ރާއްޖޭގެ ޚަބަރު ނަޝީދު އިސްތިއުފާދެއްވި ސަބަބު އެކި މީޑިއާތަކުގައި އެކިގޮތަށް!!

ނަޝީދު އިސްތިއުފާދެއްވި ސަބަބު އެކި މީޑިއާތަކުގައި އެކިގޮތަށް!!

ނަޝީދު އިސްތިއުފާދެއްވި ސަބަބު އެކި މީޑިއާތަކުގައި އެކިގޮތަށް!!

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

ކުރީގެ ރައީސް ނަސީދު ކެނެރީގެގައި ނޫސްވެރިންނާ ބައްދަލުކުރައްވަނީ - ދިއިސްލާމްފޮޓޯ: އިބްރާހިމް އަސްވާގު

ޑިމޮކްރަސީ ގެނެސްދެއްވާނެ ކަމަށް ވިދާޅުވެ 2008 ވަނަ އަހަރު ނޮވެމްބަރ 11 އަންގާރަ ދުވަހު ފެށިގެންދިޔަ ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރު ފެބްރުއަރީ 7 ވީ އަންގާރަ ދުވަހު ނިމިގެންދިޔައީ ގިނަ ރައްޔިތުން ހީކޮށްގެންތިބި ގޮތަކަށް ނޫނެވެ. ވެރިކަމުގެ ފަސް އަހަރު ހަމަނުވެ ވެރިކަން ވެއްޓިގެން ދިއުމާއެކީ ބައިނަލްއަގްވާމީ މީޑިއާތަކުގެ ސަމާލުކަން މުޅި ދިވެހި ރާއްޖެއަށް ހުއްޓިގެންދިޔައެވެ.

ގިނަ ބައެއްގެ ސަމާލުކަން މިހާރު ހުއްޓިފައިވަނީ ނަޝީދުގެ އިސްތިއުފާ ދެއްވި ސަބަބު ކަމަށް އެކި މީޑިއާތަކުގައި ނަޝީދު އެކި ގޮތްގޮތަށް އިންޓަރވިއުދެއްވާފައިވާތީއެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި އަޅުގަނޑު އިތުރަށް ރައީސް ކަމުގައި ހުރެއްޖެ ނަމަ ރައްޔިތުންނާއި ރާއްޖެ އަށް އެތައް ގެއްލުންތަކެއް ލިބޭނެ. ބާރުގެ ބޭނުންކޮށްގެން ސަރުކާރު ދަމަހައްޓަން ވެއްޖެ ނަމަ އެތައް ރައްޔިތުންނަކަށް ގެއްލުންވާނެ ކަމަށް އަޅުގަނޑުގެ ހިތުގެ އަޑިން ގަބޫލުކުރެވޭނެތީ މި ނިންމުން ނިންމީ. ސަރުކާރު އިތުރަށް ދަމަހައްޓަން މަސައްކަތްކޮށްފި ނަމަ ރާއްޖެ އަށް ބޭރުގެ ނުފޫޒުތައް އައުމަކީ ވަރަށް އެކަށީގެންވާ ކަމަކަށް ވާތީވެ، މި ގައުމަށާއި ރާއްޖޭގެ ރައްޔިތުންނަށް ހެއޮ އެދޭތީވެ، އަދި ކުރިއަށް އޮތް ތަނުގައި ވެސް އެދޭނެތީ، ހެޔޮ ހިތުން އިސްތިއުފާ ދިނުމަށް ނިންމީ" ރާއްޖޭގެ ރައީސްކަމުން އިސްތިއުފާދެއްވިކަން އިއުލާންކުރައްވަމުން ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ ހިމާޔަތަށާއި ރައްކާތެރިކަމަށް އަދި ލާބައާއި މަންފާއަށް އެދިގެން ވެރިކަން ދޫކުރެއްވުމަށްފަހު ބޭރުގެ ބައެއް މީޑިއާތަކަށް މައުލޫމާތު ހިއްސާ ކުރައްވަމުން ނަޝީދު ވިދާޅުވެފައިވަނީ ވެރިކަމުން ބޭލީ ސިފައިން ބޮލުގައި ބަޑި ޖައްސައި މަޖުބޫރު ކޮށްގެން ކަމަށެވެ. ނަމަވެސް ނަޝީދު އިސްތިއުފާ ދެއްވުމުގެ ކުރިން މާލޭގައި ހިނގި ހަމަނުޖެހުންތައް ކޮންޓްރޯލްކުރުމުގައި އެމްއެންޑީއެފުން ހަރަކާތްތެރިވި ފައުޖުގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް ދީދީ، ބުދަ ދުވަހުގެ ރޭ ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވިދާޅުވީ، ހަތިޔާރުން ބިރު ދައްކައިގެން، އިސްތިއުފާ ދެއްވުމަށް ނަޝީދަށް މަޖުބޫރުކުރުވި ކަމަށް އެމަނިކުފާނު ދައްކަވަމުންދާ ވާހަކަތައް ވަރަށް ބޮޑަށް ކުށްވެރިކުރައްވާ ކަމަށެވެ. އަދި ނަޝީދު ފަހުން ވިދާޅުވެފައިވަނީ އެފަދަ ވާހަކައެއް ވިދާޅުވެފައިނުވާކަމަށެވެ.

" އާދެ. އަޅުގަނޑު އިސްތިއުފާ ދިނީ ހަތިޔާރު ނަގާނެކަމަށް ބުނެ މަޖުބޫރުކުރުމުން. އަޅުގަނޑުގެ ވަށައިގެން ތިބީ ބަޑި ހިފަހައްޓައިގެން. އަދި އެމީހުން (ސިފައިން) ބުނީ އަޅުގަނޑު އިސްތިއުފާ ނުދީފަ ނަމަ އެތަކެތި ބޭނުންކުރަން އެމީހުން ފަހެއް ނުޖެހޭނެކަމަށް" ބީބީސީ އަށް ނަޝިދު ދިން އިންޓަރވިއުގައިވެއެވެ.

"އެމީހުން ބުނީ އަޅުގަނޑު އިސްތިއުފާ ނުދީފި ނަމަ ޖެހޭނީ ހަތިޔާރު ބޭނުންކުރާށޭ. އަޅުގަނޑު އެ ވާހަކަ ނެގީ ވަރަށް ބޮޑު ނުރައްކަލެއްގެ ގޮތުގައި،" އޭފްޕީ އަށް ނަޝީދު ވިދާޅުވެފައިވެ އެވެ.

މީގެއިތުރުން އަލްޖަޒީރާ އަށް ދެއްވި އިންޓަވިއުއެއްގައި ކުރީގެ ރައީސް ނަޝީދު ވިދާޅުވީ އިއްޔެ ލޭ އޮހޮރުވުމަކަށް ނުދިޔައީ އެ މަނިކުފާނު އެކަންކުރައްވަން ބޭނުންފުޅު ނުވުމުން ކަމަށެވެ. "އަޅުގަނޑު އަޅުގަނޑުގެ މަގާމު ދިފާއުކުރަން ބޭނުމެއް ނުވި. އެހެންވެ، ލޭ އޮހޮރުވުމަކަށް ނުދިޔައީ،" ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން ސީއެންއެން އަށް ދެއްވި އިންޓަރވިއުގައި ނަޝީދުގެ ސްޕޯކްސްމަން ވިދާޅުފައިވަނީ އެ ދުވަހުގެ ހެނދުނުގެ ވަގުތުގައި ގާތްގަނޑަކަށް 500 އިދިކޮޅު ފަރާތްތަކުން ދީނީ މީހުންނާއިއެކު ސިފައިންގެ މައިއިދާރާ ކައިރި މުޒާހަރާކުރިކަމަށާއި ބައެއް ފުލުހުންގެ އޮފިސަރުން ސަރުކާރާ އިދިކޮޅުވެ، އިދިކޮޅު ފަރާތްތަކާ ގުޅުނުކަމަށެވެ. އެހެންކަމުން ނަޝީދަށް އޮތީ ސިފައިންނުކުމެ ބާރުގެ ބޭނުންކުރުން ކަމަށާއި ނުވަތަ އިސްތިއުފާ ދިނުންކަމަށެވެ. އެހެންވެ ނަޝީދު އިސްތިއުފާ ދެއްވުމަށް ނިންމެވީ ކަމަށެވެ.

ދީނީ މީހުންނާއި އެކީ ކުރި މުޒާހަރާއާ ގުޅިގެން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތީކަމަށް ސީއެންއެންގައި ވިދާޅުވެފައިވާއިރު، ނޭޝަނަލް ޖޯގްރެފިކަލް ވެބްސައިޓަށް ދިން ބަސްތީގަތުމުގައި ނަޝީދު ވިދާޅުވެފައިވަނީ ޖައްވަށް ދޫކުރާ ވިހަގޭސް މަދުކުރުމަށް އެމަނިކުފާނު ގޮވާލާތީ އެކަމާ ނުރުހިގެން އިދިކޮޅުފަރާތްތަކުން އެމަނިކުފާނު ވެރިކަމުން ވައްޓާލީ ކަމަށެވެ. އަދި ވެރިކަން ދޫކޮށްލައްވަން ޖެހުނީ ސިފައިން ހަތިޔާރު ނެގުމުންކަމަށެވެ.

ދާދިފަހުން ނަޝީދުގެ ވެރިކަމުގެ ފަހުވަގުތުކޮޅު ގައި ސިފައިންގެ ތެރޭގައި އުޅުއްވިގޮތް ދައްކުވައިދޭ ވީޑިއޯ އެއްވެސް ވަނީ އާއްމުވެފައެވެ. އެ ވީޑިއޯގައި ނަޝީދު ސިފައިންނަށް އަމުރުކުރާތަނާއި ހާސްވެގެން އެކި ދިމަދިމާލަށް ދާތަން ފެނެއެވެ.

މީގެއިތުރުން ދައުރުގެ މެދު ތެރެއިން އިންތިހާބެއް ބާއްވަން ޖެހޭނެ ކަން މާކުރިއްސުރެ ވެސް އެނގިވަޑައިގަންނަވާ ކަމަށާއި އޭރު އެ ވާހަކަ ދެއްކެވީ "ފަސް އަހަރުގެ...ވެރިކަމެއް ނިންމުމަކީ ދަތި ކަމެއްކަން މާކުރިންސުރެ ވެސް އަޅުގަނޑުމެނަށް ގަބޫލު ކުރެވޭތީ" ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. މީގެ ކުރިން މިޑް ޓާމް އިލެކްޝަނާ ގުޅޭ ގޮތުން ނަޝީދު ވިދާޅުވެފައި ވަނީ މިޑް ޓާމް އިލެކްޝަނެއްގެ ވާހަކައަކީ އޭރު އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި ގައުމީ ޕާޓީގެ ރައީސް ހަސަން ސައީދު އެދިގެން ދެއްކެވި ވާހަކައެއް ކަމަށާއި އެމަނިކުފާނުގެ އަމިއްލަ ހިޔާލެއް ނޫން ކަމަށެވެ.

އިސްތިއުފާ ދެއްވީ ސިފައިންގެ ތެރެއިންނާއި ސިފައިންގެ އަށް ވަން ބަޔަކު މަޖުބޫރުކުރުމުން ކަމަށާއި އިސްތިއުފާގެ ސިޓީ ލިޔުއްވީ ވެސް ގަނޑާއި ގަލަމެއް އެމީހުން ދިނުމުން ކަމަށާއި  އެ ސިޓީ ލިޔުއްވީ އެމަނިކުފާނު އަމިއްލަފުޅަށް ކަމަށާއި، ނަމަވެސް ރައްޔިތުންގެ މަޖިލީހާ ސިޓީ ހަވާލުކުރީ ސިފައިންގެ ބަޔަކު އެމަނިކުފާނު އަތުން "އަތުލައިގަނެގެން" ގެންގޮސްގެން ކަމަށް ވެސް ނަޝީދު ވަނީ ކެނެރީގޭގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވިދާޅުވެފައެވެ.

އެމްޑީޕީގެ ވެރިކަން ނިމުމަކަށް ގެނައީ ބަޣާވާތަކުން ކަމަށާއި އެކަން ހިނގައި ދިޔަ ގޮތުން އެނޫން "މާނައެއް ނެތް" ނެތް ކަމަށާއި ބަޣާވާތުގައި މިހާރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހިމެނިވަޑައިގަންނަވާ ކަމަށް ވެސް ކުރީގެ ރައީސް ވިދާޅުވިއެވެ.

މިފަދަ ގޮތަކަށް ވާހަކަ ދައްކަވާފައިވާއިރު ނަޝީދު ވަނީ ދެން ބާއްވާ އިންތިޚާބެއްގައިވެސް ވާދަކުރައްވާ ކާމިޔާބު ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ޓެގް

އޮޅުވާލުން މީޑިއާ ކެނެރީގެ ކުރީގެ ރައީސް ނަޝީދު ވެރިކަން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.