ރިޕޯޓް

މުސްލިމުން ބައިބައިވެފައި މިވަނީ ކީއްވެ؟ - ތަޤުލީދުކުރުން

4- ތަޤުލީދު ކުރުން.

މިއީ އިސްލާމީ އުއްމަތަށް ދިމާވެގެން އުޅޭ އެންމެ ނުރައްކާތެރި އަދި މުސްލިމުންގެ މެދުގައި ބައިބައިވުން އުފެދެމުންދާ އެންމެ ބޮޑު އެއް ސަބަބެވެ. ބައެއް މުސްލިމުން ރަސޫލާގެ ސުއްނަތަށް ވުރެ ބޮޑަށް އެބައިމީހުންގެ މަޒުހަބު ނުވަތަ އެބައި މީހުން ޤަބޫލު ކުރާ ވަކި ޝެއިޚުން ތަކަކަށް ތަބާވެއެވެ.

ﷲ ވަޙީ ކުރައްވާފައި ވެއެވެ. "އަދި އެމީހަކަށް ތެދުމަގު ބަޔާންވުމަށްފަހު، ރަސޫލާއާ ދެކޮޅުވެރިވެ، މުއުމިނުންގެ މަގު ނޫން މަގަކަށް ތަބަޢަ ވެއްޖެ މީހާ (ދަންނާށެވެ!) އެމީހާ އިޚްތިޔާރުކުރި މަގަކަށް ތިމަން ރަސްކަލާނގެ އެމީހާ ދޫކޮއްލައްވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެ އެމީހާ ނަރަކައަށް ވައްދަވާ ހުށީމެވެ. އެއީ ނުބައި ވެގެންވާ ނިމިދިޔުމެކެވެ." (އަންނިސާއު 115)

ބައެއް މުސްލިމުންނަށް، "ޤުރްއާނާއި ސުއްނަތުގައި އޮތީ މިހެންނޭ މިގޮތަށް ޢަމަލު ކުރާށޭ" ބުނެވިއްޖެ ނަމަ އެބައި މީހުން ބުނަނީ، "އެކަމަކު ތިގޮތަކަށް ނޫނޭ އަހަރެމެންގެ ޝެއިޚް ވިދާލުވީ"، ނުވަތަ، "އަހަރެމެންގެ މަޒްހަބުގައި އޮތީ ތިގޮތަކަށް ނޫނޭ" މިފަދަ ގޮތަކަށެވެ. ސުބްޙާނަﷲ! ނިކަން ވިސްނާލައްވާ! ﷲ އެންމެ ފަހުގެ ރިސާލަތައިގެން މުޙައްމަދުގެފާނު ނަބީ ކަމައިގެން މި އުންމަތަށް ފޮނުއްވީ މީސްތަކުންނަށް އިސްލާމްދީން އުނގަންނައި ދިނުމަށް ނޫން ދެންފަހެ ކޮންކަމަކަށް ހެއްޔެވެ؟

ﷲ ވަޙީ ކުރައްވާފައި ވެއެވެ. "އެހެންނަކުން ނޫނެވެ! ފަހެ ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި ވަޙީ ކުރައްވަމެވެ. އެއުރެންގެ މެދުގައި އުފެދިފައިވާ ދެކޮޅުވެރިކަމުގައި ކަލޭގެފާނު ޙުކުމްވެރި ކޮށްފުމަށް ދާންދެން އެއުރެން އީމާނެއް ނުވާނެތެވެ. އެހިނދު ކަލޭގެފާނު ނިޔާކުރެއްވި ގޮތާމެދު އެއުރެންގެ ހިތްތަކުގައި ދަތިކަމެއް ވާކަމުގައި އެއުރެން ނުދެކޭނެތެވެ. އަދި އެއުރެން (އެ ނިޔާއަށް) ފުރިހަމަވެގެންވާ ކިޔަމަންވުމަކުން ކިޔަމަންވާނެތެވެ." (އަންނިސާއު 65)

އެއްވެސް މުސްލިމަކު ފާޅުގައި ތިމަންނަ ރާސޫލާ އަށް ނުކިޔަމަންތެރި ވަމޭ ނުބުނާނެއެވެ. އެކަމަކު ޢަޤީދާ އާއި އަޅުކަންތަކުގެ މައްސަލަ ތަކުގައި ތިމާގެ މަޒްހަބު ނުވަަ ތިމާގެ ޝެއިޚް ހަމަ ބުނާހާ އެއްޗެއް ޤަބޫލު ކުރުމުގެ ބަދަލުގައި ޤުރްއާނާއި ސުއްނަތުން ދަލީލާއި ހެކި ހޯދައި ޙައްޤަށް ވާސިލް ވުމަށް މަސައްކަތް ކުރަނީ ކިތައް މީހުންތޯ ސުވާލު އުފެދެއެވެ.

އަނެއް މައްސަލަ އަކީ ބައި ބަޔަށް ޖަމާޢަތް ޖަމާޢަތްތައް ނުވަތަ ޕާޓީ ޕާޓީ ތަކަށް ބެހިގެން ތިމާގެ ބައިގަނޑަށް މާބޮޑަށް ތާޢީދު ކުރެވުމެވެ. އޭގެ ނަތީޖާ އެއްގެ ގޮތުން ތިމާގެ ބައިގަނޑުގެ ބަސް، ޤުރްއާނާއި ސުއްނަތާ ޚިލާފު ވިޔަސް، އެއީ ޙައްޤު ކަމުގައި ޤަބޫލު ކުރުމެވެ. އަދި ތިމާމެންގެ ބަސް ދިފާޢު ކުރުމަށް ވަކާލާތުކޮށް އެއާ ދެކޮޅަށް ބަސްބުނާ މީހުންނަށް ރައްދު ދެއެވެ. ތިމާގެ ބައިގަނޑު ކުރާ ހުރިހާ ކަމެއް ރަނގަޅުކަންކަމުގައި ދެކި އެނޫން މީހުން ކުރާ ހުރިހާ ކަމެއް ނުބައި ކަންކަން ކަމުގައި ދެކެއެވެ. ޤުރްއާނާއި ސުއްނަތުގައި ވާގޮތެއް ބެލުމެއް ނެތިއެވެ.

ﷲ ވަޙީ ކުރައްވާފައި ވެއެވެ. "އެކަލާނގެއަށް ތިޔަބައިމީހުން ތައުބާވެ ރުޖޫޢަ ވާ ޙާލުގައެވެ. އަދި އެކަލާނގެއަށް ތިޔަބައިމީހުން ތަޤްވާވެރިވާށެވެ! އަދި ތިޔަބައިމީހުން ނަމާދު ޤާއިމް ކުރާށެވެ! އަދި މުޝްރިކުންގެ ތެރެއިން ތިޔަބައިމީހުން ނުވާށެވެ. އެއުރެންގެ ދީން ބައިބައިކޮށް، ބައިތަކެއް ކަމުގައިވީ މީހުންގެ ތެރެއިން (ތިޔަބައިމީހުން ނުވާށެވެ!) ކޮންމެ ބަޔަކުމެ އެއުރެންގެ ގާތުގައިވާ ގޮތާމެދު އުފާކޮށްކޮށް ތިބެއެވެ." (އައްރޫމް 31،32)

މުސްލިމުން އެގޮތަށް ބައިބަޔަށް ބެހިގެން އުޅުމަކީ މުސްލިމުންގެ މެދުގައި ދެކޮޅުވެރިކަމާ ޙަސަދަވެރިކަން އުފެދި އެކުވެރިކަން ގެއްލިގެންދާ ކަމެއްކަން ކޮންމެ މީހަކަށް ވެސް ޤަބޫލު ކުރެވޭނެއެވެ. އެކަމުގެ ހެކިތައް ބަލާލި ކޮންމެ ދިމާލަކުން މިދަނީ ފެންނަމުންނެވެ. އެގޮތުން އެއް ޖަމާޢަތުގެ މީހުން އަނެއް ޖަމާޢަތުގެ މީހުންނާ ސަލާމެއް ނުކުރެއެވެ. ނުވަތަ މިވެނި މިސްކިތައް އަރާބަޔަކު އަނެއް މިސްކިތައް އަރައިގެން ނުވެއެވެ. ނުވަތަ މިވެނި ޕާޓީ މީހެއްގެ ގެޔަށް އަނެއް ޕާޓީ މީހަކު ޒިޔާރަތް ކޮށްގެން ނުވެއެވެ. މިފަދަ ޙާލެއްގައި މުސްލިމުން ވަނިކޮށް މުސްލިމުން އެއްބައި ވާނީ ކިހިނެއް ހެއްޔެވެ؟ މި ގްރޫޕް ތަކަށް ބެހުން ނައްތާލައި އަަރެމެން އެންމެންގެ މަޤްޞަދަކީ އަދި އަހަރެމެން ޤަބޫލު ކުރަނީ އެއްކަމެއް ކަމުގައި ހަދައިގެން މެނުވީ އެއްބައިވަންތަ ކަމެއް ނުލިބޭނެއެވެ. އެއީ ކޮންމެ ކަމެއްގައި ޤުރުއާނާއި ސުއްނަތަށް ރުޖޫޢަ ވުމެވެ.

(ނުނިމޭ)

ގުޅުންހުރި

1 ޚިޔާލު

  1. މިހާރުގެ ހާލަތާ ގުޅޭ ވ ރަނގަޅު ލިޔުމެއް.

Your email address will not be published. Required fields are marked *

More in ރިޕޯޓް