ޢަރަބި އަދި އިސްލާމީ ބައެއް ޤައުމުތަކަށް ކުރައްވާ ދަތުރުފުޅެއްގައި ޣައްޒާގައި ވެރިކަންކުރަމުންދާ ޙަމާސް ސަރުކާރުގެ ބޮޑު ވަޒީރު އިސްމާޢީލް ހަނިއްޔާ ފުރާވަޑައިގެންފިއެވެ. މިއީ މީގެ ފަސް އަހަރު ކުރިން އިޒްރޭލުން ޣައްޒާ ޙިޞާރުކުރި ފަހުން ބޭރު ޤައުމަކަށް ހަނިއްޔާ ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ހަނިއްޔާގެ މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިޞްރަށެވެ. އެގޮތުން އިއްޔެގެ ވަގުތެއްގައި އެމަނިކުފާނު ވަނީ "ރަފަހު ބޯޑަރު" ހުރަސްކުރައްވައި މިޞްރަށް ވަޑައިގެންފައެވެ. އެއަށް ފަހު ސޫދާނަށް ވަޑައިގެން ޤުދުސް އާއި ބެހޭގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ތުރުކީ، ޤަޠަރު، ތޫނިސް، އަދި ބަޙްރައިން އަށް ވަޑައިގެން އެޤައުމުތަކުގެ ވެރިންނާ ބައްދަލުކުރައްވައި ސިޔާސީ ގުޅުންތައް ވަރުގަދަކުރަވައި، އިޒްރޭލުން އަލްޤުދުސް އަށް ދެމުންގެންދާ ގެއްލުންތަށް އެ ޤައުމުތަކުގެ ސަރުކާރުތަކުގެ ސަމާލުކަމަށް ގެނައުމަށް ބޮޑުވަޒީރު ހަނިއްޔާ މަސައްކަތްކުރައްވާނެކަމަށް ޙަމާސް ސަރުކާރުގެ ތަރުޖަމާނު ޠާހިރު އަލްނޫނޫ ވަނީ ވިދާޅުވެފައެވެ.
އަދި ޙިޞާރުކުރެވިފައިވާ ޣާޒާގެ ރައްޔަތުންނަށް ވެދެމުންގެންދާ އެހީތަކަށްޓަކައި އެޤައުމުތަކަށް ހަނިއްޔާ ޝުކުރު އަދާކުރައްވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...