އެމީހުންގެ ތެރެއިން އެކަކު ބުންޏެވެ: ކުއްލިއަކަށް ރަމަޟާން މަސް އައުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. އަދި އަހަރެންގެ އުފާވެރިކަން އިތުރުވެގެން ދިޔައެވެ. އެހެން ނަމަވެސް އަހަރެން ހުރީ ގެއަށް ބޭނުންވާ ތަކެތި ނުހޯދައެވެ. ރޯދަމަހުގެ ކާބޯތަކެތި އެއްނުކޮށް އަހަރެން ހުއްޓާ އަހަރެންނާ ރަމަޟާން މަސް ބައްދަލު ކުރީއެވެ.
އެހެން ކަމުން ރަމަޟާން މަހުގެ ކުރީކޮޅު ވެގެން ދިޔައީ، ބާޒާރު މަތީގައި ވިޔަފާރީގައި އުޅެން ޖެހުނު ދުވަސްކޮޅަކަށެވެ. ސުބްޙާނަﷲ އެވެ. މުޅި ބާޒާރުމަތި އެ އޮތީ ފުރި ބާރުވެފައެވެ. މީސްތަކުން ބާޒާރުމަތީގެ ގޮޅިތަކަށް އަރައަރައިގަންނަ މަންޒަރު އަހަރެންނަށް ފެނިގެން ދިޔައެވެ.
އަހަރެންނަށް ބުނެލެވުނެވެ: ރަމަޟާންމަސް އައުމުގެ ކުރީގައި ރޯދައިގެ އެމައްސަރުގައި އަޅުކަމާއި ޤުރްއާނަށްޓަކައި ހުސްވުމުގެ ގޮތުން ބާޒާރުކޮށް ނިމިގެން ތިބުމުގައި އަހަރެންނާއި މި (ބާޒާރުމައްޗަށް އެއްވެ މި ތިބި) މީހުން ވީ ކޮންތާކު ހެއްޔެވެ؟ ރަމަޟާންމަސް އައިސް ބައްދަލު ކުރުމުގެ ކުރިން އެމަހަށް ބޭނުންވާތަކެތި ގަނެވުނުނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟ އެހެންނަމަވެސް މިހާރު ވަގުތު ފާއިތުވެއްޖެއެވެ.
އަދި ރޯދަވީއްލުމުގެ ސުފުރާމަތި މުއްސަނދިކުރުމަށް ތަފާތު ބާވަތް ބާވަތުގެ ކާބޯތަކެތި ހޯދުމުގައި ވަގުތު ބޭކާރުކޮށްލަން އަހަރެންނަށް މަޖުބޫރު ވިއެވެ. ނަމަވެސް ރަމަޟާން މަސް އައުމުގެ ކުރީގައި ބާޒާރުކޮށް ރަމަޟާންމަހަށް ވަގުތު ހުސްކުރުމުގެ ތައުފީޤް ﷲ ދެއްވި މީހާ މިހާރުވާނީ މަދުވެގެން ޤުރުއާން އެއްފަހަރު ޚަތިމް ކޮށްފައެވެ.
އެއަށްފަހު ގިނަ ރޭތަކުގައި އަހަރެމެން ތިބީ، ފަތިސް ވަގުތާ ގާތް ވަންދެން ބޭކާރު އަނގަތެޅުމުގައެވެ. ކޮންމެ ރެއަކު ވެސް އަހަރެމެން ޖަމާކުރި ކާބޯތަކެއްޗަށް އިންސާފު ކުރުމުގައި މަޝްޣޫލު ވީމުއެވެ. އަދި ޚަބަރުތައް ބެލުމުގައްޔާއި އެހެނިހެން ޓީވީ ސިލްސިލާތަކުގެ އަވާގައި ޖެހިގެން އަގުހުރި ވަގުތު ދުއްވާލީމެވެ. މިގޮތުގައި އުޅެނިކޮށް އަހަރެންގެ އަނބިމީހާ އައިސް ހަނދާން ކޮށްދިނީ ޢީދު ހެދުން ނުގަނެ ހުރި ކަމެވެ.
މަހުގެ މެދުތެރޭގައި އަހަރެންގެ ބާޒާރުމަތީގެ ދަތުރު ފެށިއްޖެއެވެ. ފަހު ދިހަ ނިމުމާއި ހަމައަށެވެ. ކޮންމެ ރެއަކު އަހަރެންގެ ކަމަކީ ފިހާރަތަކާއި ޝޮޕިންގމޯލް ތަކަށް ވަދެއުޅުމެވެ. މި ހެދުން ދިގެވެ. މިހެދުން ކުރެވެ. މީގެ ކުލަ ގުޅެއެވެ. މިކުލަ ނުގުޅޭނެއެވެ. މީގެ އިތުރަށް ފައިވާނާއި އަތްމަތީ ދަބަސްތަކާއި މިފަދަ އެތަކެއް އެއްޗެއް ގަނެލީމެވެ. ކޮންމެ ރެއެއް ހޭދަވެގެން ދިޔައީ ބާޒާރުގެ ކޮންމެވެސް ފިހާރައެއްގައެވެ. މިގޮތުގައި އަހަރެން މި މާތް މައްސަރުގެ މާތް ވަގުތުތައް ގެއްލުވާލީމެވެ. އުޑުތަކާއި ބިން ހައްދަވައި ގެންގުޅުއްވާ، އަހަރެންގެ ސާހިބުވަންތަ އިލާހަށް މުނާޖާ ދެންނެވުމުން ޣާފިލުވީމެވެ. އިލާހީ ނުޒޫލުގެ މާތް ވަގުތު ގެއްލުވާލީމެވެ.
މިހުރިހާ ކަމެއްގައި އަހަރެންގެ ވަގުތުތައް ބޭކާރު ކުރުމުގައި، ބާޒާރުމަތީގައި އުޅެފައި އައިސް ގެއަށް ވަދެވުނުތަނާހެން އަނެއްކާވެސް އެހެން ޚަބަރެއް އަހަރެން ސިއްސުވާލިއެވެ. އެއީ ފިޠުރު ޢީދު އައިސް ބައްދަލު ކުރި ޚަބަރެވެ. އަހަރެން އަވަސްވެގަތީ ފިޠުރު ޒަކާތް ގަނެ އެ ޒަކާތް ނެރެވޭތޯ ބަލާށެވެ. އަނެއްކާވެސް އަހަރެން ދިޔައީ ބާޒާރަށެވެ.
އަހަރެން ވިސްނާލީމެވެ. ބަރަކާތްތެރި ރަމަޟާންމަހާ މުޢާމަލާތް ކުރުމުގައި އަހަރެންގެ ޙާލާމެދުގައެވެ. އެ މަސް އަހަރެންނާ ވަކިވެގެން ދިޔައިރު އަހަރެން ވަނީ އެމަހާމެދު ވަރަށް ބޮޑަށް ފަރުވާ ކުޑަކޮށްފައެވެ. ހެޔޮކަންތައް ކުރުމުގައި ކަންނެތް ވީމެވެ. އަހަރެން ފިޔަވައި އެހެން މީހުން އެތަކެއް ފަހަރު ޤުރުއާން ޚަތިމް ކޮށް ކިޔަވައިފިއެވެ. އަހަރެންނަށް ކިޔެވުނީ އެންމެ ވިއްސަކަށް ޞަފްޙާއެވެ. އެހެން މީހުން އެތަކެއް ރޯދަވެރިންނަށް ރޯދަވީއްލުން ދީފިއެވެ. އެކަމަކު އެ ބަރަކާތްތެރި މަޝްރޫޢުގެ މަތިން އަހަރެންވީ ހަނދާން ނައްތާލާފައެވެ. އަހަރެން ފިޔަވައި އެހެން މީހުން ތަރާވީޙުގެ ނަމާދާއި ދަމުނަމާދު ގަވާއިދުން އަދާކުރިއެވެ. އެކަމަކު އަހަރެން ދިޔައީ ފަރުޟު ނަމާދުގެ ހަށަންބަން ތަކުބީރުތައް ގެއްލުވާލަމުންނެވެ. މަދު ރެއެއްގައި މެނުވީ އަހަރެން ތަރާވީޙުގެ ނަމާދު ނުކުރަމެވެ. .... އަހަރެންވީ ބާޒާރުގައި ގަނެވިއްކުމުގައެވެ. ވިޔަފާރީގައެވެ. .. އަހަރެން ފިޔަވައި އެހެން މީހުން ...... އަހަރެންވީ....
އަހަރެންނަށް އެ މައްސަރުގައި ހަމަނޭވާ ނުލެވިގެން އުޅެނިކޮށް އެމަސް ނިމިގެން ދިޔައީ ކިހިނެތް ހެއްޔެވެ؟
މި މާތް މައްސަރު ނިމިގެން ދިޔައިރު އަހަރެންވީ ހެޔޮ ކަންތައްތަކުން ޣާފިލުވެގެން ހުރި މީހަކަށެވެ.
ރަމަޟާން މަސް އެމީހަކަށް ލިބި އެ މަހުގައި ހެޔޮ ޢަމަލު ކޮށްގެން އެމީހެއްގެ ފާފަ ނުފުއްސެވުނު މީހަކީ ގެއްލެނިވެ ހަލާކުވެގެންވާ މީހެކެވެ. ސުބްޙާނަﷲ އެވެ! އަހަރެންގެ ޙާލަކީ ކޮބައިބާވައެވެ؟ ފަހަރެއްގައި އަހަރެންނަށް ކުރިއަށް އޮތް އަހަރުގެ ރަމަޟާންމަހާ ބައްދަލުވުމުގެ ނަސީބު ނުލިބިވެސް ހިނގައިދާނެއެވެ.
ހައްދަވާ ގެންގުޅުއްވާ އިލާހު! މި ނިކަމެތި އަޅާއަށް، ކުރިއަށް އޮތް އަހަރުގެ ރަމަޟާންމަހާ ބައްދަލު ކުރުމުގެ ތައުފީޤް ދެއްވާނދޭވެ! ﷲ ގަންދީ ބުނަމެވެ. އަހަރެންނަށް ކުރިއަށް އޮތް އަހަރުގެ ރަމަޟާން މަހާ ބައްދަލުވެއްޖެނަމަ، އިރާދަ ކުރެއްވިއްޔާ ގިނަގުނަ ހެޔޮ ލިބިގަންނަ ހުށީމެވެ.
ހައްދަވާ ގެންގުޅުއްވާ އިލާހު! މިއަޅާގެ ތައުބާ ޤަބޫލު ކުރައްވައި ފާފަ ފުއްސަވާނދޭވެ! މިއަޅާ މިހިނދުން މިހިނދަށް ތައުބާވެ އިބައިލާހުގެ ޙަޟްރަތަށް ރުޖޫޢަވެއްޖައީމެވެ.
އަދި ﷲ އިރާދަކުރެއްވިއްޔާ، މި ހިނދުކޮޅުން ފެށިގެން އަހަރެންގެ ހުރިހާ ދުވަސްތަކަކީ ރަމަޟާން މަހުގެ ދުވަސްތަކެއް ކަމުގައި އަހަރެން ހަދާނަމެވެ. އަދި ﷲ ގެ އިޛްނަފުޅާއެކު، އަހަރެން ދުވަހަކުވެސް ރޭއަޅުކަން ކުރުމާއި ޤުރްއާން ކިޔެވުން ދޫ ނުކުރާހުށީމެވެ. އަހަރެން ވާގި އެދެނީ އެއިލާހުގެ ޙަޟްރަތުންނެވެ.
އަސްލު: ނޫރުލް އިސްލާމް.ނެޓް
ކޮމެންޓް (0)
ލޯޑް ކުރަމުން...