ރިޕޯޓް

ވަޒީފާއަކީ މީހުން އަޅުވެތިކުރަން ބޭނުންކުރާ ހަތިޔާރެއް ހެއްޔެވެ؟

ދާދި ފަހަކުން އަހުރެންނާ ބައްދަލުވި ރައްޓެއްސަކު ސަޔަކަށްދާން ދައުވަތެއް ދިނެވެ. ސައިބޯން ރަނގަޅު ތަނެއް ފެނޭތޯ ދުއްވަމުން ގޮސް އެންމެފަހުން ވަނީ އެތަނެއްގެ ތެރޭގައި ދުންފަތުގެ އިސްތިޢުމާލުނުކުރާނެކަމަށް ބެލެވޭ ކަހަލަ ތަނަކަށެވެ. ސަބަބަކީ ކާއެތިކޮޅުން ހަށިގަނޑަށް ލިބޭ ފައިދާއަށްވުރެ ބޮޑަށް ސިނގިރެޓް ދުމުން ލިބޭ ގެއްލުން ބޮޑުވެދާނެތީ އެވެ. ދެން އެތަނުގެ މޭޒެއްގެދޮށުގައި ދެމީހުން އިށީންދެއްޖައީމެވެ. އެތަނުގައި ގިނައިން ތިބީ ކައިވެނިކުރުމުގެ ކުރިން 'ތަޖުރިބާކޮށްލުމުގެ' ދަތުރެއްގައި ނުކުމެއުޅޭ 'ޖޯޑުތަކެވެ'. ވޭޓަރު ސައިގެނައުމާއެކު އަދި ބޯން ނުފެށި އުޅެނިކޮށް އެތަނުން މޭޒެއްގެދޮށުން ކުއްލިޔަކަށް އަންހެން ކުއްޖަކު ރުޅިމޫނާއެކު ފުންމައިގެން ތެދުވެ ނުކުންނަން ބާރަށް ހިނގައިގަތްތަން ފެނިއްޖެ އެވެ. އެ ވަގުތު އެ މޭޒުދޮށުގައި އިން 'ހާމުންޑިބޯ' ދުވެފައި ގޮސް އެ 'ބުރިފިއްތި' ރުއްސައިގެން ގެނެވޭތޯ ހިފަހައްޓަން އުޅުނެވެ. ދެން ފެނުނީ އެ އަންހެން ކުއްޖާގެ ފަހަތުން އޭނާ ވެސް ބޭރަށް ނުކުތްތަނެވެ.

އެވީ ކީއްތޯ ބެލުމަކީ އަހުރެމެންނަށް އޮތްކަމެއް ނޫންކަމުން ދެމީހުންގެ ވާހަކަތަކަށް ފެށިއްޖެ އެވެ. ބައްދަލުނުވާތާ ވަރަށް ގިނަ ދުވަސްވެއްޖެކަމަށް ބުނެ އޭނާގެ 'ސްޓޯރީ' ކިޔާދޭން ބުނެފީމެވެ. އޭނާ ބުނީ ވަޒީފާއެއް ލިބޭތޯ އުޅެނީ ކަމުގަ އެވެ. މިހެން ބުނުމުން އަހުރެން އެހީ އޭނާ ކުރިން އުޅުނު ފިހާރައިގެ ވަޒީފާއިން ވަކިކުރީތޯ އެވެ. އޭނާ ބުނީ އެ ވަޒީފާގައި އުޅޭތާ ދެ އަހަރުވީފަހުން ތަނުގެ ވެރިމީހާ އޭނާ ގާތު އެތަނުން ދާށޭ ސީދާ ނުބުނެ އޭނާ ފޮނުވާލަން އުޅުމުން އެކަން ވިސްނިގެން އަމިއްލައަށް ވަކިވީ ކަމަށެވެ. ކިހިނެއްތޯވީ އެހުމުން ބުނީ އޭނާ އުޅުނީ ހެދުން ވިއްކާ ފިހާރައެއްގެ ސޭޓަކަށް ކަމަށެވެ. ދުވަސްތަކެއް ވީފަހުން ބޮޑުމީހާ ބޭނުންވީ 'ބުރިފިއްތި' ލައިގެން 'ފުންނާބުކަށްޓަށް' އެރި އަދި ގަޔަށް 'ބާރުއުރަ' ލެއްވި 'ލަތީފާއިން' ސޭޓުންނަށް ބައިތިއްބަން ކަމަށެވެ. އަލަށްގެނައި ސޭޓުންގެ ތެރޭގައި ތިބީ 'ފަޅިބުރުގާ' އެޅި ދެ 'ބުރިފިއްތި' އެވެ. ދެން އޭނާ އަށް އެންގީ ކައުންޓަރުން ދުރަށްޖެހި 'ބަންގާޅީ މަސައްކަތް' ކުރަން އެއްފަރާތެއްގައި ކޮޅަށް ހުންނާށެވެ. ވިޔަފާރި ނުވާކަމަށް ބުނެ މުސާރަ ވެސް ކުޑަކޮށްފަ އެވެ. މިގޮތަށް އުޅޭތާ ދުވަސްކޮޅެއް ވީފަހުން ދެން ބުނީ ކޮންމެ ދުވަހަކު ހަވީރު ބޮޑުމީހާގެ ގެއަށް ބާޒާރުކޮށްދޭންވާނެ ވާހަކަ އެވެ.

މިހާހިސާބަށް ވާހަކަ ދިޔަތަނާ އަހުރެންގެ ކަނާތްފަރާތުގައި ހުރި މޭޒު ދޮށުގައި ތިބި ޖޯޑުގެ ތެރެއިން ބާރު، އަތްދިގު 'ޒިބްރާ ޓޮޕް އުރައެއް' ގަޔަށް ފައްތައިގެން އިން 'ބުރިފިއްތިއެއްގެ' ފޯނު ރިންގުވާން ފަށައިފި އެވެ. އޭނާ ފޯނު ނަގާފައި ކުރިމަތީގައި ކަންފަތު މުދި ލައިގެން އިން 'އަންހެންދުޅާ' އަށް އިޝާރާތުން (ރޭންޖު ނުލިބޭތީ) ބޭރަށް ނުކުމެލަނީ ކަމުގައި ބުނެފި އެވެ. ދެން ފޯނުން ވާހަކަދައްކަމުން ނުކުމެހުރީ ބޭރުގަ އެވެ. އިރުކޮޅަކުން ރެސްޓޯރަންޓް ކުރިމަތިންކަހަލަ ގޮތަކަށްހުރި ފިހާރައެއްގެ ބޭރަށް ސައިކަލެއްގައި އައިސް މަޑުކޮށްލާތަން ފެނުނީ އަހުރެމެން ދެ މީހުންގެ ވެސް ސްކޫލް ދުވަސްވަރުގެ ކްލާސް މޭޓެކެވެ. ދެން އޭނާ ރެސްޓޯރަންޓްގެ އެތެރެއަށް ގެނެވޭތޯ އަހުރެން ކުއްލިޔަކަށް ބޭރަށް ނުކުމެއްޖައީމެވެ. ނުކުތްއިރު އެއްކަލަ 'ބުރިފިއްތި' ފޯނުގައި ކަންފަތްޖަހައިގެން ހުރެ ކިޔާ އެއްޗަކީ އޭނާ ބިޓަކާއެކު ބޭރަށް ނުކުމެ އުޅެނީ 'ޓެންޝަން ފިލުވާލަން' ކަމަށާއި 'ހަބީ' ރަށުގައި ނެތީމާ 'އެންޖޯއީ' ކޮށްލަނީ ކަމަށެވެ. ނަމަނަމަ ގޭމީހުން ގާތު އެ ވާހަކަ ނުބުނައްޗޭ މިހެންނެވެ. މަށަކުވާ އަޑުއިވުނު ކަމަކަށް ވެސް ނުހަދަމެވެ. ކްލާސް މޭޓް ގޮވައިގެން އެތެރެއަށް ވަދެ އިށީންދެއްޖައީމެވެ. ވަދެ އަހަރެމެން ތިން މީހުންގެ ވާހަކަތަކަށް ފަށައިގެންފީމެވެ.

ލަހެއްނުވެ ފަހުން އައި އެކުވެރިޔާ އަށް ވެސް ބަޔާންވެދިޔަ ފަޒީފާގެ ވާހަކަތައް އިއްވައިފީމެވެ. އޭނާގެ ވާހަކަތައް އެކަމުގައި ހުރީ އަދި މާ ޙައިރާންވާކަހަލަ ގޮތަކަށެވެ. އޭނާ ބުނާގޮތުން ދާދި ފަހަކުން އިޢުލާންކޮށްފައި އޮތް ސިވިލް ސާރވިސްގެ ވަޒީފާއަކަށް އޭނާގެ އަންހެން ކޮއްކޮ ސިޓީލިއެވެ. އެ އަންހެން ކުއްޖާއަކީ އޭލެވެލް އިމްތިހާނުގައި ރަނގަޅު ނަތީޖާއެއް ހޯދާފައިފާ ކުއްޖެކެވެ. ނަމަވެސް އޭނާގެ މައްސަލައަކީ ނިވާކަން ބޮޑުގޮތަކަށް ކަޅުކުލައިން ޕާކިސްތާނު ހެދުންލާފައި ބުރުގާއެޅުމެވެ. 'ނަސީބަކުން' މޫނުބުރުގާއެއްވާ ނާޅައެވެ. އިންޓަވިޔުއަށް ދިޔަދުވަހު ގޮވައިގެން ދިޔައީ ވެސް އޭނާ އެވެ. އެ އޮފީހަށް ވަދެ އެތެރެއަށް ބަލައިލިއިރު އެތަކެއް ބައިވަރު އަންހެން 'ކުދީންނެއް' ހަމަ އެ ވަޒީފާއަށް އެދިގެން އިންޓަވިޔުއަށް ގޮސް ތިއްބެވެ. ގޮނޑިތަކުގައި ބަރިޔަކަށް އެއްފައިމައްޗަށް އަނެއްފައި ނަގައިގެން ފައިލް އުނގަށްލައިގެން ގިނައިން ތިބީ 'ބުރިފިއްތި' އެވެ. އިންޓަވިޔުކުރާ ކޮޓަރި އަށް ކުދީން ވައްދަނީ ދެ ދަތްދޮޅިލީމައި އެކަން ފޮރުވަން 'ފަޅިބުރުގާ' އަޅައިގެން އުޅޭ 'ބުރިފިއްތި' އެކެވެ. އޭނާގެ 'ދަށްބަނޑު' ކުޑަކޮށް ފުއްޕާފައި ހުރީމައި 'ޓޮޕް' އުނަގަނޑުމަތިން ހުރީ ހިސާބަކަށް ދޫކޮންނެވެ.

މިހާހިސާބަށް ވާހަކަ ދިޔައިރު ސައިބޮއެ ނިމެނީ އެވެ. ވުމާއެކު ވޭޓަރު ގާތު ބިލް ގެންނަން ބުނެފައި ފަހުން އައި އެކުވެރިޔާގެ ވާހަކައާއިގެން ކުރިޔަށްދާށޭ ބުނެފީމެވެ. އޭނާ ކިޔާދިންގޮތުން އިންޓަވިޔުކުރަން ތިބީ ދެ ފިރިހެނުންނެވެ. އޭނާގެ ކޮއްކޮކުރެން އެހި ބައެއް ސުވާލުތަކަކީ ބުރުގާއެޅީ ކޮންއިރަކުތޯ އެވެ؟ ބުރުގާއަޅަންޖެހޭކަން އެނގުނީ ކާކުބުނެދީގެންތޯ އެވެ؟ އުޅެނީ މީހަކާ އިނދެގެންތޯ އެވެ؟ މީހަކާ ނުއިނދެ ހުރިކަމަށް ބުނުމުން އެހީ 'ބޯއީ ފްރެންޑެއް' ހުރޭތޯ އެވެ؟ ދިރިއުޅެނީ ކުއްޔަށްތޯ އެވެ؟ އެ ކުއްޖާގެ ސެޓް ފިކެޓްތަކަށް މާ ސަމާލުކަމެއް ނުދެ އެވެ. ދެން މިހެންގޮސް އެއްވެސް ބާވަތެއްގެ ބައްޔެއް ހުރޭތޯ ވެސް ސުވާލުކުރި އެވެ. މައިންބަފައިން އާމްދަނީ ހޯދަން ކުރަނީ ކޮން މަސައްކަތެއްތޯ ވެސް އޮޅުންފިލުވި އެވެ. ދެން ބުނީ ރަށުން ބޭރަށް އޮފީސް ދަތުރެއްގައި ދާންޖެހިއްޖެނަމަ ދެވޭނެ ތޯ އެވެ؟ މިގޮތުން ކިހާދުވަހެއް ދަތުރުގައި ހޭދަކުރެވިދާނެތޯ އެވެ؟ ގިނަވަގުތު ވަޒީފާގައި އުޅެންޖެހިދާނެ ކަމަށާއި މިގޮތުން ރޭގަނޑުގައި އިތުރު ގަޑި ފުރަންޖެހިއްޖެނަމަ އެކަން ކުރެވޭނެތޯ އެވެ؟ މިއަށްފަހު ބުނީ ވަރަށް ގިނަ ކުދީން ވަޒީފާ ބޭނުންވެގެން އުޅޭއިރު ވަރަށް ގިނަ ކަންތައްތައް ކުރެވޭނެކަމަށް ބުނެ އެއްބަސްވާ ކަމަށާއި ނަމަވެސް ވަޒީފާ ލިބުމުން އެ ކަންތައްތައް ކުރުމަށް ދެކޮޅުހަދާކަމަށެވެ. ގަޑިޖެހިގެން އައުމާއި، ސަލާމްބުނުން ގިނަވުމާއި އަދި ވަކި ސަބަބެއް އެންގުމަކާނުލައި ވަޒީފާއަށް ނުނިކުމެ ތިބޭ ކަމަށެވެ. ދެން ބުނީ ބޭނުންވެއްޖެނަމަ އަންގާލާނެ ކަމަށާއި ދިޔަސް އެންމެ ރަނގަޅު ކަމަށެވެ.

ދެންވީ ކިހިނެއްތޯ އެހުމުން އެކުވެރިޔާ ބުނީ އޭނާގެ ކޮއްކޮ އަށް އެ ވަޒީފާ ނުލިބޭ ކަމަށެވެ. އިންޓަވިޔު އަށް ދިޔަ ކުދީންގެ ތެރެއިން ވަޒީފާ ލިބުނީ ކާކަށްކަން އެނގޭތޯ އެހުމުން ބުނީ އެކުއްޖެއްގެ ނަމެއް ނޭނގޭ ކަމަށެވެ. ނަމަވެސް އޭނާ އަށް ބުނަން އެނގެނީ ވަޒީފާ ލިބުނު ކުއްޖާ ހެދުން އަޅާފައި ހުރި ސިފަ އެވެ. ކިޔުންތެރިޔާ އަށް ތިޔަ ހީކުރެވުނީ ހަމަ ރަނގަޅަށެވެ. އެ ކުއްޖަކީ އިސްތަށިގަނޑު ނިވާނުކޮށްހުރި 'ބުރިފިއްތި' އެކެވެ. މިހެން ކަންތައް ހުރީމައި ފިރިހެނުންނަށް އިދާރީ ވަޒީފާތައް ނުލިބުމަކީ ހައިރާންވާންވީ ކަމެއް ނޫނެވެ. އެކުވެރިޔާ ބުނާގޮތުން ފިރިހެނުން ދާންވީ ވެލިގަލަށެވެ. ސިމެންތިގަށަން ނޫނީ މަގުކޮންނާށެވެ. ނޫނީ މަސްބާނާށެވެ. އައުރަ ނިވާކޮށްފައި ހުރި އަންހެން ކުއްޖެއްގެ ތައުލީމީ ސެޓްފިކެޓްތަކުގެ އަގެއް ނެތުނުފަދައިން މިއަދު ގިނަ ފިރިހެނުންގެ ތައުލީމީ ސެޓްފިކެޓްތަކެއްގައި އަގެއްނެތެވެ. ފުރާޅެއްގެ ދަށުގައި ބޯހިޔާކޮށްގެން، މޭޒެއްގެދޮށުގައި އިނދެ އަދާކުރާ ވަޒީފާއެއް ފިރިހެނަކަށް ލިބުމަކީ މިއަދު އަޖާބުވާވަރުގެ ކަމެކެވެ. އޭނާ މިހެން ބުނުމާއެކު ތިން މީހުންނަށް ވެސް ބާރަށް ހީނގަނެވުނެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް