އުތުރުކޮރެޔާގެ ޒަޢީމް ކިމް ޖޮން އިލް އަވަހާރަވުމާއި ގުޅިގެން އޭނާގެ ދަރިކަލުން ކިމް ޖޮން އުން ވެރިކަމާއި ހަވާލުވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި އެހެންނަމަވެސް، ވެރިކަމުގެ ފުރަތަމަ ދުވަސްތަކުގައި ވެރިކަމުގެ ބާރުތައް އަސްކަރީ ވެރިންނާއި ހިއްސާ ކުރައްވާގޮތަށް ހަމަޖެހިފައިވާ ކަމުގައި ޚަބަރުތައް ލިބެން ފަށައިފިއެވެ.
މީގެއިތުރުން އޭނާގެ ޢާއިލީ ތިމާގެ ބައެއް ފަރާތްތަކުގެ ނުފޫޒު ވެރިކަމުގެ ތެރޭގައި ހިނގާނެކަމަށްވެސް އަޑުތައް އިވެމުންދެއެވެ. ކުއްލިގޮތަކަށް އަހަރެއްހާ ދުވަހުގެ ތެރޭގައި ޤައުމުގެ ރައްޔިތުންނަށާއި ދުނިޔެއަށް ކިމް ޖޮން އުން ތަޢާރަފު ކޮށްފައިވާއިރު، އޭނާއަކީ ޤައުމުގެ ރައްޔިތުންނަށްވެސް ކާކުކަން ރަގަޅަށް ސާފުނުވާ ޢުމުރުން 30 އަހަރާއި ގާތްކުރާ ޢުމުރުގެ ޒުވާން ކުއްޖެކެވެ.
ޔޫރަޕުގައި ދެއަހަރެއްހާ ދުވަސް ތަޢުލީމު ހާޞިލް ކުރެއްވުމަށް ހޭދަކުރައްވާފައިވާތީ، ހުޅަނގުގެ ޚިޔާލުތައް ހުންނާނެކަމަށް ބެލެވުނު ނަމަވެސް އޭނާއަކީ ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުޤުވެރިވާ ޒުވާނެކެވެ. ވެރިކަމުގެ މާބޮޑު ވިސްނުމަކާއި ޚިޔާލެއް ނެތް ފަރާތަކާއި ވެރިކަން ހަވާލުވެގެންދާއިރު، އެކަމުގެ ސަބަބުން ނުކުމެދާނެ ނަތީޖާއަކާއިމެދު ގިނަ ބަޔަކު ކަންބޮޑުވާއިރު، އެކަން މިހާރު އަސްކަރިއްޔާއިން ކޮންޓްރޯލު ކުރާނެކަމަށް ބެލެވެއެވެ.
މުޅިޤައުމުގައި ހިތާމަ ފާޅުކުރަމުންދާއިރު، އަދިވެސް ރަސްމީކޮށް ކިމް ޖޮން އުން ވެރިކަމާއި ހަވާލުވެވަޑައިގަންނަވާނެ ތާރީޚެއް އިއުލާން ކޮށްފައެއް ނުވެއެވެ.
ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އޭނާ ވެރިކަން ކުރައްވާނީ ޢާއިލީ ވެރިކަން ދެމެހެއްޓެވުމުގެ ގޮތުން ބައްޕާފުޅުގެ ވިސްނެވުމާއި އެއްގޮތަށެވެ. އެހެންނަމަވެސް، އޭނާގެ ޚިޔާލު ބަދަލުކުރުމާއި ހިފެހެއްޓުން އޮންނާނީ އަސްކަރިއްޔާގެ ބާރުގެ ދަށުގައިކަން މިހާރުމިވަނީ ސާބިތުވެފައެވެ. ދެކުނުކޮރެޔާ އާއި ސަރަހައްދުގެ ޤައުމުތަކަށް މިޚަބަރުތަކުގެ ސަބަބުން އިތުރު މޮޅިވެރިކަން ކުރިމަތިވެފައިވާއިރު، އެޤައުމުތަކުން އުއްމީދުކުރަނީ މިހާރުގެ ހަރުކަށި ސިޔާސަތުތަކަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އަންނާނެކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...