ނިއުޔޯކުގެ ގްރައުންޑް ޒީރޯ ނުވަތަ ވޯލްޑް ޓްރޭޑް ސެންޓާ ހުރި ބިން ކައިރީގައި މިސްކިތެއް ބިނާކުރުމަށް މުސްލިމުންނަށް އެމެރިކާގެ ލޭންޑް މާކް ޕްރެސަވޭޝަން ކޮމިޝަނުން ހުއްދަ ދީފިއެވެ. މިހާރު އެތަނުގައިވާ 152 އަހަރު ވެފައިވާ ބިނާއަކީ ނިއުޔޯކް ސިޓީގެ ލޭންޑް މާކެއްތޯ ނުވަތަ ނޫންތޯ ކަނޑަ އެޅުއްވުމަށް ނުގެނު ވޯޓުގައި، އެތަނަކީ ލޭންޑް މާކަކަށް ނެހެދުމަށް 9 ވޯޓު ލިބިފައިވާއިރު އެކަމާ ދެކޮޅަށް އެއްވެސް ވޯޓެއް ދީފައެއް ނުވެއެވެ.
ލޭންޑް މާކް ޕްރެޒަވޭޝަން ކޮމިޝަނުން މި މައްސަލަ ބަލަން ޖެހުނީ މުސްލިމުންގެ ބަޔަކު ވޯލްޑް ޓްރޭޑް ސެންޓަރު ކައިރީ ހުރި ބިނައެއް ތަޅާލާ އެތަނުގައި މިސްކިތެއް ބިނާކުރުމަށް ނިންމުމާ ގުޅިގެން އެކަމާ ދެކޮޅު ހަދާ ފަރާތްތަކުން އެ ބިނާއަކީ ނިއުޔޯކުގެ ލޭންޑް މާކެއް ކަމަށާއި، އެހެންކަމުން އެ ބިނާ ތަޅާ ނުލެވޭނެ ކަމަށް އަޑު އުފުލަން ފެށުމުންނެވެ.
އެތަނުގައި މިސްކިތް ބިނާކުރުމާ އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ދެކޮޅު ހަދަމުން އަންނަނީ މުސްލިމުންނާ ދެކޮޅަށް އެތަށް ހަނގުރާމައެއް ކޮށްފައިވާ ޖޯޖު ޑަބްލިއު ބުޝް ނިސްބަތްވެ ވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ އިސް ބޭފުޅުންގެ ފަރާތުންނެވެ. އެގޮތުން އެޕާޓީން މިދިޔަ ރިޔާސީ އިންތިހާބުގައި ނައިބު ރައީސެއްކަމަށް ކުރިމަތިލެއްވި ސެރާ ޕަލިންވެސް ވަނީ ގްރައުންޑް ޒީރޯ ކައިރި މިސްކިތް އެޅުމާ ދެކޮޅަށް ވާހަކަފުޅު ދައްކަވާފައެވެ. އެކަމަނާގެ އިތުރުން އެމެރިކާގެ ރައްޔެތުންގެ މަޖިލީހުގެ ކުރީގެ ރައީސް ގިންގްރިޗާއި އެންޓި ޑިފަމޭޝަން ލީގުންވެސް ވަނީ މިސްކިތް އެޅުމާ ދެކޮޅު ހަދައިފައެވެ. މިސްކިތް ބިނާކުރުމާ ދެކޮޅު ހެދުމުގެ ގޮތުން އެންޓި ޑިފަމޭޝަން ލީގުން ބުނެފައިވަނީ 11/9 ގެ ހާދިސާ ހިންގި ތާ ކައިރީ މުސްލިމުންގެ މިސްކިތެއް ބިނާކުރުން ވާނީ އެ ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް އެއްގޮތަކަށްވެސް ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...