އިންޑިއާގެ ފަޤީރު ދަނޑުވެރިން އަމިއްލައަށް މަރުވާ މިންވަރު ވަރަށް ބޮޑުތަން އިތުރުވެފައިވާކަމަށް އެޤައުމުގެ މީޑިއާތަކުގައި ޝާއިޢުކުރެވެމުންދާ ރިޕޯޓްތަކުން ހާމަވެއްޖެއެވެ.
ޚަބަރުތަކުގައިވާގޮތުން އިންޑިއާގެ 3 ސްޓޭޓްކަމުގައިވާ "އަންދްރަޕްރަދޭޝް" ، "މަހާރާޝްޓްރާ" އަދި "ކެރެލާ" ގައި ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި 800 ދަނޑުވެރިން ވަނީ އަމިއްލައަށް މަރުވެފައެވެ.
އަމިއްލައަށް މަރުވުމުގެ މިފަދަ ޙާދިސާތައް އިތުރުވުމުގެ ސަބަބެއްކަމުގައި ބެލެވިފައިވަނީ ފަޤީރުކަމާއި، ދަރަނިވެރިވުމާއި، ދަނޑުތައް ހަލާކުވުމާއި، ކާބޯތަކެތީގެ އަގު މައްޗަށްދިއުން ފަދަ ކަންތައްތަކެވެ.
އިންޑިއާގެ އިންސާނީ ހައްޤުތަކާ ބެހޭ ކޮމިޝަނުން ބުނާގޮތުގައި މި ދިރާސާއަކީ ތެދެއްކަމުގައިވާނަމަ މިއީ ފަޤީރު ދަނޑުވެރިންގެ އިންސާނީ ޙައްޤުތަކަށް އަރައިގަތުމެކެވެ. އަދި އެކޮމިޝަނުން މިހާރު ވަނީ އެތިން ސްޓޭޓްގެ ކަމާބެހޭ ފަރާތްތަކަށް އެކަމާ ގުޅޭ ރިޕޯޓްތައް އެކޮމިޝަނަށް ހުށައަޅަށް އަންގާފައެވެ.
1997 ގެ ފަހުން އިންޑިއާގައި މިހާތަނަށް ގާތްގަނޑަކަށް އެއްލައްކަ ދަނޑުވެރިން ވަނީ އަމިއްލައަށް މަރުވެފައެވެ.
އެ ސަރަހައްދުތަކުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މިއަހަރުގެ ތެރޭގައި "މަހާރާޝްޓްރާ" ގައި 680 ދަނޑުވެރިން ވަނީ އަމިއްލައަށް މަރުވެފައެވެ. ދެކުނުގެ ސްޓޭޓެއްކަމުގައިވާ "އަންދްރާޕްރަދޭޝް" ގައި 98 ދަނޑުވެރިން އަދި "ކެރެލާ" ގައިވެސް ފާހަގަކުރެވޭ ޢަދަދަކަށް ދަނޑުވެރިން ވަނީ އަމިއްލައަށް މަރުވެފައެވެ.
ޢާންމުގޮތެއްގައި އިންޑިއާގެ ފަޤީރު ދަނޑުވެރިން، ދަނޑުވެރިކަން ކުރުމަށްޓަކައި ހިސާބުގަނޑުގެ މުއްސަނދި މަހުޖަނުން އަތުން ދަރަނިނަގައެވެ. މުއްސަނދިން އެފަދަ ފަޤީރުންނަށް ދަރަނި ދޫކޮށް އުޅެނީ އިންތިހާއަށް ބޮޑެތި ރިބާ ލާފައެވެ. އެއަށްފަހު މިދަރަނި ދެއްކުމަށް ގިނަ ދަނޑުވެރިން ނުކެޅެދުމުގެ ސަބަބުން އަނެއްކާވެސް ދަރަނިދެއްކުމަށްޓަކައި ދަރަނި ނަގައި، ދަރަނިވެރިކަމުގެ ފުން ވަޅުގަނޑަށް ވެއްޓެއެވެ. މިފަދަ ކަންކަމުން ސަލާމަތް ނުވެވުމުން އެމީހުން އަމިއްލައަށް މަރުވެއެވެ.
2008 ވަނަ އަހަރު އިންޑިއާ ސަރުކާރުންވަނީ އެތައް މިލިއަން ރުޕީސް އެއްގެ ދަރަނި ދަނޑުވެރިންނަށް މަޢާފުވެސް ކޮށްދީފައެވެ.
_______________________
މަޞްދަރު: ބީބީސީ

ކޮމެންޓް (0)
ލޯޑް ކުރަމުން...