އެމެރިކާއަކީ އެހެން ހުރިހާ ދައުލަތްތަކާ ޚިލާފަށް މުސްލިމުން ޚާއްޞަ ބެލުމަކުން ބަލަމުންގެންދާ ޤައުމެކެވެ. އެޤައުމުގެ ޚާރިޖީ އޮފީހުގައި ކޮންމެ އިސްލާމީ ދައުލަތަކާއި އިސްލާމީ ޙަރަކާތެއް އަދި މުސްލިމު ޝަޚްޞިއްޔާތުން ދިރާސާކުރާ ޚާއްޞަ ތިންކްޓޭންކްތައް އުފައްދާފައިވެއެވެ. މީގެ އިތުރުން އެތާނގެ ފޮރިން ޕޮލީސީއަކީ އިސްލާމްދީނުގެ އިޖްތިމާޢީ ދައުރު ދިރިއުޅުމުގެ ތެރެއިން ދައްކައި އިސްލާމީ ޝަރީޢަތް ޤާއިމުކުރާނެ އިސްލާމީ ވެރިކަމެއް މި ބިމުގައި އުފެއްދުމަށް މަސައްކަތްކުރާ އިސްލާމީ ޙަރަކާތްތަކާ އުދުވާނީ ނަޒަރަކުން ބަލައި ޕޮލިސީއެކެވެ. މިހެންކަމުން މިޞްރުގައި އަލްއިމާމު ޙަސަނުލްބަންނާ އުފެއްދެވި އަލްއިޚްވާނުލް މުސްލިމޫންނާ އެ ޖަމާޢަތުގެ އިސްލާމީ ސިޔާސަތާ ދެކޮޅު ޝުޢޫރެއްގައި އެތައްޒަމާނެއް އެމެރިކާގެ ސަރުކާރުތައްވަނީ ވޭތުކޮށްފައެވެ.
ނަމަވެސް މިހާރު 2011 ގެ ޑިސެމްބަރ ގައި މިޞްރުގައި ބޭއްވުނު ޕާލަމަންޓް އިންތިޚާބުގައި އަލްއިޚްވާނުލް މުސްލިމޫން ހޯދަމުންގެންދާ ކާމިޔާބުގެ ސަބަބުން އެމެރިކާގެ ފޮރިން ސިޔާސަތު އަލުންމުރާޖަޢާކުރުމަށް ވޮޝިންޓަނަށްވަނީ މަޖްބޫރުވެފައެވެ. 4 ޖަނަވަރީ 2012 ގައި ނިވްޔޯކް ޓައިމްސް ހާމަކުރިގޮތުގައި އިޚްވާނުންނާ ގުޅޭގޮތުން އެމެރިކާގެ ސަރުކާރުތަކުން ގެންގުޅޭ ޢުދުވާނީ ސިޔާސަތު މުރާޖަޢާކުރަން އޮބާމާގެ ސަރުކާރުންވަނީ ފަށާފައެވެ. އެގޮތުން މިހާރު އިޚްވާނުންނާއެކު ރަސްމީ ވާހަކަތައް ދެއްކެމުންގެންދާކަމަށް އެނޫހުން ޚަބަރު ދީފައިވެއެވެ.
މީގެ ކުރީގައި މީޞްރުގެ ސަރުކާރަށް ބާރުފޯރުވައިގެންވެސް އެޖަމާޢަތަށް ދަތިކުރުންތައް ކުރިމަތިކުރުވާފައިވެއެވެ. ޙަސަނުލްބަންނާގެ ޙަޔާތް ދިރާސާކޮށްލާފަރާތަކަށް އެމަނިކުފާނު އިންތިޚާބުގެ މަގުން މުޖްތަމަޢަށް ބަސްކިޔާފަދަ މަޤާމަކަށް އައުމަށް ތެދުވުމުން އެމެރިކާގެ އިސްތަށިތައް ކޮޅަށްޖެހުނުގޮތާއި އަދި މިޞްރުގައި ބޮޑުވަޒީރުކަންކުރި އައްނަޤްރާޝީ ބާޝާ އަލްއިޚްވާނުލް މުސްލިމޫން އުވާލައި އެޖަމާޢަތުގައި މިލްކިއްޔާތު ސަރުކާޜަށްނަގައި ޖަމާޢަތުގެ އިސްފަރާތްތަކާއި ޙަސަނުލްބަންނާ މަރާލިގޮތް ދިރާސާކޮށްލުމުން މިޖަމާޢަތާ އެމެރިކާފަދަ އެމެރިކާގެ އަދި ޚާއްޞަކޮށް ޢަލްމާނީފިކުރުގެ މީހުންދެކޭގޮތާއި ޖެހިލުންވާވަރު ހާމަވެގެންދާނެވެ.
މިޞްރުގެ 2011 ގެ އިންތިޚާބުގައި އެންމެކުރިއަރަމުންދަނީ ޙިޒްބުލް ޙުއްރިއްޔާ ވަލްޢަދާލާއާއި ޙިޒްބުއްނޫރް މިދެ ޕާޓީއަކީވެސް އިސްލާމީ ޝަރީޢަތް ދިރިއުޅުމުގައި ތަންފީޒުކޮށް އިސްލާމްދީނުގެ އަޞްލު ރޫޙް މުޖްތަމަޢުންދެއްކުމަށް މަސައްކަތްކުރާ އިސްލާމީ ދެޖަމާޢަތެވެ. މިދެ ޖަމާޢަތަކީ ވެސް ސުންނީ ސަލަފީ ދެޖަމާޢަތެވެ. އިސްލާމްދީންގެ ޙަޟާރީ މަޝްރޫޢު އޭގެމަންޒިލަށް ފޯރުކޮށްދިނުމުގެ ޤާބިލުކަން އެފަރާތްތަކުގައި ވެއެވެ. ﷲގެ މިންވަރުފުޅާއި މުސްލިމުންގެ ހެޔޮދުޢާއި އެމީހުންގެ މިންނެންމަސައްކަތުން ކައިރިމުސްތަޤުބަލެއްގައި އެކަން ހާމަކޮށްދެއްވާށިއެވެ. އާމީން
ކޮމެންޓް (0)
ލޯޑް ކުރަމުން...