ޢަދާލަތު ޕާޓީގެ ރައީސް އައްޝެއިޚް އިމްރާނު ޢަބްދުﷲ އާއި އެ ޕާޓީގެ އިސްތަރުޖަމާނު އައްޝެއިޚް މުޙައްމަދު ޝަޙީމް ޢަލީ ސަޢީދަށް މިރޭ ބަޔަކު މީހުން ހަމަލާދޭން އުޅެފިއެވެ.
މި ޚަބަރު ދިއިސްލާމަށް ލިބުމާއެކު، ޝެއިޚް ޝަޙީމަށް ގުޅުމުން އެބޭފުޅާ ވަނީ އެއީ ތެދެއް ކަމަށް ވިދާޅުވެފައެވެ. ހަމަލާ ދޭން އުޅުނު މީހުން ވަރަށް ހަޑި ހުތުރު ބަހުން ދެ ޝެއިޚުންނާ މުޚާޠަބުކޮށްފައިވާ ކަމަށް ދިއިސްލާމަށް ޝެއިޚް ޝަޙީމް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް، އެބޭފުޅުންނަށް ހަމަލާ ދޭން އުޅުނީ ކޮން ޕާޓީއަކަށް ނިސްބަތްވާ ކޮން ބައެއް ކަމެއް ވިދާޅެއް ނުވެއެވެ.
ދިއިސްލާމުގެ ފަރާތުން ޝެއިޚް އިމްރާނަށް ގުޅުމުން ވިދާޅުވީ، މި ޙާދިސާ ހިނގާފައިވަނީ މުޒާހަރާ ކުރި ތަނުގައި ހުރި ސާމާނުތަށް ގެނައުމުގެ މަސައްކަތް ކުރިޔަށް ދާތީ، އެކަން ހިނގާ ގޮތް ބައްލަވައިލައްވަން ވަޑައިގެން ހުންނަވަނިކޮށް ކަމަށެވެ. އަދި ވަޤުތުން ފުލުހުންނަށް ގުޅުއްވި ކަމަށާއި، ފުލުހުން ވަރަށް އަވަހަށް އެ ސަރަހައްދަށް ވަޑައިގެންނެވިކަމަށް ވިދާޅުވިއެވެ. ފުލުހުން އެ ސަރަހައްދަށް ވަޑައިގަތުމާއެކު، އެބައިމީހުން ދިޔައީ ކަމަށްވެސް ޝެއިޚް އިމްރާނު ވިދާޅުވިއެވެ. އަދި ފުލުހުން ދެއްވި އެއްބާރުލެއްވުމަށް ޝެއިޚް ޝުކުރު އަދާކުރައްވާކަމަށްވެސް ވިދާޅުވިއެވެ.
މަދަނީ އިއްތިހާދާއި ހަތް ސިޔާސީ ޕާޓީ ގުޅިގެން 23 ޑިސެމްބަރ 2011 ގައި، އިސްލާމްދީނުގެ ހިމާޔަތުގައި ދިވެހިން، މި ނަމުގައި ބޭއްވި ސުލްޙަވެރި އެއްވުމުގައި ޝެއިޚް އިމްރާނު ޢަބްދުﷲ އާއި ޝެއިޚް ޝަޙީމް ވަނީ އިސްވެ ހަރަކާތްތެރިވެލައްވާފައެވެ. މިއީ މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ ބޮޑު އެއް މުޒާހަރާ ކަމަށާއި އެންމެ ޞުލްޙަވެރި މުޒާހަރާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
މީގެ އިތުރުން، މުޒާހަރާގައި ބައިވެރިވި އެހެން ޝެއިޚަކަށް ވެސް އިންޒާރުގެ ކޯލުތަކެއް ލިބިފައިވާ ކަމަށް އެ ފަރާތުން ވަނީ ދިއިސްލާމަށް ކަށަވަރުކޮށްދީފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...