ދީންސުވާލާއި ޖަވާބު

ޙާކިމާ ހަމަމަގަށް އެޅުވުމަށް މަގުމައްޗަށް ނުކުމެ އަޑު އުފުލުމަކީ ކޮންކަހަލަ ކަމެއްތޯ؟

ސުވާލު:

ނޮވެމްބަރ 11، 2008 ން ފެށިގެން ފެބްރުއަރީ 7، 2012 އާއި ހަމައަށް ރާއްޖޭގެ ވެރިކަން ކުރައްވަމުން ގެންދެވީ ގ.ކެނެރީގޭ މުޙައްމަދު ނަޝީދު ނަމަކަށް ކިޔާ ބޭފުޅެކެވެ. އޭނާގެ ވެރިކަމުގެ ދުވަސްވަރުގައި އިސްލާމްދީނަށް ފުރައްސާރަ ކުރައްވާ އެތައް ކަމެއް ކުރައްވާފައިވެއެވެ. ކަނޑައެޅިގެން މިރާއްޖޭގައި އިސްލާމީ ޝަރީޢަތް ގާއިމް ނުކުރައްވާނެ ކަމަށް ވިދާޅުވެފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޖޯކު ޖައްސަވާފައިވެއެވެ. ރާއްޖޭގެ އިސްލާމީ ވަޙްދަތު ނައްތަވާލައްވަން އެތަށް މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. ކަންމިހެން ހުރުމާއެކު، ރާއްޖޭގެ ބައެއް ޢިލްމުވެރިން އޭނާއާއި ދެކޮޅަށް މަގުމައްޗަށް ނިކުމެވަޑައިގެން އަޑު އުފުއްލަވަމުން ގެންދެވިއެވެ. ނަމަވެސް، ބައެއް މީހުން ބުނާ ގޮތުން އެގޮތަށް އަޑު އުފުލުމަކީ ބަޣާވާތެކެވެ. މި މައްސަލަ ވަރަށް ތަފްޞީލުކޮށް ބަޔާން ކޮށްދެއްވުން އެދެމެވެ. 

ޖަވާބު:

الحمد لله، والصلاة والسلام على رسول ا لله، صلى الله عليه وسلم، وبعد:

އަނިޔާވެރި ޙާކިމަކާ ދެކޮޅަށް ނިކުތުގެ ވާހަކަ ދެއްކުމުގެ ކުރިން ބާޣީންގެ ތަޢާރަފާއި، ބަޣާވާތަކަށް ވަނީ ކޮންކޮން ޝަރްޠުތަކެއް ހަމަވެގެންތޯ ބަލައިލަން ޖެހެއެވެ. އަނިޔާވެރި ވެރިޔަކާއި ދެކޮޅަށް ނިކުންނަ މީހުންނަކީ ބާޣީންނަށް ވާނެތޯ ނުވަތަ ނޫންތޯ ބަލަން ޖެހެއެވެ. ސަބަބަކީ ބާޣީން ކަމުގައި ބެލެވޭނީ ޢިލްމުވެރިން ކަނޑައަޅުއްވާފައިވާ ޝަރްޠުތަކެއް އެބަޔެއްގެ ކިބައިގާ ހަމަވާ މީހުންނަށް އެކަންޏެވެ.

ބަޣާވާތެއް ކަމުގައި ބެލެވޭނީ އެބައިމީހުންގެ ކިބައިގާ ހަތަރު ޝަރްޠެއް ހަމަވާނަމައެވެ.

1-     ޢަދުލުވެރި  ވެރިޔަކާ ދެކޮޅަށް ނިކުތުން.

2-  ބާރު ހުރި ޖަމާޢަތެއްގެ ބަޔަކު ހަތިޔާރާއިގެން ޙާކިމާ އާއި ދެކޮޅަށް ނިކުތުން.

3- ޙާކިމާ އާއި ދެކޮޅަށް ނިކުންނަނީ ގަބޫލުކުރެވޭ ފަދަ  ސަބަބުތަކެއް ހުރެގެން ކަމުގައިވުން.

4- އެބައިމީހުން ކިޔަމަންވާ ލީޑަރަކު އެބައިމީހުންގެ ތެރޭގައި ހުރުން.

އިމާމް ނަވަވީ-ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. "ޢިލްމުވެރިންގެ އިޞްޠިލާޙުގައި ބާޣީންނަކީ ހަތިޔާރާއި ބާރާއި އެކު، ޢަދުލުވެރި ޙާކިމާ އާއި ދެކޮޅަށް ނިކުމެ، ޙާކިމާ އަށް އަދާ ކުރަން ޖެހޭ ވާޖިބުތަކުން ދުރުހެލިވެ، އެކަމުން މަނާވެގަންނަ މީހުންނެވެ.

އިސްވެ ބަޔާން ކުރެވުނު ވާހަކަތަކުން ބާޣީންނަކީ ކޮބައިކަން ސާފުވެއްޖެއެވެ.

ދެން މިބަލައިލަނީ ބާރުގެ ބޭނުންކޮށްގެން ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީ ކުރުމާއި ބެހޭ ގޮތުން ޢިލްމުވެރިންގެ ރައުޔުތަކެވެ.

ހުރިހާ ދަންނަ ބޭކަލުން އިޖްމާޢުވެލައްވާ ގޮތުގައި ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީ ކުރުމަކީ ވާޖިބު ކަމެކެވެ. ސޫރަތު އާލުޢިމްރާންގެ 104 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ‌ وَيَأْمُرُ‌ونَ بِالْمَعْرُ‌وفِ وَيَنْهَوْنَ عَنِ الْمُنكَرِ‌ ۚوَأُولَـٰئِكَ هُمُ الْمُفْلِحُونَ) މާނައަކީ: " ހެޔޮކަމުގެ މަގަށް ގޮވާ، އަދި ހެޔޮކަންތަކަށް أمر ކުރާ، އަދި ނުބައިކަންތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ! އެއުރެންނަކީ ހަމަ، ދިންނަވާނޭ މީހުންނެވެ.” ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (من رأى منكم منكراً فليغيره بيده إن استطاع، فإن لم يستطع فبلسانه، فإن لم يستطع فبقلبه وذلك أضعف الإيمان، ليس بعد ذلك من الإيمان شيء) މާނައަކީ: "ތިޔަބައިމީހުން ކުރެ މީހަކަށް މުންކަރާތެއް ފެނިއްޖެނަމަ ކުޅަދާނަކަން ލިބިގެންވާ މީހާ އަތުން މަނާ ކުރާ ހުށިކަމެވެ. އެކަމުގެ ކުޅަދާނަކަން ލިބިގެން ނުވާ މީހާ ދުލުން މަނާ ކުރާ ހުށިކަމެވެ. އެކަމުގެ ކުޅަދާނަކަންވެސް ލިބިގެން ނުވާ މީހާ އެމީހެއްގެ ހިތުން މަނާ ކުރާ ހުށިކަމެވެ. އެއީ އީމާން ކަމުގެ އެންމެ ދަށުދަރަޖައެވެ. އެއަށްފަހު އީމާންކަމުގެ މިންވަރެއް ނެތެވެ."

ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީ ކުރުމުގައި ހަމައެކަނި އޮތީ ދުލުންނާއި ހިތުން މަނާ ކުރުންތޯ ނުވަތަ ބާރުގެ ބޭނުންވެސް ކުރެވިދާނެތޯ، މިކަމުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވެއެވެ.

وعن أبي بكر الصديق رضي الله عنه أنه تلا قوله تعالى : " يا أيها الذين آمنوا عليكم أنفسكم لايضركم من ضل إذا اهتديتم " فقال : أيها الناس إنكم تقرؤون هذه الآية فتضعونها في غير موضعها وإني سمعت النبي صلى الله عليه وسلم قال : " إن الناس إذا رأوا المنكر ولا يغيرونه ، أوشك أن يعمهم بعقابه ". وقد ورد " إن الناس إذا رأوا الظالم فلم يأخذوا على يديه أوشك أن يعمهم الله بعقاب منه" މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަބޫބަކުރުއްޞިއްދީގުގެ ކިބައިން ރިވާވެގެން ވެއެވެ. މާތް ﷲ ގެ ވަޙީގެ ބަސްފުޅު (يَا أَيُّهَا الَّذِينَ آمَنُوا عَلَيْكُمْ أَنفُسَكُمْ ۖ لَا يَضُرُّ‌كُم مَّن ضَلَّ إِذَا اهْتَدَيْتُمْ) ކިޔަވާ ވިދާޅުވުމަށްފަހުގައި ވިދާޅުވިއެވެ. "އޭ މީސްތަކުންނޭވެ. ތިޔަބައިމީހުން މިއާޔަތް ކިޔެވުމަށްފަހު ނުބައިކޮށް މާނަކޮށް އުޅެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާތީ ތިމަންކަލޭގެފާނު އަޑު އެއްސެވީމެވެ. "ހަމަކަށަވަރުން މީސްތަކުންނަށް މުންކަރާތްފެނި އެކަން މަނާ ނުކޮށްފިނަމަ، ހުރިހާ އެންމެންނަށް ޢާއްމުވެ ޝާމިލުވާ ފަދަ ކޯފާ އެއް އައުމަކީ ގާތުގައިވާ ކަމެކެވެ." އެހެން ރިވާޔަތެއްގައިވެއެވެ. "ހަމަކަށަވަރުން، މީސްތަކުންނަށް އަނިޔާވެރިޔާގެ އަނިޔާވެރިކަން ފެނި، އޭނާގެ ދެއަތުގައި ނުހިފަހައްޓައިފިނަމަ، ހުރިހާ އެންމެންގެ މައްޗަށް ޢާއްމުވެ ޝާމިލުވެގެންވާ ފަދަ ކޯފާ އެއް ޢަޛާބެއް ފޮނުއްވުން ގާތްވެގެންވެއެވެ."

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. (ما من نبي بعثه الله قبلي إلا كان له من أمته حواريون ، وأصحاب يأخذون بسنته ويقتدون بأمره ، ثم إنها تخلف من بعدهم خلوف ، يقولون مالا يفعلون ، ويفعلون مالا يؤمرون ، فمن جاهدهم بيده فهو مؤمن ، ومن جاهدهم بلسانه فهو مؤمن ، ومن جاهدهم بقلبه فهو مؤمن ، وليس وراء ذلك من الإيمان حبة خردل) މާނައަކީ: "ތިމަންކަލޭގެފާނުގެ ކުރިން ފޮނުއްވި ކޮންމެ ނަބީ ބޭކަލެއްގެ އުއްމަތުގައިވެސް ޙަވާރިއްޔަ ބަޔަކު ވެއެވެ. އަދި އެނަބީ ބޭކަލެއްގެ ސުންނަތުގައި ހިފާ، އެނަބިއްޔެއްގެ އަމުރުފުޅުތަކުގައި ހިފެހެއްޓޭތޯ ބަލާ އަޞްޙާބުންތަކެއްވެސް ވެއެވެ. އޭގެފަހުން އައި ބަޔަކު އެމީހުން ނުކުރާކަންތަކުގެ ވާހަކަ ދައްކާ ހަދައެވެ. އަދި އެބައިމީހުންނަށް އަމުރުވެވިގެން ނުވާ ކަންތައްތަކެއް ކޮށް އުޅުނެވެ. އެމީހެއްގެ އަތުން އެބައިމީހުންނާއި ޖިހާދު ކޮށްފި މީހަކީ މުއިމިނެކެވެ. އެމީހެއްގެ ދުލުން އެބައިމީހުންނާއި ޖިހާދު ކޮށްފި މީހަކީ މުއިމިނެކެވެ. އެމީހެއްގެ ހިތުން އެބައިމީހުންނާއި ޖިހާދު ކޮށްފި މީހަކީ މުއިމިނެކެވެ. އެޔަށްފަހުގައި އީމާންކަމުގެ ރެވިއޮށްޓަރެއްގެ މިންވަރުވެސް ނުވެއެވެ." މިޙަދީޘް އަށް ތަޢްލީގު ކުރައްވަމުން އިބްނު ރަޖަބު- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. "މިއިން ދޭހަކޮށްދެނީ ވެރިންނާއި ދެކޮޅަށް އަތުން ޖިހާދު ކުރެވިދާނެ ކަމެވެ."

ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީ ކުރެވޭނީ ހަމައެކަނި ދުލުންނާއި ހިތުން ކަމުގައި ވިދާޅުވާ ޢިލްމުވެރިންނާއި ބެހޭ ގޮތުން އިބްނު ޙަޒްމު- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. "ޢަދުލުވެރި އިމާމެއްގެ ގާތުގައި ފާސިގަކު ހުރެ ފަސާދަ ކުރަން ފަށައިފިނަމަ، އެކަން މަނާ ކުރުމަށް ކަނޑީގެ ބޭނުން ކުރުން ވާޖިބު ވެއްޖެ ކަމަށް އެއްވެސް ޚިލާފެއް ނެތި ޢިލްމުވެރިން ވދާޅުވެއެވެ."

އިބްނު ޙަޒްމު- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. "އެނޫން ގޮތަކުން ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީ ނުކުރެވިއްޖެނަމަ، ކަނޑީގެ ބޭނުން ކުރުމަކީ ވާޖިބު ކަމެކެވެ."

 އަދުލު އިންޞާފުން އެއްކިބާވެފައިވާ ޙާކިމަކާ ދެކޮޅަށް ނިކުމެވިދާނެ ކަމުގައި ވިދާޅުވާ ޢިލްމުވެރިންގެ ރައުޔުތައް :

އިމާމް އަބޫޙަނީފާ -ރަޙިމަހުﷲ- ގެ ރައުޔު:

އިމާމް އަބޫޙަނީފާ- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. "އެކަލޭގެފާނުގެ މަޛްހަބުގައި މަޝްހޫރު ގޮތަކީ އަނިޔާވެރި ޙާކިމަކާ ދެކޮޅަށް ނިކުމެ ހަނގުރާމަ ކުރުމަކީ ހުއްދަ ކަމެއް ކަމުގައެވެ. އަދި ބާރުގެ ބޭނުން ކޮށްގެން ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީ ކުރުމަކީ ކުރެވިދާނެ ކަމެއް ކަމުގައެވެ.

އިމާމް އަބޫޙަނީފާ- ރަޙިމަހުﷲ- ގެ ދުވަސްވަރުގައި އަނިޔާވެރި ވެރިންނާއި ދެކޮޅަށް ނިކުން ހުރިހާ އެންމެންނަށް އެކަލޭގެފާނު ތާއީދު ކުރައްވާފައިވެއެވެ. ޒައިދު ބިން ޢަލީ އޭ ކިޔުނު ބޭކަލަކު އުމަވީ ޚަލީފާ އަކާއި ދެކޮޅަށް ނިކުންނެވުމުން އަބޫޙަނީފާ- ރަޙިމަހުﷲ- އެކަމުގައި މާލީ ގޮތުން އެހީތެރިކަން ދެއްވިއެވެ. އަދި އެކަލޭގެފާނަށް ވާގިވެރި ވުމަށް މީސްތަކުންނަށް ގޮވާލައްވާ ނަޞޭޙަތްތެރިވެ ވަޑައިގަތެވެ."

"އައްނަފްސުއް ޒަކިއްޔާ" ގެ ލަގަބު ލިބިވަޑައިގެންފައިވާ މުޙައްމަދު ބިން ޢަބްދިﷲ- އަށް އިމާމް އަބޫޙަނީފާގެ އެހީތެރިކަން ލިބިވަޑައިގަތެވެ. އަދި އެކަލޭގެފާނަށް ނަޞްރުދިނުމަށާއި އެކަލޭގެފާނަށް ބައިޢަތު ހިފުމަށް މިސްތަކުންނަށް ގޮވާލެއްވިއެވެ. އަދި ވިދާޅުވި ކަމުގައިވެއެވެ. "ކާފަރުންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށްވުރެ އެކަލޭގެފާނާއި އެކުގައި ނިކުތުން މާއައުލާ ކަން ބޮޑެވެ."

ފަތާވާ އަލްބަޒާޒިއްޔާގެ މުއައްލިފް އިބްނުލް ބައްޒާޒާއި މުވައްފަގުލް މައްކީ(ޙަނަފީ މަޛްހަބުގެ ވަރުގަދަ ދެފަގީހުން) މިފަދައިން (އަނިޔާވެރި ވެރިޔަކާ ދެކޮޅަށް ނިކުމެވިދާނެ ކަމަށް) އިމާމް އަބޫޙަނީފާގެ ކިބައިން ރިވާ ކުރައްވައެވެ.

އެހެންކަމުން، އިމާމް އަބޫޙަނީފާގެ ރައުޔަކީ އަނިޔާވެރި ވެރިޔެއްގެ ކިބައިން ގައުމާއި އިސްލާމީ މުޖްތަމަޢު ސަލާމަތް ކުރުމަށްޓަކައި ޖިހާދު ކުރުމަކީ ކާފަރުންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށްވުރެވެސް އައުލާކަން ބޮޑު ކަމެކެވެ.

އިމާމް އަލްޖައްޞާޞް-ރަޙިމަހުﷲ- ވިދާޅުވާ ގޮތުގައި ބޮޑެތި ތާބިޢީ ބޭކަލުން ޙައްޖާޖް ބިން ޔޫސުފާއި ދެކޮޅަށް ކަނޑިން ހަނގުރާމަ ކުރެއްވިއެވެ. އިމާމް ޖައްޞާޞް ވިދާޅުވެފައިވެއެވެ. "ޙަސަން އާއި ސަޢީދު ބިން ޖުބައިރު، އަދު ޝަޢްބީ އަދި އެނޫންވެސް ތާބިޢީން މިއަނިޔާވެރިންގެ އަތުން އެބައިމީހުންގެ ރިޒްގުތައް އަތުލައްވާ ކަމުގައިވެއެވެ. އެއީ އެބައިމީހުންގެ އިމާމާ ނޫންކަމަށް ދެކިގެންނެއް ނޫނެވެ. ނަމަވެސް، އެއީ އަނިޔާވެރިންގެ އަތުގައިވާ އެބޭކަލުންގެ ޙައްގުތަކެއް ކަމުގައި ދެކިގެންނެވެ. ތާބިޢީންގެ ތެރެއިން 4000 (ހަތަރުހާސް) ގާރީންނާއި ފިގްހުވެރިން، ޢަބްދުއްރަޙްމާން ބިން މުޙައްމަދު ބިން އަލްއަޝްޢަޘްގެ ފަހަތްޕުޅުގައި "އަހްވާޒް" ގައްޔާއި "ބަޞަރާ" ގައި އަދި ކޫފާގެ ގާތުގައި ފުރާތު ކޯރާއި ދިމާލުން އޮންނަ "ދީރުލް ޖަމްޖަމް" ގައި ޢަބްދުލް މަލިކު ބިން މަރްވާނަށް ލަޢްނަތްދީ އޭނާގެ ކިބައިން ސަލާމަތްވުމަށް އެދި އޭނާ އާއި ދެކޮޅަށް ހަނގުރާމަ ކުރެއްވިއެވެ."

ހަމައެފަދައިން، އުމަވީ ދައުލަތާއި ދެކޮޅަށް ޢަބްދުއްރަޙްމާން ބިން އަލްއަޝްޢަޘް ތެދުވެ ވަޑައިގެން ހަނގުރާމަ ކުރެއްވި ހިނދުގައި ސަޢީދު ބިން ޖުބައިރާއި، ޝަޢްބީ، އިބްނު އަބީލައިލާ، އަބުލް ބުޚްތުރީ ފަދަ ބޭކަލުން އެކުގައި ތިއްބެވި ކަމަށްވެއެވެ.

ޢިލްމުވެރިންގެ ޢަސްކަރީ ލަޝްކަރެއް ޢަބްދުއްރަޙްމާން ބިން އަލްއަޝްޢަޘް ގެ އަރިހުގައި އުމަވީ ދައުލަތާއި ދެކޮޅަށް ތެދުވެ ވަޑައިގެން ކަމުގައި އިބްނު ކަޘީރު- ރަޙިމަހުﷲ- ޛިކްރު ކުރައްވާފައިވެއެވެ. އަދި މިކަމުގައި ބައިވެރިވެ ވަޑައި ނުގަންނަވާ އެއްވެސް ޢިލްމުވެރިޔަކު މިކަމާ ދެކޮޅު ހައްދަވާ އެއީ ހުއްދަ ނޫން ތެދުވުމެއް ކަމުގައި ވިދާޅުވެފައި ނުވެއެވެ. ލަޝްކަރުގެ ބައިވެރިންނާ މުޚާޠަބު ކުރައްވާ ޢިލްމުވެރިން ދެއްވާފައިވާ ޚިޠުބާތައް ވަނީ ވަރަށް އަމާނާތްތެރި ކަމާއި އެކު ތަރްޖަމާ ކުރެވިފައެވެ.

އިބްނު އަބިލައިލާ- ރަޙިމަހުﷲ- ވިދާޅުވި ކަމަށްވެއެވެ. "އެންމެހާ މުއިމިނުންނޭވެ. ތިޔަބައިމީހުން ކުރެ މީހަކަށް ޢުދްވާނެއް ނުވަތަ އަނިޔާވެރިކަމެއް ފެނި، ނުވަތަ މުންކަރާތަކަށް ގޮވާލެވޭ އަޑު އިވި، އެކަން ހިތުން މަނާކޮށްފިމީހާ ސަލާމަތްވެއްޖެއެވެ. އަދި އެމީހެއްގެ ޛިންމާ ބަރީއަވެއްޖެއެވެ. އަދި އެމީހެއްގެ ދުލުން އެކަން ބަޔާންކޮށްފިމީހާ އަށް ދަރުމަ ލިބިއްޖެއެވެ. އޭނާ އަކީ ހިތުން މަނާ ކުރި މީހާ އަށް ވުރެ ހެޔޮކަން ބޮޑު މީހެކެވެ. ﷲ ގެ ކަލިމަ މަތިވެރިކޮށް، އަނިޔާވެރިން ބަލިކުރުމަށް ޓަކައި ކަނޑިން އެމުންކަރާތެއް މަނާކޮށްފި މީހާ އަކީ ހިދާޔަތުގެ މަގު ލިބިގަންފި މީހެކެވެ. މީސްތަކުންނަށް އަނިޔާވެރިވެ، ޙައްގު ގޮތް އޮޅުވާލާފައިވާ ބިދްޢަވެރިންނާއި ދެކޮޅަށް ތިޔަބައިމީހުން ތެދުވެ ހަނގުރާމަ ކުރާ ހުށި ކަމެވެ."

ޝަޢްބީ ރަޙިމަހުﷲ- ވިދާޅުވި ކަމަށްވެއެވެ. "އޭ އިސްލާމް ކަމުގެ އަހްލުވެރިންނޭވެ. އެބައިމީހުންނާއި ހަނގުރާމަ ކުރާ ހުށި ކަމެވެ. އަދި މިކަމުގައި ތިޔަބައިމީހުން ފަސްނުޖެހޭ ހުށި ކަމެވެ. މާތް ﷲ ގަންދީ ބުނަމެވެ. މިބިމުގައި އެބައިމީހުންނަށްވުރެ (އުމަވީންނަށްވުރެ) އަނިޔާވެރިކަން ބޮޑު ބަޔަކު ތިމަންކަލޭގެފާނު ދެކިވަޑައި ނުގަންނަވަމެވެ."

ސަޢީދު ބިން ޖުބައިރު- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. "އެބައިމީހުންނާއި ހަނގުރާމަ ކުރާ ހުށި ކަމެވެ. ތިޔަބައިމީހުން އިޚްލާޞްތެރި ނިޔަތަކާއިގެން އެބައިމީހުންނާ ކުރިމަތި ލައިފިނަމަ ފާފަވެރި އެއް ނުވާނެއެވެ. އެބައިމީހުން ﷲ ގެ ދީނަށް ފުރައްސާރަކޮށް، މީސްތަކުންނަށް އަނިޔާވެރިވެ، ނިކަމެތީންގެ މުދާތަށް ފޭރިގަނެ ނަމާދުގެ ހައިބަތު ގެއްލުވާލާފައިވާތީވެ ހަނގުރާމަ އަށް ތެދުވާށެވެ."

އިމާމް މާލިކް -ރަޙިމަހުﷲ- ގެ ރައުޔު:

ހިޖްރައިން 145 ވަނަ އަހަރުގައި ނިކުތް މުޙައްމަދު ބިން ޢަބްދިﷲ ބިން އަލްޙަސަން އޭ ކިޔުނު ބޭކަލަކާއި އެކު ނިކުތުމަށް އިމާމް މާލިކް- ރަޙިމަހުﷲ- ފަތްވާ ނެރުއްވި ކަމުގައި އިބްނު ޖަރީރުއް ޠަބަރީ- ރަޙިމަހުﷲ- ރިވާ ކުރައްވާފައިވެއެވެ. އެހިނދު އިމާމް މާލިކަށް ދެންނެވުނެވެ. "ތިމަންމެން މިތިބީ އަލްމަންޞޫރަށް ބައިޢަތު ހިފައިގެންނެވެ. އިމާމް މާލިކް ވިދާޅުވިއެވެ. އެއީ ތިޔަބައިމީހުންނަށް މަޖްބޫރު ވެގެން ހިފާފައިވާ ބައިޢަތެކެވެ. މަޖްބޫރު ކުރުވައިގެން ބައިޢަތު ހިފުމެއް ނެތެވެ. އިމާމް މާލިކްގެ ބަސް ގަބޫލު ކުރައްވާ، މުޙައްމަދު ބިން ޢަބްދިﷲ ބިން އަލްޙަސަނަށް މީސްތަކުން ބައިޢަތު ހިފިއެވެ."

އިމާމް އަޙްމަދު –ރަޙިމަހުﷲ- ގެ ރައުޔު:

"ޛައިލު ޠަބަގާތިލް ޙަނާބިލާ" އޭ ކިޔުނު ފޮތުގައި އިބްނު އަބީ ޔަޢްލާ- ރަޙިމަހުﷲ- އިމާމް އަޙްމަދު- ރަޙިމަހުﷲ- ގެ ކިބައިން ނަގްލު ކުރައްވާފައިވެއެވެ. "ވެރިންގެ ތެރެއިން ބަޔަކު ބިދްޢަވެރި ކަމަކަށް ގޮވާލައިފިނަމަ އެކަމަށް އިޖާބަ ނުދޭހުށި ކަމެވެ. އެފަދަ ވެރިޔަކު ވެރިކަމުން ބޭލުމުގެ ކުޅަދާނަކަން ތިޔަބައިމީހުންނަށް ލިބިގެންވާނަމަ އެކަން ކުރާ ހުށި ކަމެވެ."

އިމާމް އަޙްމަދުގެ މަޛްހަބުގެ މަޝްހޫރު ރައުޔަކީ އަނިޔާވެރި ވެރިޔަކާ ދެކޮޅަށް ނުނިކުތުމެވެ. ނަމަވެސް އިސްވެ ބަޔާން ކުރެވުނު ވާހަކަ އާއި އެކަލޭގެފާނުގެ މަޛްހަބުގެ މަޝްހޫރު ރައުޔާއި ގުޅުވާލައިފިނަމަ ބުނެވޭނީ އަނިޔާވެރި ވެރިޔަކާ ދެކޮޅަށް ނުނިކުތުމަށް އަމުރު ކުރައްވާފައިވަނީ އެކަމުގެ ކުޅަދާނަކަން ލިބިގެން ނުވާ މީހުންނަށެވެ. އެހެނީ ބާރެއްނެތި އެފަދަ ވެރިންނާ ދެކޮޅަށް ނިކުމެއްޖެނަމަ ގެއްލުން ބޮޑުވެ، އަނިޔާވެރިކަން އިތުރުވެގެން ހިނގައިދާނެތީވެއެވެ."

އަނިޔާވެރި ވެރިޔަކާ ދެކޮޅަށް ނިކުމެ އޭނާގެ ވެރިކަން ބަދަލު ކުރަން މަސައްކަތް ކުރެވިދާނެ ކަމުގައި ވިދާޅުވެފައިވާ  ޙަންބަލީ މަޛްހަބުގެ މަޝްހޫރު ޢިލްމުވެރިންގެ ތެރޭގައި އިބްނު ރުޒައިން، އިބްނު ޢުގައިލް، އިބްނުލް ޖައުޒީ- ރަޙިމަހުމުﷲ- ހިމެނިވަޑައިގަންނަވައެވެ.

ގާޟީ ޢިޔާޟް- ރަޙިމަހުﷲ- ގެ ކިބައިން އަލްޢައްލާމާ މުޙައްމަދު ބިން އިބްރާހީމުލް ވަޒީރުލް ޔަމާނީ ނަގްލު ކުރައްވާފައިވެއެވެ. "ޙާކިމާގެ ކިބައިން ކުފުރުވެރިކަން ފާޅުވެއްޖެނަމަ، ނުވަތަ ބިދުޢަވެރި ކަމެއް ފާޅުވެއްޖެނަމަ، އެމީހަކު ވެރިކަމުން ބާލަން ޖެހޭނެއެވެ. އަދި އެމީހަކަށް ކިޔަމަން ގަތުން ކެނޑިގެން ދާނެއެވެ. އަދި އެފަދަ މީހަކާ ދެކޮޅަށް ތެދުވުން މުސްލިމުންގެ މައްޗަށް ވާޖިބުވާނެއެވެ. އަދި ކުޅަދާނަކަން ލިބިގެންވާނަމަ އެމީހަކު ވެރިކަމުން ބާލާ ޢަދުލުވެރި ވެރިޔަކު އިސްކުރަން ޖެހޭނެއެވެ."

ޝާފިޢީ –ރަޙިމަހުﷲ- ގެ ރައުޔު:

ޝާފިޢީ މަޛްހަބުގެ މަޝްހޫރު ޢިލްމުވެރި އެއް ކަމުގައިވާ އިމާމް ޖުވައިނީ-ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. "ފާސިގަކަށް ވުމަކުން ޙާކިމާ ވެރިކަމުން ނުބޭލޭނެއެވެ. ނަމަވެސް، ޙާކިމާގެ ފަރާތުން ގޯސްކަންތައް އިތުރުވެ، އަނިޔާވެރިކަން އިތުރުވެއްޖެނަމަ، އަދި ފަސާދަ ޢާއްމުވެއްޖެނަމަ، އަދި މީސްތަކުންގެ ޙައްގުތައް ގެއްލިގެން ހިނގައްޖެނަމަ، އަދި ޚިޔާނާތްތެރިކަން އިތުރުވެގެން ހިނގައްޖެނަމަ، އެކަމާ ދެކޮޅަށް ނިކުމެ އެކަން ފިލުވާލަން މަސައްކަތް ކުރަންވާނެއެވެ. އެކަން ކުރެވެން އަންނަނީ ލޭ އޮހޮރުވާލައިގެން ކަމަށް ވަނީނަމަ، ޢާއްމުންގެ މަޞްލަޙަތު ބޮޑީ ކޮން ގޮތެއްގައިތޯ ބަލަން ޖެހޭނެއެވެ. އަދި އެގޮތަކަށް ކަންތައް ކުރަން ޖެހޭނެއެވެ."

އިބްނު ޙަޖަރު- ރަޙިމަހުﷲ- އަލްޙަސަން ބިން ޞާލިޙް ބިން ޙައްޔުގެ ބަޔޮގްރަފި ލިޔުއްވަމުން ވިދާޅުވެފައިވެއެވެ. ވިދާޅުވެފައިވެއެވެ. "އަނިޔާވެރި ވެރިންނާއި ދެކޮޅަށް ކަނޑި ހިފައިގެން ނިކުމެވިދާނެ ކަމުގައި އޭނާ ދެކެއެވެ. އެއީ ސަލަފުންގެ މަޛްހަބެވެ. ނަމަވެސް، އެކަން ނުކުރައްވާ ޢިލްމުވެރިން ދޫކޮށްލައްވާފައިވަނީ އެގޮތަށް ނިކުތުމުގެ ސަބަބުން މެދުވެރިވާ ފަސާދަ ބޮޑުވުމުގެ ސަބަބުންނެވެ."

އައްޝައިޚް ޙާމިދުލް ޢަލީ- ޙަފިޡަހުﷲ- ވިދާޅުވެފައިވެއެވެ. "މުންކަރާތް މަނާކޮށް، އެކަން ނައްތާލުމަށް މާތް ﷲ އަމުރު ކުރައްވާފައިވެއެވެ. އެކަން ކުރަން އޮންނަނީ އަތުންނެވެ. އަޅުންނާއި ގައުމު ފަސާދަވުމުގެ ސަބަބަކީ އަނިޔާވެރިކަމެވެ. އަނިޔާވެރި ކަމާއި ދެކޮޅަށް ތެދުވުމަކީ، ޝަރީޢަތުގައި އަމުރު ކުރައްވާފައިވާ، ޢާއްމު މަޞްލަޙަތު ހިފެހެއްޓުމަށް ޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.  ޝަރީޢަތުގެ ހުރިހާ ކަމެއްވެސް ބިނާވެގެންވަނީ މިއަސާސް (ޢާއްމު މަޞްލަޙަތު ހިފެހެއްޓުމުގެ) މައްޗަށެވެ.

އިސްލާމްދީނުގެ ޙުކުމްތަކަށް ފުރައްސާރަކޮށް، ޝަރީޢަތުގެ ޤަޠްޢީ ޙުކުމްތަށް ނައްތާލަށް މަސައްކަތްކޮށް އިސްލާމްދީނަށް އަނިޔާވެރި ވުމަކީ އެންމެ ބޮޑު އަނިޔާވެރިކަމެވެ. މީސްތަކުންގެ މުދަލާއި އަބުރާއި ލޭ އޮހޮރުވަމުންދާ ވަގުތެއްގައި އެފަދަ ކަންތައް މަނާ ނުކޮށް ތިބުމަކީ އެފަދަކަންތައް ކުރާ މީހުންނަށް އެހީތެރިވުން ކަމަށް މެނުވީ ނުވާނެއެވެ. އެހެންކަމުން، މިފަދަ ކަންތައްތައް ކުރާ މީހުންނާއި ދެކޮޅަށް ތެދުވެ، އެމީހުންގެ އަނިޔާވެރިކަމުން ރަޢްޔިތުން ސަލާމަތް ކުރުމަށް މަސައްކަތް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ."

ބާޣީންނާއި މެދު ޙާކިމާ ކަންތައް ކުރަން ޖެހޭ ގޮތަކީ ކޮބައިބާ؟

ބަޔަކު މީހުން ޙާކިމާ އާއި ދެކޮޅަށް ނިކުމެއްޖެ ކަމަށް ވަނީނަމަ، ވެރިޔަކަށް ހުންނަ ފަރާތުގެ މައްޗަށް ވާޖިބުވެގެންވަނީ އޭނާ އާއި ދެކޮޅަށް ނިކުން މީހުންނާއި ސުވާލުކޮށް، އެމީހުން އެކަމެއް ކުރަނީ ކީއްވެގެންތޯ ބެލުމެވެ. ވެރިޔާގެ ފަރާތުން ގޯސް ކަމެއްގެ ވާހަކަ ބުނެފިނަމަ އެކަމެއް ރަގަޅު ކުރަން ޖެހޭނެއެވެ. އަދި އެމީހުން ތުހުމަތު ތަކެއް ކުރާނަމަ، ކަމުގެ ޙަގީގަތް ބުނެދޭން ޖެހޭނެއެވެ. ސަރުކާރާ ދެކޮޅަށް ނިކުމެގެން އުޅޭ މީހުން ދައްކަނީ ރަގަޅުވާހަކަ ތަކެއްނަމަ، އެކަމެއް ފުރިހަމަ ކޮށްދޭންވެސް ޖެހޭނެއެވެ. والله أعلم.

ގުޅުންހުރި

6 ޚިޔާލު

  1. އަޅުގަނޑަށް ފެންނަނީ މިލިއުން ރާޅުގަނޑު ސަރަހައްދުގަ އެތިބަ މޮޔަ ކުދިންކޮޅަށް ކިޔާލަދިނުމަށް
    އޭރުންފަހަރު ގާ ވިސްނިދާނެ މިވީގޮތް ( އެކަމު އެގުރޫޕްގައުޅޭ ސޭހް އަލްހާން ލައްވާ މިކަންކޮށް
    ގެންނުވާނެ އެސޮރު މީތިބަދަލްކޮށްގެންވެސް ކިޔާދީފާނެ )

  2. ވަރަށް ރަނގަޅު ލިޔުމެއް….އެކަމަކު މައްސަލައަކީ މިފަދަ ބޭފުޅުން އިސްލާމް ދީނާއި ގުޅުންހުރި ބައެއް ކަންތައްތައް އަވަރަވެފައިވާ ލޮލަކުން ބައްލަވާތީ!

  3. މިލިޔުން އަޑުގަދަކުރާއިން މުޅި ރާޢްޖެއަށް އިއްވަން ފެނޭ !

  4. ކަން މިހެން އޮތް އިރު ކީއްވެ ތޯ އިލްމް ވެރިން މިފަދަ ވެރިން ނަާއި ދެކޮޅައް ހަގުޜާމަޔައް ނިކުތުމައް ގޮވާނުލްނީ

  5. ހަމަ މަަގަށް އަޅުވަންވީ މަގުމަތިން! މަދަމާ މިހާރުގެ ރައީސް ހަމަ މަގަށް އަޅުވަން ބަޔަކު މީހުން ޖިހާދަށް ނިކުމެއްނާނެ! ދެން ނެތެއްނު ރަގަޅު އެއްގޮތެއްވެސް!!!

  6. ތި ހަގީގަތް ހާމަކޮަަަައްދިނުން ލަސްވެައްޖެ އެކަމަކުވެސް ޝުކުރިއްޔާ ހުރިހާ ޢިލްމު ވެރިންނައް ސާބިތުކަން ދެއްވާތޯ ދުޢާ ކުރަން

Your email address will not be published. Required fields are marked *

More in ދީން