"އިސްލާމްދީނުގެ ޙިމާޔަތުގައި ދިވެހިން" ޝިޢާރުގެ ދަށުން ރާއްޖޭގެ ކަންކޮޅުތަކުގައި ޑިސެމްބަރ 23 ގައި ބޭއްވި ބޮޑު ހަރަކާތުގެ ތެރެއިން، އައްޑޫ ސިޓީ ހުޅުމީދޫގައި ބޭއްވި ސުލްހަވެރި ހިނގާލުމަށް ހުރަސްއެޅުމަށް އެއަވަށު ބޯޑުގެ ވަޤުތީ ރައީސް އެމްޑީޕީގެ އިބްރާހީމް ދީދީ ފޮނުވި ގްރޫޕަކުން މަސައްކަތްކޮށްފިއެވެ.
މިކަން ހިނގާދިޔަ ގޮތް "ދިއިސްލާމް" އަށް ކިޔައިދެމުން ހިނގާލުމުގައި އިސްކޮށް ހަރަކާތްތެރިވި އެއަވަށުގެ މީހަކު ބުނީ އެދުވަހު ހިނގާލުން ފަށަން އުޅެނިކޮށް އިބްރާހީމް ދީދީ އެތަނަށް ސައިކަލުގައި ގޮސް އެއްޗެހި ކިޔާފައިވާ ކަމަށެވެ. އަދި އަވަށު އޮފީހުގެ މެގަ ފޯނު ދީފައި އިބްރާހީމް ދީދީގެ ދެ ކޮއްކޮއަކާއި އިތުރު ބަޔަކު ހިމެނޭ ގްރޫޕެއް ސުލްހަވެރި ހިނގާލުމަށް ހުރަސްއެޅުމަށް ފޮނުވި ކަމަށެވެ.
އިބްރާހީމް ދީދީ ފޮނުވި އެ ގްރޫޕަކީ އަވަށުގައި މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ ގްރޫޕެއް ކަމަށާއި، އެގްރޫޕް ފޮނުވާފައި ވަނީ އިބްރާހީމް ދީދީ ފައިސާ ދީގެން ކަމަށް ތުހުމަތުކުރެވޭ ކަމަށް އެ އަވަށުގެ މީހުން ބުނެއެވެ.
ސުލްހަވެރި ހިނގާލުމުގައި ބައިވެރިވި މީހުން ޝުއޫރު ފާޅުކޮށް، "ﷲ އަކްބަރު" ގޮވައި ތަކުބީރު ކިޔުމުން އެ ގްރޫޕުން "ތާލިބާނުން" އޭ ކިޔައި، އަވަގުރާނަ ގޮވައި އަޚްލާޤީ ގޮތުން ދަށުދަރަޖައިގެ ހުތުރު އެއްޗެހި ވެސް ކިޔާފައިވާ ކަމަށް އެ އަވަށުން މަޢުލޫމާތު ދިނެވެ.
އިބްރާހީމް ދީދީ ފޮނުވި ގްރޫޕުން އެފަދަ ދަށު ދަރަޖައިގެ ގޮތަށް ޢަމަލުކޮށްފައި ވިޔަސް، ހުޅުމީދޫގެ ހިނގާލުމުގައި އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވެއެވެ. އަދި މި ހިނގާލުމަށް ފުލުހުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާ ކަން މިހަރަކާތް އިންތިޒާމްކުރި ފަރާތްތަކުން ފާހަގަކުރެއެވެ.
ހުޅުމީދޫގެ ސުލްހަވެރި ހިނގާލުމުގައި ގާތްގަނޑަކަށް 300 މީހުން ބައިވެރިވެފައިވާ ކަމަށް މި ހިނގާލުން އިންތިޒާމްކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކުން ބުނެއެވެ. މި ހިނގާލުން ފަށާފައި ވަނީ އެދުވަހުގެ ހަވީރު 16:30 ގައި ސ.އަތޮޅު މަދަރުސާ ކައިރިންނެވެ. އަދި ބޮޑެތި މަގުތަކުގައި ހިނގާލުން ބޭއްވުމަށްފަހު ނިންމާލާފައި ވަނީ މީދޫ ޖެޓީ ސަރަހައްދަށެވެ.
ހުޅުމީދޫގެ އިތުރުން "އިސްލާމްދީނުގެ ޙިމާޔަތުގައި ދިވެހިން" ޝިޢާރުގެ ދަށުން ދ.ކުޑަހުވަދޫ އަދި ހދ.ވައިކަރަދޫގައި ޑިސެމްބަރ 23 ގައި ބޭއްވި ހަރަކާތަށް ވެސް އެމްޑީޕީގެ އެކްޓިވިސްޓުން ހުރަސް އަޅައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތްކޮށްފައި ވެއެވެ.
ހުޅުމީދޫ އަވަށުގައި ސުންނަތަށް ތަބާވުމަށް މަސައްކަތްކުރަމުންދާ އިމާމުންނަށް އެކިފަހަރު މަތިން ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް އިބްރާހީމް ދީދީ ވިދާޅުވެ އެފަދައިން ޢަމަލުތައްވެސް ކުރައްވަމުން ގެންދަވާ ކަމަށް އަވަށުގެ މީހުން ދަނީ ބުނަމުންނެވެ. އަދި ދާދި ފަހުން ޝައިޚް އިލްޔާސް ޙުސައިން އެ އަވަށުގައި ދަރުސް ދިނުމަށް ވަޑައިގެންނެވުމުން، ސ.އަތޮޅު މަދަރުސާގައި އަލަށް ހަދާފައިވާ ހޯލު ދަރުސް ދިނުމަށްޓަކައި ދޫނުކުރުމަށް ވެސް އިބްރާހީމް ދީދީ މަސައްކަތް ކުރައްވާފައިވާ ކަމަށް އަވަށުގެ މީހުން ބުނެއެވެ. އެފަހަރު ޝައިޚް އިލްޔާސް އެއަވަށުގެ ދެ މިސްކިތެއްގައި ދެ ދަރުސް ދެއްވާފައި ވެއެވެ.
އަދި އެފަހަރު ޝައިޚް އިލްޔާސް ދެއްވި ދަރުސެއްގައި ވަނީ އިބްރާހީމް ދީދީގެ މި ޢަމަލު ކުށްވެރިކޮށް ވާހަކަފުޅު ވެސް ދައްކަވާފައެވެ.
މިއަހަރުގެ އެސްއެސްސީ އިމްތިހާނު ކުރިއަށް ދިޔައިރު، އިމްތިހާނު ހަދާ ދަރިވަރުންނަށް އުނދަގޫވާނެ ކަމަށް ވިދާޅުވެ، ހުޅުދޫ މަސްޖިދު ޢަބްދުﷲ ބިން އިބްރާހީމްގެ އިމާމަށް، ބޭރަށް އަޑު ނީވޭ ގޮތަށް ބަންގި ގޮވުމަށް އަންގަވައި، އެގޮތަށް އިމާމު ޢަމަލުނުކުރުމުން، މިސްކިތުގެ މައިކު ނަގާނެ ކަމަށްވެސް އިބްރާހީމް ދީދީ ވަނީ އިންޒާރު ދެއްވާފައެވެ.


ކޮމެންޓް (0)
ލޯޑް ކުރަމުން...