ސުވާލު:
ރާއްޖެ އިސްލާމްވި ދުވަހާއި ގުޅިގެން ފޮތްފޮށި ކިޔަވަން އުޅޭ ވާހަކައެއް އަޅުގަނޑު އަޑު އަހައިފީމެވެ. އެއީ ދީނީ ކަމެއްތޯއެވެ. ނުވަތަ އެކަމުގެ ޙުކުމަކީ ކޮބާތޯއެވެ؟
ޖަވާބު:
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ފުރަތަމަވެސް ހަނދާނަށް ގެންނަން ޖެހޭ ކަމަކީ ގުރްއާން ކިޔެވުމަކީ އެންމެ މަތިވެރި އަޅުކަމެވެ. ގުރްއާނަކީ އެންމެ މާތް ކަލާމްފުޅެވެ. އެއީ ﷲ ގެ ކަލާމްފުޅެވެ. އެއީ އެންމެ މަތިވެރި ޛިކްރެވެ. އަޅާ ކިޔަވާނެ އަދި އަޑުއަހާނެ އެންމެ މާތް އެންމެ މަތިވެރި ޛިކުރެވެ.
عن فروة بن نوفل قال : كنت جارا لخباب رضي الله عنه ، فخرجنا معه يوما إلى الجمعة فأخذ بيدي فقال : ( يا هناه ؛ تقرب إلى الله ما استطعت ، فإنك لن تقرب إلى الله بشيء أحب إليه من كلامه ) . رواه الدارمي
މާނައަކީ: ފަރްވާ ބިން ނައުފަލް ވިދާޅުވިއެވެ. މާތް ﷲ ރުއްސުންލެއްވި ޚައްބާބްގެ އަވަށްޓެރިއެއް ކަމުގައި އަހުރެން ވީމުއެވެ. އެއްދުވަހަކު އަހަރުމެން ދެމީހުން އެކުގައި ހުކުރު ނަމާދަށް ނިކުތީމެވެ. އަދި ޚައްބާބް ވިދާޅުވިއެވެ. "އޭ އަޚާއެވެ. ތިބާއަށް ކުޅަދާނަކަން ލިބިގެންވީ މިންވަރަކުން ﷲ އާއި ކުއްތަންވުމަށް މަސައްކަތް ކުރާށެވެ. ﷲ ގެ ކަލާމްފުޅު ކިޔެވުމަށްވުރެ އެކަލާންގެ އާއި ކުއްތަންވުމަށް ކުރެވޭނެ އެހެން ކަމެއް ނެތެވެ."
އިމާމް ނަވަވީ- ރަޙިމަހުﷲ- ވިދާޅުވިއެވެ.
" واعلم أن المذهب المختار الذي عليه من يعتمد عليه من العلماء : أن قراءة القرآن أفضل من التسبيح والتهليل وغيرهما من الأذكار ، وقد تظاهرت الأدلة على ذلك "
މާނައަކީ: "ދަންނައެވެ. ޢިލްމުވެރިން އެމަޛްހަބަކަށް ތަބަޢަވާ މަޛްހަބަކީ ގުރްއާން ކިޔެވުމަކީ ތަސްބީޙަ އާއި ތަހްލީލު ކިޔުމަށްވުރެވެސް އަދި އެހެން ޛިކްރުތައް ކިޔުމަށްވުރެވެސް މާތްކަން ބޮޑު ކަމެކެވެ. މިކަން ދޭހަކޮށްދޭ ބައިވަރު ދަލީލުތައް އެބަހުއްޓެވެ." "التبيان في آداب حملة القرآن" (45 ).
އަޅުކަމަކީ ވާރިދުވެފައިވާ ގޮތަށް ކުރަންޖެހޭ ކަމެކެވެ. އަމިއްލަ އަށް ގޮތެއް ހެދޭނެ ކަމެއް ނޫނެވެ. އަމިއްލަ އަށް ފެންނަ ގޮތަކަށް އަޅުކަމުގެ ކަންތައް ކޮށްފިނަމަ އެކަމަކީ ﷲ ގެ ޙަޟްރަތުގައި ގަބޫލުވެގެންވާ ޢަމަލަކަށް ނުވާނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވައެވެ. (مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ ) رواه مسلم
މާނައަކީ: "ތިމަން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދަސްކޮށްދެއްވި ގޮތް ފިޔަވާ އެހެން ގޮތަކަށް ޢަމަލުކޮށްފިނަމަ އެކަމެއް ﷲ ގަބޫލެއް ނުކުރައްވާނެއެވެ. އެކަމެއްވާނީ ރައްދުވެގެންވާ ކަމަކަށެވެ."
މިޙަދީޘްގައި މިވަނީ އަލަށް އުފައްދާ އެންމެހާ ބިދްޢަވެރި ޢަމަލުތަކަކީ ﷲ ގެ ޙަޟްރަތުގައި ގަބޫލު ކުރައްވާނެ ކަމެއް ނޫން ކަމެވެ.
ފޮތްފޮށި ކިޔެވުމަކީ ބިދްޢަވެރި ޢަމަލެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެކަލޭގެފާނުގެ ޞަޙާބީން އަދި ފަހުން ވަޑައިގެންނެވި ތާބިޢީންގެ ބޭކަލަކުވެސް މިކަން މިގޮތަށް ކުރެއްވި ކަމެއް ޘާބިތުވާކަށް ނެތެވެ. މިއީ ޝަރީޢަތުގައި ޘާބިތު ކަމަކަށްވީނަމަ، އެބޭކަލުން މިކަން ދުލެއް ނުކުރެއްވީހެވެ.
ވީމާ، މިފަދަ ކަންތައް ތަކުން ދުރުހެލިވެ، ސުންނަތުން ޘާބިތުވާ ކަންތައް ކުރުމަށް އަޅުގަޑުގެ އަމިއްލަ ނަފްސަށާއި އެންމެހާ ލޮބުވެތި މުސްލިމް އަޚުންނާއި އުޚްތުންނަށް ވަޞިއްޔަތްކޮށް ނަޞޭޙަތްތެރި ވަމެވެ. والله أعلم
ކޮމެންޓް (0)
ލޯޑް ކުރަމުން...