ޙައްޤު އެބަ މިނިވަންކުރަންޖެހެއެވެ. ވާޖިބުތަކަށް ލޯމަރާލައި ހަމައެކަނި ޙައްޤުތަކަށް ގޮވަލާ ހުޅަނގުގެ ގޮވާލުންތަކުގެ އަޅުވެތިކަމުން ދިވެހިންގެ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤު އެބަ ސަލާމަތްކުރަންޖެހެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް