ވެރިކަން ދޫކޮށްލަން ޖެހުމުން ވަރަށް ދެރަވި ކަމަށާއި ހިތާމަކުރައްވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
"ވަރަށް ދެރަވި އަޅުގަނޑު. އަޅުގަނޑު ވަރަށް ދެރަވި. އަޅުގަނޑު ވަރަށް، ވަރަށް ދެރަވި. އަދި ވެސް ދެރަވޭ" މިއަދު މީޑިއާއަށް މައުލޫމާތު ދެއްވަމުން ކުރީގެ ރައީސް ވިދާޅުވިއެވެ.
މީގެއިތުރުންވެސް ނަޝީދު ވިދާޅުވީ ވެރިކަމުން އިސްތިއުފާދެއްވަން ޖެހިވަޑައިގަތީ ހަތިޔާރު ނަގާނެކަމަށް ބުނެ ހަތިޔާރު އެޅި ފުލުހުންނާއި ސިފައިން އެކަމަށް މަޖުބޫރު ކުރުމުން ކަމަށެވެ. އެހެންނަމަވެސް ސިފައިންވަނީ އެކަން ދޮގުކޮށްފައެވެ. މީގެ އިތުރުން އިސްތިއުފާ އިއުލާން ކުރައްވަމުން “އަޅުގަނޑަށް ފެންނަ ފެނުމުގައި އަޅުގަނޑު އިތުރަށް ރައީސް ކަމުގައި ހުރެއްޖެ ނަމަ ރައްޔިތުންނާއި ރާއްޖެއަށް އެތައް ގެއްލުންތަކެއް ލިބޭނެކަމަށާއި ބާރުގެ ބޭނުންކޮށްގެން ސަރުކާރު ދަމަހައްޓަން ވެއްޖެ ނަމަ އެތައް ރައްޔިތުންނަކަށް ގެއްލުންވާނެ ކަމަށް އަޅުގަނޑުގެ ހިތުގެ އަޑިން ގަބޫލުކުރެވޭނެތީ މި ނިންމުން ނިންމީ" ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ ވެރިކަން ނިމުމަކަށް ގެނައީ ބަޣާވާތަކުން ކަމަށާއި އެކަން ހިނގައި ދިޔަ ގޮތުން އެނޫން "މާނައެއް ނެތް" ނެތް ކަމަށާއި ބަޣާވާތުގައި މިހާރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހިމެނިވަޑައިގަންނަވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
މި މަހުގެ 7 ވަނަދުވަހު ނަޝީދު އިސްތިއުފާ ދެއްވުމުން ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ވަނީ އެދުވަހު ރައީސްކަމުގެ ހުވާކުރައްވާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...