އޭޝިއާ އެމެރިކާގެ ސިފައިން ޤުރުއާން އެންދުމުން ފެށި މުޒާހިރާގައި މިހައިތަނަށް 9 މީހަކު މަރުވެއްޖެ

އެމެރިކާގެ ސިފައިން ޤުރުއާން އެންދުމުން ފެށި މުޒާހިރާގައި މިހައިތަނަށް 9 މީހަކު މަރުވެއްޖެ

އެމެރިކާގެ ސިފައިން ޤުރުއާން އެންދުމުން ފެށި މުޒާހިރާގައި މިހައިތަނަށް 9 މީހަކު މަރުވެއްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އަފްޣާނިސްތާނުގައި ހުރި ނޭޓޯގެ މައި މަރުކަޒެއްގައި އެމެރިކާ ސިފައިން ޤުރްއާން އެންދުމުގެ ސަބަބުން، އެކަމާއި ދެކޮޅަށް މުޒާހަރާކުރި މީހުންގެ ތެރެއިން 9 މީހަކު މަރުވެ ގިނަ ބަޔަކަށް އަނިޔާވެއްޖެއެވެ.

އެމެރިކާއިން އިސްކޮށް ހަރަކާތްތެރިވަމުންދާ ނޭޓޯގެ ސިފައިންގެ ބަޔަކު ކީރިތި ޤުރުއާނުގެ މުސްހަފުތަކެއް އެންދުމާއި ގުޅިގެން އެކަމާއި ދެކޮޅަށް ހާހުންހާހުން މީހުން އެއްވަމުންދާ މިދަނޑިވަޅުގައި، އެމެރިކާގެ އެމްބަސީ އިން ހާމަކޮށްފައިވާގޮތުގައި އެތަނުގެ މުވައްޒަފުން މިހާރު ތިބީ "ތަޅުލެިވިފައި" ކަމަށާއި އަދި މިހާރު ދަތުރުކުރުންވަނީ ވަގުތީގޮތުން ހުއްޓާލާފައެވެ.

އަފްޣާން މަސައްކަތު ބަޔަކަށް ބަގްރަމް ބޭސްގެ ކުނިތަކުގެތެރެއިން އަންދާލާފައިވާ މުސްހަފުތަކެއް ފެނުމުން ހޫނުވެގެން ދިޔަ މިމައްސަލައާއި ގުޅިގެން އެމެރިކާ ސަރުކާރާއި އަދި އަފްޣާނިސްތާނުގައި ހަރަކާތްތެރިވަމުން އަންނަ ނޭޓޯގެ އެމެރިކާގެ ކޮމާންޑަރު ވަނީ އެކަމަށް މަޢާފަށް އެދިފައެވެ.

އަފްޣާނިސްތާނަށް ވެރިވެގަނެފައިވާ އެމެރިކާ އަދި ހުޅަނގުގެ ހަނގުރާމަވެރިންގެ ފަރާތްތަކުން ކުރަމުން އަންނަ މިފަދަ ޖަރީމާތަކުގެ ސަބަބުން އަފްޣާނިސްތާނުގެ ރައްޔިތުންގެ މެދުގައި އެމެރިކާއާއި ހުޅަނގާއި ދެތޭރޭ ކުރިއަށް ވުރެ ބޮޑަށް ދަނީ ނަފުރަތު ފެތުރެމުންނެވެ. 2011 ވަނަ އަހަރުގެ އޭޕްރީލް މަހު އެމެރިކާގެ ފްލޮރިޑާގައި ހައްދުފަހަނައަޅާފައިވާ ނަސާރާ ފާދިރީއަކު ޤުރުއާން މުސްހަފުތަކެއް އެންދުމުގެ ސަބަބުން އަފްޣާނިސްތާނުގައި ކުރި މުޒާހަރާތަކުގައި އ.ދ. ގެ ހަތް މަންދޫބުން ވަނީ މަރުވެފައެވެ.

މުސްހަފްތައް އެންދުމުގެ ޖަރީމާ ހިންގާފައިވާ ޕަރްވާން ޕްރޮވިންސްގައި ކުރިއަށް ދިޔަ މުޒާހަރާތަށް ހަމައިންނެއްޓި އޮފީސްތަކަށް ހަމަލާދިނުމަށް މުޒާހަރާގެ ބައިވެރިން މަސައްކަތްކުރަމުން ދަނިކޮށް އަފްޣާނުގެ ފުލުހުން އެމީހުންނަށް ބަޑިން ހަމަލާދިނުމުން ދެމީހަކު މަރުވެ ތޭރަ މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ވެފައެވެ. މިހަމަނުޖެހުންތަކުގައި ލޯގަރ ޕްރޮވިންސްގައި މީހަކު މަރުވެފައިވާއިރު، ކާބުލްގެ ހޮސްޕިޓަލުގައި ގަޔަށް ވަޒަން އެރުމުގެ ސަބަބުން ފަރުވާދެމުންދިޔަ މީހަކުވެސް ވަނީ މަރުވެފައެވެ.

ރޮއިޓަރސް އިން ހާމަކޮށްފައިވާގޮތުގައި އެމެރިކާގެ މިލިޓަރީ ބޭސްއެއްގެ ބޭރުގައި ޕާކްކޮށްފައިވާ އަސްކަރީ އުޅަނދަކުން މުޒާހަރާ ކުރަމުންދިޔަ އާންމުންނަށް ވަނީ ބަޑިން ހަމަލާދީފައެވެ. ނަމަވެސް، އިންޓަރނޭޝަލަން ސެކިއުރިޓީ އެސިސްޓަންސް ފޯރސް (އައިއެސްއޭއެފް) ގެ އޮފިޝަލުން މަޢުލޫމާތު ދީފައިވާ ގޮތުގައި މިފަދަ ހަމަލާއެއްދީފައިވާކަން އެމީހުންނަށް އެނގިފައެއްނުވެއެވެ.

ޖަލާލްއާބާދު މަގުގައި މުޒާހަރާކުރަމުންދިޔަ ޒަހަމްވެފައިވާ އާންމުން ތުހުމަތު ކުރާ ގޮތުގައި އެމީހުންނަށް ބަޑިން ހަމަލާދީފައިވަނީ އަފްޣާނުގެ ފުލުހުންނެވެ.

ކާބުލްގެ ފުލުހުންގެ އިސް ވެރިޔެއް ކަމަށްވާ މުޙައްމަދު ޒާހިދު ރޮއިޓާރސްއަށް މަޢުލޫމާތު ދީފައިވާގޮތުގައި މިހަމަނުޖެހުމުގައި ކާބުލްގައި މިހައިތަނަށް 11 ފުލުހުންނާއި އެކު 22 މީހަކަށް ވަރަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ. މީގެތެރޭގައި އެސިޓީގެ ޕޮލިސް ޗީފް އައްޔޫސް ސަލަންގީވެސް ހިމެނޭކަމުގައި އޭނާ ހާމަކޮށްފައިވެއެވެ.

އަފްޣާނިސްތާނުގެ ސިޔާސީ މަސްރަހު ދިރާސާ ކުރާ މާހިރުން ހާމަކުރާގޮތުގައި އަފްޣާނިސްތާނުގައި ހަރަކާތްތެރިވަމުން އަންނަ ހުޅަނގުގެ ސިފައިންނަކީ އެޤައުމުގެ ރައްޔިތުންގެ އިޚްސާސްތަކާއި، ދީނާއި އަދި ޘާޤާފަރަށް އެއްވެސް ކަހަލަ އިހުތިރާމެއް ކުރާބައެއް ނޫނެވެ.

ފުލުހުން ބުނާގޮތުގައި މުޒާހިރާގައި ގިނަ ބަޔަކަށް އަނިޔާވެފައިވަނީ މުޒާހަރާގައި ހަމަނުޖެހުން އުފެދި ފުލުހުންނާއި ދިމާލަށް ގަލާއި، ދަނޑިބުރި ފަދަތަކެތި އުކަން ފެށުމުންނެވެ. ކާބުލްގެ ހިސާބެއްގެ ބަޔަކު ވަނީ ނިކުމެ މިލިޓަރީ ބޭސްތަކަށް ހަމަލާދީ، އެތަންތަނުގައި ގެންގުޅޭ އުޅަނދުތަކުގައި ރޯކޮށްލާފައެވެ.

"އެމެރިކާ މީހުން އަހަރުމެންނަށް މިހާވަރަށް ބޭއިންސާފުވާނަމަ، އަހަރުމެން މުޖާހިދުންނާއި ގުޅޭނަން،" 18 އަހަރުގެ އަޖްމަލް ނަމަކަށް ކިޔާ ކުއްޖަކު ބުނެފައިވެއެވެ. މީގެ އިތުރުން، "މުއްލާއުމަރު ޒިންދާބާދު!"ގެ އަޑުން މުޅި ހިސާބު ގުގުމާލަމުންދާކަމުގައިވެސް ރޮއިޓަރސްގެ ނޫސްވެރިން ހާމަކޮށްފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.