އަފްގާނިސްތާނުގެ ހަމަނުޖެހުން ބޮޑު ދެކުނުގެ ސަރަހައްދުގައި އިއްޔެ ދެވުނު ދެ ހަމަލާއެއްގައި، މަރުވި އެމެރިކާގެ 3 މީހުންނާއެކު، ޖުލައި މަހަކީ 9 އަހަރުވެފައިވާ އަފްގާން ހަނގުރާމައިގާ އެމެރިކާއަށް އެންމެ ގެއްލުން ބޮޑު މަހަށް ވަނީ ވެފައެވެ. އިއްޔެގެ ހަމަލާގައި މަރުވި މީހުން ނިސްބަތްވާ ޤައުމު ނޭޓޯއިން ހާމު ކޮށްފައި ނުވިނަމަވެސް އެމެރިކާގެ އޮފިޝަލަކު ހާމަކޮށްފައިވަނީ، އިއްޔެ މަރުވެފައިވާ 3 މީހުންނަކީވެސް އެޤައުމަށް ނިސްބަތްވާ 3 މީހުން ކަމަށެވެ.
އެމެރިކާއާއި، ނޭޓޯގެ ކޮމާންޑަރުން މިހާރު ހާމަކުރަމުން ގެންދަނީ، ތާލިބާނުންނާ ދެކޮޅަށް ކުރާ ހަނގުރާމަ ހޫނުވަމުން ދިޔަ ވަރަކަށް ހަނގުރާމައިގާ މަރުވަމުންދާ ސިފައިންގެ އަދަދު އިތުރުވެގެން ދާނެކަމަށެވެ. އަދި ވަކިން ހާއްޞަކޮށް ދެކުނުގައި އޮންނަ ހެލްމަނޑާއި، ކަންދަހާރު ޕްރޮވިންސްގައި މަރުވާ ސިފައިންގެ އަދަދު އިތުރުވެގެން ދާނެކަމަށް އެބޭފުޅުން ދަނީ ހާމަކުރަމުންނެވެ. ނަމަވެސް މިހާރުވެސް އެމެރިކާގެ ރައީސް ބަރަކް ހުސެން އޮބާމާ ނިންމަވާފައިވަނީ އަދިވެސް އަފްގާނިސްތާނަށް އިތުރު 30000 ސިފައިން ފޮނުވުމަށެވެ.
އިއްޔެގެ ހަމަލާތަކުގައި މަރުވި 3 މީހުންނާއެކު މިމަހު އެމެރިކާ ސިފައިންގެ ޖުމުލަ 63 ސިފައިން ވަނީ އަފްގާނިސްތާނުގައި މަރުވެފައެވެ. މިދިޔަ މަހުވެސް ވަނީ އެމެރިކާ ސިފައިންގެ 60 މީހުން މަރުވެފައެވެ. ކޮންމެ މަހަކު އަފްގާނިސްތާނުގައި، ބޭރު ފައުޖުތަކުގެ ސިފައިން މަރުވަމުންދާ ނިސްބަތް އިތުރުވަމުން ދާން ފެށުމާއެކު އަފްގާނިސްތާނަށް ސިފައިން ފޮނުވާފައިވާ ގައުމުތަކުގެ ރައްޔެތުން ދަނީ އެގައުމުތަކުގެ ސަރުކާރުތަކަށް ކެނޑި ނޭޅި ޕްރެޝާކުރަމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...