ރަމަޟާން މަސް އަޅުގަނޑުމެންނާއި ބައްދަލުވެ ދުވަސްތައް ފާއިތުވެގެން ދާއިރު އަޅުގަނޑުމެންގެ ތެރޭގައި ރަމަޟާން މަހަކީ ސަކަރާތާއި މަޖަލުގެ މައްސަރެއްކަމުގައި ދެކޭ ބަޔަކު އުޅެއެވެ. ރަމަޟާން މަހުގެ ދުވަސް ތަކާއި ރޭތައް ތަފާތު ކުޅިވަރުތަކުން ވަގުތު ދުއްވާލާ މީހުން ވަރަށް ގިނަ ވެއްޖެއެވެ. މިއީ ހިތާމަ ހުރި ކަމެކެވެ.
ތާސް ކުޅުމާއި ކެރަމް ކުޅުމާއި ޓީވީ ގޭމް ކުޅުމާއި ލަވަ ބާޒީ ކިޔުމާއި ޓީވީގެ ދަށުގައި ވަގުތު ބޭކާރު ކުރަނީ އެއްވެސް ބަލާލުމެއް ނެތިއެވެ. ތިމާގެ އަގުހުރި ވަގުތައް ކުޅިވަރާއި މަޖަލުގައި ދުއްވާލައެވެ. ބައެއް މީހުން އިރު އެރުމާއި އެކު ޓީވީގެ ބުޑަށް ޖަމާވެއެވެ. ޕްރޮގްރާމަކަށް ފަހު ޕްރޮގްރާމެއް ބަލަން ތިބެނީ އޭގެ އަވާ ގައި ޖެހިގެންނެވެ. ހިތާމައަކީ ނަމާދު ކުރަންވެސް ހަނދާން ނުހުންނަ ކަމެވެ. ވާނީވެސް އެހެންނެވެ. އަޅުގަނޑުމެންގެ މީޑިޔާ ތަކުން އެފަދަ ފުރުސަތެއް އެމީހުންނަށް މަގުފަހި ކޮށްދޭކަށް ބޭނުމެއް ނުވެއެވެ. ބުނާ ކަހަލައެވެ. "ރަމަޟާން މަހަކީ ސަކަރާތުގެ މައްސަރެވެ."
ރޯދައިގެ ހަގީގީ ބޭނުމަކީ ކޮބައިބާއެވެ؟ އާދެ! ރޯދައިގެ ހަގީގީ ބޭނުމަކީ 'ފަގީރުން އުޅެމުންދާ ބަނޑުހައި ހޫނުކަން ތިމާއަށް އިހްސާސް ކުރެވުމެވެ." އެހެނަސް އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް އެބުނާ އިހްސާސް ކުރެވޭނެ ކަމާއި މެދު ޝައްކެވެ. އެއީ ސަކަރާތާއި މަޖަލުގައި ވަގުތު ހޭދަ ކުރާނަމަ ބަނޑުހައިކަމެއް އިހްސާސް ކުރެވޭނެ ހެއްޔެވެ؟ ރޭގަނޑު ހޭލާ އުޅެ، ދުވާލު ނިދާފަ ރޯދަ ވިއްލުމަށް ބަންގި ދިނުމުން ތެދުވާ މީހާއަށް ބަނޑުހައިކަން އިހްސާސް ކުރެވޭ ހެއްޔެވެ؟ ޖަވާބު ކިޔުންތެރިންނަށް ދޫކޮށްލާނަމެވެ.
ރަމަޟާން މަހަކީ އެމަހެއްގައި ޤުރުއާން ބާވާލެއްވި މަހެވެ. އެމަހެއްގައި ލައިލަތުލް ޤަދުރި ވިލޭރޭ ލެއްވި މައްސަރެވެ. މިފަދަ މާތް މައްސަރެއްގައި އަޅުގަނޑުމެންގެ އަމަލުތައް ބަހައްޓަންވީ ކުޅިވަރާއި މަޖަލުގައި ތޯ އަމިއްލަ ނަފުސަށް ސުވާލު ކުރަމާހެވެ. ރަމަޟާން މަހަކީ އަހަރަކު އެއް ފަހަރަކު އަންނަ ރަނުގެ ފުރުސަތެކެވެ. ހަގީގީ 'ތިޔަ ބޭފުޅުންގެ ފުރުސަތަކީ' މިއީއެވެ. 'ރޯދަ ކުރުކުރުން' ކުޅިވަރު ކުޅުމުގައި ދުއްވާ ނުލަމާހެވެ. ރަމަޟާން މަހަކީ ސަކަރާތުގެ މައްސަރެއް ކަމުގައި ނަހަދާ، އަޅުކަމުގެ މައްސަރެއްކަމުގައި ހަދަމާހެވެ.

















ޚިޔާލު