ރިޕޯޓް

ތިޔަބައިމީހުންނަށް ސުވަރުގޭގެ ގެރެންޓީ ދެމެވެ

ޢުބާދާ އިބްނު ޞާމިތު ރަޟިޔަﷲ ޢަންހު ރިވާ ކުރެއްވި ޙަދީޘެއްގެ މާނައިގައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޡް ކުރެއްވިއެވެ. "ތިޔަބައިމީހުން 6 ކަމެއްގެ ގެރެންޓީ ތިމަންކަލޭގެފާނަށް ދީފި ނަމަ ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ސުވަރުގޭގެ ގެރެންޓީ ދެމެވެ. ވާހަކައެއް ދައްކާ ނަމަ ތެދުވެރިވާށެވެ. އަދި ވަޢުދެއް ކޮށްފި ނަމަ އެ ވަޢުދު ފުއްދާށެވެ. އަދި އަމާނާތްތެއް ހަވާލު ވެއްޖެނަމަ އެ އަދާކުރާށެވެ. އަދި ލަދުވެތި ގުނަވަން ރައްކާތެރި ކުރާށެވެ. އަދި ބެލުންތައް ތިރިކުރާށެވެ. އަދި އަތްތަކުން އެހެން މީހުންނަށް ގެއްލުން ދިނުމުން ރައްކާތެރިވާށެވެ." މި ޙަދީޘް ރިވާ ކުރެއްވީ އިމާމް އަޙްމަދެވެ. އަދި މި ޙަދީޡަކީ ޙަސަން ލިޣައިރިހީ ދަރަޖައިގެ ޙަދީޘެއް ކަމަށް ޝެއިޚް އަލްބާނީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.

"ތިޔަބައިމީހުން 6 ކަމެއްގެ ގެރެންޓީ ތިމަންކަލޭގެފާނަށް ދީފި ނަމަ ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ސުވަރުގޭގެ ގެރެންޓީ ދެމެވެ." ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް މިބަޔާން ކުރައްވަނީ އަދާކުރަން އެހާ އުދަނގޫ ކަންތައްތަކެއްގެ ވާހަކައެއް ނޫނެވެ. ފަސޭހަ ކަންތައްތަކެކެވެ. އަދި މިއީ އިންސާނާގެ ތަޤުވާވެރިކަން އިތުރުކޮށްދޭނެ 6 ކަމެކެވެ. އަދި ކިއެއްތަ؟ މި ކަންތައްތައް ކުރުމުގައި މަރުވެއްޖައުމަށް ދާންދެން ދެމިހުރެއްޖެ މީހަކަށް ސުވަރުގެ ގެރެންޓީ ލިބޭނެ ޢަމަލު ތަކެކެވެ. ސަލާމަތާ ރައްކާތެރި ކަމާއެކު ސުވަރުގެ އަށް ދެވޭނެ ސާފުސީދާ މަގެކެވެ. ސުވަރުގެ ވަނީ ވަޢުދު ކުރެވިފައެވެ. އަދި އެސުވަރުގެއަށް ވާސިލް ވާނެ މަގު ވަނީ ބަޔާންވެފައެވެ. ﷲ ވަޙީ ކުރައްވާފައި ވެއެވެ. "އަދި ތަޤްވާވެރިންނަށް ސުވަރުގެ، ދުރުނޫން ހިސާބަކަށް ކައިރި ކުރައްވާނެތެވެ. (އަދި އަންގަވާނެތެވެ.) މިއީ ތިޔަބައިމީހުންނަށް ވަޢުދު ކުރައްވާ ކަންތަކެވެ. (އެކަން އޮތީ) ﷲ ގެ ޙަޟްރަތަށް ގިނަގިނައިން ރުޖޫޢަވެ، އަދި އެކަލާނގެ ޢަހްދުތަކަށް ރައްކާތެރިވާ ކޮންމެ މީހަކަށެވެ. (އެއީ) ރަޙްމާންވަންތަ ރަސްކަލާނގެއަށް ޣައިބުގައި ބިރުވެތިވެ، އެކަލާނގެ ޙަޟްރަތަށް ތައުބާވާ ހިތަކާއިގެން އައި (ކޮންމެ) މީހެކެވެ. (ތަޤްވާވެރިންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުން އަމާންކަމާއެކު އެ ސުވަރުގެޔަށް ވަންނާށެވެ! އެއީ އަބަދަށް ދެމިތިބުމުގެ ދުވަހެވެ. އެ ސުވަރުގޭގައި އެއުރެންނަށް އެއުރެން އެދޭހާ ކަމެއްވެއެވެ. އަދި ތިމަންރަސްކަލާނގެ ޙަޟްރަތުގައި އިތުރު ނިޢުމަތްތައްވެސް ވެއެވެ." (ސޫރަތު ޤާފް 31-35)

"ވާހަކައެއް ދައްކާ ނަމަ ތެދުވެރިވާށެވެ." މުސްލިމުންނަކީ ހުރިހާ ކަމެއްގައިވެސް ތެދުވެރި ބަޔެކެވެ. އެހެން ކަމުން ވާހަކަ ދެއްކުމުގައިވެސް އެބައިމީހުން ދޮގު ހެދުމުން ދުރުވެގަނެއެވެ. އަދި ތެދުހެދުމުގައި އޭނާ ދެމިހުރެއްޖެ ކަމުގައި ވާނަމަ އޭނާގެ މަންޒިލެއްކަމުގައި ވެގެންދާނީ ސުވަރުގެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޡް ކުރައްވާފައި ވެއެވެ. "ތިޔަބައިމީހުންގެ މައްޗަށް ވަނީ ތެދުވެރި ވުމެވެ. އެހެނީ ތެދުވެރިކަން ތަޤްވާވެރިކަމަށް މަގުދައްކައެވެ. އަދި ތަޤްވާވެރިކަން ސުވަރުގެއަށް މަގު ދައްކައެވެ. އަދި ތެދުހެދުމުގައި މީހަކަު ދެމިހުރެއްޖެ ނަމަ، ﷲ ގެ ޙަޟްރަތުގައި އެމީހަކީ ތެދުވެރިއެއް ކަމުގައި ލިޔުއްވައެވެ." (މުސްލިމް)

"ވަޢުދެއް ކޮށްފި ނަމަ އެ ވަޢުދު ފުއްދާށެވެ." ވަޢުދު ފުއްދުމަކީ މުއުމިނުންގެ ސިފައެކެވެ. އަދި ތަޤްވާވެރިކަމުގެ އަލާމާތްތަކުގެ ތެރެއިން އަލާމާތެކެވެ. ތަޤުވާވެރިންނަކީ އެބައިމީހުންގެ ވަޢުދު ތަކާ ހުވާތަކާ ޢަހުދު ތަކާ ޚިލާފުވާ ބައެއް ނޫނެވެ. އެކަންތައްތައް ފުރިހަމައަށް ފުއްދާބައެކެވެ. ވިޔަފާރީގައި ކަމުގައި ވިޔަސް، ނުވަތަ އެހެން މުޢާމަލާތެއް ކަމުގައި ވިޔަސް، އަދި ދޭދޭފަރުދުންގެ ދެމެދުގައިވިޔަސް ވެވޭ ވަޢުދުތަކާ ޢަހުދުތައް ފުއްދާ ބައެކެވެ. އެހެންކަމުން ވަޢުދު ފުއްދުމަކީ މުސްލިމް މުޖުތަމަޢުއެއްގެ އެންމެ މުހިއްމު އެއް ބިންގަލެވެ. އެހެނީ އެކަން ނެތި ހިގައްޖެ ނަމަ އެއްބަޔަކު އަނެއްބަޔަކާ ދެމެދުގައި އޮންނަ އިތުބާރު ގެއްލި އެއްބަޔަކު އަނެއްބަޔަކާ މައްސަލަޖެހި ބައިބައިވުންތަކަށް މަގުފަހި ވެގެންދާނެއެވެ.

"އަމާނާތްތެއް ހަވާލު ވެއްޖެ ނަމަ އެ އަދާކުރާށެވެ." މިއީ ވެސް އެކަމަކަށް ﷲ މަދަޙަ އާއި ޘަނާ ވަޙީ ކުރައްވާފައިވާ ކަންތައްތަކުގެ ތެރެއިން ކަމެކެވެ. މީހާގެ އަމާނާތްތެރި ކަމުން ދަލާލަތު ކުރަނީ އޭނާގެ އީމާންތެރިކަމުގެ ވަރުގަދަ ކަމެވެ. އެހެނީ އަމާނާތްތެރި ވުމުގައި ދީނާއި، ކަރާމާތާއި، މުދަލާއި، ނަފްސާއި، ފުރާނައާއި ޢިލްމާއި އަދިވެސް އެތައް ކަމަކެއް އެކުލެވިގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޡް ކުރައްވާފައި ވެއެވެ. "މުއުމިނަކީ އެމީހާގެ ކިބައިން އެހެންމީހުންގެ މުދަލާއި ނަފްސުތަކަށް އަމާނާތްތެރިކަން ލިބިގެންވާ މީހާއެވެ."(އަޙްމަދު) އެހެންކަމުން އަމާނާތްތެރި ކަމަކީވެސް މުޖުތަމަޢުގެ ގުޅުންތައް ބަދަހިވެ އެކުވެރިކަން ވަރުގަދަވެގެންދާނެ ކަމެކެވެ. އަދި އެކަމުގެ ސަބަބުން އެބަޔަކަށް ﷲ ރަޙުމަތާ ބަރަކާތް ލިބިގެންދާނެ ކަމެކެވެ.

"ލަދުވެތި ގުނަވަން ރައްކާތެރި ކުރާށެވެ." އެއީ އެންމެހާ ޙަރާމް ފާޙިޝް ޢަމަލު ތަކުން ދުރުވެގަތުމެވެ. އަދި އެކަންކަމަށް މަގުފަހިވާ ކަންކަމުންވެސް ދުރުހެލިވުމެވެ. ﷲ ވަޙީ ކުރަންވާފައި ވެއެވެ. "އަދި އެއުރެންނީ، އެއުރެންގެ ލަދުވެތި ގުނަވަންތަކަށް ރައްކާތެރިވާ މީހުންނެވެ. އެއުރެންގެ އަނބީންގެ މައްޗަށާއި، އެއުރެންނަށް މިލްކުވެގެންވާ އަޅުންގެ މައްޗަށް މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، އެއުރެންނީ (އެކަމުގައި) މަލާމާތް ލިބިގެންނުވާ މީހުންނެވެ. ފަހެ، އެއިން ބޭރުގައިވާ ކަމަކަށް އެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ (ހުއްދަވެގެންވާ ސަރަހައްދު) ފަހަނަޅައިދާ މީހުންނެވެ." (ސޫރަތުލް މުއުމިނޫން 5-7) މިކަމަކީ ދަރިފަސްކޮޅާއި ނަސްލު ޙިމާޔަތްކޮށް ޠާހިރު ދިރިއުޅުމެއް އުޅޭ މުޖުތަމަޢުއެއް ބިނާ ކުރުމަށް ވަރަށް މުހިއްމު ކަމެކެވެ. އަދި ހަމައެހެންމެ ނުރައްކާތެރި ބަލިތަކުންވެސް ރައްކާތެރި ކޮށްދޭނެ ކަމެކެވެ.

"ބެލުންތައް ތިރިކުރާށެވެ." މާނައަކީ ﷲ ބެލުން ޙަރާމް ކުރައްވާފައިވާ އެއްވެސް ތަނަކަށް ނުވަތަ އެއްޗަކަށް ނުބެލާށެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ. "މުއުމިން ފިރިހެނުންނަށް، އެއުރެންގެ ބެލުންތައް ތިރިކުރުމަށާއި، އެއުރެންގެ ލަދުވެތި ގުނަވަންތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އެގޮތް އެއުރެންނަށްޓަކައި ޠާހިރުކަން ބޮޑެވެ. ހަމަކަށަވަރުން ﷲ އީ، އެއުރެން ކުރާކަންތައްތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި މުއުމިނު އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ ލަދުވެތި ގުނަވަންތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ!" (ސޫރަތު އައްނޫރު 30-31) ބެލުންތައް ތިރި ކުރުމަކީ އެކަމުގައި ވަރަށް ގިނަގުނަ ފައިދާތަކެއް އެކުލެވިގެންވާ ކަމެކެވެ. އެއީ އީމާންކަމުގެ ފޮނިމީރުކަން ލިބިގެންދާނެ ކަމެކެވެ. އަދި ހިތްތައް ސީދާ ކޮށްދީ، ނަފްސުތައް ޠާހިރުކޮށްދީ އިޞްލާޙު ކޮށްދޭނެ ކަމެކެވެ. އަދި ޙަރާމް ތަންތަނަށް ނުބެލުމުގެ ސަބަބުން ފާޙިޝު ޢަމަލުތަކަށް އަރައިގަނެވުމުން މީހާ ދުރުކޮށްދޭނެއެވެ.

"އަތްތަކުން އެހެން މީހުންނަށް ގެއްލުން ދިނުމުން ރައްކާތެރިވާށެވެ." އެއީ އެހެންމީހުންނަށް ގެއްލުންލިބޭ ފަދަ އެއްމެހާ ކަންކަމުން ތިމާ ރައްކާތެރި ވުމެވެ. މިކަމުން ދައްކައިދެނީ މީހާގެ އަޚްލާޤާއި ސުލޫކާއި އަދި އެހެން މީހުންނާއި ދޭތެރޭގައި އިޙުތިރާމު ކުރުމާއި ގުޅުން ދެމެހެއްޓުމެވެ. ﷲ ގެ އަޅުންނަށް ގެއްލުންދީ އަނިޔާވެރިވާ މީހުންދެކެ ﷲ ލޯބިވެވޮޑިގެންނުވެއެވެ. އަދި އެކަމުން ރައްކާތެރިވެގެންވާ މީހުންނަށްޓަކައި އެކަލާނގެ މަތިވެރި ނިޢުމަތްތައް ވާނެކަމަށް ވަނީ ބަޔާންކުރައްވާފައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައި ވެއެވެ. "މީހަކު ހިނގާފައި ދަނިކޮށް ގަހެއްގެ ގޮފިގަނޑެއް މަގުމައްޗައް ވެއްޓިފައިވާ ތަން ފެނިގެން ބުންޏެވެ. ﷲ ގަންދީ ބުނަމެވެ. އަހަރެން މީތި އެއްފަރާތް ކުރާނަމެވެ. އޭރުން މީގެ ސަބަބުން އެއްވެސް މުސްލިމަކަށް އުދަނގުލެއް ކުރިމައްޗެއް ނުވާނެއެވެ. ފަހެ އެކަމުގެ ސަބަބުން އޭނާ ސުވަރުގެއަށް ވެއްދެވުނެވެ. (މުސްލިމް)

ދުޢާއަކީ ވަގުތު ފާއިތު ވުމުގެ ކުރިން މި ޙަދީޘްގައިވާ ޢަމަލުތައް ކުރުމުގެ ބޭނުން ހިފައި ސުވަރުގެއަށް ދިއުމަށްޓަކައި ސާފުސީދާ މަގެއް ކޮށާ ބައެއް ކަމުގައި އަޅުގަނޑުމެން އެންމެން ލެއްވުމެވެ. އަދި ﷲ އަޅުގަނޑުމެންގެ ހެޔޮ ޢަމަލުތައް ޤަބޫލުކުރައްވައި ކާމިޔާބުގެ އަހުލުވެރިންގެތެރެއިން އަޅުގަނޑުމެން ލެއްވުމެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް