އަފްޣާނިސްތާނުގެ ތަކްހަރު ޕްރޮވިންސްގެ ތަލުގާން ސިޓީގައި ޖަނާޒާއެއް ކުރިއަށް ދިޔަ ސަރަހައްދެއްގައި މީހަކު އަމިއްލައަށް މަރުވެގެން ދިން ބޮމުގެ ހަމަލާއެއްގައި 19 މީހަކު މަރުވެއްޖެއެވެ.
އެ ހަމަލާގައި އިތުރު 40 މީހަކު ޒަހަމްވެފައިވާއިރު މަރުވި މީހުންގެ ތެރޭގައި އަފްޣާނިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ވެސް ހިމެނެއެވެ. ތަލުގާން ސިޓީގެ ގަވަރުނަރު އަބްދުލް ޖާބަރު ތަގްވާ ވިދާޅުވީ ބޮން ގޮއްވާލާފައި ވަނީ އޭނާ ވެސް ބައިވެރިވެ ވަޑައިގަތުމަށް ހަމަޖެހިފައި އޮތް ޖަނާޒާއެއްގައި ކަމަށާއި އެއީ އޭނާ އަށް ނުވަތަ މަޖިލިސް މެމްބަރަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
މި ހަމަލާއާ ގުޅިގެން އަފްޣާނިސްތާނުގެ ގުޅިފައިވާ ލަޝްކަރުގެ ޖެނެރަލް ޖޯން އެލެން ވިދާޅުވެފައި ވަނީ މިފަދަ ހަމަލާތައް ދެނީ ފިނޑިން ކަމަށާއި އެފަދަ ފަރާތްތަކުގެ ހަމައެކަނި އެދުމަކީ ހަމަޖެހުން ނަގާލައި ގެއްލުން ދިނުން ކަމަށެވެ. މި ހަމަލާ ދީފައި މިވަނީ އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭލުމުގެ މަސައްކަތް އެގައުމުން ފަށާފައި ވަނިކޮށެވެ.
އެމެރިކާ އިން ތައްޔާރުވަމުން އަންނަނީ 2014 ގެ ނިޔަލަށް އަފްޣާނިސްތާން އެގައުމުގެ ސަލާމަތީ ބާރުތަކާ ހަވާލުކުރުމަށެވެ. އެކަމަށް ވާން ޖެހޭ ތައްޔާރީގެ ދަށުން އެމެރިކާ ސިފައިން ވަނީ އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކުގެ އަދަދު 18000އަށް އިތުރުކޮށްފަ އެވެ. ނަމަވެސް ގައުމުގެ ސަލާމަތީ ކަންތައްތަކާ ހަވާލުވުމުގެ ފުރިހަމަ ގާބިލުކަން މި ލަޝްކަރަށް ލިބިފައިވާ ކަމާ މެދު އަދިވެސް ދަނީ ބަހުސް ކުރެވެމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...