
ސަލަފްގެ ރައީސް ޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ – ދިއިސްލާމް ފޮޓޯ : އިބްރާހީމް އަޝްވާޤް
ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤަޥާޢިދާ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ޚިލާފުވެފައިވާތީ ރައީސްގެ މައްޗަށް ފިޔަވަޅު އަޅައި ދެއްވުމަށް އެދި ޖަމްޢިއްޔަތުއްސަލަފުން ފުލުސް އޮފީހަށް ހުށައެޅި މައްސަލާގައި ސަލަފްގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.
ސަލަފުން ބުނީ ޝައިޚް ޢަބްދުﷲ ފުލުސް އޮފީހަށް އިއްޔެ ހާޒިރުކޮށް އެޖަމްޢިއްޔާ އިން ހުށައެޅި ސިޓީގައި ޙަވާލާ ދީފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ތަފްޞީލުތައް ހޯދުމަށް ސުވާލުކޮށްފައިވާ ކަމަށެވެ. އަދި އެސިޓީގައި ހުރި އިޖްމާލީ ނުޤުޠާ ތަކުގެ ތަފްޞީލް އެކުލެވޭ ރިޕޯޓެއް ވެސް ފުލުހުންގެ މުއައްސަސާ އަށް ޝައިޚް ޢަބްދުﷲ ހުށައަޅުއްވާފައިވާ ކަމަށް ސަލަފުން ބުންޏެވެ.
"ޤާނޫނު އަސާސީ ގެ 20 ވަނަ މާއްދާގައި ވަނީ " ޤާނޫނު ގެ ކުރިމަތީގައި، އަދި އެ މީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީ ވެސް ހަމަހަމަ ވެގެންވާ މީހެކެވެ. ވީމާ މިކަންކަން ބައްލަވައި ފިޔަވަޅު އެޅުއްވުމަކީ އެ ޤާނޫނުތަކުގެ ދަށުން ތިޔަ ފަރާތުގެ މަސްއޫލިއްޔަތެއްކަމުގައިވީހިނދު ފުލުހުންގެ ޤާނޫނުގައިވާ މަސްއޫލިއްޔަތުތަކުގެ ތެރޭގައިވާ 6 ވަނަ މާއްދާގެ 1،2،4،5،6 މި ނަންބަރުތަކާއި 7 ވަނަ މާއްދާގެ ޥާޖިބުތަކުގައިވާ 1،2،3،4،5،7، އަދި 15 އާއި 16 މި ނަންބަރުތަކަށް ރިޢާޔަތްކުރުމާއެކު މި މައްސަލަބައްލަވައިދެއްވުމަށް އެދި ތިޔަ ފަރާތަށް ޖަމްޢިއްޔަތުއްސަލަފުން ހުށައަޅަމެވެ." ސަލަފުގެ ރިޕޯޓުގައި ލިޔެފައިވެއެވެ.
ސަލަފްގެ ނައިބް ރައީސް އައްޝައިޚް ޙަސަން މޫސާ ފިކުރީ ވިދާޅުވީ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ނެތި ދީނުގެ ހުކުމްތަކަށް ރައީސް ވިއަސް ވާހަކަދެއްކެވުމަކީ ހުއްދަ ކަމެއް ނޫން ކަމަށާއި، ދީނުގެ ހުކުމްތަކާ ގުޅޭގޮތުން ފާޑުވިދާޅުވެ ރައީސް ވާހަކަފުޅު ދައްކަވާފައިވާ ކަމަށެވެ.
ޑިސެމްބަރ 20 ދުވަހުގެ ރޭ ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ގޯއްޗާއި ފްލެޓް ލިބޭ ބައެއް ފަރާތްތަކަށް ލިޔުން ހަވާލުކުރުމަށް ހިރިޔާ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤަޥާޢިދާއި ޚިލާފުވެފައިވާތީ އެމައްސަލަ ބައްލަވައިދެއްވުން އެދި ފުލުސް އޮފީހުގެ އިތުރުން ކަމާބެހޭ މުއައްސަސާތަކާއި، ވުޒާރާތަކަށް ސަލަފުން ސިޓީ ފޮނުވާފައިވެއެވެ.
އަންގާރަ ދުވަހުގެ ރޭ ހިރިޔާ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ "އަޅުގަނޑަށް ފާހަގަވަނީ ބޭރު މީހުންނާ އަޅުގަނޑުމެން މާބޮޑަށް ނަފުރަތުކޮށް، އެކަންކަން ފާހަގަކޮށް އެކަމުގައި އަޑު އުފުލައި އުޅޭ އުޅުމާއި އަދި ހަރުކަށި ދީނީ އުސޫލްތައް މި ރާއްޖެ އަށް ތައާރަފްކުރުމަށް އަޑު އުފުލައި ގެންގުޅޭ ޚިޔާލުތައް. އަޅުގަނޑުމެންނަށް އެއްވެސް އަތަކަށް ގޮސް ހައްދުފަހަނައަޅައެއް ނުދެވޭނެ" ކަމަށެވެ. އަދި "އެ ރައްޔިތުން ނޭދޭ އަތްކަނޑާކަށް ވެސް، ގަތުލުކުރާކަށް ވެސް، ރަޖަމްކުރާކަށްވެސް" މިފަދައިން ވެސް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.
ސަލަފްގެ ރިޕޯޓުގައި ބުނެފައި ވަނީ ރައީސް މިހެން ވިދާޅުވެ، ރައްޔިތުންގެ މައްޗަށް ގަސްތުގައި އިތުރުފުޅު ހައްދަވައި، އެމަނިކުފާނުގެ އަމިއްލަފުޅު ޚިޔާލަކީ ރައްޔިތުންގެ އަޤީދާ ކަމުގައި ހާމަކުރައްވާ، ޙަޤީޤަތް ވަރަށް ބޮޑަށް އޮޅުވާލައްވައި ވާހަކަދައްކަވާފައިވާ ކަމަށެވެ. އަދި ގާނޫނު އަސާސީގައި އޮންނަ ގޮތާ ހިލާފަށް ރައްޔިތުންނަށް އޮޅުވާލައިގެން ވާހަކަ ދައްކަވައި ޤުރުއާނުގެ ހުކުމްތަކާ މެދު އަމިއްލަ އަށް ހިޔާލުފާޅުކުރުމުގެ ގާނޫނީ އެއްވެސް ހައްގެއް ރައީސް ނަޝީދަށް ލިބިގެން ނުވާ ކަމަށް ސަލަފްގެ ރިޕޯޓުގައި ވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...