ޕާކިސްތާނުގެ ފެންބޮޑުވެފައިވަނިކޮށް ޒަރުދާރީ ލަނޑަނުގައި އުޅޭތީ ހިތްހަމަނުޖެހިގެން 'ބޫޓުގެ ހަމަލާ'އެއް ދީފިއެވެ.
ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީ އާއްމު އެއްވުމެއްގައި ވާހަކަ ދައްކަމުން ދަނިކޮން މުސްކުޅި މީހަކު އެމީހާ އަރައިގެން ހުރި ދެބޫޓު އަތުކޮޅަށް ނަގާ ޒަރްދާރީ އާއި ދިމާއަށް އެއްލީ ކަމަށާއި އެހަމަލާ ޒަރްދާރީގެ ގަޔަށް ނޭރި ނަމަވެސް ވަރަށް ކައިރިއަށް އެބޫޓު އައިސް ވެއްޓުނުކަމަށް ރިޕޯޓްތަކުން ބުނެއެވެ. އިނގިރޭސިވިލާތުގެ ބާމިންގހަމްގައި އަށް ޕާކިސްތާނުގެ ރައީސް ކުރައްވާ މިދަތުރަކީ އޭނާގެ ދަރިފުޅު ސިޔާސީ ދާއިރާއަށް ތައާރަފް ކުރުމަށް ކުރާ ދަތުރެއް ކަމަށް ޕާކިސްތާނުގެ މީޑިއާތަކުން ހަބަރު ލިބެއެވެ.
12 މިލިއަން މީހުން ޕާކިސްތާނުގައި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާއިރު ސަރުކާރުން އެމީހުންނަށް އެދެވޭ ގޮތެއްގައި އެހީނުވާކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތައް ދަނީ ކުރިމަތިވަމުންނެވެ. އަދި މިފަދަ ހިތްދަތި ވަގުތެއްގައި ޕާކިސްތާނުގެ ރައީސް އިއްޒަތުގައި އެހެން ގައުމުތަކުގައި އުޅެގެން ނުވާނެކަމަށް ޕާކިސްތާނުގެ ގިނަ ބަޔަކު ދެކޭކަމަށް މީޑިއާތަކުގެ ރިޕޯޓްތަކުން ބުނެއެވެ.
ޒަރުދާރީއަށް 'ބޫޓުގެ ހަމަލާ' ދިނުމާއި ގުޅިގެ ދުނިޔޭގައި ދެވޭ މިފަދަ ބޫޓުގެ ހަމަލާތަކުގެ ލިސްޓަށް މިހާދިސާވެސް ވަދެގެން ދިޔައީއެވެ. އިރާގުގައި އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިޔު ބުޝް އަށް ބޫޓުން ދިން ހަމަލާގެ ސަބަބުން އެގައުމުގެ މީހުންގެ ކުރިމަތީ ބޫޓު މަޝްހޫރުވެ، އެހަމަލާ ދިން މީހާއަކީ ބަތަލަކަށް ވަނީ ވެފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...